بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި އެ މާތް ނަބިއްޔާގެ އާލު އަޞްޙާބުން، މި ޞަލަވާތާއި ސަލާމުގައި ޝާމިލްކުރަން.

މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ރަށު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ މެންބަރުން އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިރެއަކީ ވަރަށް އުފާވެރި ރެއެއް. ތިޔަ ހުރިހާ ބޭފުޅުންނަށް ތިޔަ ލިބިވަޑައިގަތް އުފަލުގައި، ބައިވެރިވުމުގެ ނަޞީބު އަޅުގަނޑަށްވެސް ލިބުނު ކަމަށްޓަކައި، އަޅުގަނޑު އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! 2007 ވަނަ އަހަރުން ފެށިގެން މިވޭތުވެދިޔަ ގާތްގަނޑަކަށް ހައެއްކަ އަހަރު ދުވަސް ވަންދެން، ތީގެތެރެއިން މިރަށަށް ހަތިފުށިން ބަދަލުކުރެވުނު ހުރިހާ ބޭފުޅުންވެސް ތިޔަ އުޅުއްވަމުން ގެންދަވަނީ ވަރަށް ދަތި ހާލުގައި. އެކިއެކި މީސްމީހުންގެ ގޭގައި، ތަންތަން ކުއްޔަށް ހިއްޕަވައިގެން. ބައެއް ބޭފުޅުން މިރަށުން ބޭރުގައި، ވަގުތީގޮތުން އުޅުއްވަމުން ގެންދަވަނީ. މިފަދަ ދަތި ހާލުގައި މިހާތަނަށް އެހެން އުޅެމުންދިޔައީ. ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުން، މިވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މިއައީ. އޭގެ ނަތީޖާއެއްގެ ގޮތުން މިރޭ އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ މިގެތައް މި ޙަވާލުކުރެވުނީ. އެ މަސައްކަތް މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށް ބުރަކޮށް ކޮށްގެން، މިހާ ހިސާބަށް މިމަސައްކަތް މިގެނެވުނީ. އެކަމުގައި އެންމެ އިސްކޮށް، އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ، މިނިސްޓްރީ އޮފް ހައުސިންގގެ ބޭފުޅުން. އެގޮތުން، ޚާއްޞަކޮށް، ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި އަދި އެމިނިސްޓްރީގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިހާރު ގެތައް ނިމުމުގެ މަސައްކަތް ވަރަށް ބާރަށް ގޮސް، ގިނަ ގެތައް ވަނީ ނިމިފައި. އަދި އޭގެތެރެއިން ތިޔަބޭފުޅުންނާ މިރޭ މި ޙަވާލުކުރެވުނު ގެތައް، މިހާރުން ފެށިގެން ތިޔަބޭފުޅުންގެ ބެއްލެވުމުގެ ދަށަށްއަންނާނެ. ބައެއް ގޭގެ މިހާރުހުރީ، އަދި ވަރަށްމަދު ގޭގެ ހުރީ މުޅިން ނުނިމި. އެހެން ނަމަވެސް، ކުރިއަށް އޮތް ތިން ހަތަރު ހަފްތާއެއްގެ ތެރޭގައި، އެތަންތަންވެސް މުޅިން ނިމޭނެ. މިހާރު އަދި ބައެއް ކަންކަން ފުރިހަމަނުވެ ހުރި ކަމުގައިނަމަވެސް، މިދަނޑިވަޅުގައިވެސް އަޅުގަނޑުމެން މި ގެތައް ތިޔަބޭފުޅުންނާ މި ޙަވާލުކުރީ ވަރަށް މުހިންމު ސަބަބެއް އޮވެގެން. އަޅުގަނޑަށް އެނގޭ، އަދި ކަރަންޓްލުމާއި، ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމާ، މިކަންކަން ހުރީ ނުވެ. އެހެން ނަމަވެސް، މިހާރުން މިހާރަށްވެސް އެ ނިމިފައި ހުރި ގެތައް ބެލެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް މީގެ ވަރަށް ހިތި ނަތީޖާ، އެހެން ދިމަދިމާއިން ލިބިފައި އެބަހުރި. ގެތައް ނިންމައި ޙަވާލުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ބައެއްފަހަރު، އެގޭގެއަށް އެހެން މީހުން ވަދެ، އެތަންތަނުގެ ބޭނުން، ނޫނީވިއްޔާ އެތަންތަނުން ތަކެތި ނެރެ، ތަނަށް ގެއްލުން ލިބޭގޮތްވެފައި ހުންނާނީ. އެހެންވީމާ، މިރޭ ތިޔަބޭފުޅުންނާ ތިޔަބޭފުޅުންގެ ގެތައް މިހާރު ޙަވާލުކުރުމުގެ އެންމެބޮޑު، އެންމެ މުހިންމު މަޤްޞަދަކީ، ތިޔަބޭފުޅުންގެ ގެތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގެން، ތިޔަބޭފުޅުން އެތަންތަން ބެލެހެއްޓެވުން. އަޅުގަނޑު ހީކުރަން، ވީހާވެސް އަވަހަކަށް، ތިޔަބޭފުޅުން ގެތަކާ ޙަވާލުވެވަޑައިގަންނަވައިގެން، ގެތައް ބަލަހައްޓަވަމުން ގެންދަވާނެކަމަށް. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ކަރަންޓުގެ ކަންތައްވެސް ފުރިހަމަވެގެންދާނެ. އެމަސައްކަތް މިހާރުވަނީ ފެށިފައި. އެކަމަށް ބޭނުންވާ ތަކެތި ގަތުމުގެ ތެރޭގައި މިހާރު މަސައްކަތް ހިނގަމުން އެދަނީ.

ދެން ހަމައެއާއެކީގައި، މިހާރު މިނިމޭ ގެތަކުގެ ތެރެއިން 33 ގެ އަދި ވަކިފަރާތަކާ ޙަވާލުނުކުރެވި ހުންނާނެ. ދެގެއެއް ޙަވާލުކުރެވެނީ، ކޮންމެވެސް އެހެން ރަށަކުން މިރަށަށް ބަދަލުވި ދެޢާއިލާއަކާ. ބާކީހުރި 33 ގެ ކަނޑައެޅިފައިވަނީ ވަރަށް ލުއި އަގެއްގައި ވިއްކުމަށް. ލުއި އަގެކޭ މިދެންނެވީ، މިވަރު ގެއެއްގެ އަގަކީ ގާތްގަނޑަކަށް ބައިމިލިއަން ރުފިޔާ. މި ގެ އަޅުގަނޑުމެން މިހާރު މިދެނީ ޑައުން ޕޭމަންޓަކަށް، އެއީ ފުރަތަމަ ދައްކާ ފައިސާގެ ގޮތުގައި ތިރީސްހާސް ރުފިޔާ ދެއްކެވުމަށްފަހުގައި، ކޮންމެ މަހަކު ދެހާސް ފައްސަތޭކަ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ދެން މި މަޢުލޫމާތު އަދި ތިޔަބޭފުޅުން ރަނގަޅަށް ޔަޤީންކޮށްލެއްވުން އެދެން ފަހުން. ނަމަވެސް، މި 33 ގެ ދޫކުރަން ހަމަޖެހިފައިވަނީ، ހަނިމާދޫގެ ރައްޔިތުންނަށް ފުރަތަމަ. އެހެންވީމާ، ހަނިމާދޫގެ ރައްޔިތުންގެ ތެރެއިން، މި 33 ގޭގެ ތެރެއިން ގެ ބައްލަވައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް، މިދެންނެވި މޭރުމުން އިސްކަންދެވިގެން، މި ގެތައް، މި 33 ގެ ދޫކުރެވޭނީ. އެހެންވީމާ، އަޅުގަނޑު ހީކުރަން، މިއީ ރަނގަޅު ޚަބަރަކަށްވާނެ ކަމަށް، ހަނިމާދޫގެ ރައްޔިތުންނަށްވެސް.

އާދެ! ކުރިން ދެންނެވިހެން، އަޅުގަނޑުމެން ބައެއްފަހަރު މަޝްރޫޢުތައް ރާވައި ނިންމާލާއިރުގައި، އެ މަޝްރޫޢުތަކަށް ބޭނުންވާ އެހެނިހެން ޚިދްމަތްތައް މުޅިން ނުނިމިހުރޭ. މިރަށަކީ އަދި ނަރުދަމާގެ ނިޒާމު ޤާއިމްނުކުރެވި އޮތް ރަށެއް. އެހެންވީމާ، މިރަށުގެ ނަރުދަމާގެ ނިޒާމުވެސް އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ ޤާއިމު ކުރެވޭނެ. އަޅުގަނޑު އުންމީދު ކުރަން، ހަމަ ކުރިއަށް އޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި، އެ މަސައްކަތްވެސް ފެށިގެން ހިނގައިގަންނާނެ ކަމަށް.

އާދެ! ގެދޮރުގެ ހިޔާވަހިކަން ލިބުމަކީ ވަރަށްބޮޑު ނިޢުމަތެއް. އެކަމަށްޓަކައި މިރޭ އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭނެ. ދާއިމީ ބޯހިޔާވަހިކަމެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަތުމަކީ އެއީ ވަރަށްބޮޑު ނަޞީބެއް. މި ތަންތަނަކީ މިއީ ކުއްޔަކަށް ދެވޭ ތަންތަނެއް ނޫން. ދާއިމީ ގޮތެއްގައި ތިޔަބޭފުޅުންގެ އަމިއްލަ މިލްކު ކަމުގައި ވާނެ ތަންތަން. މިފަދަ ބޮޑު ކަމެއް ކޮށް މި ނިމުނީ ވަރަށްބުރަ މަސައްކަތެއް، ސަރުކާރުގެ ފަރާތުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން. ބޭރުގެ ކުންފުންޏަކާ ގުޅިގެން، އެ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ އެއްޗެއްދީގެން މި މަސައްކަތް މި ހިންގީ. އެހެންވީމާ، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި ގެތައް، ވަރަށް ރަނގަޅަށް ބަލަހައްޓަވައި، ތިޔަބޭފުޅުންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން އޭގެ ސަބަބުން ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ރާއްޖޭގެ ގިނަ ރަށްރަށުގައި ގޯތިގެދޮރުގެ މައްސަލައަކީ އެއީ، ވަރަށް ބޮޑުވެފައިވާ މައްސަލައެއް. ގޯއްޗެއް ލިބުނަސް، އެ ގޯއްޗެއްގައި ޢިމާރާތް ކުރެވޭނެ ގޮތެއް، ތަނަވަސްކަމެއް، ގިނަބޭފުޅުންގެ ނުހުރޭ. ޚާއްޞަކޮށް، އަލަށް ދިރިއުޅުން ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް، ގެދޮރު ޢިމާރާތް ކުރުމަކީ އެއީ ވަރަށްދަތި ކަމަކަށްވަނީ. އެހެންވީމާ، ދާދި އަވަހަށް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހުށަހަޅާނަން، އަތޮޅުތެރޭގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން ގޯތި ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް، ގެދޮރު އެޅުމަށްޓަކައި ލުއި ލޯނެއް ލިބިވަޑައިގަންނަވާނެ ހުށަހެޅުމެއް. މިކަން މިހާރު މާލޭގައި ހުރި ބޭންކުތަކުގެ ތެރެއިން ބޭންކުތަކާ ވާހަކަ ދެކެވެމުންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަންވެސް ފުރިހަމަވެގެންދާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން އުންމީދު ކުރަނީ، ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ އެހީތެރިކަން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް މިހާރުދޭ އެއްކަމަކީ، އެއްފަސްކުރުމަށް ކަނޑައެޅިފައިވާ ރަށްރަށަށް ބަދަލުވާން ބޭނުންފުޅުވާ ބޭފުޅުންނަށް އިސްކަމެއް ދިނުން. އެއީ ދިވެހިރާއްޖޭގައި މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ތަރައްޤީވެވެން އަންނަނީ، ރަށްރަށުގައި ވަކިވަރެއްގެ، ކުޑަވެގެން ވަކިޢަދަދަކަށް މީހުން އުޅޭ އާބާދީތަކެއް އުފެދިގެން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ދަރިންނަށް ބޭނުންވާ ރަނގަޅު ފެންވަރެއްގެ ތަޢުލީމު ދިނުމަށްޓަކައި، މަތީ ތަޢުލީމު ދިނުމަށްޓަކައި އެކިއެކި މުއައްސަސާތައް އުފައްދަންޖެހޭނީ، އުފެއްދޭނީ ވަކި ޢަދަދަކަށް ކުދިން ކިޔަވަން ތިބޭ ރަށްރަށުގައި. މިހާރުވެސް ހަމަޖެހިފައިވާ ގޮތުން، އޭ ލެވެލަށް މި ކިޔަވައިދެވެނީ، މަދުވެގެން 10 ކުދިން އޭ ލެވެލަށް ކިޔެވުމުގެ ފާސް ވެފައިވާ ކުދިންނަށް. އެހެންވީމާ، އެއްވެސް ސަރުކާރަކަށް ކުޅަދާނަކަމެއް ނޫން، 100 މީހުން، 200 މީހުން ދިރިއުޅޭ ރަށެއްގައި ހޮސްޕިޓަލެއް ޤާއިމުކުރުމަކީ. ނޫނީވިއްޔާ ޔުނިވަރސިޓީއެއް ޤާއިމުކުރުމަކީ. މިއީކީ ކެރިކުޅަދާނަވެގެންވާ ކަމެއް ނޫން. ސަބަބަކީ މިއިން ކޮންމެ ކަމަކީ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަންކަމަށްވާތީ. އެހެން ނަމަވެސް، ކުދި ރަށްރަށުގައި ދިރިއުޅުއްވަން ބޭނުންފުޅުވާ ޢާއިލާތަކާއި ބޭފުޅުން އުޅުއްވާނެ. އެއީކީ ސަރުކާރަކުން ހުއްޓުވާނެ ކަމެއްވެސް ނޫން. އަދި އެބޭފުޅުންނަށްވެސް ކުދި ރަށްރަށުގައި ދިރިއުޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް، އެބޭފުޅުންނަށް ބޭނުންފުޅުވާ އަސާސީ ޚިދްމަތްތައް، ވަކިފެންވަރެއްގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ. އެހެން ނަމަވެސް، އެއަށްވުރެ މައްޗަށް ދޭންޖެހޭ ޚިދްމަތްތައް، މިކިޔާ ތިންވަނަ ދަރަޖައިގެ ޓަރޝަރީ ކެއަރ، ހޮސްޕިޓަލެއްގެ ކެއަރ މިކަންކަން އަޅުގަނޑުމެންނަށް ދެވޭނީ، ވަކި ޢަދަދަކަށް، ވަކިވަރަކަށް މީހުން ގިނަ ތަންތާނގައި. އިޤްތިޞާދީ އެއްވެސް ތަނެއް ކުރިއަރަމުންދާނީ، އެތަނެއްގައި މީހުން ވަކިވަރަކަށް އުޅެގެން. ދިވެހިރާއްޖެއަކީ މުޅި ރާއްޖެއަށް ބަލާއިރުގައިވެސް މީސްކޮޅު ވަރަށްމަދު ތަނެއް. ރާއްޖޭގައި ޞިނާޢީ ކަންތައްތަކެއް ހިނގާ، މާރުކޭޓްގެ މުޢާމަލާތްތައް އެކަށީގެންވާ ބާރުމިނެއްގައި ހިނގާނެ ހުރީ މަދު ދިމަދިމާ. އެއީ މިދެންނެވި އާބާދީ ކުޑަކަމުން. މާލޭގެ ދާއިރާ ބާރު ސްޕީޑެއްގައި ކުރިއަށް އެދަނީ، އެ ދިމައިގައި މީހުން ގިނަކަމުން. ހަމައެހެން، ދާދި އަވަހަށް އައްޑުއަތޮޅުގައިވެސް، ކުޅުދުއްފުށީގައިވެސް، ފުވައްމުލަކުގައިވެސް، މިހެންހުރި އާބާދީ ގިނަ ތަންތަނަށް ވަރަށް ބާރު ސްޕީޑެއްގައި ދިރުން ލިބިގެންދާނެ.

ހަނިމާދުއަކީ، އެހެން ރަށްރަށުން މިހާރު މީހުން ބަދަލުކުރެވިފައިވާ ރަށެއް. ހަނިމާދުއަކީ މުސްތަޤްބަލުގައި ވަރަށް މުހިންމު ރަށެއް. އަޅުގަނޑު މިހެން މިދަންނަވަނީކީ ކޮންމެހެން އަޅުގަނޑު މިރަށުގެ މީހަކަށް މިހާރު ވާތީކީއެއް ނޫން. އަޅުގަނޑު ފުރަތަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިރަށުގެ ރައްޔިތެއް ކަމުގައި ތިޔަބޭފުޅުން އަޅުގަނޑު ގަބޫލުކުރެއްވީމަ.

މިރަށަކީ ވަރަށް މުހިންމު ރަށެއް. ސަބަބަކީ އެންމެ ފުރަތަމަ، މިރަށަކީ ގިނަ ޢަދަދެއްގެ ރަށްރަށުން އެއްފަސްކުރެވިފައިވާ ރަށަކަށްވާތީ. ދެވަނަ ކަމަކީ މިރަށުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮތްކަން. މި ވައިގެ ބަނދަރު، މުސްތަޤްބަލުގައި ތަރައްޤީ ކުރެވޭނެ. ތަރައްޤީ ކުރުމުގައި، މީގެކުރިންވެސް ރޭވުންތަކެއް ރޭވި. އަދި އެއްދުވަސްކޮޅެއްގައި ވާހަކަ ދެކެވުނު، މިރަށުން މީހުން އެހެން ރަށަކަށް ބަދަލުކުރާ ވާހަކަވެސް. ތިޔަބޭފުޅުންވެސް އެވާހަކަ އައްސަވާފައިކަންނޭނގެ އޮންނާނީ. އެހެން ނަމަވެސް، އެ އަޑު އަޅުގަނޑުގެ ކަންފަތުގައި ހަމަ ޖެހޭއިރަށް، އަޅުގަނޑު ކުރިކަމަކީ، އަޅުގަނޑު ގޭގައި، ގޯތީގައި ތަނެއް ޢިމާރާތް ކުރަން ފެށީ. އެއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވީ، މިރަށު މީހުންނެއް ނުބޭލޭނެކަން. އެހެންވީމާ، އަޅުގަނޑު ކުރިއަށް އޮތް ތާނގައިވެސް ދަންނަވަން. އިރާދަކުރެއްވިއްޔާ މިރަށަކުންނެއް ރައްޔިތުންނެއް ދެން ނުއެއް ބޭލޭނެ. އެއަރޕޯޓް އަޅާ ބަޔަކު އެއަރޕޯޓް އަޅާނެ ގޮތެއް ހޯދަން ޖެހޭނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ވިސްނުމަކީ، އެއަރޕޯޓް އަލަށް ތަރައްޤީކުރާއިރުގައި، ރަންވޭ ބަދަލުކޮށްލުން. އަދި ފަޅުތެރެއިން ރަށުގެ ދެކުނުން ކޮންމެވެސް ބައެއް ހިއްކައިގެން، އެ ބޭނުންވާ ދިގުމިން ރަންވޭއަށް ހޯދުން. އެހެންވީމާ، މިގޮތަށް މަސައްކަތް ކޮށްދޭން ތިބި ބަޔަކު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހޯދައިގެން މި ރަށުގެ އެއަރޕޯޓް، ބޮޑެތި ބޯޓުފަހަރަށް ޖެއްސޭވަރުގެ ދިގު އެއަރޕޯޓަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަން.

އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިހާރުވެސް، މިރޭވެސް، މާދަމާވެސް މިރަށުގައި ކޮޓަރިއެއް ހޯދުން އޮތީ ވަރަށް އުނދަގޫވެފައި. ކުއްޔަށްދޭ ކޮޓަރި. އެ ވެދާނެ ފަހަރެއްގައި، އަޅުގަނޑުގެ ވަފުދު މިރަށަށް އައީމަ، ވީ ކަމެއް ކަމަށްވެސް. އެހެން ނަމަވެސް، ޙަޤީޤަތުގައިވެސް މިރަށަށް މިހާރު ގިނަ ބަޔަކު އެބަ އާދޭ. ފަތުރުވެރިންވެސް އެބަ އާދޭ. މެހްމާނުން އެބަ އާދޭ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިރަށަކީ ހަމަ ފުދޭވަރަކަށް މެހްމާނުން އަންނަ އަދި ކުއްޔަށް ތަންތަން ދެވޭ ރަށަކަށް ވެގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. އަދި އޭގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް އިތުރު ދިރުމެއް ލިބިގެންދާނެ. މިހާރު ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، މިރަށުގެ ލޭންޑް ޔޫސް ޕްލޭން، އަލުން ކައުންސިލާއެކުގައި ބައްލަވައި، މިރަށް ވީހާވެސް އަގުބޮޑު ގޮތަކަށް ރޭވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ރަށުގެ ބިން ބޭނުންކުރެވޭނެ ގޮތެއް ވިސްނާވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާއި، އެއްބާރުލެއްވުމާއެކުގައި، މިނިސްޓްރީގެ ފަރާތުން މި ޕްލޭން އަލުން ބައްލަވައިލެއްވުން އެއީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށްވެސް ފެންނަނީ. އަޅުގަނޑަށް އެނގޭ، މިރަށުގެ ކައުންސިލްގެ ފަރާތުން ވަރަށް އުންމީދީ ކަންތައްތަކެއް އެބަހުރި ރާއްވަވާފައި. އޭގެތެރޭގައި ރަށުގެ ރީތި ދިމާއަކުން ފަތުރުވެރިކަމުގެ މަސައްކަތް ކުރާނެ ބިމެއްވެސް ވަނީ ފާހަގަކުރައްވާފައި. އެހެންހުރި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދެވޭތޯ ވާނެ މަސައްކަތްކުރަން. އަޅުގަނޑު ހަނދާންވާ ގޮތުގައި އެކަމަށް މިހާރުވަނީ އަޅުގަނޑުވެސް ތާއީދުކުރާ ކަމަށް ދަންނަވާފައި.

އެހެންވީމާ، މިރަށަކީ މިއީ ވަރަށް އުންމީދީ ރަށެއް. އިރާދަކުރެއްވިއްޔާ، އަދި މިރަށުގެ ކައިރީގައި ރިޒޯޓުތައްވެސް ހެދޭނެ. އަޅުގަނޑުމެން އެމަސައްކަތްވެސް ކުރަމުން އެބަ ގެންދަން. މިރަށާ ކައިރީގައި ރިޒޯޓް ހެދޭނެގޮތެއް ހަމަޖެއްސޭތޯ. އާދެ! އެބަހުރި ވަރަށް ރީތި ރަށްރަށް. އެހެންވީމާ، ކުރިއަށް އޮތް، އަޅުގަނޑު ދެކޭގޮތުގައި، ދެތިން އަހަރެއްގެ ތެރޭގައި، އެންމެ ގިނަ ދުވަސްވިޔަސް، އަޅުގަނޑަށް އެބަ ފެނޭ، މިރަށުގެ ކައިރީގައި ރިޒޯޓު ހެދިގެންދާތަން. އެހެންވީމާ، އޭގެ ސަބަބުން އަދި އިތުރަށް ތިޔަބޭފުޅުންނަށް މަސައްކަތުގެ ފުރްޞަތު ލިބިވަޑައިގަންނަވާނެ. އޭގެ ސަބަބުން އިތުރަށް ރަށަށް އާމްދަނީ ލިބި، ރަށުގެ ތަރައްޤީއަށް އޭގެ ސަބަބުން ވަރަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިރަށުގައި އަޅުގަނޑުމެންނަށް ވިސްނިފައި، އަޅުގަނޑުމެން ކުރަން ޤަޞްދުކުރާ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، ރަށުގެ ނަރުދަމާގެ އިތުރުން، ރަށުގެ މަގުހެދުން މިއީ ކުރަންޖެހޭ ކަމެއް. ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮންނަ ތަނެއްގައި، މަގުތައް ހުންނަންވާނީ ހެދިފައި. އަނެއްކާ އަޅުގަނޑަށްވެސް މިރަށަށް އެބަ އާދެވޭ، މިރަށުގެ މަގުތަކުގައި ފެންބޮޑުވެގެން ވަރަށް ހާލުގައި އުޅެންޖެހޭ ވަގުތުވެސް. މިދިޔަ ގަދަ ވިއްސާރައިގެ ދުވަސްތަކުގައި މިރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވި. އަދި އެއަރޕޯޓުން ރަށުތެރެއަށް އަންނަ މަގުގައިވެސް ވަރަށް ފުންކޮށް ފެންގަނޑު އޮތް. އޭގެ ސަބަބުން ކާރަށް ދުއްވަންވެސް އުނދަގޫވި. އެހެންވީމާ، މިއީ ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް. އެކަންކަން ރަނގަޅު ކުރެވޭނީ، ރަނގަޅު ފެންވަރަކަށް މަގުހެދިގެން.

ދެން މިހާރު ރަށު ކައުންސިލްގެ ފަރާތުން ރާއްވަވާފައިވާ ގޮތުން، އެއަރޕޯޓުން ރަށުތެރެއަށް އަންނަ މަގު ބަދަލުކުރައްވަން ޤަޞްދު ކުރައްވާފައި އޮތީ. ރަށުގެ ހުޅަނގު ފަރާތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޭފުޅުންނަށް އަޅުގަނޑު މިއަދު ދަންނަވައިފިން، ދެން އެ މަގުގައި އަދި ނަރުދަމާ ނޭޅުނަސް، އެ މަގު ހެއްދެވުމުގެ މަސައްކަތް މިހާރުން މިހާރަށްވެސް ފެށްޓެވޭތޯ ބައްލަވާށޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެބޭފުޅުން އެކަމުގައި ގޮތެއް ވިސްނަވާފައި، އަދި އެ ނަރުދަމާ ހެދުމުގެ ކުރިންވެސް މިދެންނެވި މަގު އެއީ އެއަރޕޯޓުން ރަށަށް އަންނަ މަގު، އެ މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށްޓަވައި ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މީގެއިތުރުން މިރަށުގެ އިންޖީނުގެވެސް ރަނގަޅު ކުރުމުގެ މަޝްރޫޢެއް އެބައޮތް. އަދި އާބާދީ ގިނަވެ، ގެދޮރު ގިނަވީމާ ކަރަންޓުގެ ޚަރަދުވެސް ބޮޑުވަނީ. އެހެންވީމާ، ކަރަންޓު ރަނގަޅު ކުރުމަށްޓަކައި މިއަހަރުވެސް ވަނީ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް ރޭވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެމަސައްކަތް ހިނގާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ދާދި އިހަކަށްދުވަހަކު މިރަށުގައި އާ ސްކޫލެއްގެ ބިންގާއެޅުނީ. އެހެންވީމާ، މި އާބާދީ ބޮޑުވަމުންދާއިރުގައި، ރަނގަޅު ފެންވަރެއްގެ ސްކޫލެއް ހުރުމަކީ، އިތުރު ސްކޫލެއް ހުރުމަކީ މުހިންމު ކަމެއް. ޕްރީ-ސްކޫލްވެސް ހުންނަންޖެހޭ. އެހެންވީމާ، ކިޔަވައިދިނުމުގެ ކަންތައްތައް، ތަޢުލީމީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، މި އަލަށް އެޅޭ ސްކޫލް އެޅުމުން، ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަދި ހަމައެހެން، މިރަށުގައި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު، އެކަން އޮތީ އަލަށް ފަށަން. މިއަހަރު ފަށާގޮތަށް. އެއީ 700 މީހުންނަށް ނަމާދުކުރެވޭވަރުގެ ބޮޑު މިސްކިތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިސްކިތުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! މިދެންނެވީ ވަރަށްގިނަ ކަންތައްތަކެއް، އެއްއަހަރާ އަޅާބަލާއިރުގައި. އަހަރެއްގެ ތެރޭގައި މިދެންނެވި ކަންތައްތައް ފެށޭ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ފެށިއްޖެނަމަ، އެއީ ވަރަށްބޮޑު ކަމެއް އެ ކުރެވުނީ. ކުއްލިއަކަށް އަޅުގަނޑުމެންނަކަށް، ބޭނުންވާ ހުރިހާ ކަންތައްތަކެއް ފުރިހަމައެއް ނުކުރެވޭނެ. އެއްވެސް ސަރުކާރަކަށް ވާނެ ކަމެއް ނޫން އެއީކީ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިކުރަނީ، މިވަގުތުންމިވަގުތަށް މިރަށުގައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް އިރާދަކުރެއްވީތީ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްގެންދާނެ ކަމަށް. އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ތިޔަ ރައްޔިތުންނަށް ވެގެންދާނެ ކަމަށް.

ދެން އަޅުގަނޑެކޭ އެއްފަދައިން، އަޅުގަނޑު އުންމީދު ކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް ދެން ބައްލަވާނީ، ތިޔަބޭފުޅުންނަކީ ތިއީ ހަނިމާދޫ ބޭފުޅުން ކަމަށް. ކޮންމެ ރަށަކުން ވަޑައިގަތަސް. އެހެންވީމާ، މިއީ ވަކި ރަށެއްގެ ބޭފުޅުންނޭ، އެހެން ވިދާޅުވެ، އެމީހުންނަށް އެހެން ނަމެއް ކިޔުއްވުން އެއީކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް އަޅުގަނޑަށް ފެންނަނީ. ދެން މިހާރު މިއީ މިރަށު މީހުން، އަޅުގަނޑުމެން އެންމެންނަކީވެސް. އެހެންވީމާ، އެގޮތަށް ހުރިހާ ބޭފުޅުންވެސް، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދޭތެރޭގައި މުޢާމަލާތު ކުރެއްވުން އެއީ، ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުމެން އެންމެންނަކީވެސް އެކިތަންތަނުން އަންނަ މީހުން. ދެން ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން އެބަޖެހޭ އެއްބަޔަކަށްވާން. އެހެންވީމާ، ކޮންމެ ރަށަކުން އައިސް ތިބި ކަމުގައިވީނަމަވެސް، އެއީ ހަމަ މިހާރު ދެން ތިޔަބޭފުޅުންނަކީ ހަމަ މިރަށު ބޭފުޅުން. އަޅުގަނޑު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެވެސް މަންމައާއި ބައްޕައާ އެއީ މުޅިން ދެދިމާއަކުން އައި ދެމީހުން. އެކަކު އުތުރުން. އަނެކަކު ދެކުނުން. މިހާރު އަޅުގަނޑާ ދިމާއަށް، އަޅުގަނޑަކީވެސް ތިނަދޫ މީހެކޭ، ނޫނީވިއްޔާ އިނގުރައިދޫ މީހެކޭ، ނޫނީ ކުޑަރިކިލު މީހެކޭ، އެހެން ނުބުނާނެ، އެހެން ނޫންތޯ. އެހެންވީމާ، އެގޮތަށް ހަމަ އެންމެންނަކީވެސް އެކިދިމަދިމާއިން އަންނަ މީހުން. އަޅުގަނޑުމެން މިހާރު ތަނުގައި ވަޒަންވެރިވެ، އެއްބަޔަކު އަނެއް ބަޔަކާ ރަޙްމަތްތެރިވެ، އެއްބަޔަކު އަނެއް ބަޔަކާ ކައިވެނީގެ ގޮތުން ގުޅި، ލޯބީގެ ގޮތުން ގުޅި، ގޮތްގޮތްވީމާ ދެން އަޅުގަނޑުމެން މިހާރު ދެން އެއްބަޔަކަށްވާނީ. އެހެންވީމާ، އެގޮތުގައި ރަށުގެ ހުރިހާ ރައްޔިތުން އެކުވެރި، އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންގެ ގޮތުގައި، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކޮށްދެއްވުން އެއީ ވަރަށް މުހިންމު ކަމެއް. ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންގެ ޙިއްޞާ އެއީ ވަރަށްބޮޑު އެއްޗެއް. ތަރައްޤީގެ މަޝްރޫޢުތަކުގައި ޚާއްޞަކޮށް، ސަރުކާރަށް އެކަނި ކަންކަން ދޫކޮށްނުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ކައުންސިލުން ކުރައްވާ މަސައްކަތްތަކުގައި، ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައިގެން، ރަށުގެ ކަންކަން ރަނގަޅު ކުރެއްވޭތޯ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އޭގެ ސަބަބުން ސަރުކާރުން އެ ކޮށްދެވޭ ކަމެއްގެ ނަތީޖާ، އެތައް ގުނައަކަށް އިތުރުވެގެންގޮސް، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވެގެންދާނެ. މިހާރުވެސް މިރަށަކީ އަޅުގަނޑަށް އެނގޭ، ވަރަށް ބޮޑަށް ރައްޔިތުންގެ އެއްބާރުލުން ލިބޭ ރަށެއް. އެގޮތުން، އަޅުގަނޑު ޚާއްޞަ ގޮތެއްގައި، ރަށުތެރެ ސާފުކުރުމަށްޓަކައި މިރަށުގެ އަންހެން ކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެބޭކަނބަލުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރޭ ވަރަށް އުފާވެރި ފިޔަވަޅެއްގައި، އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ ނަޞީބު މި ލިބުނީ. އަޅުގަނޑު އުންމީދު ކުރަން، އަދި ވަރަށް އަވަހަށް އަނެއްކާވެސް މިފަދަ އެހެން އުފާވެރި މުނާސަބަތެއްގައި، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަޞީބު އަޅުގަނޑަށް ލިބޭނެ ކަމަށް. އަދި ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު، އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އިޚްލާޞްތެރިކަމާއެކީގައި ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަދިވެސް އެއްފަހަރު މިރޭ، ބޯހިޔާވަހިކަމުގެ ދާއިމީ ނަޞީބު ތިޔަ ލިބިވަޑައިގެން ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އަޅުގަނޑުގެ އަބަދުގެވެސް އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. އަދި ތިޔަބޭފުޅުންނަށް އުފާވެރިކަމާއި ފާގަތިކަން މިންވަރު ކުރެއްވުން. اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه