بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން،

السّــلام عليــكم ورحـمــة اللّـه،

އާދެ! މިރަށަށް އަޅުގަނޑަށް ނާދެވޭތާ މާގިނަދުވަސްވެއްޖެ. ނާދެވޭ އަޑު އަޅުގަނޑުމެންނަށް މި އިވެނީ. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ތަންކޮޅެއް ގިނަގިނައިން އަންނަން. އެގޮތުން، އިރާދަކުރެއްވިއްޔާ މަސް ނިމުމުގެ ކުރިން އަދި އެއްފަހަރު އަޅުގަނޑު އަންނާނަން.

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން އެންމެން އެކަމުގެ މުނާސަބަތުގައި، އެކަމުގެ އުފަލުގައި އަޅުގަނޑުމެން މިއަދު މިތިބީ. އުފާ އަޅުގަނޑުމެން ކުރަންޖެހޭނެ. ސަބަބަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ސާފު ބޯފެން، އަޅުގަނޑުމެންގެ ގޭގެއަށް ޕައިޕް ސިސްޓަމެއްގެ ތެރެއިން ގުޅާލެވޭ ދުވަސް މިއަދު މިއީ. އެހެންވީމާ، މިއަދު ފުރަތަމަ 20 ގެޔަށް ފެން ލިބިވަޑައިގަންނަވާނެ. އެހެން ނަމަވެސް، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ވަރަކުން، އެ ފޯމް ފުރުއްވައިގެން، އެޕްލިކޭޝަން ލެއްވި ވަރަކުން އެހެން ގޭގެއަށްވެސް ފެން ލިބޭގޮތަށް މިހާރު ފެން އުފެއްދޭ ނިޒާމް މިހިރީ ޤާއިމްކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މި ސެންޓްރަލް ހިތަދޫގެ ދެހާސް ފައްސަތޭކައެއްހާ ގެޔަށް ޕައިޕް ފެން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އާދެ! މިއީ ވަރަށް ތާރީޚީ ދުވަހެއް. މާލެ ފިޔަވައި މިހާ ގިނަ ޢަދަދެއްގެ އާބާދީއަކަށް، ގިނަ ޢަދަދެއްގެ ގެތަކަކަށް، ބޯފެން، މިދެންނެވި އުޞޫލުން، މިޒަމާނުގެ އުޞޫލުން ފެން ޕްލާންޓެއް ޤާއިމްކޮށް، ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކޮށް، އެތަނުން އުފެއްދޭ ސާފު ބޯފެން، ހޮޅިތަކުން ގުޅާލައިގެން ދެވޭ ދުވަސް. އެހެންވީމާ، ރާއްޖޭގެ ތާރީޚުގައިވެސް މިއަދު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! މީގެއިތުރުން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އައްޑުއަތޮޅުގައި، އައްޑޫސިޓީގައި ހުރިހާ ރަށެއްގައިވެސް ސާފު ބޯފެން ހުރިހާ ގެޔަކަށްވެސް ވާސިލުކޮށްދިނުމަށް. އަދި ހަމައެއާއެކީގައި، ނަރުދަމާގެ ނިޒާމުވެސް ހުރިހާ ރަށެއްގައި ޤާއިމު ކުރުމަށް. އިރާދަކުރެއްވިއްޔާ، އެކަންވެސް އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ.

އާދެ! މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މިއަދު އަދި އެބައޮތް، އިތުރު ޙަފްލާއެއް. އެއީ އިތުރު މަގުތަކެއްގައި ތާރުއެޅުމުގެ މަޝްރޫޢު ފެށުން. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑު މިހިރީ ވަރަށް އުފަލާ އެކީގައި އިންތިޒާރުކޮށްގެން. އަޅުގަނޑު އެދެން، ތިޔަ ހުރިހާ ބޭފުޅުން، މިހާރު މި ހަމަޖެހުނު އިންތިޒާމް، ފުރިހަމަގޮތުގައި ބޭނުންކުރެއްވުން. އޭގެ ބޭނުން ހިއްޕެވުން. އަދި މިފަދަ އެކިއެކި މަޝްރޫޢުތަކުގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން، ކަމާބެހޭ ފަރާތްތަކަށް ދެއްވުން. ދެން މި އިންތިޒާމް ޤާއިމްކުރުމުގައި، އަޅުގަނޑު ޚާއްޞަކޮށް، މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެން، ސަރުކާރުގެ މިކަންކަމާބެހޭ ކުންފުނި [ފެނަކަ] ފެނަކައިގެ ޗެއަރމަނާއި، މެނެޖިންގ ޑިރެކްޓަރާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، މާތްﷲ މިއަތޮޅުގެ، މި ސިޓީގެ ހުރިހާ ރައްޔިތުންނަށްވެސް ދުޅަހެޔޮ ޞިއްޙަތާއި، ފާގަތި ދިރިއުޅުން މިންވަރު ކުރެއްވުން. ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން.

والســّلام عليــكم. ޝުކުރިއްޔާ!