މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިދިޔަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފިއެވެ.

މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރެއްވުމެވެ.

ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، އަންނަނިވި ކަންކަމަށެވެ.

1. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.

3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.

4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލްކުރުން.

5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މިދެންނެވި ގިންތިތަކުގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ކުދިންނަށް އިނާމު ދެއްވުމުގެ އުޞޫލަށް މިފަހަރު ވަނީ ބަދަލެއް ގެންނަވާފައެވެ. އެ ބަދަލަކީ އެއް ކެމްޕަހަށްވުރެ ގިނަ ކެމްޕަހުގައި، އެއް ކޯހެއް ހިންގާފައިވާނަމަ، ކޮންމެ ކެމްޕަހަކުން އެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރަކަށް އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުމެވެ. މިގޮތުންވެސް އިނާމު ދެއްވާނީ، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާނަމައެވެ.

5 ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ކަރބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށެވެ. މި އިނާމަށް އިޢުލާނު ކުރައްވައި، ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިންނެވެ. މި އިނާމަށްވެސް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު މިއަދުވަނީ ހުޅުއްވާލައްވާފައެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމް، ރަސްމީގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައިންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. ފޯމު ފުރިހަމަކޮށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ ޖޫންމަހުގެ 20ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00 އެވެ.