2013 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ މިއީ ދައުލަތުގެ ފިސްކަލް ޕޮލިސީ ޒިންމާދާރު ގޮތެއްގައި އަދި ދެމެހެއްޓެނިވި އުޞޫލަކުން ހިފެހެއްޓުމާއި، ފިސްކަލް ކަންކަން ހިންގަނީ ޖަވާބުދާރީވަނިވި، ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގައި، މި ޤާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް ޢަމަލުކުރެވެން އޮތީ، ވަކި އުޞޫލުތަކެއް ނުވަތަ ނިޒާމްތަކެއް ތަޢާރުފްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެ މާއްދާއަށް ނުވަތަ މާއްދާތަކަކަށް ޢަމަލުކުރުން، މިޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް ފަސްކުރަން ކަނޑައެޅުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލިބިދީފައެވެ. އެހެންކަމުން، މި ޤާނޫނުގެ 10، 11، 12، 13، 14، 15، 16، 17، 18، 19، 20، 21، 22، 23، 24، 25، 26، 27، 28، 32، 33، 34 މި މާއްދާތަކަކީ ވަކި އުޞޫލުތަކެއް ނުވަތަ ނިޒާމްތަކެއް ތަޢާރުފްކޮށްގެން ހިންގެންހުރި މާއްދާތަކެއް ކަމަށްވާތީ، އެ މާއްދާތަކަށް ޢަމަލުކުރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް ފަސްކުރުމަށާއި، އެމާއްދާތަކަށް ޢަމަލުކުރަން ފަށާނެ ތާރީޚަކީ، 6 މެއި 2014 ކަމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، މި ޤާނޫނުގެ 39 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޤަރާރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނެރުއްވާފައެވެ.