بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެ މާތް ނަބިއްޔާގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ކުޅުދުއްފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަތޮޅު ކައުންސިލްގެ މެންބަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިއީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވީފަހުން ތިޔަބޭފުޅުންނާ ބައްދަލުކުރާ ތިންވަނަ ދުވަސް. މިއަދަކީ އަޅުގަނޑު ފުރަތަމަ މި މަޤާމާ ޙަވާލުވުމަށްފަހުގައި، މިރަށަށް އައިތާ އެއްއަހަރު ފުރޭ ދުވަސް. އަޅުގަނޑު މިއަދު މިއައީ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ކުރަން ބުނެފައިވާ ކަންކަން، އަޅުގަނޑު ހިތްހަމަޖެހޭ ސްޕީޑްގައި ކުރިއަށް ނުދާތީ، އެވާހަކަ ދައްކާލަން.

ފުރަތަމަ އެކަމަކު، މިއަދު ވަރަށް ވިއްސާރަ ދުވަހެއް. މި ވިއްސާރައިގައި، ވާރޭގެ ތެރޭގައި، ވަރަށްގިނަ ބޭފުޅުން ތެމިގެން އަޅުގަނޑާ ބައްދަލުކުރައްވަން ބަނދަރުމައްޗަށް ނުކުމެވަޑައިގެން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެކަމުން ދޭހަވަނީ، ރަށުގެ ތަރައްޤީއަށްޓަކައި އުންމީދުތަކެއް ކުރައްވާ ވަރަށްގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވިކަން. ސަރުކާރު ހިންގުމާ މިއަދު ޙަވާލުވެގެން މިހިރީ އަޅުގަނޑު ކަމަށްވާތީ، އަޅުގަނޑު މިރަށަށް މިއައީ ތިޔަބޭފުޅުން ތިޔަކުރައްވާ އުންމީދުތަކުގައި ކޮންމެވެސްކަހަލަ ޙަޤީޤަތެއް ގެނެވޭތޯ މަސައްކަތް ކުރަން.

މިރަށުގެ ތަރައްޤީއަކީ އަޅުގަނޑުވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑު ބޭނުން، މިރަށަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް، ވީ އެންމެ ބާރުމިނެއްގައި ކުރިއަށް ގެންގޮސް ނިންމަން. އެހެން ނަމަވެސް، ކުރިމަތިވަމުންދާ ތަފާތު ދަތިތަކާހުރެ، ކަންކަންނުވެ ލަސްވަމުން އެބަދޭ. މިކަން މިހެންވާތީ އަޅުގަނޑު މިއަދު މިއައީ. އެބަޖެހޭ އަޅުގަނޑުމެން ކަންކަން ތަންކޮޅެއް ބާރަށް ކޮށް ނިންމަން. ޚާއްޞަކޮށް، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް މިއައީ، މިރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްނުދާތީ. އެނގިވަޑައިގަންނަވާނެ، އެންމެފަހުން އަޅުގަނޑު އައި ދުވަހު، މިރަށުގައި އަޅުގަނޑު އަމިއްލައަށް، މިރަށުގެ ބައެއް ބޭފުޅުންނާއި ސްކޫލް ކުދިންނާއެކީގައި ގާވެސް އެތުރިން. އެކަމަކު އެކަން އެއްގޮތަކަށްވެސް ކުރިއަށްދާގޮތެއްނުވޭ. މިހާރު އަނެއްކާ މިއޮތީ މަގުހަދަންވީ ގޮތާ ބެހޭގޮތުން ފާޑުކިޔާ ހިސާބަށް ގޮސްފައި.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ކޮންމެވެސް އެއްގޮތަކަށް ނިންމަން. އަޅުގަނޑު ބޭނުން، ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި، މި މަގު ހަދަން ފަށައިގެން ހުއްޓާނުލާ ކުރިއަށް ގެންދަން. އެކަން ކުރުމަށްޓަކައި މިރަށަށް ގެންނަންޖެހޭ ކޮންމެ ބަޔަކު ގެނެސްގެން، އަޅުގަނޑު ބޭނުން އެކަން ކުރަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ވަރަށް މާޔޫސްވެފައި ތިޔަ ތިއްބެވީ. ސަބަބަކީ މިވާހަކަ ދައްކާ ދައްކާ ދައްކާ އެއްގޮތަކަށްވެސް މިކަން ކުރިއަށް ދެވޭގޮތެއްނުވި. ތަފާތު ސަބަބުތަކަކާހުރެ. އެހެން ނަމަވެސް، މިހުރިހާ ކަމެއް އަޅުގަނޑުމެން އެބަޖެހޭ އެއްކައިރި ކުރަން. އެއްކައިރިކޮށްފައި މިކަން ކުރަން. އަޅުގަނޑުމެން އެންމެން ބުނާގޮތަކަށްވެސް ކަންތަކެއް ނުކުރެވޭނެ. ފަހަރަކު މީހަކު، ފަހަރަކު ގޮތަކަށް ގޮތް ކިއީމާ، އެފަހަރަކު އެމީހަކު އެބުނާ ގޮތަކަށް އެކަން ކުރަން އުޅުމުން ކަންކަން ނުވެ ހުންނާނީ. އެއްފަހަރު ބުނާނެ ގާ އަޅާށޭ. އަނެއްފަހަރު ބުނާނެ ތާރު އަޅާށޭ. ދެން ގާ އަޅަން ބުނާ މީހާ ބުނީމާ ގާ އަޅަން ފަށާފައި، ތާރު އަޅަން ބުނާ މީހާ ބުނީމާ ތާރު އަޅަން ފަށާފައި، މިގޮތަކަށް ކަންކަމެއް ނުކުރެވޭނެ. ކޮންމެވެސް ސާބިތުކަމަކާއެކީގައި އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރަން.

އެހެންވީމާ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރަން މިއައީ. އެކަމުގައި ތިޔަބޭފުޅުން ގޮތެއް ނިންމަވާ. މިހާރުން މިހާރަށް މިއަދު ދެން ގޮތެއް ނިންމަވައިދެއްވައި، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތެއް، ތާރު އަޅާންތޯ، ގާ އަޅާންތޯ. އަޅުގަނޑު މިހިރީ ބޮކިދަނޑިތަކުގެ ބަދަލުގައި އާ ބޮކިދަނޑިވެސް ހޯދަން. އެކަމަކު އެކަން އެބަޖެހޭ ކުރަން އެހެން ނޫންތޯ. ބޮކިދަނޑިއެއް ނުލިބިގެން، ނޫނީވިއްޔާ މަގުގެ މެދުގައި ހުރި ޕާޓިޝަން ނަގާނެތޯ، ނުނަގާނެތޯ؟ މިކަހަލަ ސުވާލުތަކަކާހެދި މިކަން ނުކުރެވިގެން މިހާރު ވަރަށްގިނަ ދުވަސްވެއްޖެ. ފުރަތަމަ މި މަގު ހަދަން ފަށަންވެގެން މީގެ ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފެށުނު. ފަށައިގެން ގެނައި ގާތައް އެއީ، މިތާނގައި އަޅާވަރުގެ ގާތަކެއް ނޫން. ވަރަށް ދެރަ ކޮލިޓީއެއްގެ ގާތަކެއް ގެނެއްސަ ހުރީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިޖެހުނީ އަނެއްކާ ބޭރުން ގާ ހައްދައިގެން ގާ ގެންނަން. އެގޮތަށް ގާ ހައްދައިގެން ގާ ގެނައީ. ގެނެސްގެން ގާ އަޅަން ފެށީ. އެހެން ނަމަވެސް، ދެން ރަށުގައި އެހެން ހުރިހާ މަގުތަކެއްގައި ތާރު އަޅާތީ، މި މަގުގައިވެސް ތާރު އަޅަން ފެނިވަޑައިގަންނަވައިގެން އެގޮތަށް އެކަން ބަދަލުކުރަންވެއްޖެ. އެހާ ހިސާބުން އަނެއްކާ ކޮންމެވެސް ބަޔަކު މިނިސްޓްރީގައިވެސް ދަންނަވައިފި، ތިމަންނަމެން ބޭނުމެއް ނޫނޭ ތާރު އަޅާކަށް، ތިމަންނަމެން ބޭނުންވަނީ ގާ އަޅާށޭ. ދެން މިކަހަލަ ވާހަކައެއްގައި ދެކޮޅަށް ކިރިކިރި ކިރިކިރި މިތިބެނީ. ތިޔަބޭފުޅުން ތިޔަ ތިއްބަވަނީ ހަމަ ވާރޭވެހިލާއިރަށް ކުޑަކުދިން ގޮވައިގެން ފެންގަނޑުގެ ތެރޭގައި ހިނގަން.

އެހެންވީމާ، އަޅުގަނޑުމެން ހިނގާ މިކަން ނިންމަމާ ކޮންމެވެސް ގޮތަކަށް. ތިޔަބޭފުޅުން އަޅުގަނޑު ކައިރީގައި މިހެން ހަދާށޭ ވިދާޅުވީމާ، ނިންމަވާ ގޮތަކަށް އަޅުގަނޑު އެކަން ކުރިއަށް ގެންދާނަން. މިހާރު މިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް، އެކަން ނުކުރެވޭކަމަށްވަންޏާ، އެހެން ބަޔަކާ ޙަވާލުކޮށްގެން ނަމަވެސް، އަޅުގަނޑު އެކަން ކުރާނަން. އަޅުގަނޑު މިއައީ ހަމައެކަނި މިކަމަށްޓަކައި މިފަހަރު. މިކަމާ އަޅުގަނޑުގެވެސް ބޮލަށް އުނދަގޫވެގެން، ކަންބޮޑުވެގެން އަޅުގަނޑު މިއައީ. އެހެންވީމާ، އަޅުގަނޑު ދުލެއްނުކުރާނަން. ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު މިކަން ކުރާނަން އިރާދަކުރެއްވިއްޔާ.

އެހެންވީމާ، އަޅުގަނޑުވެސް ދިގުކޮށް ވާހަކަ ދައްކާކަށް ނެތީމު މިއަދަކުއެއް. އަދި މިއަދު އެހެން ވާހަކައެއްވެސް ދައްކާކަށް އަޅުގަނޑު ބޭނުމެއްވެސް ނޫން. އަޅުގަނޑު ބޭނުންވަނީ، ހަމައެކަނި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވީމާ، އެހިސާބުން އެކަމާއިގެން ކުރިއަށްދާން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު.

والســّلام عليــكم ورحـمــة اللّـه وبـركاتـه