بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މަކުނުދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މަކުނުދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ މެންބަރު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެވެސް ހަމަ ފުރަތަމަ ވާޖިބަކީ، މިރަށަށް އަޅުގަނޑުމެން އައުމުން މިއަދު ތިޔަ އެންމެހާ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން.

އާދެ! މިއީ މަކުނުދުއަށް އަޅުގަނޑަށް އާދެވޭ ފުރަތަމަފަހަރު. އެހެންވީމާ، ފުރަތަމަ، މިރަށަށް އާދެވުނު ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. މިރަށަށް އައުމުން އަޅުގަނޑަށް މިރަށުގެ ޙާލަތު، ކުރިއަށްވުރެ ބޮޑަށް މިހާރު އެނގެމުން މިދަނީ. އަޅުގަނޑު ނުދަންނަވާނަން، އަޅުގަނޑަށް އަދި މިރަށް ދަސްވެއްޖެއެކޭ. އެހެން ނަމަވެސް، ކުރިން އަޅުގަނޑަށް އެނގޭވަރަށްވުރެ، ތަންކޮޅެއް ބޮޑަށް މިރަށާ ބެހޭގޮތުން މިހާރު މަޢުލޫމާތު ލިބެމުން މިދަނީ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށަކީ މިއީ މާޒީވީ ދިގު ތާރީޚެއްގައި، ދިވެހި ދައުލަތުގެ ފަރާތުން އެއްކިބާ ކުރެވިފައި އޮންނަ ރަށެއް. މިރަށަކީ މިއީ އަންނަން އުނދަގޫ ތަނަކަށްވާތީ. މިތަނަށް ރާއްޖޭގައި ތިބި ބޮޑެތި ސިޔާސީ ކުށްވެރިން ފޮނުވާލަން އޮންނަ ރަށެއްގެ ގޮތުގައި. އެގޮތަށް ރަށަކާ ދޭތެރޭގައި ދުށުން އެއީ އަޅުގަނޑު ދެކޭގޮތުގައި ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ތިބީ އަޅުގަނޑުމެން ދުރުކުރަން ބޭނުންވާ ބަޔަކު، ދެކެން ބޭނުންނުވާ ބަޔަކު، އެކަހެރިކޮށްލަން ބޭނުންވާ ބަޔަކު ގެންގޮސްލާ ރަށަކީ، އެރަށާ ދޭތެރޭގައިވެސް ވަކި ނަޒަރަކުން ބެލޭ ރަށަކަށް މިވަނީ. އެގޮތަށް މިރަށް އޮވެއްޖެ، ލައްކަ ޒަމާންވަންދެން. މިރަށަށް މާލޭގެ ސިޔާސީ ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދެވި ވަރަށް ބޮޑެތި ސިޔާސީ ބޭފުޅުން، ކުށްވެރިންގެ ގޮތުގައި ބަލާފައި ފޮނުވާލެވިފައި، ދިގު މުއްދަތަކަށް އެބޭފުޅުން މިރަށުގައި ތިއްބެވި.

ރަށުގެ ތަރައްޤީއަށް ބަލާއިރުގައި، ދެން އެބޭފުޅުންނަށްވެސް ފަސޭހައެއް ވެދާނެތީކަންނޭނގެ، ހަމަގައިމުވެސް ރައްޔިތުންނާ ދޭތެރޭގައި ވިސްނުމެއްނެތި، ރަށުގައި ކުރަންޖެހޭ ބައެއް މުހިންމު ކަންކަން ނުކުރެވިހުރީ. އޭގެ ނަތީޖާއެއްގެ ގޮތުން، މިރަށުގައި އެކަށީގެންވާ މިސްކިތެއްވެސް ޤާއިމް ކުރެވިފައެއް ނެތް. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއް. އެހެންވީމާ، މިފަދަ ބޮޑު އާބާދީއެއް އޮންނަ ރަށެއްގައި، ސަރުކާރުގެ ފަރާތުން މިހާތަނަށް މިސްކިތެއް ޤާއިމްނުކޮށް ނާޅައި ހުރުމަކީ އެއީ މައްސަލައެއް. އަޅުގަނޑު ވަރަށް އުފާކުރަން، މިހާރު މިސްކިތެއް ޢިމާރާތް ކުރަމުންދާތީ. އެހެން ނަމަވެސް، އެ މިސްކިތްވެސް މިދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކުރިއަރަމުން. މިކަން އަވަސްކުރެވޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، މިސްކިތް މާލަސްތަކެއްނުވެ ދެން ނިމޭނެ.

ހަމައެހެން، ރަށަށް އައިސް ގޮސްއުޅުމުގެ ވަސީލަތަކީ އެއީ، އެންމެ ފުރަތަމަ މިރަށަށް ކައިރިކުރެވޭނެ ގޮތެއް އޮތުން. ރަށަކީ ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ރަށެއް. މިއަދުވެސް އަޅުގަނޑުމެން އައިސް ވަންއިރުގައި، ވަރަށް ދިގު މަގަކުން ލޯންޗް އައިސް މި ވަންނަންޖެހުނީ. މިހާރު ބަނދަރުގެ މަސައްކަތް ކުރެވެމުން މިދަނީ، ސަރުކާރުގެ ލޯނެއްގެ ދަށުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދެން ބަނދަރުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ﷲ އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ބާރު ސްޕީޑެއްގައި ގޮސް ނިންމާލެވޭނެ.

އާދެ! އަޅުގަނޑު ފުރަތަމަ މިރަށުގައި މި ޒިޔާރަތްކުރީ މިރަށުގެ ޞިއްޙީ މަރްކަޒަށް. ޞިއްޙީ މަރްކަޒުގައި، ބައެއް އެހެން ރަށްރަށަށްވުރެ ކުޑަތަންކޮޅެއް ރަނގަޅުކަމަށް އަޅުގަނޑަށް ފެނުނީ. އެއީ މިރަށުގައި އެބަހުރި ލެބެއް، ލެބް ޓެކްނީޝަނެއް ނެތަސް. އެ ލެބްގައި ހުރި ހުރިހާ މެޝިންތައްވެސް މަސައްކަތްކުރޭ. އެކަމަކު މި ބޭނުންކުރާނެ މީހަކު ނެތް މިތާކު. އެއީ މައްސަލައެއް. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ޢާންމު ގޮތެއްގައި ލެބް ޓެކްނީޝަނެއް ހުރޭ. އެހެން ނަމަވެސް މިހާރު އޭނާ ޗުއްޓީގައި ގޮސް މިވަނީ. ނަމަވެސް ޑަކްޓަރަކު ޗުއްޓީއަށް ދިޔައިމާ ލެބް ބަންދުކުރަން ޖެހުން. ޓީޗަރު މީހާ ޗުއްޓީގައި ދިޔައިމާ މަދްރަސާ ބަންދުކުރަން ޖެހުން، ނޫނީވިއްޔާ ކައުންސިލަރު ޗުއްޓީއަށް ވަޑައިގަތީމާ ރަށުއޮފީސް ބަންދުކުރުން، މިއީކީ އަޅުގަނޑުމެން ވިސްނުން ހުންނަންޖެހޭ ގޮތެއް ނޫން. އަޅުގަނޑުމެން ރައްޔިތުންނަށްދޭ ޚިދްމަތްތައް މެދުކެނޑުނަނުދީ، އެ ޚިދްމަތްތައް އެބަ ކުރިއަށް ގެންދަންޖެހޭ. އެކަން ކުރިއަށް ގެންދެވޭނީ، އެކަންކަން ކުރާނެ މީހުން އެތާނގައި ތިބުން. އެކަކު ނެތިއްޔާ އަނެކަކުވެސް އެތާނގައި ހުރެގެން. އެހެންވީމާ، މިހާރު ސަރުކާރުގެ ޚިދްމަތްތައް ދިނުމުގައި، މިގޮތަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ގަބޫލު ކުރެވޭނެ ކަމެއް ނޫން، ޑަކްޓަރު ނެތުން. ޓީޗަރު ނެތުން. އަޅުގަނޑަށްވެސް އެނގޭ އުނދަގޫ ކަމެއްކަން. އެހެން ނަމަވެސް، އުނދަގޫ ކަންކަން އަޅުގަނޑުމެން އަބަދުވެސް ކޮށްއުޅެނީ. ދުވާލަކު އެއްފަހަރު މަހަށްދިޔުމަކީވެސް އުނދަގޫ ކަމެއް. ފަސޭހަކަމެއް ނޫން އެއީކީ، ހެނދުނު ފަތިހު ތެދުވެގެން ދޯންޏަކަށް އަރައިގެން މަހަށް ދިޔުންވެސް. އެކަމަކު އަޅުގަނޑުމެން ދިވެހިން މިއޮއް ހުރިހާ ޒަމާންވީއިރުވެސް، ހަމަ އެގޮތަށް މަހަށްގޮސް މިއުޅެނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ސަރުކާރުގެ ފަރާތުން ދޭ ޚިދްމަތްތައް ދިނުމުގައި، އެކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް އެބަޖެހޭ، މިހާރަށްވުރެ ސީރިއަސްކަމާއެކީގައި މިކަންކަމާ ދޭތެރޭ ފިޔަވަޅު އަޅުއްވަން. އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން، ސަރުކާރުގެ މުވައްޒަފުންނަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްދޭ ޚިދްމަތްތައް ދިނުމުގައި ފަރުވާކުޑަނުކުރެއްވުމަށް. މިއީ ޞިއްޙީ ރޮނގުން ކަމުގައިވިނަމަވެސް، ތަޢުލީމީ ދާއިރާއިން ކަމުގައިވިނަމަވެސް، އަދި ކަރަންޓް ދިނުމުގައި ކަމުގައިވިނަމަވެސް، މިކަންކަން އެބަޖެހޭ ވާން. މިއަދު އަޅުގަނޑު ވަނިން މިރަށުގެ އިންޖީނުގެއަށް. ވަންއިރުގައި އެތާނގައި ތިބި ދެއަންހެން ބޭފުޅުން މި ވިދާޅުވަނީ، ތިމަންނަމެން ތިބެނީ އަވީގައޭ. ވާގޮތަކީ ކުޑަދޮރު ބަހައްޓާފައި މި ހުންނަނީ އަވިދޭ ގޮތަށް. އެހެންވީމާ، އަވިދީފައި މިހުންނަނީ. އެކަމަކު ދެހާސް ރުފިޔާ ޚަރަދުކޮށްގެން، އެތާނގައި ދޮރުފޮތިކޮޅެއް ދަމާލަންޖެހޭތީ، އަހަރެއްހާ ދުވަސްވާއިރުގައިވެސް ދޮރުފޮތިކޮޅެއް ނުދެމޭ. މިރަށުގައި މަގުމަތީގައި އޮތް ކޭބަލް، ބާވުމުގެ ސަބަބުން މިހާރު މިރަށުގައި ކަރަންޓަށް އޭގެ އަސަރު ކުރޭ އެބަ. އޭގެ ބަދަލުގައި އެހެން ކޭބަލެއް އެތަނަށްލާންޖެހިފައި އޮންނަތާ ލައްކަ ދުވަސްވެއްޖެ. އެކަންވެސް އަދި ވާގޮތެއްނުވޭ. އެހެންވީމާ މިއީ މައްސަލައެއް. މިކަން އެބަޖެހޭ އަޅުގަނޑުމެން ރަނގަޅުކުރަން. އަޅުގަނޑަށް ޔަޤީންކުރެވޭ، މިކަންކަން ރަނގަޅު ކުރެވޭނެ.

ރޭ އަޅުގަނޑު ބައްދަލުކުރީމު ސަރުކާރުގެ މުވައްޒަފުންނާ. މިއީ ޢާންމު ގޮތެއްގައި މިހާތަނަށް ގަވާއިދުން ކުރަމުން އައި ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، މީގެފަހުން ހަމަ ކޮންމެ އަހަރަކުވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ އެއީ، ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ސަރުކާރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ދުވަހެއް ކަމުގައި ކަނޑައެޅިގެންދާނެ ކަމަށް. ވީމާ، އަޅުގަނޑު ދެން މިހާރު އެމަސައްކަތް މި ފެށީ.

އަޅުގަނޑަށް ފެނުނީ ސަރުކާރުގެ މުވައްޒަފުންނަކީ ޢާންމު ގޮތެއްގައި ކަމަށްކަމޭހިތާ މުރާލި ބައެއްގެ ގޮތުގައި. އެހެން ނަމަވެސް، އެބޭފުޅުންނަށްވެސް ދިމާވާ ދަތިތައްވެސް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން. ވީމާ، ޚިދްމަތް ދޭންވާ އެންމެ ފުރިހަމަކޮށް ނުދެވި އެބަދޭ. އެކަންކަން އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ އަދި ތަރައްޤީވެފައި އޮތް ޤައުމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއް. އޭގެ މާނައަކީ އަޅުގަނޑުމެން ކުޑަކޮށް ދަތީގައޭ އުޅެންޖެހޭނީ. ތަރައްޤީވަމުން އަންނައިރުގައި، ޑަބަލް މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެން އެންމެންވެސް. ހަމައެކަނި ތަރައްޤީވެފައިވާ ޤައުމުތަކުގައި މަސައްކަތްކުރާ ގޮތަށް، މިސާލަކަށް، 9 ން 5 އަށް، ނޫނީވިއްޔާ 8 ން 3 އަށް، މިހެން އަދި މަސައްކަތް ކޮށްލައިގެނެއް އަޅުގަނޑުމެންނަކަށް ފަރަކުނުޖެހޭނެ. ތަރައްޤީވާ ޤައުމަކަށްވާތީވެ، އަޅުގަނޑުމެން އެބަޖެހޭ ބޮޑުހިތްވަރެއްލައި، ބޮޑު މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންނަށް ލިބޭ ހަމައެކަނި މުސާރައަކަށް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީކީ. ގިނަވަގުތު އަޅުގަނޑުމެން އެބައުޅޭ މަސައްކަތުގައި. އުޅެން އެބަޖެހޭ. މިހާތަނަށްވެސް ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރެއްވި ބޭފުޅުން، އިސްކޮށް އުޅުއްވި ބޭފުޅުން، ޙަރަކާތްތެރި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ މިދެންނެވި ގޮތަށް. މި އެއަރޕޯޓުތަކާ އެއްޗެހި އަޅައި، ބަނދަރުތައް ހަދައި، މިކަންކަން ކުރައްވާ ބޭފުޅުން ރެޔާ ދުވާލު އުޅުއްވަނީ އެ މަސައްކަތުގައި.

ޙަޤީޤަތުގައި ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ އެއީކީ ވަކި ގަޑިއަކު ކުރަންޖެހޭ ކަމެއް ނޫން. އެކަމަކީ އެއީ ހުރިހާ ވަގުތެއްގައި އެކަމުގައި އުޅެންޖެހޭ ކަމެއް. އަޅުގަނޑުމެން މަޤާމުތަކާ އަޅުގަނޑުމެން ޙަވާލުވަނީ، ރައްޔިތުންނަށް ޚިދްމަތްކޮށްދޭނަމޭ ކިޔައިގެން. އެހެންވީމާ، ރައްޔިތުންނަކީ އަބަދުވެސް ޚިދްމަތްތައް ބޭނުންވާ ބައެއް. ކަރަންޓް ބޭނުންވޭ ރޭގަނޑުވެސް، ދުވާލުވެސް، ހުރިހާ ވަގުތެއްގައި. އަދި ހަމައެހެން، ބޯފެނާއި، ނަރުދަމައާއި މިހެންހުރި ކަންކަންވެސް ބޭނުން. އެހެންވީމާ، މިކަންކަން ބަލަހައްޓައި، މިކަންކަމުގެ ޚިދްމަތް ދެއްވާ ފަރާތްތައް އެބަޖެހޭ ގިނަވަގުތު މަސައްކަތުގައި އުޅުއްވަން. އެއްބޭފުޅަކު ނެތިއްޔާ އެހެން ބޭފުޅަކު ނުކުމެވަޑައިގަންނަވައިގެންވެސް އެމަސައްކަތް ކުރައްވަން އެބަޖެހޭ. ޙަޤީޤަތުގައި މިއީ ޤައުމީ ޚިދްމަތަކީ. ރައްޔިތުންނަށް ކޮށްދޭ ޚިދްމަތް އެއީ ޤައުމީ ޚިދްމަތް. މި ޤައުމީ ޚިދްމަތުގައި އުޅުއްވާއިރުގައި، ޖެހޭނެ މިދެންނެވިގޮތަށް މަސައްކަތް ކޮށްދެއްވަން.

އާދެ! މިރަށުގައި މިހާރު އެބަހުރި މުހިންމު މަޝްރޫޢުތަކެއް ފެށިފައި. ކުރިން އަޅުގަނޑު ދެންނެވިން، މިސްކިތް ޢިމާރާތް ކުރަމުންދާ ވާހަކަ. އޭގެއިތުރުން މިހާރު ބަނދަރުވެސް ހެދެމުން މިދަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިރަށުގެ ކަރަންޓްގެ ޚިދްމަތްވެސް މިހާރަށްވުރެ ރަނގަޅު ކުރެވޭނެ. މިއަހަރުގެ މަޝްރޫޢުގެ ދަށުގައި ކަރަންޓްގެ ފެންވަރު މަތިކުރުމަށް ވަނީ ހަމަޖެހިފައި. އަދި ހަމައެހެން، ރަށުގައި ތެޔޮ ރައްކާކުރެވޭނެ. އެކަމުގެ އިންތިޒާމުވެސް ރަނގަޅު ކުރުމަށް މިފަހަރުވަނީ ހަމަޖެހިފައި. އެކަމުގައި ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، އަޅުގަނޑު ފެނަކާއަށް އަނެއްކާވެސް ހަނދާންކޮށްދީ، އެކަން އަވަސްކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން މިރަށަކީވެސް މިހާރު ސޯޅަ ސަތާރަސަތޭކައެއްހާ ބޭފުޅުން ދިރިއުޅުއްވާ ރަށެއް. އެހެންވީމާ، ރަށުގައި އެބަޖެހޭ ޒުވާނުންނަށްޓަކައި ކަންތައްތައް ކުރެވެން. އަޅުގަނޑު ވަރަށް އުފާކުރަން، ރަށުގެ ރައްޔިތުންގެ ފަރާތުން ބައެއް ޢިމާރާތްތައް ހައްދަވައި، ކްލަބް ޢިމާރާތް ހައްދަވައި އަދި އަމިއްލަ ގޮތުން އެތާނގައި ޕްރީސްކޫލްގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާތީ. ސަރުކާރުގެ އެހީ އެބަ ލިބެންޖެހޭ ޒުވާނުންނަށްވެސް. އެގޮތުން، ބޯޅަދަނޑު ހެދުމުގެ މަސައްކަތް އެބަ ކުރަންޖެހޭ. އިރާދަކުރެއްވިއްޔާ، ބޯޅަދަނޑު ހެދުމަށްޓަކައި މިހާރު އެމް.ޓީ.ސީ.ސީ.ގެ މަސައްކަތް މިތަނުގައި ހިނގަމުންދާއިރުގައި، އެމަސައްކަތްވެސް ކުރެވޭނެގޮތެއްވޭތޯ އަޅުގަނޑު ބަލައި، އެކަން ހަމަޖެއްސޭތޯ ބަލާނަން.

އާދެ! މި ދަތުރުފަތުރުގެ ވާހަކަ، މި ވާހަކައަކީ މިއީ ޚާއްޞަކޮށް، މިރަށަށް އަޅުގަނޑުމެންނަށް މުހިންމު ވާހަކައެއް. ދަތުރުފަތުރުގެ މި ސަރަޙައްދުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި. އެކެން ވެގެން އެއުޅޭގޮތް އަޅުގަނޑުމެން ބަލާއިރުގައި، އެކަން ޙަވާލުކުރެވިފައި އޮތް ކުންފުނީގެ ފަރާތުން އެކަން މިހާރު ކުރާކަށް ބޭނުމެއްނުވޭ. އެހެން ނަމަވެސް، އެފަރާތާވެސްވަނީ ފަޅުރަށްވެސް ޙަވާލުކުރެވިފައި. އަދި ސަރުކާރުން ދޭންޖެހޭ އެހެނިހެން އެހީތައްވެސް ވަމުން ދިޔައީ. އެހެން ނަމަވެސް، މަސައްކަތް މިހާރު މިވަނީ ހުއްޓުމަކަށް އައިސްފައި. ދެން އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ، އެއީ ކޮން ސަބަބަކާހުރެއެއް ކަމެއް. ފަހަރެއްގައި ވެދާނެ، ސިޔާސީގޮތުން މިދުވަސްވަރު ސަރުކާރަށް ސަޕޯޓްދޭން ބޭނުންނުވަނީ ކަމަށް، އެ ކުންފުނީގެ ފަރާތުން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެކަމާ ދޭތެރޭގައި އެހެން ގޮތެއް ހޯދަން. އަޅުގަނޑުމެން މިދަނީ އެހެން އިންތިޒާމެއް ފެނޭތޯ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، ދަތުރުފަތުރުގެ ނިޒާމްވެސް މާލަސްތަކެއްނުވެ މިތާނގައި އަނެއްކާ ފެށޭނެ.

އަޅުގަނޑު ކުރީ ދުވަހެއްގައި މިފަދަ ރަށެއްގައި ވާހަކަ ދައްކަމުން ދަންނަވާފައި އޮންނާނީ، ސަރުކާރުން ހޯދާ އެކިއެކި މުދާ ނޫނީ ޢިމާރާތްތައް މަރާމާތު ނުކުރެވޭ ވާހަކަ. މިރަށުންވެސް އަޅުގަނޑުމެންނަށް މިފެންނަނީ ހަމަ އެއްމަންޒަރު. މިރަށުގެ ޞިއްޙީ މަރްކަޒުގައި އޮތް އެމްބިއުލެންސް މަސައްކަތެއް ނުކުރޭ. މިރަށަކީ ވަރަށްބޮޑު ރަށެއް. މާބަނޑު މީހަކުވެސް، ބަލިމީހަކުވެސް ހޮސްޕިޓަލަށް ގެންދަން ވެއްޖިއްޔާ ވަރަށް ހާލުގައި މިރަށުގައި އުޅެންޖެހެނީ. މިރަށަކީ ޓެކްސީ ހުންނަ ރަށެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެއްކަލަ އެމްބިއުލެންސް މަރާމާތު ކުރަން. އެ މަރާމާތު ނުކުރެވި 3 މަސް ދުވަސް އޮތުމަކީ އެއީކީވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑު އަމިއްލައަށް އެކަން ކުރަން ޖެހުނަސް، ދެން އަޅުގަނޑަކީ މިއެއްޗެހި ހަދަން ދަންނަ މީހެއް ނޫން. ކާރު އެއްޗެހި ހަދަން ދަންނަ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑަށްވެސް އެ ދުއްވިދާނެ. އެކަމަކު އަޅުގަނޑު އަމިއްލައަށް ތިކަން ކުރަން ޖެހުނަސް، އިރާދަކުރެއްވިއްޔާ، ތި އެމްބިއުލެންސް އަޅުގަނޑުމެން ހަދާނަން.

ދެން ލޯންޗެއްވެސް އެބައޮވޭ. ދަންނަވަންތޯ، މިކަހަލަ ވިއްސަކަށް ލޯންޗް އެބައޮވޭ އެކިރަށްރަށުން ހަލާކުވެފައި. މާލެ ގެންގޮއްސަވެސް އެބަހުރި މީގެ ލޯންޗްތައް، އެތާ ވިލިނގިލީ ބޭރުގައި އަޅާފައި. މިވެސް އަދި ހެދޭނެގޮތެއް ނުވެގެން މިއުޅެނީ. އެހެން ނަމަވެސް، މިވެސް އެބަޖެހޭ ހަދަން. އަޅުގަނޑަށް ހީވަނީ، މިރަށުގައި ޚާއްޞަކޮށް، މިކަން އެބަ ކުރަންޖެހޭހެން. ކޮންމެވެސް ގޮތެއް ހޯދައިގެން އެކަން ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކަށް ހެލްތް މިނިސްޓްރީގެ ބަޖެޓްގައި ލާރިނެތީއޭ ކިޔާފައެއް، މި ނަހަދައެއް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. އަޅުގަނޑުގެ ވާހަކައަކީ، ބަޖެޓްގައި ލާރިނެތިގެން ކަންތައް ނުކުރެވިފައި އަޅުގަނޑުމެން ތިބެގެން ނުވާނެ. އަޅުގަނޑުމެން އެބަޖެހޭ، އަމިއްލަ ފަރާތަކުން ހޯދައިގެން ނަމަވެސް، ހެޔޮއެދޭ ފަރާތަކުން ހޯދައިގެން ނަމަވެސް، މިހެން ހުންނަ ކަންކަން ކޮށްލަން. މިހާރު މިއަދު ހެލްތް މިނިސްޓްރީން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިއްޖެ، އިރާދަކުރެއްވިއްޔާ، ލަހެއްނުވެ މި ލޯންޗް ހަދައިދެވޭނެ ކަމަށް. މިހެންހުރި ކަންކަން އިރާދަކުރެއްވިއްޔާ ހަމަޖެހުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރަންޖެހޭ ކަންކަން. ދެން ރައީސުލްޖުމްހޫރިއްޔާއަކަށް ކޮންމެފަހަރަކު ނާދެވޭނެ، ލޯންޗް މަރާމާތު ކުރަންޖެހޭ ފަހަރަކު. ނޫނީ އެމްބިއުލެންސް މަރާމާތުކުރަންޖެހޭ ފަހަރަކު. އެހެން ނަމަވެސް، އަޅުގަނޑުމެން މިތަންތަނަށް އައިމާ، ކޮންމެވެސްވަރަކަށް މިކަންކަމުގައި ބާރުލެވި، މިކަންކަން ކުރެވޭގޮތްވެސް އެބަވޭ. ބައެއްފަހަރު އަދި އަޅުގަނޑު ބުނީމާވެސް ނުވާކަންތައް ހުރޭ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މިފަހަރު މިކަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! ދެން ތިޔަބޭފުޅުން މިރަށުން ތިޔަ ދެއްކެވީ ވަރަށްރީތި ނަމޫނާއެއް. ތެދެއް، ކޮންމެވެސް ކުއްޖަކު އަޅުގަނޑާ ދިމާއަށް، ޢާންމުކޮށް ކުދިން ގޮވާހިތްވާ ކަހަލަ ނަމަކުން ގޮވާލި މިރަށުންވެސް. އެހެން ނަމަވެސް، އެ ދެން މިހާރު، މިހާރު އެ އަޑު ވަރަށް ނީވޭ. ދެން އެހެން ނަމަވެސް، މިރަށުން ވަރަށް އެކުވެރިކަން އަޅުގަނޑަށް ފެނިގެން މިދިޔައީ. ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، ރަށު ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި. އެހެންވީމާ، ކައުންސިލްގެ ރައީސް އަދި އެމް.ޑީ.ޕީ.ގެ މެންބަރު ރިޟުވާން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި އެހީތެރިކަން، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ ވަރަށް ރީތި ނަމޫނާއެއް. އަޅުގަނޑުމެން ޤައުމީ ކަންކަން ކުރުމުގައި، ޕާޓީގެ ފިކުރުގެ ތަފާތު، އޭގެތެރެއަށް ވައްދައިގެން ނުވާނެ. ޤައުމަށްޓަކައި، ރަށަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި، ހުރިހާ އެންމެންގެ އެއްބައިވެގެން މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް. އޭގެ ނަމޫނާ ތިޔަބޭފުޅުން މިއަދު ތިޔަ ދެއްކެވީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ކައުންސިލްގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދަންނަވަންތޯ، އެހެން އެކަންވަނީ، މިރަށުގެ ރައްޔިތުންވެސް އެގޮތަށް ތިއްބެވީމަ. ރައްޔިތުންގެ ތެރޭގައިވެސް ރަށުގެ ތަރައްޤީއަށްޓަކައި، ހުރިހާ އެންމެން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް ތިބީމާ، ކައުންސިލަށްވެސް އެހެން އެ މަސައްކަތް ކުރެއްވެނީ. އެހެނެއް ނޫން، މިހާރު ކައުންސިލްގެ މެންބަރުންގެ ފަހަތުގައި، ކައުންސިލަރުންގެ ފަހަތުގައި ތިއްބެވި ބޭފުޅުންވެސް، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަ ނުދައްކައި، މަގުމަތިންދާއިރުގައި، އެކަކު އަނެކަކާ ދިމާއަށް އެއްޗެހި ބުނެލައި، ރުޅިއަރުވާލައި، މިހެން ހަދާކަމަށްވާނަމަ، މި އެކުވެރިކަމެއް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އެކުވެރިކަމާއި އުޚުއްވަތްތެރިކަމާ އެކީގައި ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވާތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ! އަޅުގަނޑުގެ އުންމީދަކީ، މިރަށަށް ހަލުވިކަމާ އެކީގައި ކުރިއެރުން އައުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަ ބަނދަރުވެސް ހަދާ ނިމޭނެ. އިރާދަކުރެއްވިއްޔާ، ތި މިސްކިތްވެސް އަޅާ ނިމޭނެ. އަދި އިންޖީނުގެވެސް މިހާރަށްވުރެ ރަނގަޅުކުރެވި، އިތުރު އިންޖީނެއް ހޯދި، މިހާރު ކަރަންޓް ނުލިބޭ ފަރާތްތަކަށް، ކަރަންޓް ލިބުމުގެ އިންތިޒާމްވެސް އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ހަމަޖެހިގެންދާނެ.

އާދެ! ހުރިހާ ކަމެއް އެއްފަހަރަކާ ނުވާނެ. އަޅުގަނޑުވެސް ބޭނުން، މިރަށުގެ ނަރުދަމާވެސް އަޅަން. އަޅުގަނޑު ބޭނުން، މިރަށުގެ ބޯފެނުގެ ނިޒާމެއްވެސް ހަމަޖައްސަން. އެހެން ނަމަވެސް، މިއަހަރަކު މިދެންނެވި ދެކަމެއް ނުވާނެ. މިއަހަރު ކުރަންޖެހޭ ކަމަކީ ބޯފެނުގެ ސަލާމަތްކަން ހޯދުން. މިހާރު ކޮންމެ އަހަރަކު މިރަށަށް އެބަޖެހޭ، އިމަރޖެންސީކޮށް ބޭރުން ފެން ގެންނަން. އެހެންވެގެން ނުވާނެ. އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ކަންތައްތައް އެބަހުރި. މިހާރު އިހަކަށްދުވަހަކު އަޅުގަނޑު ދިޔައީ، ރ. އަތޮޅަށް. ރ. އަތޮޅުގައިވެސް ދެރަށަކަށް ދެވުނު، ހަމަ މިގޮތަށް ފެން ގެންދަންޖެހޭ. އެކަމަކު ހަމަ ކުޑަކުޑަ ހިތްވަރަކާ އެކީގައި، އަޅުގަނޑުމެންނަށް އެކަމުން ސަލާމަތްވެވިދާނެ. ތިޔަ ވިދާޅުވީ، 60 ޓަނުގެ ފެން ގެނައި ވާހަކަ. 60 ޓަނުގެ އިތުރު ފެން، މިރަށުގައި ރައްކާކުރެވޭނެ ގޮތެއް ހަދަމާ ހިންގަވާ އަނެއްކާވެސް. އޭރުން އެއްކަލަ 60 ޓަނުގެ ފެން ނުގެނެސް ވާނެ.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިހެންހުރި ރަށްރަށަށް އިސްކަންދެއްވައިގެން، އަޅުގަނޑުމެން އެބަޖެހޭ، ކޮންމެވެސް ދިމާލަކުން އަނެއްކާވެސް އިތުރު ކަޅު ހަންތަކެއް ހޯދަން. ހޯދައިގެން ފެން ނެގޭނެ ގޮތެއް ހަދަން. އޭރުން އަޅުގަނޑުމެންނަށް ވަގުތީ ޙައްލެއް، އަޅުގަނޑުމެންނަށް މިރަށުގައި ޑީސެލިނޭޝަން ޕްލާންޓެއް ބަހައްޓައިގެން، ފެން އުފައްދައިގެން، ގޭގެއަށް ހޮޅިލައިގެން ފެން ފޮނުވައިދިނުމުގެ ކުރިންވެސް، މިކަން އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ. ފުރަތަމަ ކުރަންޖެހޭ ކަންތައް، ފުރަތަމަ ކުރަމާ ހިންގަވާ. އެހެންވީމާ، މިއަހަރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިންގަވާ، މިއަންނަ އަހަރު، ބޭރުން ފެން ގެންނަން ނުޖެހޭވަރު ކުރެވޭތޯ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އެދެން، ސަރުކާރުގެ ކަމާބެހޭ މުއައްސަސާގެ ފަރާތުން މިރަށާ އެކީގައި މަސައްކަތް ކުރައްވައި، އިތުރު ކަޅުހަން ގެންނަވައިގެން، ބޯފެން ނެގޭނެ ގޮތެއް ހައްދަވަން.

އާދެ! މިއީ ވަރަށް ހޫނުގަދަ ވަގުތެއް. އެހެންވީމާ، ދެން އަޅުގަނޑު އިތުރު ވަގުތެއް ނުނަގާނަން. އަޅުގަނޑުމެންނަށް އަދި ދާންހުރި އެހެން ބައެއް ރަށްރަށްވެސް ހުރުމާ އެކީގައި. އެހެން ނަމަވެސް، އަދިވެސް އެއްފަހަރު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރަށަށް އަޅުގަނޑަށް އާދެވުނީތީ. އަޅުގަނޑު އަހާގޮތުގައި، މިރަށުގެ ފަޅުތެރޭގައި އެބަހުރި، ވަރަށް އާޘާރީ ބައެއް ތަންތަންވެސް. އެތަންތަން ބަލައިލާހިތްވެސް އަޅުގަނޑުވެސްވޭ. އެހެންވީމާ، މިއަށްވުރެ ދިގު ދަތުރެއްގައި އައިސްގެން ނޫނިއްޔާ މޫދަށްއެރިލައި، މިތަންތަން ބަލައިލެވޭނެ ގޮތެއް ނުވާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށް މާލަސްތަކެއްނުވެ، އިރާދަކުރެއްވިއްޔާ، އެ ނަޞީބުވެސް ލިބޭނެ ކަމަށް. ރާއްޖޭގައެއް ނެތް، އަޅުގަނޑަކަށް އެނގިފައި އޮތް އެހެން ރަށެއް ނެތް، އެގޮތަށް މޫދުގައި، ރަށުގައި ބަޔަކު ދިރިއުޅުނު ކަމުގެ ނިޝާންތައް ހުރި ރަށެއް، މިނޫނިއްޔަކާއެއް. ދެން މިއީ ވަރަށް ޚާއްޞަ ކަމެއް. އެހެންވީމާ، މިތަންތަން ބަލަން ބޭރުގެ ޤައުމުތަކުންވެސް މީހުން އަންނަން ބޭނުންވާނެ. އަދި ހަމައެހެން، އަޅުގަނޑު އަހާފައިވާ ގޮތުގައި، މި ފަޅަކީ، މިއަތޮޅުގެ، މަކުނުދޫ އަތޮޅުގެ ފަޅަކީ މިއީ ޚާއްޞަކޮށް، ކަނޑުގެ މުއްސަނދިކަން ބޮޑު އަތޮޅެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ދެނެގެން، އެކަމުންވެސް ފައިދާއެއް ނެގޭނެގޮތެއް އެބަޖެހޭ ހޯދަން. އަޅުގަނޑުމެން ވަރަށް ސަމާލުވާންޖެހޭނެ، މިއަތޮޅުގެ ފަރުތަކަށް، ނޫނީވިއްޔާ ފަޅަށް އެކިގޮތްގޮތް ހަދާއިރުގައި. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ސަމާލުވެގެން، މިއަތޮޅުގައިވެސް ފަތުރުވެރިކަމުގެ މަސައްކަތް ފެށޭނެގޮތެއް ހަދައި، އަދި ރާއްޖެއިން ބޭރުން މިތަންތަން ބެލުމަށްޓަކައި މީހުން އަންނާނެ ގޮތެއް އަޅުގަނޑުމެން އެބަޖެހޭ އިންތިޒާމް ކުރަން. އެހެންވީމާ، އެކަމަށްޓަކައި ރަށު ކައުންސިލާ ގުޅިގެން އަޅުގަނޑުމެން އެމަސައްކަތް ކުރަމުން ގެންދާނަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރައްވައި އަދި ތިޔަބޭފުޅުން އުފާވެރިކަމާ އެކީގައި، ފާގަތި ދިރިއުޅުމެއް އުޅުއްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން.

 


والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________