بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުޅުމީދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ! މިރެއަކީ ވަރަށް އުފާވެރި، ވަރަށް ތާރީޚީ ރެއެއް. މިރޭ ހުޅުމީދޫގައި އޭ ލެވެލަށް، އާދެ! އެއީ މަތީ ޘާނަވީ ތަޢުލީމަށް ކިޔެވުމުގެ ފުރްޞަތު ހުޅުވިގެންދާ ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި ތިޔަ އެންމެހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އާދެ! ތަޢުލީމު އެއީ ތަރައްޤީގެ ބިންގާ. ތަރައްޤީވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުން. އިންސާނީ ވަސީލަތަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، އަޅުގަނޑުމެންގެ ކޮންމެ ކުއްޖެއްގެ، އެކުއްޖަކަށް ލިބިފައިވާ ސިކުނޑީގެ ކުޅަދާނަކަމާއި، އެކުއްޖެއްގެ ޤުދްރަތީގޮތުން ލިބިފައިވާ ހުރިހާ ކުޅަދާނަ ކަމެއް، އޭގެ އެންމެ ފުރިހަމަކޮށް ޙާޞިލުކުރުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، ތަފާތު މަސައްކަތްތަކެއް ކުރަން. ކުޑަކުއްޖާ ބޮޑުވަމުން އަންނައިރުގައި، އެކުއްޖާއަށް އެކަށީގެންވާ ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އޭގެތެރޭގައި ހިމެނޭ ކަމެއް. އެންމެ ތުއްތުއިރުއްސުރެ، ކުއްޖާގެ ހަށިގަނޑާއި ސިކުނޑި ތަރައްޤީ ކުރުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން، އެކަމަށް ބޭނުންވާ ނިއުޓްރިޝަން، ކާނާ އަދި އަޅާލުން، މިހުރިހާ ކަމެއް މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، ކުއްޖަކު އުފަންވުމުގެ މާކުރިން، އެކުއްޖެއްގެ ޞިއްޙަތު ބައްޓަންވާން ފަށާ. އަޅުގަނޑުމެންގެ ތެރެއިން ޒުވާން އަންހެން ބޭފުޅަކު ބަލިވެއިންނެވިކަން އެނގުމުގެ ކުރިން، އެކުއްޖާގެ ފީޓިސްގެ ސިކުނޑި ތަރައްޤީވާން ފަށާ. އެހެންވީމާ، މިޖެހެނީ ޒުވާން އަންހެނުންނަށް ނިއުޓްރިޝަންގެ ކަންތައްތަކާ އަޅުގަނޑުމެން އަޅާލަން.

ހަމައެހެން، ދަރިފުޅު ބަނޑުގައި އޮވެގެން ބޮޑުވަމުން އަންނަނިއިރުގައި، ހަމައެކަނި އެކުއްޖާގެ މައިމީހާގެ ހަށިގަނޑުގެ ތެރޭގައިވާ ކަންކަމެއް ނޫން އެކުއްޖާއަށް އެނގެނީ. ވަކިވަރަކަށް ބޮޑުވުމާއެކީގައި، ބޭރުގައި ވަށައިގެން ހިނގާ ކަންކަންވެސް އެކުއްޖާއަށް އިޙްސާސް ކުރެވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ވަރަށް ޅަފަތުގައި، ވަރަށް ތުއްތުއިރު، ދުނިޔެއަށް އުފަންވުމުގެ ކުރިންވެސް އެކުއްޖާގެ ސިކުނޑިއަށް އެކިއެކި ކަންކަން އެބަ ނަގައިގަނެވޭ. އަދި އެކުއްޖަކަށް އެ ލިބޭ ކާނާއާއި އެހީތެރިކަން، އެކުއްޖާގެ ޢުމުރުގެ ފަހުކޮޅުގައި އޭގެ އަސަރު އެބަކުރޭ. ތުއްތު ކުއްޖާއަށް ރަނގަޅަށް ނިއުޓްރިޝަން ނުލިބިއްޖެނަމަ، އެކުއްޖަކު ބޮޑުވެގެން ޢުމުރުން ސާޅީހަކަށް، ފަންސާހަކަށް އަހަރުވެގެންދާއިރުގައި، އެކުއްޖަކަށް އެކި ބާވަތްބާވަތުގެ ބަލި، މިސާލަކަށް ޑައިބެޓިސް ކަހަލަ ބަލިތައް ޖެހުން މާ ކައިރި، ޅަފަތުގައި ނިއުޓްރިޝަން ނުލިބޭ ކުއްޖަކަށް. މިކަންކަމަކީ މިއީ އެކިއެކި ތަޙުލީލުތަކުން، އެކިއެކި ރިސަރޗްތަކުން ވަރަށް ރަނގަޅަށް މިހާރު ސާފުކޮށް އެނގޭ ކަންކަން. އެހެންވީމާ، އިންސާނީ ވަސީލަތް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތުގައި، އަޅުގަނޑުމެން އެބަޖެހޭ ކުއްޖާގެ އެންމެ ޅަފަތުން ފެށިގެން މަސައްކަތްކުރަން. އަދި އެކުއްޖާގެ ހަށިގަނޑާއި ސިކުނޑި ދެބައި، ސަމާލުކަންދީގެން ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރަން.

ކުއްޖާގެ ޢުމުރުގެ ތަންކޮޅެއް ފަހުދުވަސްކޮޅަކަށް ބަލާއިރުގައި، މިސާލަކަށް ސްކޫލް ދައުރުގައި، ސްކޫލް ދައުރުގައި ކުއްޖާއަށް ރަނގަޅަށް ނިއުޓްރިޝަން ނުލިބޭ ކަމަށްވާނަމަ، ސްކޫލްގައި ކިޔެވުމަކަށް ސަމާލުކަމެއް ނުދެވޭނެ. އެހެންވީމާ، އޭގެ ސަބަބުން ކުއްޖާގެ ކިޔެވުމަށް އެބަ ހީނަރުކަން ލިބިގެންދޭ. ވީމާ، މިދެންނެވި ގޮތަށް އަޅުގަނޑުމެން އެބަޖެހޭ މިހުރިހާ ގޮތްގޮތަށް އަޅުގަނޑުމެން ވިސްނައި، ކުޑަދަރިފުޅަށް ދޭންޖެހޭ އެހީތެރިކަން ހުރިހާ ގޮތަކުން ދޭން.

އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެ ބޮޑު މުއްސަނދިކަމަކީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ އެންމެބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ޤައުމެއް. އަދިވެސް މިއުޅެނީ ތިންލައްކަ ފަންސާސްހާހާ ހަމައަށްވެސް ނާރައިގެން. މިއީވެސް ޤައުމެއް. މި ޤައުމުވެސް އެބަޖެހޭ ތަރައްޤީވާން. މިއަދު އަޅުގަނޑުމެންގެ އެކިއެކި ޞިނާޢަތްތައް ހިންގުމަށްޓަކައި ބޭރުގެ މީހުންތައް މިގެންނަނީ. ވަރަށްގިނަ ޢަދަދެއްގެ ބޭރުގެ މީހުން ގެންނަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ބޭރުގެ މީސްމީހުން ބޭނުންވެސްވޭ. އެމީހުން ގެނެސްގެން އަޅުގަނޑުމެންނަށް ތަރައްޤީވެވޭނީވެސް. އެހެން ނަމަވެސް، އަޅުގަނޑުމެން ޤައުމުގެ ތަރައްޤީގެ މައިގަނޑު މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންގެ ދަރިން. އެ ތަރައްޤީ ހިންގާ ބަޔަކަށްވާންޖެހޭނީ އަޅުގަނޑުމެންގެ ދަރިން. އެހެންވީމާ، އެބަޖެހޭ އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކަށްވެސް އަޅުގަނޑުމެންނަށް ދެވެންހުރި އެންމެމަތީ ފެންވަރަކަށް ތަޢުލީމު ދޭން. އަދި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދެވެން ހުރިވަރަކަށް އަޅާލުން ދޭން. ޞިއްޙަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން. ރަނގަޅު ޞިއްޙަތެއްގައި ތިބޭ ކުދިންތަކަކަށް ހަދަން. އަދި މަސައްކަތުގެ އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ދުވަސްވަރު އެކުއްޖާއަށް އެކި ބާވަތް ބާވަތުގެ ބަލިތައް ނުޖެހޭނެ ގޮތަށް، ކުރިއްސުރެ ވިސްނައިގެން އަޅުގަނޑުމެން މަސައްކަތް ކުރަން. މިއަދު ދިވެހިރާއްޖޭގެ ވަރަށްގިނަ ބަޔަކަށް އެބަ އެކިބާވަތް ބާވަތުގެ ގައިންގަޔަށް ނާރާ ނޮން ކޮމިއުނިކެބްލް ޑިޒީޒްތައް ޖެހެމުން އެބަދޭ. މީގެތެރޭގައި، ޑައިބެޓީސް. މީގެތެރޭގައި، ލޭމައްޗަށް ދިޔުން. މީގެތެރޭގައި، ކެންސަރ. މިހެންގޮސް އެހެންޏާ އަޅުގަނޑުމެންނަށް ނޭނގޭ ކިތަންމެ ކަންތައްތަކެއް އެބަ ހިނގާ. އަޅުގަނޑު މި ވާހަކައިގައި ތަޢުލީމާއި ޞިއްޙަތާ ދޭތި ވަރަށް ބޮޑަށް ގުޅުވައިގެން މީތި މިގެންދަނީ. އެއީ ސަބަބަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެންގެ ހަށިގަނޑަށް އަންނަ ބަދަލު އަޅުގަނޑުމެންގެ ސިކުނޑިއަށްވެސް ކުރާ މީހެއް. އެހެންވީމާ، ހަށިގަނޑާއި ސިކުނޑިއާ މި ދޭތި މިހިރީ ވަރަށް ބޮޑަށް ގުޅިފައި. އެހެންވީމާ، އަޅުގަނޑު ޞިއްޙަތުގެ ވާހަކަވެސް އެހާ ބޮޑަށް މިދައްކަނީ.

މިއަދު އަޅުގަނޑުމެން މި ހުޅުވާލަނީ މަތީ ޘާނަވީ ތަޢުލީމުގެ ފުރްޞަތު. މީގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ކުދިންނަށް ދުވަހަކަށްވުރެ ދުވަހެއް ރަނގަޅު ފެންވަރެއްގެ، މަތީ ފެންވަރެއްގެ ތަޢުލީމު ދެމުން ގެންދިޔުން. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީ އެއީ ފުރަތަމަ މަތީ ޘާނަވީ ލިބިފައި ހުރި ކުއްޖަކަށްވުން. އެއަށްފަހު އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީ ޔުނިވަރސިޓީ ތަޢުލީމެއްވެސް ލިބިފައި ހުރި ކުއްޖަކަށްވުން. އަޅުގަނޑުމެންގެ ތަޢުލީމީ އުންމީދު އޮންނަންވާނީ މިދެންނެވި ގޮތަށް.

މިހާރުގެ ޙަޤީޤަތް އެކަމަކު އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ. މިހާރު ރާއްޖޭގައި، މިދިޔަ އަހަރު އޯ ލެވެލް ނަގައިގެން 6300 ކުދިން ސްކޫލްތަކުން ނުކުތް. އޭގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންނަށް މަތީ ޘާނަވީއަށް ދިޔުމުގެ ކޮލިފިކޭޝަން ހުރީ. ގާތްގަނޑަކަށް 3200 ކުދިން. މިކުދިންގެ ތެރެއިން މިހުރިހާ 3000 ކުދިންނަކަށް އޭ ލެވެލަށް ކިޔަވާކަށް ނުދެވޭ. އޭގެތެރެއިންވެސް ދެބައިކުޅަ އެއްބައި ކުދިންނަށް އަދި އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތު މި ލިބެނީ. އެހެންވީމާ، ގާތްގަނޑަކަށް 1600 ކުދިންނަށް މިދިޔަ އަހަރު މަތީ ޘާނަވީ ތަޢުލީމު ރާއްޖޭގައި މި ލިބުނީ. ވިސްނާވަޑައިގަންނަވާ، 6300 ކުދިން އޯ ލެވެލް ނެގީމާ، އޭ ލެވެލްގައި ބައިވެރިމިވެވުނީ 1600 ކުދިންނަށް. އެއީ ނިސްބަތުން ވަރަށް ކުޑަކުޑަ ޢަދަދެއް. އެވަރަށް އަޅުގަނޑުމެންނަށް އޭ ލެވެލަށް ކުދިންނަށް ކިޔަވައިދީގެންނެއް އަޅުގަނޑު މިދަންނަވާ ތަޢުލީމީ އުންމީދުތަކެއް ޙާޞިލެއް ނުކުރެވޭނެ މި ރާއްޖެއަކު. އައްޑޫސިޓީއަށް ބަލާއިރުގައި، ނޭޝަނަލް އެވްރެޖަށްވުރެ ރަނގަޅު. އެހެންވީމާ، އޭގެ މާނައަކީ އައްޑުއަތޮޅުގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ބައެކޭ. އަދި އައްޑުއަތޮޅުގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރުވެސް، ނަތީޖާވެސް ނޭޝަނަލް އެވްރެޖަށްވުރެ ރަނގަޅުކޮށޭ މި ދައްކަނީ.

އާދެ! މިއަދު މި ފުރްޞަތު ހުޅުވިގެންދިޔުމާ އެކީގައި، އަޅުގަނޑުގެ އުންމީދަކީ ދެން މިރަށުން އޭ ލެވެލްގެ ތަޢުލީމު ހޯދުމަށްޓަކައި ކޮންމެހެން މާލެއަކަށްދާކަށް ނުޖެހޭނޭ. ދާން މަޖުބޫރު ނުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށްވެސް އެނގޭ، މިހާތަނާ ޖެހެންދެން، މިވޭތުވެދިޔަ އެތަކެއް އަހަރު ދުވަސް ވަންދެން، ތިޔަބޭފުޅުން ވަރަށްދަތި ހާލުގައި މާލެ ވަޑައިގަންނަވަނީ. އެއީ ކީއްވެގެންތޯ؟ ހަމަ ކުދިންނަށް ތަޢުލީމު ހޯއްދަވައިދެއްވުމަށްޓަކައި. ރަނގަޅު ތަޢުލީމެއް ހޯއްދަވައިދެއްވުމަށްޓަކައި. ގެދޮރު ދޫކުރައްވައި، ރަށް ދޫކުރައްވައި، މާލެ ވަޑައިގެން، މާލޭގައި އުޅުއްވަން ޖެހިވަޑައިގެންފައި އޮތީ. އިރާދަކުރެއްވިއްޔާ، މި އޭ ލެވެލް ކްލާސްތައް ފެށުމާ އެކުގައި، ރަނގަޅު ފެންވަރަކަށް ކިޔަވައިދެވި އަދި މިދެންނެވި ގޮތުން މާލެއަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންގެ ޢަދަދު މަދުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑު ދެންނެވިހެން، އިންސާނީ ވަސީލަތް މިއީ އެންމެ މުހިންމު ކަންތައް. އެކަމަކު އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ އިތުރުން ކުރަންޖެހޭ އެހެން ކަންކަންވެސް ހުރޭ. އޭގެތެރޭގައި، ތަޢުލީމީ ޒުވާނުންނަށް އެކިއެކި މަސައްކަތް ފެށްޓޭނެ ގޮތްތައް ފަހިވުން. ޚާއްޞަކޮށް، އެކިއެކި މަސައްކަތް ފަށްޓަން ބޭނުންވާ މީހުންނަށް، އެކަމަށް ބޭނުންވާ ކެޕިޓަލް ފައިސާ ލިބޭނެގޮތް ހަމަޖެހިފައި ހުރުން. އެހެންވީމާ، ތަޢުލީމީ ގޮތުން ރަށް ކުރިއަރަމުންދާއިރުގައި، ރަށުގައި އެބަ ހުންނަންޖެހޭ ބޭންކިންގ ފެސިލިޓީޒްތައްވެސް. ފައިސާ ލިބޭނެ ގޮތްގޮތްވެސް އެބަ ހުންނަންޖެހޭ މަސައްކަތް ފަށްޓަން. މިކަންކަމަށް ނުބަލައި، ހަމައެކަނި އަޅުގަނޑުމެން އަދި ކިޔަވައިދިނަކަސްވެސް ކަމަކުނުދާނެ. އޭރުން ކިޔަވައިގެން ތިބި އަންއެމްޕްލޯއިޑް ކުދިންތަކެއް އަޅުގަނޑުމެންނަށް އުފެއްދޭނީ. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. މިރަށްރަށުން އޭ ލެވެލް ނަގައިގެން ނުކުންނަ ކުދިންނަށް، އެކިއެކި މަސައްކަތް ކުރަން ފެށޭނެ ގޮތްގޮތް އަޅުގަނޑުމެން އެބަޖެހޭ ހަދައިދޭން. އަދި މީގެއިތުރުން އެކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ހަމަޖެހިގެން އުޅެލެވޭނެ ގޮތަކަށް، އެކަމަށް ފަހި ވެށްޓެއް އަޅުގަނޑުމެން އެބަ ތައްޔާރު ކުރަންޖެހޭ. އެހެން ނޫނިއްޔާ އެކުދިން މިތާކު ނުތިބޭނެ. އެކުދިން ހިޖުރަ ކުރާނީ. އެހެން ތަންތަނަށް ހިޖުރަ ކުރާނެ. މާލެއަށްވެސް ހިޖުރަ ކުރާނެ. އަދި މާލެއިން ބޭރުން ރާއްޖޭގެ އެހެން ތަންތަނަށްވެސް ހިޖުރަ ކުރާނެ. އަޅުގަނޑުމެންނަށް މި ރަށް ތަރައްޤީކޮށް، މި ރަށުގެ ކޮމިއުނިޓީ ތަރައްޤީ ކުރާކަށް ފަސޭހައެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ފަހި ވެށްޓެއް ޤާއިމްކުރަން. އެކަމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެން މިއަދު ބައެއް ކަންކަން މިކުރީ. އެއީ ހަމަ ރަށުގެ ތަރައްޤީއަށްޓަކައި، ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި. ތަޢުލީމީ ޒުވާނުން ރަށުގައި ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން. އެގޮތުން މިއަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން ކިތަންމެ ކަމެއް ކުރަމުން މިގެންދަނީ. އަދި މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ އައްޑޫސިޓީގައި ތަފާތު އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި. އެގޮތުން މިހާރު އެއްކަމަކަށް އަޅުގަނޑުމެން މަގުހެދުމުގެ މަޝްރޫޢުތައް މިފެށީ. އާ މަޝްރޫޢުތަކެއް. އޭގެތެރޭގައި މިއަދު ހިތަދޫގައި 5 ކިލޯ މީޓަރުގެ އާ މަގު ތާރުއަޅާފައި ހެދުމަށް މިއަދު އަޅުގަނޑުމެން މި ފެށްޓީ. ހަމައެއާއެކީގައި، ހުޅުމީދޫގައި 7 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިއަދު މި ފެށީ. ހަމައެއާއެކީ މިއަދު ހަމަ އަޅުގަނޑުމެން ހިތަދޫގައި ބޯފެން، މިޒަމާނުގެ ނިޒާމެއް ޤާއިމުކޮށް، ޑީސެލިނޭޝަން ޕްލާންޓް ހަރުކޮށް، ރައްކާތެރި ބޯފެން ހުރިހާ ގެތަކަށް ދިނުމަށްޓަކައި 2500 ގެއަށް ބޭނުންވާވަރުގެ ޕްލާންޓެއްގެ މަސައްކަތް މިއަދު ހިތަދޫގައި އެ ފެށުނީ. އަދި އިރާދަކުރެއްވިއްޔާ، ލަހެއްނުވެ މިރަށުގައިވެސް ހުޅުމީދޫގެ ހުރިހާ ގެޔަކަށް ރައްކާތެރި ބޯފެން ލިބުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.

އާދެ! ދެން އަޅުގަނޑުމެން ހުރިހާ ރަށަކަށް ދާއިރުގައިވެސް، އެންމެ ބޮޑަށް ރައްޔިތުން ބޭނުންވެފައިވާ އެއްކަމަކީ ނަރުދަމާގެ ޚިދުމަތް. ނަރުދަމާ އެޅުމަކީ އެއީ، މިއަދު ހުރިހާ ރަށެއްގައިވެސް ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަކީ އެއީ، އަޅުގަނޑުމެންގެ ޑިގްނިޓީ، ޢިއްޒަތުންނަފްސާ ގުޅިފައި އޮތް ކަމެއް. އެކަން އެބަޖެހޭ ކުރަން. ހަމައެހެން، އެކަމަކީ ޞިއްޙަތާ ގުޅިފައި އޮތް ކަމެއް. ވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަމަ މިރަށުގައިވެސް، ހުޅުމީދޫގައިވެސް ނަރުދަމާގެ މަސައްކަތް ފެށޭތޯ މިއަހަރު ތެރޭގައި.

އާދެ! މިހުރިހާ ކަމެއް މި ކުރަންޖެހެނީ ވަރަށްދަތި ދުވަސްވަރެއްގައި. އެހެން ނަމަވެސް، ސަރުކާރުން އެކަން ކުރެވެންހުރި އެންމެ ބާރުމިނެއްގައި ކުރެވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އަޅުގަނޑު މިއަދު ވަރަށް އުފާކުރިން. މިއަދު އަޅުގަނޑު މިރަށަށް އައިސް ސަލާން ކުރަމުން ދަނިކޮށް، އެތަނުން ކުޑަވަރެއްގެ ސްކޫލް އަންހެން ބޭފުޅެއް ކައިރީގައި އަޅުގަނޑު އެހިން ސްކޫލްގައިތޯއޭ؟ ވިދާޅުވީ ސްކޫލް ނިމިއްޖެއޭ. ކީއްތޯ ކުރަނީ އަހާލީމާ ވިދާޅުވީ، ތިމަންނަ މިހާރު ލޯ ސްކޫލަށްދާށޭ މިއުޅެނީ. އަޅުގަނޑު ދެންނެވީ ކޮންތާކުހުރި ލޯ ސްކޫލަކަށްތޯއޭ ވަޑައިގަންނަވަން ތިއުޅުއްވަނީ. ވިދާޅުވީ މިހާރު މިތާނގައި ލޯ ސްކޫލް ހެދެނީ ނޫންހެއްޔޭ. އެއީ ތެދެއް. މިހާރު އަމިއްލަ ފަރާތަކުން ޝަރީޢާ ލޯ ކިޔަވައިދޭ، ޤާނޫނު ކިޔަވައިދޭ ސްކޫލެއް މިތާނގައި ވަރަށް އަވަހަށް ފެށޭނެ ކަމަށް އަޅުގަނޑަށްވެސް މަޢުލޫމާތު ލިބިފައި އޮތީ. އަދި އެކަމަށްޓަކައި މިހާރު އެޕްލިކޭޝަންސް ނަގަމުން ގެންދަނީ. ހަމައެއާއެކީގައި، ދިވެހި ޤައުމީ ޔުނިވަރސިޓީގެ ކޯސްތައްވެސް އިރާދަކުރެއްވިއްޔާ ފުޅާވަމުންދާނެ. އަޅުގަނޑުގެ އުންމީދަކީ، ޔުނިވަރސިޓީ ކެމްޕަސް އައްޑުއަތޮޅުގައި މިހާރަށްވުރެ ފުޅާވެ، ތަނުންދޭ ކޯސްތައް އިތުރުވަމުންދިޔުން. އޭރުން އިރާދަކުރެއްވިއްޔާ، އައްޑޫސިޓީގައި ތިބެގެން މަތީ ތަޢުލީމުގެ އެކި ރޮނގު ރޮނގުން އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ޙާޞިލް ކުރެވޭނެ.

އާދެ! މިއީ އަޅުގަނޑުމެންގެ އުންމީދުތައް. އަދި އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތައް. މި މަސައްކަތްތައް މިގޮތަށް ކުރެވެމުންދާތީ، އަޅުގަނޑުމެންގެ ވިސްނުން ތިޔަބޭފުޅުންގެ ވިސްނުމާވެސް ގުޅިފައިވާތީ، މިއަދު އަޅުގަނޑު މިއައި އައުމުގައި، މިހާބޮޑު ތަރުޙީބެއް އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ. އަޅުގަނޑު ހީކުރިވަރަށްވުރެ މާބޮޑު ތަރުޙީބެއް މިރަށުގެ ރައްޔިތުންގެ ފަރާތުންވެސް އަދި ހިތަދޫ ފަރާތުން ހިތަދޫ، މަރަދޫ، ފޭދޫ، މިރަށްރަށުންވެސް ހަމަ އެހާބޮޑު ތަރުޙީބެއް އަޅުގަނޑަށް ލިބިގެންދިޔަ. އެހެންވީމާ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑަށް އިވެމުންދިޔައީ ދެން އަޅުގަނޑުމެންނަކަށް އެހާ ފަސޭހައެއް ނުވާނޭ މިތަނަށް އަންނާކަށްވެސް. އެއީ ވަކިބަޔަކު މިތާނގައި މާ ވަރުގަދަ ކަމަށް، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތީ. އެހެނެއް ނޫން މިކަން މިވީކީ. އަޅުގަނޑު ހީކުރި ހީކުރުމަށްވުރެ، މާ ރަނގަޅަށް ކަންތައްތައް މިކޮޅުގައި މިހިރީ. ދެން ރަނގަޅު ނުވާންވީ ސަބަބެއް ނެތް. އެއީ އަޅުގަނޑުމެންވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ފަހަތްޕުޅުގައި. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭން. އެކަންތައްތައް ވާނެ.

އަޅުގަނޑު ވަރަށް އުފާވި މިއަދު މީދޫގައި އެއްބައިވަންތަ ޖަގަހައެއް ހުރީމަ. އަދި އެހެން އެއްވެސް ތަނަކުން އެއްބައިވަންތަ ޖަގަހައެއް ނުފެނޭ. އެހެންވީމާ، އެއްބައިވަންތަ ޖަގަހެއް މީދޫގައި ހުރިކަން އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް. ސަބަބަކީ އެއިން ރަމްޒުކޮށްދެނީ، ޤައުމުގައި މިހާރު، ކުރިން ބުނަނީ ދެފިކުރެކޭ އޮތީ. ތިން ފިކުރެއް އޮތްކަން. އެއްބައިވަންތަ ފިކުރު ޤައުމުގައި އޮތްކަން އެއިން ދޭހަވަނީ. އެއީ މީހަކު ދައްކާ ވާހަކައެއް ނޫން. ވަރަށް ރީތިކޮށް މިއަދު އަޅުގަނޑުމެންނަށް ފެނިއްޖެ، ތިންވަނަ ފިކުރު. އާދެ! އެއްބައިވަންތަކަމުގެ ފިކުރު ރާއްޖޭގައި އެބައޮތްކަން. އެހެންވީމާ، އެކަން ކުރައްވައި، އެ އެއްބައިވަންތަ ޖަގަހަ ހެއްދެވި ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް މިރަށަށް މިއާދެވުނީ ދުވަސްގަނޑެއްވެފައި. އަޅުގަނޑު އެބަޖެހޭ ތިޔަބޭފުޅުންނަށް މަޢާފަށް އެދެން އެކަމަށްޓަކައި. އަޅުގަނޑު ހުރި މަޤާމުގައި ހުރެގެން، އެއަށްވުރެ މާގިނައިން އަންނަންޖެހޭނެ. މިހާރު އަހަރެއްހާ ދުވަސް މިވީ ނާދެވޭތާ. އެހެން ނަމަވެސް، އަޅުގަނޑު ތެދުތެދަށް ދަންނަވަނީނަމަ، އަޅުގަނޑު ހަމަ ކޮންމެ ދުވަހަކުވެސް އަންނަން ބޭނުންވެގެން ހުރީ. ލަސްވާންޖެހުނު ސަބަބު އަޅުގަނޑު ކުޑަކުޑަކޮށް ދަންނަވާލާނަން. އަޅުގަނޑު އެންމެފަހުން އައްޑޫސިޓީއަށް އައީ، އަޅުގަނޑު މި މަޤާމާ ޙަވާލުވިތާ މާގިނަދުވަހެއް ނުކޮށް. އަދި އެންމެ ފުރަތަމަ އަޅުގަނޑު މާލެއިން ބޭރަށްދިޔަ ދަތުރަކަށް އައީ އައްޑޫސިޓީއަށް. ނަމަވެސް، އައްޑޫސިޓީން އަޅުގަނޑަށް ފެނުނު މަންޒަރުތަކުން އަޅުގަނޑު ވަރަށް ބޮޑަށް ދެރަވި. ވީމާ، އަޅުގަނޑަށް އިޙްސާސް ކުރެވުނީ، އަޅުގަނޑު އައްޑުއަތޮޅަށް، އައްޑޫސިޓީއަށް ވާހަކަ ދައްކާކަށް އަންނާކަށް ނުވާނޭ. މިތަނަށް ކޮންމެވެސް ކަމެއް ކޮށްދެވޭތޯ އެބަ މަސައްކަތް ކުރަންޖެހެޔޭ. އެހެންވީމާ، ހަމަ އޭރުން ފެށިގެން އަޅުގަނޑު މަސައްކަތްކުރީ ކޮންމެވެސް ކަންތައްތަކެއްވޭތޯ މިކޮޅުގައި. އެމޭރުމުން އަޅުގަނޑު ރައީސް އޮފީހުގައި އަޅުގަނޑު ކޮމިޓީއެއް އުފައްދައި، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި ޚާއްޞަ ކޮމިޓީއެއް އެކުލަވައިލީ. އެކޮމިޓީގެ ރައީސަކަށް ނައިބު ރައީސް އަންނަބީލް މުޙަންމަދު ވަޙީދުއްދީން ހަމަޖައްސައި، އެކޮމިޓީގައި އަޅުގަނޑުގެ ސްޕެޝަލް އެޑްވައިޒަރ ޑޮކްޓަރ ޙަސަން ސަޢީދާއި އަދި ވަޒީރުންގެ ތެރެއިން ޑޮކްޓަރ ޝަކީލާއާއި، އޭރުގައި އަދި ހުންނެވި ދިޔާނާ ސަޢީދުވެސް ހިމަނައިގެން، ދެންވެސް ތިއްބެވި އައްޑުއަތޮޅުގެ ބައެއް ބޭފުޅުން ހިމަނައިގެން އަޅުގަނޑު އެ ކޮމިޓީ އުފެއްދީ. އެއީ އައްޑުއަތޮޅުގެ، އައްޑުއަތޮޅަށް ނިސްބަތްވާ ވަރަށް ސީނިއަރ ބޭފުޅުން ސަރުކާރުގައި ތިއްބެވީމާ، އެބޭފުޅުން އެކަމުގައި އުޅުއްވައި ދެއްވުމަށް އެދިގެން. އެބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އޭގެ ނަތީޖާ މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އަޅުގަނޑަށް ޔަޤީން ކުރެވޭ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައްޑުއަތޮޅަށް މީގެކުރިން ނުފެންނަވަރުގެ ހަލުވި ބޮޑެތި މަޝްރޫޢުތަކެއް ފެނިގެންދާނެ ކަމަށް.

ވަރަށްގިނަ ފަރާތްތަކެއް އަޅުގަނޑާ ދޭތެރޭގައިވެސް، މި ސަރުކާރާ ދޭތެރޭގައިވެސް ޝައްކުގެ އެކިއެކި ވާހަކަ ދައްކައި، އެކިއެކި އިލްޒާމުތައް އަޅުގަނޑުމެންގެ ބޮލުގައި އަޅުވަމުން ދަނިކޮށް، އަޅުގަނޑުމެން ވާނީ ގަން އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ބަޔަކާ ޙަވާލުކޮށްފައި. އެކަން އަޅުގަނޑު ކުރީ، އަޅުގަނޑުގެ ހިތުގެ އަޑިންވެސް އަޅުގަނޑަށް ގަބޫލު ކުރެވުނީ، އެކަން އެގޮތަށް ކުރީމާ، އޭގެ ނަތީޖާ ނުކުންނާނެ ކަމަށް. އޭގެ ސަބަބުން އައްޑުއަތޮޅުގެ ތަރައްޤީއަށް ވަރަށްބޮޑު ބަދަލެއް އައިސްގެންދާނެ ކަމަށް. އެހެންވީމާ، އެކަން އެގޮތަށް ކުރީ. އަޅުގަނޑަށް އެބަ ފެނޭ، ގަން އެއަރޕޯޓަކީ އެއީ ދިވެހިރާއްޖޭގައި އޮތް ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އެއް އެއަރޕޯޓަކަށް ވެގެންދާނެކަން. އަދި އެތާނގައި، އެތަނަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަކަށްވެ، ހަމައެކަނި އެއްގަމަށް ޖައްސާ ބޯޓެއް ނޫން، ކަނޑަށް ޖައްސާ މަތިންދާބޯޓުގެވެސް ހަބަކަށްވެގެންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭގެ ސަބަބުން ވަރަށްގިނަ ވަޒީފާތައް އުފެދިގެންދާތަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުތައް ޙަޤީޤަތަކަށް ވަމުންދާނެ. ދެން ހަމަ ވަރަށްގިނަ ކަންތައްތަކެއް. އެހެންވީމާ، އެކަންކަން ވެގެންދާއިރުގައި، ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑު ހުންނާނަން. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ދެން އަޅުގަނޑު އަންނާނަން. ހަމަ ކޮންމެފަހަރަކުވެސް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަމެއް ކުރަން. އެހެންވީމާ، އެކަމުގެ އުންމީދުގައި، އަޅުގަނޑުވެސް، އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންވެސް އެކަމަށް އިންތިޒާރު ކުރައްވާނެކަން. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަމުންދާނީ، ވީހާވެސް ގިނައެއްކޮށް އަޅުގަނޑަށް އާދެވޭތޯ.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން، އަޅުގަނޑާއި އަޅުގަނޑާއެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ފަށްފަށުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެން އަބަދުވެސް ތިބޭނެ ވާހަކަ ދަންނަވައި، އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑު، ނިންމާލުމުގެ ކުރިން، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އެންމެ ބޭފުޅުންނަށް، ތިޔަބޭފުޅުންގެ ޢާއިލާތަކަށް، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން. އަދި ތިޔަބޭފުޅުން ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކީގައި ދިރިއުޅުއްވުމުގެ ނަޞީބު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.