بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި މިނިސްޓަރުން، ވަޑައިގެން ތިއްބެވި ދައުލަތުގެ އެކިއެކި އޮފީސް އޮފީހުގެ އެންމެހާ ވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން މި ފަށްޓާ ޕްރޮގްރާމަކީ މިއީ ވަރަށް މުހިންމު ޕްރޮގްރާމެއް. ދިވެހިރާއްޖޭގެ، މުޅި ރާއްޖޭގެ ތަރައްޤީ މިއަދު ބިނާވެފައިވަނީ ތެލުގެ މައްޗަށް. ރާއްޖެއަށް ލިބޭ އާމްދަނީގެ ވަރަށްބޮޑު ބައެއް މިހާރު ޚަރަދުކުރަނީ ތެލަށް. މިހާރު އަޅުގަނޑުމެން އެބަ ޚަރަދުކުރަން، ގާތްގަނޑަކަށް ހަތަރު ބިލިއަނާ ގާތަށް ރުފިޔާ، ކޮންމެ އަހަރަކު ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން ތެޔޮ އިމްޕޯޓުކުރަން. ސަރުކާރުން އެކަނި އެބަ ޚަރަދުކުރަން، ދުއިސައްތަ ވިހި މިލިއަން ޑޮލަރު، ތެޔޮ ގެންނަން. މި ތެޔޮ، ހަމަ އަގުގައި އަޅުގަނޑުމެންނަށް ނެތް ވިއްކޭކަށް. އަޅުގަނޑުމެންގެ ރައްޔިތުންގެ މާލީ ޙާލަތު ހުރިގޮތުން، ލިވިންގ ސްޓޭންޑަޑް ހުރިގޮތުން. އެހެންވީމާ، މިޖެހެނީ ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް ފައްސަތޭކަ މިލިއަން ރުފިޔާ، ކޮންމެ އަހަރަކު ތެލުގެ ސަބްސިޑީޒަށް ޚަރަދުކުރަން. މިއަކީ ދިވެހިރާއްޖެއަށް ކެތްކުރެވޭވަރުގެ ކަމެއް ނޫން. މާގިނަ ދުވަހަކު މިގޮތަކަށް އަޅުގަނޑުމެންނަކަށް ޚަރަދެއް ނުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަމާ ދޭތެރޭގައި ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން. އެގޮތުން ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، ދެންމެ އެވިދާޅުވި ދެކަމެއް އެބަ ކުރަންޖެހޭ. އެއްކަމަކީ ކަރަންޓް އުފެއްދުން، މިހާރަށްވުރެ އިޤްތިޞާދު ގޮތަކަށް އެކަން ކުރުން. އަގުހެޔޮގޮތަކަށް ކަރަންޓް އުފެއްދުން. މިހާރަށްވުރެ އަގުހެޔޮ ގޮތަކަށް ކަރަންޓް އުފެއްދޭނީ، ކަރަންޓުގެ އެހެން ވަސީލަތްތައް އަޅުގަނޑުމެން ހޯދައިގެން. ދިވެހިރާއްޖެއަކީ ހައިޑްރޯ އިލެކްޓްރިސިޓީ އުފެއްދެން ހުރި ތަނެއް ނޫން. ނިއުކްލިއަރ އެނަރޖީ ހެދޭ ތަނެއް ނޫން. އަޅުގަނޑުމެން ހަމަ ތެލުގެ މައްޗަށް ބުރަވެގެން މިތިބީ. ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ބޮޑަށް ލިބެންހުރި އެއްޗެއް، އިރުގެ އަވި. އަދި ހަމައެހެން، ވިންޑް އެނަރޖީވެސް ރާއްޖޭގައި ބޭނުންކުރެވިދާނެ. އަދި ކަނޑުގެ ކަރަންޓްވެސް ބޭނުންކުރެވިދާނެ. މިހެންހުރި ކަންތައްތައް އެބަހުރި. އެހެން ނަމަވެސް، މިހާތަނަށް އަދި ތަރައްޤީވެފައި، ކުރެވިފައި ހުރި ހަކަތައަށް ވިސްނާއިރުގައި، އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް ބޭނުންކުރެވެން އަންނަނީ އިރުގެ އަވި ބޭނުންކޮށްގެން.

އެހެންވީމާ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، މާލެ ހިމެނިގެން، އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އަވިން އުފެއްދުމުގެ މަޝްރޫޢު މިހާރު މިއޮތީ ފެށިފައި. ވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގެ ގިނަ ރަށްރަށުގައި އަވިން ކަރަންޓް އުފެއްދޭނެ. ސޯލަރ އެނަރޖީ ބޭނުންކުރެވޭނެ. ވިސްނާވަޑައިގަންނަވާ، މިހާރުހުރި ޓެކްނޯލޮޖީއިންވެސް ކުޑަ އަގެއްގައި އަޅުގަނޑުމެންނަށް ފޮޓޯ ވޯލްޓޭޖް ކޮންމެ ރަށެއްގައި ހަރުކުރެވުނަސް، ހަމައެކަނި ދުވާލުގެ ކަރަންޓް ފޮޓޯ ވޯލްޓޭޖް ބޭނުންކޮށްގެން، އިރުން ބޭނުންކުރި ކަމުގައިވީނަމަވެސް، ކަރަންޓްގެ ޚަރަދު، ދެބައިކުޅަ އެއްބައި ކަނޑާލެވޭނެ. ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑަށް ކަނޑާލެވޭނެ. ސޯލަރ އެނަރޖީގެވެސް އެންމެބޮޑު ޚަރަދެއް މި ކުރަންޖެހެނީ އޭގެ ސްޓޯރޭޖަށް، އޭގެ ބެޓެރީއަށް. އެހެންވީމާ، އެބައި އަދި ނުހިމެނި ކަމުގައިވިނަމަވެސް، ދުވާލުގެ ވަގުތުތަކުގައި އަޅުގަނޑުމެންނަށް ފޮޓޯ ވޯލްޓޭޖް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ރަށްރަށުގައި ދުވާލު ބޭނުންވާ ކަރަންޓް އުފެއްދިދާނެ. ވީމާ، މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖިއްޔާ، މިދައްކާ ބޮޑެތި ޢަދަދުތަކުގެ ދެބައިކުޅަ އެއްބައި އަޅުގަނޑުމެންނަށް ކަނޑާލެވިދާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ.

ދެން އަބަދުވެސް އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައެއް، ކަރަންޓުގެ ޚަރަދު ކުޑަކުރަން. ބޮކި ނިވާލަން، ނޫނީވިއްޔާ ހޮޅިބުރި ނިވާލަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެކަމަށް އާދަވެފައެއް ނޫން ހުންނަނީކީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނަށްވެސް އެވަރަކަށް އެކަންކަން ދަސްކޮށެއްނުދެވޭ. އެހެންވީމާ، ކަރަންޓް މިހުންނަނީ އަބަދުވެސް ޖައްސާފައި. އެއަރ ކޮންޑިޝަނަރ ޖައްސާފައި. ބޮކިތައް ދިއްލާފައި. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އެއީ އެހާ ފަސޭހަ ކަމެއް ނޫން. އެއާއެކީގައި އަޅުގަނޑުމެން ދެން އެޅެންހުރި އެހެން ފިޔަވަޅުތައްވެސް އަޅަން އެބަޖެހޭ. ވީމާ، މިއަދު މި ފެށްޓޭ ފަހިއަލި ޕްރޮގްރާމަކީ އެގޮތުން ކުރެވޭ ކަމެއް.

އަޅުގަނޑުމެން ފުރަތަމަވެސް ޗައިނާގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާންޖެހޭ. އެއީ މިހާބޮޑު އެހީއެއް، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ކޮށްދިނީތީ. އެހެންވީމާ، ޗައިނާ ސަރުކާރަށް، ޚާއްޞަކޮށް، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިހާރު ޗައިނާގެ ސަރުކާރުން އަޅުގަނޑުމެންނަށް މި ލިބުނު ހޮޅިބުރިތައް، އަޅުގަނޑުމެން މި ޤަޞްދުކުރީ، ސަރުކާރުގެ ހުރިހާ ޢިމާރާތްތަކެއްގައި ހަރުކުރަން. ދެލައްކަ ފަންސާސްހާސް ލައިޓްސް ލިބިއްޖެ. އެހެންވީމާ، ފުރަތަމަ އަޅުގަނޑުމެން މި ފަށަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަކު. އެގޮތުން މިއަދު ރައީސް އޮފީހުގައި މި ބޮކިތައް މި ބަދަލުކުރީ. ހަމަ އެގޮތަށް އަޅުގަނޑު އެދެން، ސަރުކާރުގެ ހުރިހާ އެހެން ވުޒާރާތަކެއްގައިވެސް އަދި ވުޒާރާތަކުގެ ދަށުގައި ހުރި އެހެން އޮފީސްތަކުގައިވެސް ހޮޅިބުރިތައް ބަދަލުކޮށްލެއްވުމަށް. މި ޕްރޮގްރާމަކީ މިއީ ހަމައެކަނި މާލެއަށް ނޫނީ ސަރުކާރަށް ކަނޑައެޅިފައި އޮތް ޕްރޮގްރާމެއް ނޫން. މިއީ، މިގޮތަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ބައިވެރިވެގެން، މިހާ ބޮޑު ސްކޭލެއްގައި ހިންގޭ އެންމެ ފުރަތަމަ އެއް ޕްރޮގްރާމް.

އެހެންވީމާ، މި ހޮޅިބުރިތައް، ލައިޓްސްތައް، އަތޮޅުތެރޭގައިވެސް ހަމަ ހުރިހާ ރަށަކަށް ލިބުމުގެ ފުރްޞަތު އެބައޮތް. އެކަމަށްޓަކައި މިނިސްޓްރީން ކަނޑައަޅުއްވާ ގަވާއިދެއްގެ މަތިން، ފުރަންޖެހޭ ފޯމެއް ފުރުއްވީމާ، އެ ލައިޓްސް ލިބިވަޑައިގަންނަވާ ގޮތަށް މިހިރީ. ދެން މީގެ ބައެއްގެ ގޮތުގައި، ސަރުކާރުގެ ޚަރަދުގައިވެސް ބަނދަރުމަތީ ލައިޓްސް ވަނީ ހޯދިފައި. އެހެންވީމާ، ބަނދަރުމަތީގައި ހުންނަ ހޮޅިބުރިތައްވެސް ލެޑް ލައިޓްސްއަށް ބަދަލުކޮށްލުމުގެ ޕްރޮގްރާމެއް މި ފެށުނީ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ލައިޓްސް ހަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްޗެއް ޚަރަދު ކުޑަކުރެވިގެންދާނެ. އެގޮތުން، ފައިސާއަށް ބަލާއިރުގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، އަހަރަކު ގާތްގަނޑަކަށް، މި ލައިޓްސްތައް ހަރުކުރުމުގެ ސަބަބުން ސަރުކާރުން ކުރާ ޚަރަދުގެ ތެރެއިން އަށްޑިހަ ފަސް މިލިއަން ރުފިޔާ ޚަރަދު ކުޑަވެގެންދާނެ، ކޮންމެ އަހަރަކު. މިއީ ވަރަށްބޮޑު އެއްޗެއް.

ހަމައެއާއެކީގައި، އަޅުގަނޑުމެން މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އަބަދު މިދައްކަނީ ހުރިހާ ތަނެއްގައި. އަޅުގަނޑުމެން ރާއްޖެ މިއީ އެންމެ ވަލްނަރަބްލް، ދުނިޔެއަށް އަންނަ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފަސޭހައިން އަސަރުކުރާ އެއް ޤައުމު. އެހެންވީމާ، ރާއްޖެއަށް އެބަޖެހޭ، ޚާއްޞަކޮށް، މިކަމުގައި އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްތަކެއް ކުރަން. ވީމާ، އަޅުގަނޑުމެންނަކީ ދުނިޔެ ތަޣައްޔަރު ކުރުމަށްޓަކައި މާގިނަ ޢަދަދެއްގެ ކާރބަންޑައިއޮކްސައިޑް ބޭރުކުރާ ބަޔަކަށް ނުވިކަމުގައިވިނަމަވެސް، އެއީ އަޅުގަނޑުމެންގެ އެބާވަތުގެ އިންޑަސްޓްރީތައް ނެތީމަ. އެހެން ނަމަވެސް، މިއަދު މިކުރެވޭ މަސައްކަތުންވެސް، ހަމައެކަނި މި ހޮޅިބުރިތައް އަޅުގަނޑުމެން ބޭނުންކުރީމަވެސް، އަޅުގަނޑުމެންނަށް އަހަރަކު 16 މިލިއަން ޓަނުގެ Co2 މަދުކުރެވޭނެ. މިއީވެސް އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް ވަރަށްބޮޑު ހިތްވަރެއް.

އެހެންވީމާ، މި މަސައްކަތް ތިޔަ ހުރިހާ ބޭފުޅުން ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި ހަމަ މިހެން، އަމިއްލަ ފަރާތްތަކުންވެސް، ޢާއިލާތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ކޮންމެ ގެއެއްގައިވެސް ބޭނުންކުރައްވާ ހޮޅިބުރިތަކަކީ އެއީ، ޚަރަދުކުޑަ ހޮޅިބުރިތަކެއް ކަމުގައި ހެއްދެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެން މިމަސައްކަތް ކޮށްދެއްވުމުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ވަކިން ޚާއްޞަކޮށް، މިނިސްޓަރ މިކަމުގައި ވަރަށް ހީވާގިކަމާއެކީ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

والســّلام عليــكم

___________________________