بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެ މާތް ނަބިއްޔާގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ނޮޅިވަރަމްފަރުގެ ލޮބުވެތި އަޚުންނާއި އުޚުތުން. މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށްވެސް އުފާވެރި ދުވަހެއް. މިރަށުގައި އަނެއްކާވެސް އިތުރު 60 ހައުސިންގ ޔުނިޓްގެ ބިންގާއެޅުމުގެ ނަޞީބު މިއަދު ލިބުނު ކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދުކުރަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން، މިތަނަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީތީ. އެއީ އޮފީހުގައިވެސް ބައެއް ޖަލްސާތައް ނިންމާލާފައި އަންނަންވެގެން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ، ދެން މިހާރު އަވިވެސް އެދިޔައީ. ކުޑަކޮށް ފިނިވެލާފައި މިއޮތީ. އެހެންވީމާ، ހަމަޖެހިލައިގެން ދައްކަންހުރި ވާހަކަ ދައްކަމާ ހިންގަވާ.

އާދެ! މިރަށަކީ މިއީ އެއްފަސްކުރުމުގެ ގޮތުން އެހެން ރަށްރަށުގެ އާބާދީ މިރަށަށް ބަދަލުކުރެވޭ ރަށެއް. އެގޮތުން މިހާރު ތިން ރަށެއްގެ އާބާދީ މިރަށަށްވަނީ ގެނެވިފައި. އޭގެތެރެއިން 52 ޢާއިލާއެއް ވަރަށްގިނަދުވަސްވެއްޖެ، ގެދޮރުނެތި، އެކިގޮތްގޮތަށް ވަރަށް ނިކަމެތިކޮށް އުޅެމުންދާތާ. އެހެންވީމާ، މިހާރު އަޅުގަނޑުމެން މިއަދު މި ބިންގާއެޅި 60 ޔުނިޓްގެ ތެރެއިން، އިސްކަންދީގެން އެންމެ ފުރަތަމަ ގެ ދޫކުރެވޭނީ، މިދެންނެވި ގޮތަށް ގެދޮރުނެތި ތިބި 52 ޢާއިލާއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުން މިގެންދަނީ، ދެން ދޭންޖެހޭ ބައެއް އެހެން ޚިދްމަތްތައް ދިނުމަށްޓަކައި.

އެގޮތުން، އަޅުގަނޑު ފުރަތަމަ މިދިޔަ އަހަރު އައިއިރުގައިވެސް، އެންމެ ފުރަތަމަ ފާހަގަކުރެވުނު އެއްކަމަކީ މިސްކިތުގެ ދަތިކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށުގައި ސަރުކާރުގެ ޚަރަދުގައި މިސްކިތެއް ޢިމާރާތް ކުރެވޭނެ. އަދި ތިޔަބޭފުޅުންނަށް އެންމެ ކަންބޮޑުވެފައިވާ އެއްކަމަކީ ނަރުދަމާގެ ނިޒާމް. ނަރުދަމާގެ ނިޒާމާއި ބަނދަރު ހެދުމާ، މިދެކަންތައް އަޅުގަނޑުމެން މިދަނީ ރާވަމުން. އެހެންވީމާ، އެގޮތުން މިހާރު، މި ދެކަންތަކަށް، އެއީ މިރަށުގެ ބަނދަރު ހެދުމާއި، މިރަށުގައި ނަރުދަމާގެ ނިޒާމް، ހުރިހާ ބޭފުޅުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ޤާއިމް ކުރުމުގެ މަސައްކަތް، މި ދެމަޝްރޫޢު މިހާރު ރޭވިފައިވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ލޯނެއްގެ ދަށުން. މިކަމާބެހޭ އެއްބަސްވުންތައް މިހާރު އެއްބަސްވެވި، މިކަމުގެ ލިޔެކިޔުމުގެ ކަންތައްތައް މިހާރު ހިނގަމުން އެދަނީ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، ﷲ އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިރަށުގެ ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތްވެސް ކުރެވޭނެ.

އާދެ! މިދެންނެވި ތިންކަންތައް އަޅުގަނޑުމެންނަށް މިރަށުގައި މިއަހަރު ފެށިގެން ކުރިއަށްދާ ކަމަށްވާނަމަ އެއީ، މިރަށަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ. އަޅުގަނޑު ހީކުރަން، ރަށުގެ ހުރިހާ ބޭފުޅުން، ހުރިހާ ރައްޔިތުން ރަށުގެ ކައުންސިލާއެކުގައި، ސަރުކާރާއި އަދި މިކަމުގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާއެކުގައި އެއްބާރުލެއްވުން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް. އޭރުން އިރާދަކުރެއްވިއްޔާ، މިކަންކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.

ދެން އެހެން ބައެއް ދަތިތައް ހުރިކަންވެސް އަޅުގަނޑަށް މިއަދު ބޭފުޅުންނާ ވާހަކަ ދައްކާލީމާ އޮތީ އެނގިފައި. އެހެންވީމާ، އެކަންކަންވެސް ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން. އޭގެތެރެއިން އެއްކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ، މިރަށުގެ އެމްބިއުލެންސްގެ ކަންތައް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެމްބިއުލެންސްގެ ޚަރަދު، މިހާރަށްވުރެ ކުޑަކުރުމަށް އަޅުގަނޑުވާނީ ދަންނަވާފައި. މިއަދުން ފެށިގެން އެކަން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިރަށަކީ މިއީ އަލަށް އާބާދުވާ ވަރަށްބޮޑު ރައްޔިތެއް އުޅޭ ރަށަކަށްވުމާއެކީގައި، ވަރަށް މުހިންމު ކަމެއް، ބޭރުގެ އެހެން ރަށްރަށުން މިރަށަށް ވަޑައިގެންނެވި ބޭފުޅުންނާއި މިރަށުގައި ކުރިން ތިއްބެވި ބޭފުޅުންނާ ހުރިހާ ބޭފުޅުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދެވުން. އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގަންނަވައިގެން، އެކީގައި މަސައްކަތް ކުރައްވައި، މިރަށަކީ ހުރިހާ އެންމެންނަށްވެސް ހިތްފަސޭހަ ރަށެއް ކަމުގައި ހެއްދެވުމަށް ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ހަމައެހެން، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އެކިއެކި ސިޔާސީ ފިކުރުގެ ތަފާތު ހުރިކަމުގައިވިނަމަވެސް، އެ ތަފާތުތަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ރަށުގެ ތަރައްޤީއަށް ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގެން، ތަރައްޤީގެ ކަންކަމުގައި އެންމެން އެކީގައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ އަރިހުން އެދެން.

އާދެ! އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން، ދެންހުރި ކަންކަންވެސް ކުރެވޭނެ. އޭގެތެރޭގައި، ޚާއްޞަކޮށް، ތަޢުލީމީ ކަންކަން އެބަޖެހޭ ރަނގަޅުކުރަން. މިރަށުގެ ސްކޫލް އެބަޖެހޭ މިއަށްވުރެ ބޮޑުކުރަން. އަދި މިރަށުގައި އެބަޖެހޭ ޕްރީސްކޫލެއް ޢިމާރާތް ކުރަން. ޕްރީސްކޫލްގެ މަސައްކަތް މިހާރު ހިނގަމުން މިދަނީ ރަށުއޮފީސްތެރޭގައި. އެހެންވީމާ، އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ! ވަރަށްގިނައިރުވެއްޖެ ތިޔަބޭފުޅުން މިތާ ތިއްބަވާތާ. އެހެންވީމާ، އަޅުގަނޑު މާދިގުކޮށެއް ވާހަކައެއް ނުދައްކާނަން. އަޅުގަނޑު މި ފުރުޞަތުގައި އަދި އެއްކަމެއް ކުރަން އަޅުގަނޑު ޤަޞްދުކުރަން. އެއީ މި ގެދޮރުތައް ޢިމާރާތް ކުރުމުގައި، މިކަން ކުރަމުން މިގެންދަނީ، ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން. އެގޮތުން، ސަރުކާރުން ޚަރަދު ދެއްވާ ގޮތަށް ބޭރުގެ ކުންފުންޏަކުން މި މަސައްކަތް ކުރައްވަމުން މިގެންދަވަނީ. އެ ކުންފުންޏަކީ [ނޫމަޑި] ކިޔާ ކުންފުންޏެއް. ދެން މި ކުންފުނިން މިހާރު 600 ގެ ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، މީގެ ދެރެއެއް ކުރިން އަޅުގަނޑު ވާނީ ހަނިމާދޫގައިވެސް 65ގެ، ހަތިފުށިން އެރަށަށް ބަދަލުވި ޢާއިލާތަކާ ޙަވާލުކޮށްފައި. އެހެންވީމާ، އެމަސައްކަތް ވަރަށް މުރާލިކަމާއެކީގައި ކޮށްދެއްވާ ކަމަށްޓަކައި ނޫމަޑި ކުންފުންޏަށް އަދި އެކުންފުނީގެ އިސްބޭފުޅަކުވެސް މިތާ އެބަ ހުންނެވި. ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން އެބޭފުޅުންނަށް.
އާދެ! ދެން އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވަން، ތިޔަބޭފުޅުން އެއްގޮތަކަށްވެސް ޝައްކު ނުކުރައްވާތި، ތިޔަބޭފުޅުން ޔަޤީން ކުރައްވާ، އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ހުރިހާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑުމެންނަށް ސަރުކާރުގެ ބަޖެޓް ތަންދިންވަރަކުންނާއި އަދިވެސް އެހެނިހެން ފަރާތް ފަރާތުންވެސް އެހީތެރިކަން ހޯދުނުވަރަކުން ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މިކަންތައްތައް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރައްވައި، އުފާފާގަތިކަމާ އެކީގައި އުޅުއްވުމުގެ ނަޞީބު ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނާއި، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނާއި، ދުވަސްވީ ބޭފުޅުންނާ، ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________