އިޓަލީގެ ކުރީގެ ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ރައީސް ޖިއޯޖިއޯ ނަޕޮލިޓާނޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިޓަލީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ބޮޑުވަޒީރު އެންޑްރިއޯޓީއަކީ އިޓަލީއަށް އެކި ރޮނގުރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން ކުރެވޭނެ ކަމުގައި ވިދާޅުވެފައިވެއެވެ. ޚާއްޞަ ގޮތެއްގައި، އެމަނިކުފާނުގެ ދިގު ސިޔާސީ ޙަޔާތްޕުޅުގައި، އެޤައުމަށް ޑިމޮކްރަސީ ގެންނެވުމަށްޓަކައި، ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޓަލީގެ ރައީސަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.