މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، މާދަމާ ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަންޖެހެނީ، މާދަމާ މެންދުރުފަހު 3.00 ގެ ކުރިންނެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.


މިފަހަރު ޤައުމީ އިނާމަށް ފުރްޞަތު ހުޅުއްވާލެއްވިއިރު، އިނާމު ދެއްވާ ދާއިރާތަކަށާއި ރޮނގުތަކުން އިނާމު ދެއްވުމުގައި، މިހާތަނަށް ބައްލަވަމުން ގެންދެވި ކަންކަމަށް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. މިފަހަރު ބަދަލެއް ގެންނަވާފައި ނުވަނީ، އިނާމު ދެއްވުމުގެ އުޞޫލުތަކަށާއި ކަންކަމަށް، މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް ގެންނަވާފައިވުމާއެކު، އެ ބަދަލުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާތަކަށް ބައްލަވާއިރު، މިއަހަރު އިތުރު ބަދަލެއް ގެންނަވަންޖެހޭ ކަމަށް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާތީއެވެ. އެހެންނަމަވެސް، އިނާމަށް އެދި ނަން ހުށަހަޅާ ފޯމަށް ބައެއް ބަދަލުވަނީ ގެންނަވާފައެވެ.


”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވަމުން ގެންދަވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ. މިއަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.