ޞިއްޙީ ޚިދްމަތް ފޯރުވައިދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި، އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލެއްވުމަށްފަހު، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވައިލައްވާއިރު، މިކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުއްވުމަށާއި އަދި 1 ޖަނަވަރީ 2014 އިން ފެށިގެން މި އޮނިގަނޑު ތަންފީޛު ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރައްވަން ނިންމެވީ، އެތެރެވަރީގެ ޤައުމުތަކުން ރާއްޖެއަށް، ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދެވޭނީ، ޑޮކްޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވައިގެން ކަމުގައި މެންބަރުން ވިދާޅުވިއެވެ. ރާއްޖެއަށް ޑޮކްޓަރުން ގެނައުމުގައި، ޞިއްޙީ ދާއިރާގައި ޑޮކްޓަރުންނަށް މިހާރު ދެއްވަމުން ގެންދަވާ މުސާރައިގައި، ފެންވަރު ރަނގަޅު ޑޮކްޓަރުން، އެތެރެވަރީގެ ޤައުމުތަކުން ލިބުމުގައި ދަތިތަކެއް ހުރިކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރެއްވެންހުރި ކަންތައްތަކާއި، އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.