بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ނޭކުރެންދޫގެ ލޮބުވެތި ރައްޔިތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޢިއްޒު، ނޭކުރެންދޫ ކައުންސިލްގެ ރައީސް އަދި މިރަށުގެ އިސް ވެރިން، އަތޮޅު ކައުންސިލްގެ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑު ވަރަށް އުފާކުރާ ދުވަހެއް. ސަބަބަކީ އަޅުގަނޑަށް މިއިން ދުވަހަކުވެސް ނާދެވޭ ރަށަކަށް މިއާދެވުނީ. ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަޞީބު، މީގެކުރިން އަޅުގަނޑަކަށް ލިބިފައެއްނުވޭ. މި މަޤާމާ ޙަވާލުވިފަހުންވެސް އަޅުގަނޑަށް އާދެވޭ ފުރަތަމަފަހަރު. އެހެންވީމާ، ފުރަތަމަވެސް އަޅުގަނޑު މިރަށަށް އައުމުން، ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން، އަޅުގަނޑާއި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން.

އާދެ! މިދަތުރުގައި އަޅުގަނޑު އައުމުގެ އެންމެބޮޑު ބޭނުމަކީ، ތިޔަބޭފުޅުންނާ ބައްދަލުވުމުގެ އުފާ ލިބިގަތުން. އަދި ހަމައެޔާއެކު، މިރަށުގައި އަލަށް ހުކުރު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެށްޓުން. މިރަށަކީ ސާދަވަރަކަށް ސަތޭކަ މީހުން ދިރިއުޅެމުން އަންނަ ރަށެއް. ރަށުގައި ހުރި މިސްކިތް މިހާރު ވަރަށް ބޮޑަށް ކުޑަވެފައި ހުރީ. އަދި ކުރިން ހުރި މިސްކިތަކީ އެއީ، މިހާރު ނަމާދުކުރެވޭ ތަނެއްވެސް ނޫން. އެހެންވީމާ، މިރަށުގައި މިސްކިތެއް ޢިމާރާތް ކުރުމަށް މިއޮތީ ވަރަށް ބޮޑަށް މަޖުބޫރުވެފައި. އަޅުގަނޑުމެން ވަރަށް ނަޞީބު ރަނގަޅު. އިރާދަކުރެއްވީތީ، ސަޢޫދީޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ދެއްވާ އެހީގެ ތެރެއިން މިރަށުގައި ހުކުރު މިސްކިތް ޢިމާރާތް ކުރެވޭނެގޮތް މިއޮތީ ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު މި ހުކުރު މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އަޅުގަނޑަށް ބައިވެރިވެވުނީތީ.

އާދެ! މިރަށަކީ ބިންބޮޑު، ވަރަށްދިގު މަގުތަކުގައި ހިނގަންޖެހޭ ރަށެއް. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިރަށުގެ އާބާދީވެސް ފުދޭވަރަކަށް މިއޮތީ ބޮޑުވެ، ގެތައްވެސް، ގެދޮރުތައްވެސް މިހުރީފެތުރިފައި. އެހެންވީމާ، މިރަށުގައި އަޅުގަނޑުމެން އެބަޖެހޭ، ޢުމްރާނީ ގޮތުން އިތުރު މަސައްކަތްތައް ކުރާން. އެގޮތުން، މިރަށުގައިވެސް ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމަށް މިވަނީ ޖެހިފައި. އަދި އެހެނިހެން ކަންތައްވެސް ކުރަން ޖެހިފައި. ބޯފެނުގެ ނިޒާމެއްވެސް ޤާއިމްކުރަން ޖެހިފައި. މިރަށުގެވެސް ބައެއް ތަންތާނގައި މިހާރު ފެން ގޯސްވަމުން އަންނަ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، މިދެންނެވި ކަންތައްވެސް ކޮށް ނިމޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މިހާރު މިރަށުގެ ރައްޔިތުން ވަރަށްބޮޑު މަސައްކަތަކަށް، ސަރުކާރާއެކީގައި އެއްބާރުލުން ދެއްވައި، އެކަމަށް ތައްޔާރުވެ ތިއްބެވިކަން އަޅުގަނޑަށް އެނގޭ. އެކަމަކީ އެއީ، މިރަށުގައި ޕެނިޓެންޝަރީއެއް ޢިމާރާތްކުރުން. މިހާރު އެކަމަށްޓަކައި ބިންވަނީ ފާހަގަކުރެވި، އެތަން ކަނޑައެޅިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މި ޖަލު ޢިމާރާތް ކުރުމުގެ މަސައްކަތް ފަށްޓާނަން.

އާދެ! މިރަށަކީ ވަރަށްގިނަ ކަންތައް ކުރަންޖެހޭ ރަށެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޢުމްރާނީ ގޮތުން، ތަރައްޤީގެ ގޮތުން މާބޮޑެތި ކަންތައްތަކެއް މިރަށަކު ނެތް ކުރެވިފައެއް. ތިޔަބޭފުޅުންގެ ހިތްވަރާއި މިންނަތުން ގޭގެ ޢިމާރާތް ކުރައްވައި، ތިޔަބޭފުޅުންނަށް ކުރެއްވުނު މަސައްކަތެއްވަނީ ކުރައްވާފައި. މިރަށުގައި ހިނގާލީމާ، އެކަން އަޅުގަނޑަށް އެބަ އެނގޭ. މިރަށަކީ މިއީ ރަށްވެހިކަމަށް ލޯބިކުރާ ރަށެއްކަން އަޅުގަނޑަށް އެނގޭ. ސަބަބަކީ ރަށުގެ މަގުތައް ސީދާކޮށް ހެދިފައި ހުރުމާއި، ރަށުގައި ކޮންމެހެން ޢިމާރާތް ކުރަންޖެހޭ ތަންތަނުގެ ތެރެއިން ޤަބުރުސްތާނުގެ ފާރުލުމާއި، އަމިއްލައަށް މިސްކިތް ހެދުމާ، މިހެންގޮސް ކުރަންޖެހޭ ކަންކަން ކުރައްވާފައި ހުރިކަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑަށް އެބަދެވޭ ވަރަށްގިނަ ރަށްރަށަށް. މިސާލަކަށް، ޤަބުރުސްތާނުގައި ހަމަ ފާރެއްވެސް ނެތް ރަށްރަށަށް. އެހެންވީމާ، މިއިން ދޭހަވަނީ، މިރަށުގެ ރައްޔިތުން، ރަށް ތަރައްޤީ ކުރުމަށްޓަކައި އަމިއްލައަށް އެބޭފުޅުންނަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާފައިވާކަން.

ދެން މިހާތަނަށް ކަންތައް އޮތްގޮތުން، މިރަށްރަށަކީ މާބޮޑު މުއްސަނދިކަމެއް ހުރި ރަށްރަށެއް ނޫން. އެހެންވީމާ، އެ ބަޔަކަށްވާވަރަކުން އެބަޔަކަށް ކަންތައް ކުރެވޭނީ. މިހާރުވެސް ޚާއްޞަކޮށް، މިރަށުގެ އަންހެން ބޭފުޅުން ހަމަ ވަރަށް ބޮޑެތި މަސައްކަތްތައް ކުރައްވަމުން އެބަގެންދަވާ. އޭގެތެރޭގައި، ފަންގިވިނުމުގެ މަސައްކަތް ޚާއްޞަކޮށް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުރައްވަމުން ގެންދަވާ. އެއިން ފުދޭވަރެއްގެ އާމްދަނީއެއް ހޯއްދެވުމަށްޓަކައި ގެންދަވަނީ މަސައްކަތް ކުރައްވަމުން. އެކަމަށްޓަކައި އެ ކުޑަކުޑަކުދިން އެ ބުނިހެން އެއީ ހަމަ އަޅުގަނޑުމެން އަތްތިލަބަޑި ޖަހާލާވަރުގެ ކަމެއް.

އާދެ! ރަށުގެ ތަޢުލީމީ ކަންކަންވެސް ހުރީ ރަނގަޅުކުރަން ޖެހިފައި. މިރަށްރަށަކީވެސް މިއީ ތަންކޮޅެއް ދުރުގައި ހުންނަ ރަށްރަށް. ކުޅުދުއްފުށިންވެސް އަޅުގަނޑަށް ހީވަނީ މިރަށަށް އަންނަން ގާތްގަނޑަކަށް ގަޑިއެއްހާއިރު އެބަ ނަގާހެން. އެހެންވީމާ، މިރަށުގައި އެބަޖެހޭ، ތަޢުލީމީ ކަންކަންވެސް މިހާރަށްވުރެ ރަނގަޅުކުރަން. ދެން އެކަމަށްޓަކައި ޢިމާރާތް ކުރަން ފެށިފައި ހުރި ޢިމާރާތެއް އެބަހުރޭ ކުރިއަށް ނުގޮސް. އެތަނަކީ އެއީ، ލީބިޔާ ސަރުކާރުގެ ފަރާތުން ފެށްޓި މަސައްކަތެއް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، ލީބިޔާއަށް މިހާރު ވަރަށްބޮޑު އިންޤިލާބެއް އައިސް، އެތާނގެ ސަރުކާރު ބަދަލުވެ، އެމީހުންވެސް ކުރަންހުރި ކަންތައްތައް އެހެރީ ހުއްޓިފައި. ދެން އެމީހުން އެކަން ހުއްޓީމާ، އަޅުގަނޑުމެންވެސް މިތިބެނީ އެކަން ހުއްޓައިގެން. މިއީކީ އަދި އެކަންވާންޖެހޭ ގޮތެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޮންމެ ބައެއްގެ އެހީގައި ފެށިޔަސް، މަސައްކަތެއް ފަށައިގެން ކުރިއަށް ވަކިހިސާބަކަށް ދިޔުމަށްފަހުގައި، ދެން އެތަން ދޫކޮށްލާފައި ބަހައްޓައިގެން ނުވާނެ. އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫޢުތައްޖެހޭ އަޅުގަނޑުމެން ނިންމަން. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ، ކޮންމެވެސް ގޮތަކުން، ލީބިޔާ ސަރުކާރުގެ ފަރާތުން މިހާރު އެހީދީގެން ޢިމާރާތް ކުރަން ފަށާފައި، ނުނިމިހުރި ކްލާސްރޫމްތައް އެބަހުރި ވަރަށްގިނަ ރަށްރަށުގައި. އެހެންވީމާ، އެތަންތަން އިރާދަކުރެއްވިއްޔާ ނިންމޭތޯ އަޅުގަނޑު އާ ހިތްވަރަކާއެކީ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ހަމައެހެން، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ޚިދްމަތްތަކަކީ ތަޢުލީމާއި ޞިއްޙަތު. ޞިއްޙަތުގެ ކަންތައްވެސް މިއީ ހަމަ ކޮންމެ ރަށަކަށްދާއިރުގައިވެސް މި ހުންނަނީ އިތުރަށް ރަނގަޅުކުރަން ޖެހިފައި. މިރަށުގައިވެސް ޞިއްޙީ މަރްކަޒުގައި ޓެސްޓް ހެދެންހުރޭ. އެހެންނަމަވެސް، ޓެސްޓް ހަދާނެ މީހަކު ނެތް. އިއްޔެ އަޅުގަނޑުދިޔަ ރަށުގައިވެސް ޓެސްޓް ހެދެންހުރޭ. އެކަމަކު ހަދާނެ މީހަކު ނެތް. އެހެންވީމާ، މިހެންވެގެން ކަމަކުނުދާނެ. މީސްމީހުން ޗުއްޓީގައިވެސް ދާނެކަން އަޅުގަނޑުމެންނަށް އެނގެންޖެހޭ. އެހެންވީމާ، ޗުއްޓީގައިދާއިރުގައި މަސައްކަތް ހުއްޓިފައި ހުރެގެން ނުވާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަނެއްކާވެސް މިރަށަށް ލެބް ޓެކްނީޝަނެއްވެސް ހޯދުމަށްޓަކައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށް ލިބުނު ފުރަތަމަ ފުރްޞަތު މިއީ. އެހެންވީމާ، އަޅުގަނޑު ކުޑަކޮށް އެއްޗެއް ދަންނަވާލަން ބޭނުން. އެއީ އަޅުގަނޑު މިހާރު މިހިރަ މަޤާމާ އަޅުގަނޑު ޙަވާލުވީ ތިޔަބޭފުޅުން އަޅުގަނޑު މި ރާއްޖޭގެ ނައިބު ރައީސަކަށް އިންތިޚާބު ކުރެއްވީތީ. އަޅުގަނޑު އެ މަޤާމުގައި ހުރީމާ، اللّـه سبحـانـه وتعـالى ރާއްޖޭގެ ސިޔާސީ ކަންކަން މިންވަރުކުރެއްވި ކުރެއްވުމުގެ ތެރޭގައި، އަޅުގަނޑަށް މި މަޤާމާ ޙަވާލުވުމުގެ ވާޖިބު އަދާކުރަން މިޖެހުނީ. އަޅުގަނޑު މި މަޤާމާ ޙަވާލުވީ ވަރަށްދަތި، ވަރަށް އުނދަގޫ ދުވަސްވަރެއްގައި. ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރޭގައި ވަރަށްބޮޑު ހަމަނުޖެހުން އުފެދިފައި އޮތް ވަގުތެއްގައި. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، މި ޤައުމު ހަމަޖެހުމަކަށް ގެނެސް، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ރައްޔިތުންނަށް ހަމަނޭވާލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީ އެއީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް. އެގޮތުން، އަޅުގަނޑު މަސައްކަތްކުރީ، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖެއަށް ހަމަޖެހުން ގެނެސް، ތިޔަބޭފުޅުންނާއި، ތިޔަބޭފުޅުންގެ ދަރިން، ކުރަންޖެހޭ މަސައްކަތް ކުރެވޭނޭ ޞުލްޙައާއި މަޞްލަޙަތު ޤާއިމްކުރުން. ތިޔަބޭފުޅުންނަށް މަހަށް ވަޑައިގެންނެވޭނެގޮތްވުން. ރިޒޯޓްތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް ރިޒޯޓްތަކުގައި މަސައްކަތް ކުރެވޭނެގޮތްވުން. ސްކޫލްތައް ހުޅުވިފައި ހުރުން. ހޮސްޕިޓަލްތައް ހުޅުވިފައި ހުރުން. އެއަރޕޯޓަށް އައިސް ފުރާ މީހުންނަށް، އެކަން ކުރެވޭނެގޮތްވުން. އެހެން އެކަން އޮތީމާ، އަޅުގަނޑުމެންނަށް މިއަދު ހަމަޖެހިލައިގެން މިއުޅެވެނީ. ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބިދެނީ ފަތުރުވެރިކަމުން. ރާއްޖެއަށް އަންނަ ބިދޭސީ މެހްމާނުންގެ ފަރާތުން ލިބޭ އެއްޗަކުން ރާއްޖޭގެ ޚަރަދުތަކުގެ ބޮޑުބައެއް މި ހަމަޖައްސަންޖެހެނީ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކެނޑިނޭޅި ބަޔަކު އެބަ މަސައްކަތް ކުރަމުންދޭ، ރާއްޖެއަށް އަންނަ ފަތުރުވެރިން އަޔަނުދިނުމަށްޓަކައި. އެމީހުން ބިރުގަންނަވާލައި، އެމީހުން މިތަނަށް ފައްސާލުމަށްޓަކައި މަސައްކަތްކުރާ ބަޔަކު އެބައުޅޭ. ނަމަވެސް، ތިޔަބޭފުޅުންގެ ޒުވާން ދަރިންތައް މިއަދު މަސައްކަތް ކުރަމުން ގެންދަން އޮތް އެންމެބޮޑު އެއް ޞިނާޢަތަކީ ފަތުރުވެރިކަން. ފަތުރުވެރިކަމުގެ މަސައްކަތުގައި، އެކިއެކި ރިޒޯޓްތަކުގައި އުޅުއްވާ ބޭފުޅުން، އަޅުގަނޑަށް ހީވަނީ މިރަށުގައިވެސް މަދެއް ނުވާނެހެން.

އެހެންވީމާ، ފަތުރުވެރިކަން ހަލާކުކޮށްލުމަށްޓަކައި އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ. އެމަސައްކަތްކުރާ ބަޔަކީ އެއީ ރަނގަޅު ނިޔަތެއްގައި، ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތްކުރާ ބައެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުބެލެވޭނެ. ކޮންމެ ޤައުމެއްގައިވެސް މައްސަލަތައް ހުންނާނެ. މައްސަލަތައް، ސިޔާސީގޮތުން ހުންނަ މައްސަލަތައް، އިޖްތިމާޢީ ގޮތުން ހުންނަ މައްސަލަތައް، މިބާވަތުގެ ކަންކަން ނެތް ޤައުމެއް ނޯވޭ. ކިތަންމެ ބޮޑަށް ތަރައްޤީވެފައި އޮތް ޤައުމެއް ކަމުގައިވީނަމަވެސް، މިދެންނެވި ބާވަތުގެ ކަންކަން ހުންނާނެ. އަޅުގަނޑުމެން ރެޔާދުވާލު މަސައްކަތް ކުރަމުން މިގެންދަނީ، މިކަންކަން ރަނގަޅު ކުރެވޭތޯ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައިވެސް ހުރި، އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަންކަމަކީ، ވަރަށްގޯސް ކަންކަމަށް ހަދައިގެން، ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަޟީޙަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރުމަކީ އެއީ ރާއްޖޭގެ ތަރައްޤީއަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ހަމަގައިމުވެސް ގަބޫލެއް ނުކުރަން.

އަޅުގަނޑުމެން ފުރަތަމަ ދަންނަންޖެހެނީ، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން. ކޮންމެ ރަށެއްގައި އަޅުގަނޑުމެން އުޅުނަސް، ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރިޔަސް، ކޮންމެ ޕާޓީއެއްގައި އަޅުގަނޑުމެން ތިއްބަސް، އަޅުގަނޑުމެންނަކީ ފުރަތަމަ އެއްބަނޑުއެއްބަފާ ބައެއްކަން. އަޅުގަނޑުމެންނަކީ މުސްލިމުންކަން. މުސްލިމުންގެ ގޮތުގައިވެސް އަޅުގަނޑުމެންނަކީ އަޚުންނާއި އުޚުތުންކަން. މިކަން އަޅުގަނޑުމެން ކުޑައިރުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެ. މިކަން ހަނދާންނައްތާލައި، އަޅުގަނޑުމެންގެ ޢާއިލާތަކާއި އަޅުގަނޑުމެންގެ ރަށްތަކުގައި ދެކޮޅުވެރިކަން ފަތުރަން ބަޔަކު މަސައްކަތް ކުރުމަކީ އެއީ، އެއްގޮތަކަށްވެސް ކުރާވަރު ކަމެއް ނޫން. އަޅުގަނޑަށް އެނގޭ، ހަމަ ގިނަ ރަށްރަށުގައި މިހާރު ހަމަ އެބަހުރި ޢާއިލާތައް، އެ ޢާއިލާގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ދައްކާލާވެސް ނޫޅެވޭވަރުގެ ދެކޮޅުވެރިކަމާއި ފިތުނަފަސާދަ އުފެދިފައި ހުރި ތަންތަން. އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ފިތުނަފަސާދަ އުފެއްދުމަކީ އެއީ، މުސްލިމުންނަށް ޙަރާމް ކުރައްވާފައިވާ ކަމެއް. އެއީ ޤައުމީ ނަޒަރަކުން ބަލާއިރުގައިވެސް، ޤައުމު ބައިބައިވެ ކުދިކުދިވެދާނެ ކަމެއް. އެހެންވީމާ، މިބާވަތުގެ ކަންކަމަށް ހިތްވަރު ނުދެއްވުމަކީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ބޭފުޅުންގެ އަރިހުންވެސް އެދޭ ކަމެއް.

އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިންގަވާ. އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައިވެސް ހަމަނުޖެހުމެއް އޮތްކަމަށްވާނަމަ، އެކަމެއް ހަމަޖެއްސޭތޯ. އަޅުގަނޑުމެންނަށް ވާހަކަ ނުދެއްކޭ މީހަކު ހުރިކަމަށްވަންޏާ، އެމީހަކާ ވާހަކަ ދެއްކޭތޯ ބަލަމާ ހިންގަވާ. އެކަމަށްޓަކައި ކުޑަ ހިތްވަރެއް، އަޅުގަނޑުމެން އެންމެންވެސް އެބަ ލާންޖެހޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މި މަސައްކަތް ކުރަނީ ވަރަށްގިނަ ތަފާތު ފިކުރުގެ، ތަފާތު ޕާޓީތަކާ އެކީގައި. އެކަން އެގޮތަށް ކުރަންޖެހެނީ ޤައުމުގެ މަޞްލަޙަތަށްޓަކައި. އެކަން ކުރަންވާގޮތް އެއީ. އަޅުގަނޑު މި މަޤާމުގައި ހުންނަ މީހަކަށް ވާޖިބު، މިދެންނެވި ގޮތަށް މަސައްކަތް ކުރަން.


ކުރިއަށް މިއޮތީ އަނެއްކާވެސް އިންތިޚާބު. މިދެންނެވި ގޮތަށް އަޅުގަނޑު މަސައްކަތް ކުރަންހުރި ކަމުގައިވިނަމަވެސް، އެނޫން ވިސްނުން ހުރި ބޭފުޅުންވެސް ތިއްބަވާނެ. އެހެންވީމާ، އަނެއްކާވެސް ކުރިއަށް އޮތް ދުވަސްވަރަކީ، ކޮންމެވެސްވަރެއްގެ ހަލަބޮލިކަމެއް އަންނާނެ ދުވަސްވަރަކަށްވުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ މިހާރުއްސުރެ ދުރާލާ ވިސްނަން. އެގޮތަށް އެކަންވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން. އަޅުގަނޑު އުންމީދު ކުރަން، މިރަށުގައިވެސް ތަފާތު ސިޔާސީ ޕާޓީތައް އޮތް ކަމުގައިވީނަމަވެސް، ހުރިހާ ބޭފުޅުންވެސް އެއްބަޔަކު އަނެއް ބަޔަކާ ވާހަކަފުޅު ދައްކަވައި، ޞުލްޙަވެރިކަމާއެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވުމަށް. އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ނުދައްކާ ތިބޭ ބަޔަކު ތިބޭ ކަމަށްވާނަމަ، އެމީހުން ގެންނަވައިގެން އެމީހުންނަށް ނަޞޭޙަތް ދެއްވާ. މިރަށުގައިވެސް އެބަ ތިއްބެވި، މިރަށަށްޓަކައި ލައްކަ ގިނަ ޒަމާންވަންދެން މަސައްކަތް ކުރެއްވި، ކުރީގެ ވެރިންނާއި އިސްބޭފުޅުން. ތިޔަބޭފުޅުން މިއަދު އެބަޖެހޭ މި މަސައްކަތް ކޮށްދެއްވަން. ޒުވާނުންނަށް ނަޞޭޙަތް ދެއްވަން އެބަޖެހޭ. ޒުވާނުންނަކީ އެކީގައި އުޅެވޭ ބައެއް ކަމުގައިވޭތޯ އަޅުގަނޑުމެން އެބަ ބަލަންޖެހޭ.

ވީމާ، އަޅުގަނޑު އުންމީދު ކުރަން، ﷲ އިރާދަކުރެއްވިއްޔާ، މިރަށަކީވެސް ހަމަ ވަރަށް ޞުލްޙަވެރިކަމާއެކީގައި، ތަރައްޤީގެ މަގުގައި ކުރިއަށްދާނެ ރަށަކަށްވާނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް، މިވޭތުވެދިޔަ ހަމަ ދޮޅުއަހަރު ފަދައިން، ހުރިހާ އެންމެންގެ މަޞްލަޙަތަށްޓަކައި، އެންމެންގެ ތަރައްޤީއަށްޓަކައި، ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއި، ހަމަހަމަކަމާއެކީގައި، ހުރިހާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، ސަރުކާރު ދެމިއޮތުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރައްވައި، ތިޔަބޭފުޅުންނަކީ ހިތްފަސޭހަކަމާއި އުފާވެރި ކަމުގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________