އައްޑޫސިޓީ ހިތަދޫގެ ގޭގެއަށް ސާފު ބޯފެން ދެއްވަން ފެށްޓެވުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، މާލެ ފިޔަވައި މިހާގިނަ ޢަދަދެއްގެ އާބާދީއަކަށް، ގިނަ ޢަދަދެއްގެ ގެތަކަކަށް މިޒަމާނުގެ އުޞޫލުން ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކޮށް، ސާފު ބޯފެން ލިބޭނެގޮތް ހަމަޖެހިގެންދާކަމީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އައްޑޫސިޓީގެ ކޮންމެ ރަށަކަށްވެސް ސާފު ބޯފެން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ނަރުދަމާގެ ނިޒާމުވެސް އިރާދަކުރެއްވިއްޔާ، އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ޤާއިމްކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.
އައްޑުސިޓީ ހިތަދޫގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފަށްޓަވައިދެއްވި އަނެއް މަޝްރޫޢަކީ، ހިތަދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި ހުރި މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތެވެ. މިބައިގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ފިޔަވަހީގައި 2.3 ކިލޯ މީޓަރުގެ މަގު ހެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި 2.8 ކިލޯ މީޓަރުގެ މަގުހެދުމުގެ މަސައްކަތް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، ހިތަދޫގައި ހުރި ހުރިހާ މަގުތަކެއްގައި، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ތާރުއަޅައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މި ހިންގަވާ މަޝްރޫޢުތަކުގައި، ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.