بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ސިވިލް ސަރވިސްގެ ހީވާގި މުވައްޒަފުން އަދި ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސިވިލް ސަރވިސް ކޮމިޝަންގެ ކޮމިޝަނަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިހާ އުހުގައި، މިހާ ދުރުގައި ތިޔަބޭފުޅުންނާ ހުންނަން ޖެހުމަކީ އަޅުގަނޑު ކުޑަކޮށް މިރޭ ހިތާމަކުރާ ކަމެއް. އަޅުގަނޑު ހިތަށްއަރާ، މިހާ ދުރުގައި ނުތިބެވާނެގޮތެއްވާނެނަމައޭ. ދެން އަޅުގަނޑު ހިތަށްއެރި، ފަހަރެއްގައި ބެޑްމިންޓަން ކުޅުއްވާ ބޭފުޅުންވީމަ، ނޫނީ ނުކުޅައްވާ ބޭފުޅުންވީމާ، ކޯޓަށް އަރާވަޑައިގަންނަވަން ބޭނުންފުޅުނުވަނީއޭވެސް. ތަންކޮޅެއް ދުރުހެން އަޅުގަނޑަށް ހީވަނީ، ތިޔަ ތިއްބެވިލެއް. Thank you

ދެން އޮތް ކަންތައް ކުރަން އަޅުގަނޑު ޖެހޭނީ މިތަނުން ފައިބަން. އެކަމަކު މައިކެއް ނެތީމާ އަޅުގަނޑަށް މަޢާފް ކުރެއްވުން އެދެން.

އާދެ! ބައްދަލުވުމަށް ވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށާއި، ސިވިލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީންނަށާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ސިވިލް ސަރވިސް ދުވަހުގެ މުނާސަބަތުގައި އަދި ހަމަ އެހެން، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. ހަމައެއާއެކު، ރާއްޖޭގެ ހުރިހާ މަސައްކަތްތެރިން، މި ޤައުމުގެ ސަލާމަތާއި، ހަމަޖެހުމާއި، ތަރައްޤީއަށްޓަކައި ތިޔަކޮށްދެއްވާ ބުރަ މަސައްކަތަށްޓަކައި، ތިޔަ ހުރިހާ މަސައްކަތްތެރިންނާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންނާ މިރޭ ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މި ފުރްޞަތު އަޅުގަނޑަށް ތަނަވަސްކޮށްދެއްވީތީ، ސިވިލް ސަރވިސް ކޮމިޝަންގެ ހީވާގި މެންބަރުންނަށާއި، ޕަރމަނަންޓް ސެކްރެޓަރީން ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ޝުކުރުވެރިވަން.

އާދެ! ސިވިލް ސަރވިސް މުވައްޒަފުންނަކީ، ސަރުކާރު ހިންގުމުގައި، އެންމެ މުހިންމު ދައުރު އަދާކުރައްވާ ބޭފުޅުން. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ޟަރޫރީ ޚިދްމަތްތައް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން. ދެންމެ ޑޮކްޓަރ ޢަބްދުﷲ ނަޞީރު ވިދާޅުވިފަދައިން، ސިވިލް ސަރވިސްއަކީ ސަރުކާރު ހިންގާ އިންޖީނު. ސަރުކާރުން ވަކި މިޞްރާބަކަށް ދިޔުމަށް ކަނޑައެޅުމާ ގުޅިގެން، ހަލުވިކަމާއި އަދި ބާރު ދުވެއްޔެއްގައި ސަރުކާރު ހިންގަވާ ބޭފުޅުންނަކީ ތިއީ. ވީމާ، މި ބުރަ މަސްއޫލިއްޔަތު ތިޔަބޭފުޅުން އަދާކޮށްދެއްވާ ކަމަށްޓަކައި ދިވެހި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! މިރޭ ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ އެންމެބޮޑު ބޭނުމަކީ، ތިޔަބޭފުޅުން، އާދެ! ސިވިލް ސަރވިސްގެ ޚިދްމަތުގައި ތިއްބެވި ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު އަދާކޮށް ހިތްވަރު ދިނުން. ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތަކުގެ އަގު، ޤައުމުގެ އެންމެ އިސް މަޤާމުގައި ހުރި މީހެއްގެ ޙައިޘިއްޔަތުން ވަޒަންކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދެންނެވުން. ހަމައެއާއެކު، ވަޒީފާ އަދާކުރެއްވުމުގައި، ތިޔަބޭފުޅުން އިތުރަށް ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާ ބައެއް ކަންތައްތައްވެސް ދަންނަވާލަން.

މިގޮތުން، އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ވާހަކަ. ކޮންމެ މުވައްޒަފަކުވެސް، އެބޭފުޅެއްގެ މަސްއޫލިއްޔަތާއި ޒިންމާ ވަރަށް ފަރުވާތެރިކަމާ އެކީގައި އުފުއްލަވަން ޖެހިވަޑައިގަންނަވާ. އެ ޒިންމާއަކީ، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަންވާނީ، އެންމެންނަށް ހަމަހަމަކަމާއެކު، އެއްވެސް ތަފާތު ކުރެއްވުމެއްނެތި. ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ އެންމެންގެ ވާޖިބެއް. ޤާނޫނުތަކާއި، ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުޞޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއްވެސް ގެންދެވުމަށް، ސިވިލް ސަރވިސްގެ މުވައްޒަފުން ޚާއްޞަ ސަމާލުކަމެއް ދެއްވުން އަޅުގަނޑު އެދެން. ވަކިބައެއްގެ މަޞްލަޙަތަށް ނުބައްލަވައި ނުވަތަ ވަކިޕާޓީއަކަށް ނުވަތަ ވަކިކުލައަކަށް ނުބައްލަވައި، މުޅި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ، ވަރަށް ބޮޑަށް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދޭ ކަމެއް. އަދި ހަމަ އެހެން، ޚިދްމަތް ލިބިގަންނަން އަންނަ މީހުންނަށް، އޯގާތެރިކަމާއެކު ޚިދްމަތް ދެއްވައި އަދި ކަންކަން ރަނގަޅަށް އޮޅުންފިލުއްވައި ދެއްވުމަކީވެސް ސިވިލް ސަރވިސްގެ މުވައްޒަފުން ކޮށްދެއްވަންޖެހޭ ކަމެއް. އަދި އެކަމެއްގައި ކުރިއަށް ދާންވީ މަގު، އެމީހަކަށް ދައްކަވައި ދެއްވުމަކީވެސް މުވައްޒަފުންނަށް ރައްޔިތުން ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! އަޅުގަނޑުމެންގެ މަސައްކަތުގެ ވަގުތު، އަޅުގަނޑުމެން އެބަޖެހޭ ވީހާވެސް ރަނގަޅަކަށް ބޭނުންކުރަން. އެގޮތުން، ރަސްމީ ގަޑީގައި އޮފީހުގައި ހޭދަކުރައްވާ ވަގުތު ރަނގަޅަށް ބެއްލެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ހަމަޖެހިފައިވާ ހުސްވަގުތުކޮޅުގެ ތެރޭގައި ނޫނީ ބޭރަށް ވަޑައިނުގަތުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި ޙާޒިރީއަށް ޚާއްޞަކޮށް ސަމާލުކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށްވެސް އެނގޭ، ފަރިއްކުޅުއްވުމަށާއި ނަމާދު ކުރެއްވުމަށް ތިޔަބޭފުޅުންނަށް މެންދުރު ލިބިވަޑައިގަންނަވާ ވަގުތުކޮޅު، މިހާރު އޮންނަނީ 45 މިނިޓް. މިވަގުތުކޮޅު މިހާރު އެއްގަޑިއިރަށް އިތުރުކޮށްދިނުމަށް އަޅުގަނޑު ވަނީ ނިންމާފައި.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ތިޔަބޭފުޅުންނަށް އެންމެ ރަނގަޅަށް އިޙްސާސް ކުރެއްވޭނީވެސް، ސަރުކާރުގެ ބަޖެޓުގެ މިއަދުގެ ދަތިކަން. އެންމެ ބޮޑަށް އެކަމުގެ އަސަރުކުރާނީ އަޅުގަނޑު ދަންނަވާނީ ސަރުކާރު ހިންގަން ތިބޭ ބަޔަކަށޭ. އެގޮތުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މިހާރުވަނީ ހުރިހާ ފަރާތްތަކަކުންވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި. ތިޔަބޭފުޅުން އެކަމުގައި ތިޔަ ކޮށްދެއްވާ މަސައްކަތް އަޅުގަނޑު ބަލައިގަނެ، އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި ހަމައެހެން، ކުރިއަށް އޮތް ތާނގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވައި، ބޭކާރު ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުގަނޑު ދަންނަވަން. އެގޮތުން، ކަރަންޓްގެ ޚަރަދު ކުޑަކުރެއްވުމަށްޓަކައިވެސް، ކޮންމެ އޮފީހެއްގައިވެސް، ނުކުމެވަޑައިގަންނަވަމުން ބޮކިތައް ނިއްވައިލެއްވުމާއި އަދި މިހާރު ހަމަޖެހިފައި އޮންނަ ގޮތުން، އޮފީސް ގަޑި ނިމޭ ވަގުތު، އޮފީސް ނިންމަވައި ބަންދުކުރައްވައި، ބޮކިތައް ނިއްވައިލެއްވުމާއި އަދި އެއަރ ކޮންޑިޝަންތައް ނިއްވާލެއްވުންވެސް އަޅުގަނޑު އެދެން. އަޅުގަނޑަށް އެނގޭ، ފޯނުގެ ޚަރަދުވެސް ކުޑަކުރައްވަން ތިޔަބޭފުޅުން މަސައްކަތް ކުރައްވާކަން. އަދި މިހާރު އޮފީސް އޮފީހުގެ ވެރިންނަށް ކަނޑައެޅިފައިވާ ފޯނުގެ އެލަވަންސްވެސް ވަނީ ވަރަށް ކުޑަކޮށް. އެހެން ނަމަވެސް، ފޯނުގެ ޚަރަދު ކުޑަކޮށްދެއްވުންވެސް އަޅުގަނޑު އެދެން. މިހެން އަޅުގަނޑު ދަންނަވާއިރުވެސް، އަޅުގަނޑަށް ހަމަ އެނގޭ، އަދި އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން، ބައެއް އޮފީސްތައް، ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާތަކުގައި، އެތަންތާނގެ ޔޫޓިލިޓީގެ ބިލްތައް ނުދައްކާ ހުންނަތާ އެތަކެއް އަހަރު. ނަތީޖާއެއްގެ ގޮތުން، ބައެއް ތަންތަނުން ޔޫޓިލިޓީ ކަނޑާލާ ހިސާބަށްވެސް އެބަދޭ. މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެހެން ނަމަވެސް، ސަރުކާރުގެ ބަޖެޓް ތަންދިންވަރަކުން، މި ބިލްތައް ދެއްކޭތޯ އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސަރުކާރާ އަޅުގަނޑު ޙަވާލުވީއިރުގައި، ދަރަނި ވަރަށްބޮޑު. ވަރަށްބޮޑު ޢަދަދެއްގެ ބިލްތައް ނުދައްކާ ހުރި. އަޅުގަނޑުމެން މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ފަރާތްތަކަށް ދައްކަންޖެހޭ ބިލްތައް، ގާތްގަނޑަކަށް، ބަޖެޓްގައި ނުހިމަނާހުރި 1.3 ބިލިއަން ރުފިޔާގެ ބިލްތައް ވަނީ ދައްކާފައި. މިދެންނެވީ އިންޑިއާއަށް، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ސަރުކާރުން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ އިތުރުން. ވީމާ، ބަޖެޓްގެ ކަންތައް ހުރިގޮތް، ތިޔަބޭފުޅުންނަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ. އަޅުގަނޑަށް އެނގޭ، ކުރިއަށް އޮތް ދުވަސްތަކަކީ، ވަރަށް ތާށި ދުވަސްތަކެއްކަން. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެން މަޖިލީހުގައި ދަންނަވާފައިވާނީ، ސަރުކާރުގެ ހިންގުން ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ، ކޮންމެހެން ބޭނުންވާ ފައިސާ ދޫކޮށްދެއްވުމަށް.

އާދެ! މިވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ، ސަރުކާރަކީ ރައްޔިތުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ އަމާނާތެއް. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސަރުކާރުގެ ކަންކަން ބެލޭނީ، ސަރުކާރުގެ ފައިސާއާއި އަދި އެހެނިހެންވެސް އެކިއެކި ރިސޯސަސްތަކާމެދު އަޅުގަނޑުމެން ފަރުވާތެރިވެގެން. ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތަށް މަސައްކަތްކޮށްގެން. ޚާއްޞަކޮށް، ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ގޮތަކަށް، ކަންކަން ނުކުރެއްވުން.

އާދެ! ސިވިލް ސަރވިސްގެ ޚިދްމަތަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލު ޚިދްމަތަކަށް ހެދުމަކީވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ސްކޫލްތަކުން ނިމިގެން ނުކުންނަ ކުދިން، ސަރުކާރަށް މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން، ޚާއްޞަކޮށް، ސިވިލް ސަރވިސްއަށް މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން އުފެއްދުމަކީ ކުރަންޖެހޭ ކަމެއް. ވީމާ، ސިވިލް ސަރވިސްއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން އަޅުގަނޑުމެން އެބަޖެހޭ. ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ނުފޫޒުގެ ތެރޭގައި ބަނދެވިފައި ތިބި ބަޔަކަށްވާނަމަ، އެކަމުން ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބިގެން ދިޔުމަކީ، ވަރަށް ގާތުގައި އޮންނާނެ ކަމެއް.

އަޅުގަނޑަށް އެނގޭ، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ މާޙައުލު، މިހާރަށްވުރެ އެބަޖެހޭ ރަނގަޅު ކުރަން. ސަރުކާރުގެ ގިނަ ވުޒާރާތަކާއި އޮފީސްތައް މިހާރު ހިނގަމުންދަނީ ވަރަށް ބާވެފައިވާ ޢިމާރާތްތަކުގައި. އަދި ބައެއް އޮފީސް އޮފީސް މަރާމާތް ނުކުރެވުމުގެ ސަބަބުން މަސައްކަތް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ ދެރަ ހާލުގައި މިތަންތަން މިހިރީ. އަޅުގަނޑު މި ނޭވާގައި، ޚާއްޞަ ގޮތެއްގައި ފާހަގަކުރަން، އަތޮޅުތެރޭގައި އެކި ރަށްރަށުގައި ހުރި ކައުންސިލްތަކުގެ އިދާރާތައް. ސަރުކާރުގެ އޮފީހެއް ހިންގަން ކަމުދާވަރަށްވުރެ، މާ ކުދިކުދި ތަންތާނގައި، މާ ތާށިކޮށް އެބޭފުޅުން މަސައްކަތް ކުރައްވަމުންދާތަން އަޅުގަނޑު ހިތާމައާއެކީ މިރޭ ފާހަގަކުރަން. ނަމަވެސް އިރާދަކުރެއްވިއްޔާ، މިއަހަރުގެ މި ދަތި ބަޖެޓުންވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާ ޢިމާރާތް ކުރަން ހަމަޖެހިފައިވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އަދި އޮފީހުގެ އޮފީސް ސްޕޭސް ތަނަވަސްވުމުގެ އިތުރުން، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ މުހިންމު އެހެން ކަންކަންވެސް އެބަހުރި. ޚާއްޞަ ގޮތެއްގައި، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން. އެބޭކަނބަލުންނަށް ސަލާމަތް މާޙައުލެއް އެބަ އުފައްދައިދޭންޖެހޭ. އެބޭފުޅުންނަށް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު ދިނުމަކީ ފިރިހެން ބޭފުޅުންގެވެސް ވާޖިބެއް.

ވީމާ، އަޅުގަނޑު، މިތާނގައި އަޅުގަނޑުމެންގެ ޖެންޑަރ މިނިސްޓަރުވެސް ހުންނެވުމާ އެކީގައި، ބަންޑާރަ ނައިބުވެސް ހުންނެވުމާ އެކީގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. ސެކްޝުއަލް ހެރޭސްމަންޓާބެހޭ ގަވާއިދެއް އެކުލަވައިލައްވައި، ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ތަންފީޛު ކުރަން ފަށަން. އަދި ހަމަ އެފަދައިން، ދެންމެ ތިޔަ ވިދާޅުވިފަދައިން، އަޅުގަނޑުމެން އެބަޖެހޭ މިހާރުވެސް އަޅުގަނޑުމެންނަށް، ތަންދިންވަރަކުން ސިވިލް ސަރވިސްގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނަށްޓަކައިވެސް، އަދި އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށްޓަކައި [ޑޭ ކެއަރ]ގެ ޚިދްމަތް ދެވޭނެގޮތެއް ހަދަން. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ޙާލަތު އޮތްގޮތަށް އޮތް ނަމަވެސް، ވެލާނާގޭގައި ޑޭ ކެއަރ ދެވޭނެ އިންތިޒާމެއް ހަމަޖައްސަން އަޅުގަނޑު ޤަޞްދުކުރަން.

އާދެ! ސިވިލް ސަރވިސް މުވައްޒަފުންނަށް، އެބޭފުޅުންގެ ވަޒީފާ އަދާކުރުމުގެ އިތުރުން، އެކިއެކި ފަސޭހަތަކާއި ޢިނާޔަތްތައް ހަމަޖައްސައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިގޮތުން، ދެންމެ ތިޔަ ވިދާޅުވިފަދައިން، މުވައްޒަފުންގެ މުސާރައާއި، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް އެބަޖެހޭ، ސިވިލް ސަރވިސްއާއި އެހެނިހެން މުސްތަޤިއްލު މުއައްސަސާތަކާ ހާރމަނައިޒް ކުރަން. އެއް މަސައްކަތަކަށް، އެއް އުޖޫރައެއް ލިބުމަކީ އެއީވެސް ހަމަ އަސާސީ ޙައްޤެއް. އެހެންވީމާ، އަދި އަމުދުން ދައުލަތުގެ ތެރޭގައި ކުރެވޭ ކަންކަމުގައި، އަޅުގަނޑުމެން އެބަޖެހޭ މި އުޞޫލަށް ތަބާވާން. އެހެންވީމާ، ލަސްނުކޮށް މި އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރަތައް ހާރމަނައިޒް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ފިނޭންސް މިނިސްޓަރަށްވެސް މިރޭ އިލްތިމާސްކޮށް ދަންނަވަން.

މިހެންހުރި ކަންކަމާ ދޭތެރޭގައި ސަރުކާރުން އިތުރަށް ވިސްނާނެ ވާހަކަ ދަންނަވަން. އަދި ސިވިލް ސަރވިސް ކޮމިޝަނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އަދި ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު، މިވަގުތަށް ހަމަޖައްސައި ދެވެންހުރި ކަންކަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިރޭ އަރުވަން.

ރާއްޖޭގެ ސިވިލް ސަރވިސް ކުރިއެރުވުމަށްޓަކައި ޚާއްޞަކޮށް، ސިވިލް ސަރވިސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތް، އަޅުގަނޑު މިރޭ އުފަލާއެކު އަދި ޝުކުރުވެރިކަމާއެކީ ފާހަގަކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިރޭ އަޅުގަނޑުމެން ބައްދަލުކޮށްލުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެންދެއްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ މި ޤައުމުގެ ސަލާމަތާއި ކުރިއެރުމަށްޓަކައި ތިޔަބޭފުޅުންނާއި އަޅުގަނޑުމެން އެކީގައި މި ކުރަމުންގެންދާ މަސައްކަތުގައި ބަރަކާތް ލެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.