ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، ރައްޔިތުން ނިންމަވާ ގޮތަކަށް އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ތަފާތު ސަބަބުތަކާހުރެ ކުރިއަށްނުދާތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މިއަދު މެންދުރު ކުޅުދުއްފުށްޓަށް ވަޑައިގެން، ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިޔުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި، މިގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް، ވީ އެންމެ ބާރުމިނެއްގައި ކުރިއަށް ގެންދަވައި ނިންމަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަދި މިކަމުގައި ރައްޔިތުން ތިއްބެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގައި ކުރިމަތިވެފައި ހުރި ދަތިތައް އެއްކައިރިކޮށް، ވީހާވެސް އަވަހަކަށް މި މަސައްކަތް ފެށޭނެގޮތެއް ހައްދަވަން ބޭނުންފުޅުވާ ކަމާއި، މިކަމުގައި ޚިޔާލު ތަފާތުވެއްޖެނަމަ، އެންމެން ބުނާގޮތަކަށްވެސް ކަންތައްތަކެއް ނުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ފަހަރަކު މީހަކު ފަހަރަކު ގޮތަކަށް ކަންކުރަން ވާހަކަ ދައްކައި، އެގޮތަށް ކަންތައް ކުރަން އުޅުމުން، ކަންތައްތައް ހުންނާނީ ނުވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުން ނުވަތަ ގާއެޅުމާ ބެހޭގޮތުން ރައްޔިތުން ގޮތެއް ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް މިކަން ނުކުރެއްވޭ ކަމަށްވާނަމަ، އެހެން ބަޔަކާ ޙަވާލުކުރައްވައިގެން ނުވަތަ އެކަން ކުރުމަށްޓަކައި ކުޅުދުއްފުށްޓަށް ގެންނަވަންޖެހޭ ބަޔަކު ގެންނަވައިގެންވެސް، އެކަން ކުރައްވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.