بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވައިކަރަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޢިއްޒު، އެމް.ޓީ.ސީ.ސީ.ގެ ޗެއަރމަން ޢާޠިފާ ޝަކޫރު، އަތޮޅު ކައުންސިލްގެ މެންބަރުން އަދި މިރަށުގެ ރަށު އިދާރާގެ ހީވާގި އެސިސްޓެންޓް ޑިރެކްޓަރ ޖާދުﷲ.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުވެސް ހަމަ ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން މިރަށަށް މިއަދު އައުމާ އެކީގައި، މިރަށުގެވެސް ހަމަ ކުދިބޮޑު އެންމެހާ ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވީތީ. ޝުކުރިއްޔާ.

އާދެ! އަޅުގަނޑުވެސް ވަރަށް އުފާކުރަން، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމުގެ ގޮތުން، އަޅުގަނޑުވެސް މިރަށަށް މިއައީ. ރަށުގެ ބަނދަރު ހެދުމަކީ އެއީ، ރަށުގެ ތަރައްޤީއަށްޓަކައި އެންމެ މުހިންމު އެއްކަންތައް. އެގޮތުން، މިރަށުގައި ހެދިފައިވާ ބަނދަރު ވަރަށް ބޮޑަށް މިހާރު ހަލާކުވެފައި އޮތުމުގެ ސަބަބުން ސަރުކާރުގެ ފަރާތުން އަނެއްކާވެސް މި ބަނދަރު މި ހައްދަވައިދެއްވަނީ، ކުރިން އޮތް ވަރަށްވުރެ ބޮޑަށް، ވަރުގަދަކޮށް. އިރާދަކުރެއްވިއްޔާ، މިބަނދަރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިހާރު މި ފެށިގެންދާގޮތަށްގޮސް ނިމޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. މި ނިންމާއިރުގައި، މި ބަނދަރުގެ ދިގުމިނުގައި 900 ފޫޓް ހުންނާނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، މި ބަނދަރު އިރާދަކުރެއްވިއްޔާ ވެގެންދާނީ ފުރިހަމަ ބަނދަރަކަށް. ބޭރުތޮށީގައި ބޮޑުހިލަ ޖެހިފައި، މިހާރު ހަދާ އެންމެ ރަނގަޅު ބަނދަރުތަކުގެ ތެރެއިން ބަނދަރެއް ގޮތަށް މިކަން ކުރެވިގެންދާނީ.

އާދެ! އަޅުގަނޑަށް މިރަށަށް މިއާދެވުނީ ފުރަތަމަފަހަރު، މި މަޤާމާ ޙަވާލުވިފަހުން. އަޅުގަނޑަށް ފެނިގެން މިދަނީ، މިރަށަކީ ވަރަށް ރަށްވެހި ރައްޔިތެއް އުޅުއްވާ ރަށެއް ކަމަށް. އަދި ތަޢުލީމަށް ވަރަށް ލޯބިކުރައްވާ ރައްޔިތެއް އުޅުއްވާ ރަށެއް ކަމަށް. އެގޮތުން، އަޅުގަނޑު ޚާއްޞަކޮށް ފާހަގަކުރަން، މިރަށުގެ މަދްރަސާއިން މިދިޔަ އަހަރު އިމްތިޙާނުގައި ބައިވެރިވި ހުރިހާ ކުދިން، ވަރަށް ރަނގަޅަށް ފާސްވިކަން، އަޅުގަނޑު އުފަލާއެކީ ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު މިވަނީ އޭ ލެވެލްއަށް މަދްރަސާގައި ކިޔަވައިދިނުމުގެ މަސައްކަތް ފަށާގޮތަށް ހަމަޖެހިފައި. އަޅުގަނޑު ދެންމެގައި މިރަށުގެ މަދްރަސާއަށް ޒިޔާރަތްކޮށްފައި މިއައީ. އަޅުގަނޑަށް ފެނުނު ގޮތުގައި، މިއީ ވަރަށް ރަނގަޅު މަދްރަސާއެއް. މި މަދްރަސާގައި މަސައްކަތް ކޮށްދެއްވާ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްރިންސިޕަލާއި ޓީޗަރުން ވަރަށް ހީވާގިކަމާއެކީ މަސައްކަތް ކޮށްދެއްވާ ކަމުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ، މިދިޔަ އަހަރުގެ ޖީ.ސީ.އީ. އޯ ލެވެލްގެ އިމްތިޙާނުގައި. އަޅުގަނޑަކީވެސް ކިޔަވައިދޭން އުޅުނު މީހެއް. އެހެންވީމާ، ސްކޫލަކަށް ވަނީމަ، އަޅުގަނޑަށްވެސް އެނގޭނެ ބަލައިލީމަވެސް، މިއީ ކޮންކަހަލަ ސްކޫލެއްކަން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރަށުގެ ސްކޫލް ފެންވަރު ރަނގަޅުކޮށް، ރަނގަޅަށް ސްކޫލް ހިންގަމުން ގެންދާތީ. އާދެ! ނަމަވެސް، އެ ސްކޫލްގައި އަޅުގަނޑު އިންއިރުގައި އަޅުގަނޑަށްވެސް ފާހަގަކުރެވުނު، ހަމަ އިރުއިރުކޮޅާ ކަރަންޓް ކަނޑައިގެން އެބަދޭ. އެހެންވީމާ އެއީވެސް ވަރަށްބޮޑު ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ.

މިއަހަރު މިރަށުގެ އިންޖީނުގެ މިހާރަށްވުރެ ރަނގަޅު ކުރުމުގެ ޕްރޮގްރާމެއް ވަނީ ރޭވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އިންޖީނުގެ ރަނގަޅު ކުރުމުގެ މަސައްކަތްވެސް ފެށޭނެ. އަދި ހަމަ އެހެން، ސްކޫލްގައި 9 ކްލާސްރޫމްގެ 3 ބުރީގެ ޢިމާރާތެއް، ޢިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައި. މިހާރު އޭގެ ބިންގާ އެޅިފައިވަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި އެތާނގެ މަސައްކަތްވެސް ފެށޭނެ.

އާދެ! މިރަށަށް އަޅުގަނޑުމެން އައުމުން، ރަށުގެ ރައްޔިތުން، ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތް ގަބޫލުކުރައްވައި، އެކަމުގައި ތިޔަބޭފުޅުން ހުރި ޝައުޤުވެރިކަން ދެއްކެވުމަށްޓަކައި މިއަދު މިތަނަށް ނުކުމެވަޑައިގެން ތިއްބެވިކަން އަޅުގަނޑު ފާހަގަކުރަން. ސަރުކާރުގެ ފަރާތުން ވަރަށްބޮޑު ހޭދައެއް ކުރައްވައިގެން، މި ބަނދަރު މިހަދަނީ ތިޔަބޭފުޅުންނަށްޓަކައި. މިރަށުގެ ހުރިހާ ރައްޔިތުންނަށްޓަކައި. ވަކިބަޔަކު ދަތުރުކޮށް، ބަނދަރު ބޭނުންކޮށްފައި، އަނެއް ބަޔަކު ބަނދަރު ބޭނުންނުކުރާ ގޮތަކަށް ނޫން. ހަމަ ހުރިހާ ބޭފުޅުންވެސް، ކުދިބޮޑު އެންމެންވެސް ބަނދަރު ބޭނުންކުރައްވާ ގޮތަށް. އެހެންވީމާ، މިއަދަކީ، މިރަށުގެ ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި ދުވަހެއް. ﷲގެ ރަޙްމަތުން މިފަދަ ބޮޑު މަޝްރޫޢެއް ފެށިގެންދާ ދުވަސް. އަޅުގަނޑަށް އެހެން ނަމަވެސް، ފެނިގެން މިދަނީ، ރަށުގެ ރައްޔިތުން ރަށުގެ ކައުންސިލް ހިންގެވުމަށްޓަކައި އިންތިޚާބު ކުރައްވާފައި ތިއްބެވި ކައުންސިލްގެ އެއްވެސް ބޭފުޅަކު މި އިޙްތިފާލުގައި ބައިވެރިވެވަޑައިނުގަންނަވާ ތަން. މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއިން ދޭހަވަނީ އަޅުގަނޑުމެންގެ ތެރޭގައި އަދި މުޅިއަކުން ކަންކަން ހަމަޖެހިގެނެއް ނުދާކަން. މިއާ ޚިލާފަށް މިދަތުރުގައިވެސް އަޅުގަނޑަށް ފެނިގެންދިޔަ، ބައެއް އެހެން ރަށްރަށުގައި، ހަމަ ރީނދޫ ކުލައިގެ ޓައީ އަޅާލާފައި، އަޅުގަނޑާ އެކީގައި ކުރަންޖެހޭ ކަންކަމުގައި، ޖަލްސާތަކުގައި ބައިވެރިވެގެން، އެމް.ޑީ.ޕީ.ގެ ކައުންސިލަރުން މަސައްކަތް ކުރައްވަމުން ގެންދެވިތަން. އެހެން ނަމަވެސް، މިރަށުން އަޅުގަނޑަށް އެ މަންޒަރެއް ނޫން މި ފެނުނީކީ. އަޅުގަނޑަށް ލިބުނު މެސެޖަކީ، ރައީސުލްޖުމްހޫރިއްޔާ މިރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށްލަން ބޭނުމިއްޔާ، އެމް.ޑީ.ޕީ.ގެ ޖަގަހައަށް އަންނާށޭ. މިއީ ދެން އަޅުގަނޑު ކޮންމެހެން ޖަގަހައަށް ނުދާންވެގެނެއް ނޫން. އަޅުގަނޑަކީ ކުރިންވެސް އެމް.ޑީ.ޕީ.ގައިވެސް އުޅުނު މީހެއް. އެހެން ނަމަވެސް، މީގެ މައްސަލައަކީ މިހާރު ކައުންސިލަކީވެސް އެއީ ހަމަ ސަރުކާރުގެ މުއައްސަސާއެއް. ސަރުކާރުގެ ތެރޭގައި ހިމެނޭ، ސަރުކާރުގެ އެގްޒެކެޓިވް ބްރާންޗްގެ ތެރޭގައި ހިމެނޭ އިދާރާއެއް. އަދި ސަރުކާރުގެ ބަޖެޓުން މުސާރަ ދިނީމާ، މުސާރަ ނަގައިގެން ތިބޭ ބައެއް. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު މިރަށަށް އައިމާ، އެމީހުން ފިލާ ތިބުމަކީ އެއީ އަޅުގަނޑު ދަންނަވާނީ އެއީ އެމީހުންގެ މަސްއޫލިއްޔަތު ބޮލާލާ ޖެހުމޭ. އެހެންވީމާ، އެއީ ވަރަށްދެރަ ކަމެއް. އަޅުގަނޑު އުންމީދު ކުރަން، އަދި އަޅުގަނޑު ދުޢާވެސް ކުރާނަން، މިނޫން ވިސްނުމެއް އަޅުގަނޑުމެންގެ ޒުވާނުންނަށް ދެއްވާތޯ.

އަޅުގަނޑުމެންގެ މެދުގައި ސިޔާސީ ޕާޓީތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައި. ކުޑަކުޑަ ޤައުމެއް، ވަރަށް ކުޑަކުޑަ ޖަމާޢަތެއް މިވަނީ ވަރަށް ބޮޑަށް ބައިވެފައި. އެއް ޕާޓީއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބޭނުމެއްނުވޭ، އަނެއް ޕާޓީގެ މީހުން ކުރާ މަސައްކަތަކަށް ތާއީދުކުރާކަށް. އެ ވަރިހަމަ ޤައުމީ މަސައްކަތަކަށްވިޔަސް. އެ ވަރިހަމަ ހުރިހާ ރައްޔިތުންނަށް ފައިދާކުރާކަހަލަ ކަމެއް ކަމުގައިވީނަމަވެސް. ހަމަ އެއްވެސް ވިސްނުމެއްވެސްނެތި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވިޔަނުދިނުމަށްޓަކައި ހުރަސްއަޅައި، އެކަންކަން ލަސްކޮށް، އެކަންކަމުގައި ބައިވެރިނުވެ، މިހެން އެބަ ހަދާ. އަޅުގަނޑު ހިތަށްއަރާ، މިއީ ކޮންފަދަ ވިސްނުމެއްބާއޭ މިއުޅެނީ. މުޅި ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އެކިއެކި ސިޔާސީ ތަފާތުތަކާ ހެދިގެން އަޅުގަނޑުމެން ނުވާނެ، ކަންކަމުގައި ބައިވެރިނުވެ، ނޫނީ ކަންކަން ލަސްކުރަން މަސައްކަތް ކޮށްގެން. އެކަން އެގޮތަށް ކުރުމަކީ އެއީ ގޯހެއް. އަދި ސަރުކާރުގެ ވަޒީފާއެއްގައި ތިބެ އެކަން ކުރުމަކީ އެއީ ކުށެއް. އެހެންވީމާ، އެވަރު އެބަޖެހޭ ދަންނަން ހުރިހާ އެންމެންވެސް. ހަމައެކަނި ކައުންސިލަރުންނެއް ނޫން. އަޅުގަނޑުމެންނަށް މިތަން ފެނިގެން އެބަދޭ، ސަރުކާރުގެ އެހެން މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުންވެސް. އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުންވެސް. އެހެންވީމާ، އެކަން އެހެންވުމަކީ އެއީ، އަޅުގަނޑަކަށް ދެވޭ ގެއްލުމެއް ނޫން. އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް. އެކަން އެބޭފުޅުން ހަނދުމަފުޅު ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މީގެކުރިން، މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން، ސަރުކާރުގެ ފަރާތުން ބައެއް ރަށްރަށުގައި މަޝްރޫޢުތަކެއް ނުހިނގާ. ވަކިކަހަލަ ކައުންސިލެއް އޮތީމާ، ވަކި ޕާޓީއެއްގެ ކައުންސިލެއް އޮތީމާ، ނޫނީ ވަކި ޕާޓީއެއްގެ ކައުންސިލަކަށް ނުވާތީ، ބައެއް ރަށްރަށުގެ މަޝްރޫޢުތައް ހުރީ ދޫކޮށްލެވިފައި. އެއީކީވެސް އުޞޫލެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލައި، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތަސް، ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން، ވީހާވެސް ހަމަހަމަ ގޮތެއްގައި، އިންޞާފާ އެކީގައި، އެކަންކަން ކޮށްދިނުމަށް. އެއީ އެކަން ކުރަންޖެހޭނެ ގޮތަކީ. ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ލާރިން މުސާރަ ނަގައިގެން ތިބޭ މީސްމީހުން، ރައްޔިތުންނާ ދޭތެރޭގައި ކަންކަން ކުރަންޖެހޭނީ ހަމަހަމަކޮށް. އިންޞާފުވެރިކަމާއެކީ، ޢަދުލުވެރިކަމާއެކީ. އެމަންޒަރު އަޅުގަނޑުމެންނަށް އެބަ ފެންނަންޖެހޭ ހުރިހާ ދިމާއަކުންވެސް. އަޅުގަނޑު މިއުޅެނީ އެ ނަމޫނާ ދެއްކޭތޯ. އެހެން ނަމަވެސް، ނަމޫނާ ބަލަން ބޭނުންވާ ބަޔަކަށްތާ އެ ފެންނާނީ. ބައެއް ބޭފުޅުން އަޅުއްވައިގެން އުޅުއްވާ އައިނުގެ ކުލަ ތަފާތުވީމާ، އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވާ މަންޒަރެއް އަދިވެސް ހަމަ ނުފެނޭ. އަދިވެސް ހަމަ ހީފުޅުވާކަހަލަ، ހަމަ މިހާރުގެ ރައީސްވެސް މަސައްކަތް ކުރަނީ މި ހަމަ ވަކި ޕާޓީއަކަށޭ. ނޫނީ ތިމަންނަމެންނާ ދެކޮޅަށޭ. އެއީއެއް ނޫން ޙަޤީޤަތަކީ. އަޅުގަނޑު އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ބޭފުޅުންނާއެކީގައި، ހުރިހާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭތޯ.

އާދެ! މިހާތަނަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން މިގެންދިޔައީ، ކިތަންމެ ދަތީގައި ކަމުގައިވީނަމަވެސް، އެންމެ ފުރަތަމަ އަހަންމިއްޔަތުކަމެއް އަޅުގަނޑުމެން ދެމުން މިގެންދަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ އެކިއެކި ޚިދްމަތްތައް ބަރާބަރަށް ދެމުން ގެންދަން. އެގޮތުން، ޚާއްޞަކޮށް، ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި އަދި ހަމައެހެން، އެކިއެކި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޚާއްޞަ ޢިނާޔަތްތައްވެސް ބަރާބަރަށް ލިބިވަޑައިގަތުން، އަޅުގަނޑުމެންގެ ފުރަތަމަ ވާޖިބަކީ. ހަމައެއާއެކުގައި، ސަރުކާރުގެ ފަރާތުންދޭ އެކިއެކި ސަބްސިޑީޒް. އެއީ ކާޑުގެ ސަބްސިޑީޒް ކަމުގައިވީނަމަވެސް، ޞިއްޙަތުގެ ސަބްސިޑީޒް ކަމުގައިވީނަމަވެސް، ކަރަންޓްގެ ސަބްސިޑީޒް ކަމުގައިވީނަމަވެސް، އެކަންކަންވެސް އިރާދަކުރެއްވިއްޔާ ފުރިހަމަވަމުން މިދަނީ.

ވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަނެއްކާވެސް ހަމަ ޔަޤީންކޮށް އަރުވަން. ﷲ އިރާދަކުރެއްވިއްޔާ، މިދެންނެވި ކަންކަން ހަމަ ފުރިހަމައަށް އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަންޖެހޭ ޚިދްމަތްތައް އިރާދަކުރެއްވިއްޔާ، ހަމަ ބަރާބަރަށް ލިބިވަޑައިގަންނަވަމުންދާނެ. އެ ޔަޤީންކަން އަޅުގަނޑު އަދިވެސް އަރުވަން. އަދި މިރަށުގައި ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތަސް، މިރަށުގެ ރައްޔިތުންނަށްވެސް ލިބިދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް، ހަމަ ބަރާބަރަށް ލިބެމުންދާނެ. އަދި މިރަށުގައި ކުރަންޖެހޭ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ، ހަމަ ބަރާބަރަށް ހިނގަމުންދާނެ.

އާދެ! އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައިވެސް މިރަށުގެ ހުރިހާ ބޭފުޅުންވެސް، ރަށުގެ ތަރައްޤީއަށްޓަކައި، ކުރިއެކޭވެސް އެއްފަދައިން މިންނެތް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް، ބޮޑެތިވަމުން އަންނަ ޒުވާނުންނަށް ފުރިހަމަ ތަޢުލީމެއް ދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. މިރަށުގެ ޞިއްޙީ މަރްކަޒުވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މިހާރު ހިނގަމުންދަނީ. އެހެންވީމާ، އެވެސް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަދަށްވުރެ ފަހި މާދަމައެއް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރައްވައި، އުފާވެރިކަމާއެކީ، ފާގަތިކަމާއެކީ ދިރިއުޅުއްވުން. އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________