بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

މިނިސްޓަރ އޮފް ހެލްތް، ޢިއްޒަތްތެރި ވަޒީރުން، ޑަބްލިޔޫ.އެޗް.އޯ. ރެޕްރެޒެންޓެޓިވް އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. ސަބަބަކީ ރާއްޖޭގައި ޞިއްޙީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބޭނެ ފުރްޞަތެއް ހުޅުވުމުގެ ގޮތުން މިއަދު މި ހެލްތް ޓްރަސްޓް ފަންޑު، ޞިއްޙީ ޚިދްމަތުގެ ޓްރަސްޓް ފަންޑު އިފްތިތާޙުކުރުން. މިކަން އިފްތިތާޙު ކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގައި ޓްރަސްޓް ފަންޑު އުފެއްދުމަކީ އެއީ މުޅިން އާ ކަމެއް ނޫން. މިހާތަނަށް އުފެދިފައިވާ އެހެނިހެން ޓްރަސްޓް ފަންޑުވެސް އެބަހުރި. އެ ޓްރަސްޓް ފަންޑުތައް ހިނގާ ނުހިނގާ ގޮތާ ބެހޭގޮތުންވެސް އެއްޗެއް ދެންނެވުމަކީ ހަމަ އެކަމާ ދޭތެރޭގައި ފިކުރުކޮށްލުމަކީވެސް އެއީ ނެތް ކަމެއް ނޫން.

ދެންމެ މިނިސްޓަރ އޮފް ހެލްތް ވަރަށް އަސަރާ އެކީގައި ދައްކަވައިފި. އަޅުގަނޑުމެންގެ ހެލްތް ސެކްޓަރުގައި ހުރި ދަތިތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފި. އެ ވިދާޅުވިހެން މިއަދު ހެލްތް ސެކްޓަރާ ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ މަސައްކަތަކީ އެއީ ވަރަށް އުނދަގޫ މަސައްކަތެއް. ހުރިހާ ފަރާތްތަކެއްގެ ޝަކުވާ އަޑުއައްސަވަންޖެހޭ. އަދި އެ ޝަކުވާތަކަށް އެކަށީގެންވާ ޖަވާބެއް ދެއްވަންވެސް ދަތިފުޅުވޭ. އެހެން އެކަން މިވަނީ، ހެލްތް ސެކްޓަރަށް ފައިނޭންސް ކުރުމާއި، އެކަން މެނޭޖް ކުރުމުގެ ކަންތައްތައް އަދި އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅަށް ރޭވިފައި ނެތުމުން. އަޅުގަނޑުމެންގެ މުޅި ޤައުމުގެ ބަޖެޓް ކަނޑައެޅިގެން އަންނައިރުގައި، ހެލްތް ސެކްޓަރަށް ދޭންޖެހޭ އަހަންމިއްޔަތުކަން އަދިވެސް އަޅުގަނޑުމެންނަށް ނުދެވޭތީ. މިހާރު އަޅުގަނޑުމެންގެ މިއަހަރުގެ ބަޖެޓްގައި، ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ކަނޑައެޅިފައި އެބައޮވޭ، ހެލްތް ސެކްޓަރުގެ ނަމުގައި. އެހެންވީމާ، ބަޖެޓްގެ ވަރަށްބޮޑު ބައެއް، ޞިއްޙީ ކަންކަމަށް ހޭދަވާ ކަމަށް ވިސްނިވަޑައިގަންނަވާނީ. އެހެން ނަމަވެސް، މިދެންނެވި ބަޖެޓްގެ ވަރަށްބޮޑު ބަޔަކީ އެއީ މުޅިން ޞިއްޙީ ކަންތައްތަކެއް ނޫން އަދި. އެނގިވަޑައިގަންނަވާނޭ ފަދައިން، އެންސްޕާގެ ބަޖެޓްވެސް ހިމެނިފައިވަނީ މިދެންނެވި 2.4 ބިލިއަން ރުފިޔާގެ ތެރޭގައި. އޭގެތެރޭގައި، އެންސްޕާގައި އެބަ ހިމެނޭ، ކަރަންޓަށް ސަބްސިޑީ ދިނުންވެސް. އެކަނިވެރި މައިންނަށް ފައިސާ ދިނުންވެސް. މިހެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި، ސީދާ ހެލްތް ސެކްޓަރަށް ކުރަންޖެހޭ ޚަރަދެއް ނޫން ކަހަލަ ޚަރަދުތަކެއް. އެހެންވީމާ، މިކަން އެބަޖެހޭ އަޅުގަނޑުމެން ދެނެގަންނަން.

ޙަޤީޤަތުގައި ޞިއްޙީ ދާއިރާއަށް ކުރަންޖެހޭ ޚަރަދު އަޅުގަނޑުމެންނަކަށް މިއަދަކު ނުކުރެވޭ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންނަށް މި މަޖުބޫރުވަނީ އެހެނިހެން ގޮތްގޮތަށް އެހީތެރިކަން ހޯދަން. ހެލްތް ސެކްޓަރުގެ އެންމެބޮޑު ޚަރަދެއް މިހާރު މި ހިނގަނީ ހެލްތް އިންޝުއަރެންސް ސްކީމަށް، [އާސަންދަ] އަށް. ހިނގާއިރުގައި އާސަންދައަކީ އެއީ ކޮންޓްރިބިއުޓަރީ ހެލްތް އިންޝުއަރެންސް ސްކީމެއް ނޫން. ވާހަކައަކީ އޭގެ ފައިދާ ނަގާ ފަރާތްތަކުން އެއްވެސްވަރެއްގެ ޙިއްޞާއެއްލައިގެން ހިންގާ ސްކީމެއް ނޫން. ޢާންމު ގޮތެއްގައި، ހެލްތް އިންޝުއަރެންސް، އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި ހިންގާ އުޅެނީ، އެ ހެލްތް އިންޝުއަރެންސެއްގައި ބައިވެރިވާ މީހަކުވެސް، ކޮންމެ މަހަކުވެސް ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އެ ސްކީމްގެ ތެރެއަށްލައިގެން. އެހެން ނަމަވެސް، ރާއްޖޭގައި މިއޮންނަނީ ހަމަ މުޅިން ހިލޭ. އަޅުގަނޑުމެން އެއްވެސް މީހަކަށް ނުޖެހޭ، ހެލްތް އިންޝުއަރެންސަށް ފައިސާ ދައްކާކަށް. މި ނިޒާމްވެސް އެބަޖެހޭ އެހެން ގޮތަކަށް ބަދަލުކުރަން. އެކަންކަން އިޞްލާޙު ކުރެވެންދެންވެސް އަޅުގަނޑުމެން އެބަޖެހޭ، މިހާރުހުރި ޞިއްޙީ ޚިދްމަތްތައް ފުދޭވަރަކަށް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދޭން. އެހެންވެގެން މިއަދު އަޅުގަނޑުމެންނަށް މި މަޖުބޫރުވަނީ، ތިޔަ ހުރިހާ ބޭފުޅުންގެވެސް އެހީތެރިކަން ހޯދަން. މިފަދަ ޓްރަސްޓް ފަންޑެއްގެ ކޮންސެޕްޓް ނެރުއްވައި، މީތި އުފައްދަވަން މަސައްކަތް ކުރެއްވި ކަމަށްޓަކައި އަޅުގަނޑު މިނިސްޓްރީ އޮފް ހެލްތްގެ ހުރިހާ އިސް ބޭފުޅުންނަށާއި އަދި ޚާއްޞަކޮށް، ހެލްތް މިނިސްޓަރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ފާހަގަކުރާ ތަންކޮޅަކީ، މީގައި މިކިޔަނީ [ޞިއްޙީ ޚިދްމަތުގެ ޓްރަސްޓް ފަންޑު]. ޞިއްޙީ ޚިދްމަތުގެ ފަންޑެކޭ ނޫން މިކިޔަނީކީ، ޓްރަސްޓް ފަންޑެކޭ. ޓްރަސްޓްގެ މާނައަކީ އަމާނާތެއް. އެހެންވީމާ، މި ރައްޔިތުންގެ ފަރާތުން އަމާނާތެއްގެ ގޮތުގައި، ނޫނީ ބަލަހައްޓަވައިދެއްވުމަށް ޙަވާލުކުރައްވާ އެއްޗެއް މި ފަންޑުގައި މިހުންނަނީ. މިކަހަލަ ފަންޑެއް އޮވޭ މިހާރުވެސް. އެއީ އަޅުގަނޑުމެންގެ ތަޢުލީމީ ފަންޑު. ވަރަށް ޒަމާންވެއްޖެ ފަންޑެއް އެއީވެސް. ވަރަށް ކުރިން، އަޅުގަނޑު މިހާރު ހަނދާނެއް ނެތް، ކުއްލިއަކަށް ކޮންއިރެއްގައި ކަމެއް، އެހެން ނަމަވެސް، މީގެ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް ތިރީހަކަށް، ސާޅީހަކަށް އަހަރުގެ ކުރިން ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އުފައްދާފައި އޮތް ފަންޑެއް އެބައޮވޭ. އެ ފަންޑު ކުރިއަށްވުރެ މާރަނގަޅަށް މިހާރު ހިނގާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިފަދަ ފަންޑެއްގެ އެއް މަޤްޞަދަކީ ހަމަ ދެންމެ ތިޔަ ވިދާޅުވިފަދައިން، އެދާއިރާއެއްގައި ދެމުންދާ ޚިދްމަތްތައް، ދެމުން ގެންދެވޭވަރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން. އަދި އެ ޚިދްމަތް ދޭންޖެހޭ ފަރާތްތަކަށް ނުދެވޭ ކަމަށްވާނަމަ، އެ ފަރާތްތަކަކަށްވެސް އެ ޚިދްމަތް ދިނުން. މިސާލަކަށް، ތަޢުލީމަށްޓަކައި ޔުނީފޯމް ނުހޯދޭ ކުއްޖަކަށް ޔުނީފޯމް ހޯދުން. ނޫނީވިއްޔާ ސްކޫލެއް ނެތް ކޮމިއުނިޓީގައި ސްކޫލެއް އެޅުން. މިހެން ކުރަންޖެހޭ ކަންކަން ކުރުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން މިދެންނެވި ފަންޑަށް ބަލާއިރުގައިވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަމައެކަނި ފައިސާ ބަހައްޓާ ފަންޑެއް ނޫން އެއީކީ. ތަޢުލީމީ ފަންޑު މިހާތަނަށް އައީވެސް ތަޢުލީމީ ފަންޑުގައި އެސެޓްތަކެއް ހުރެގެން.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ފަންޑުވެސް ދެމިއޮންނާނީ، މި ފަންޑުގައި އެސެޓްތަކެއް ހުރެގެން. ސަރުކާރުގެ ފަރާތުންވެސް އަދި އަމިއްލަ ފަރާތްތަކުންވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް، މި ފަންޑަށް އެސެޓްތަކެއް ލިބޭނެގޮތެއް ހެދުން. މިހާރު އަޅުގަނޑުމެންގެ ރައްޔިތުން ޞިއްޙީ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާބަހައްޓަވާ. އެގޮތުން، އަމިއްލަ ފަރުދުންވެސް އެބަ ޞިއްޙީ ކަންކަމުގައި އެހީވެދެމުން ގެންދޭ ވަރަށް ބޮޑަށް. އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި، ކިތަންމެ ޑަކްޓަރުންނަކަށް ކިޔަވައިދިނުމުގެ މަސައްކަތް، އަމިއްލަ ފަރާތްތަކުން މިހާރުވެސް ކުރައްވަމުން އެބަ ގެންދަވާ. ސްޕެޝަލިސްޓުންނަށް ކިޔަވައިދެއްވަން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ، ހަމަ އަމިއްލަ އެކިއެކި ބޭފުޅުންގެ އެހީފުޅުގެ ދަށުން. ހަމަ އެހެން، ހޮސްޕިޓަލަށް ބޭނުންވާ އިކްވިޕްމަންޓްވެސް ހޯއްދަވައިދެއްވަމުން އެބަ ގެންދަވާ. އެހެންވީމާ، މިކަމަކީ މިއީ އާކަމެއް ނޫން. ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އެހީ ހޯދުމަކީ އެއީ އާކަމެއް ނޫން. އަދި އެހީ ދިނުމަކީވެސް އާކަމެއްވެސް ނޫން. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެން މިއުޅެނީ އެއަށްވުރެ ތަންކޮޅެއް ރޭވިފައި އޮތް، ދުރު މުސްތަޤްބަލަކަށް މީގެ ފައިދާ ކުރާނެ ގޮތަކަށް މިކަން ރޭވޭތޯ. އެހެންވެގެން، ވަކި ޓްރަސްޓް ފަންޑެއް ހެއްދެވުމުގެ ޚިޔާލުފުޅު މިއައީ.

މިހާތަނަށް އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އަތްމަތި ތަނަވަސް ބޭފުޅުން، އިޖްތިމާޢީ އެކިއެކި ކަންކަމުގައި އެހީވެދެއްވަމުން ގެންދަވާ. އޭގެތެރެއިން އަޅުގަނޑު ފާހަގަކޮށްލަން، ޚާއްޞަ ގޮތެއްގައި، މިސްކިތް ޢިމާރާތް ކުރުން. އެއީ ވަރަށްގިނަ ޢާއިލާތަކުން، ވަރަށްގިނަ މީސްމީހުން ކޮށްއުޅޭ ކަމެއް ރާއްޖޭގައި. މާލޭގައިވެސް އަދި އަތޮޅުތެރޭގައިވެސް އެކި ތަންތާނގައި މިސްކިތް ޢިމާރާތް ކުރުން. އެއީ އެމީހަކު ނުވަތަ އެ ޢާއިލާއަކުން ހެޔޮކަމެއް ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް. ހަމައެގޮތަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަމަ ހެޔޮކަމެއް ކޮށްދިނުން، ޢާންމު ރައްޔިތުންގެ ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށްޓަކައިވެސް އެކިއެކި ބިނާތައް ހައްދަވައިދެއްވުމާއި، ނޫނީ އެސެޓް ދެއްވުން. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މީހުންގެ އެސްޓޭޓް ހުރިގޮތަށް އެބަ ޙަވާލުކުރޭ ޓްރަސްޓް ފަންޑާ. މިސާލަކަށް، ތިމާގެ ބޭފުޅަކު ނިޔާވުމުން، އެބޭފުޅެއްގެ އެސްޓޭޓް، ދިގު މުއްދަތަކަށްޓަކައި ފައިދާހުންނަނިވި ގޮތަކަށް ބޭނުންކުރުމަށް އެކި ޓްރަސްޓް ފަންޑުތަކާ ޙަވާލުކުރެވެމުން އެބަދޭ. މިއީވެސް އަޅުގަނޑުމެން ހަމަ ވިސްނާލުން ރަނގަޅު ކަމެއް. މިފަދަ ޓްރަސްޓް ފަންޑަކާ، އެގޮތުން އަމިއްލަ ފަރާތްތަކުން ބިން ނުވަތަ ޢިމާރާތް ޙަވާލުކުރުންވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ޓްރަސްޓް ފަންޑަކީ ވަރަށް މުހިންމު ފަންޑެއް. އަދި ވަރަށްދިގު މުއްދަތަކަށް ދެމިގެންދާނެ ޓްރަސްޓް ފަންޑެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އެހެންވީމާ، އަޅުގަނޑުގެވެސް އެދުމަކީ، ވީހާވެސް ގިނަ ބޭފުޅުން، އެބޭފުޅަކަށް ވެވަޑައިގެންނެވި ވަރަކުން، ފޯރުންތެރިކަން ހުރިވަރަކުން މި ފަންޑަށް އެހީވެދެއްވަމުން ގެންދެވުން. ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، ހެލްތް ސެކްޓަރގައި ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރި. ވަރަށް ކުދިކުދި ކަންތައްތަކުން ފެށިގެން ގޮސް ވަރަށް ބޮޑެތި ކަންތަކާ ހަމައަށް އެބަހުރި، ކުރަންޖެހޭ ކަންކަން. އަޅުގަނޑުމެން ހަމަ އަތޮޅުތެރެއަށް މި ކުރާ ދަތުރުތަކުގައި، ކެނޑިނޭޅި އަޅުގަނޑުމެންނަށް އިވެމުންދާ އަޑަކީ، ކަންކަން ރަނގަޅުކޮށްދޭށޭ. ދެންމެ އެ ވިދާޅުވިހެން، ހަމަ މަރާމާތު ކުރަންޖެހޭ އިކްވިޕްމަންޓްތައް ބައިވަރު. މަރާމާތު ނުކުރެވިފައި މިހުންނަނީ، އެކަމަށް ޚަރަދުކުރަންޖެހޭތީ. އެ އިކްވިޕްމަންޓްތައް މަރާމާތުކޮށް، އެތަކެތި ބޭނުންކުރެވޭނެގޮތް ހެދުމަކީ އެއީ މުހިންމު ކަމެއް. އަޅުގަނޑު ކުރީ ދުވަހަކު ވާހަކަ ދައްކަމުންވެސް ދެންނެވި ފަދައިން، ހަމަ ރައްޔިތުންގެ ފައިސާގައި އެތަކެތިވެސް ގަނެފައި ހޯދާފައި އެހުންނަނީ. އެހެންވީމާ، އެތަކެތި މަރާމާތުނުކޮށް ބެހެއްޓުމަކީ އެއީ ހަމަ ވަރަށްބޮޑު ގެއްލުމެއް. ރައްޔިތުންނަށް ލިބޭ ގެއްލުމެއް. ދެން ބަޖެޓްގައި، މަރާމާތު ކުރުމުގެ ފައިސާ މިއަހަރު ހިމެނިފައެއް ނެތް. އެވަނީ ކަނޑުއްވާލައްވާފައި. އެހެން ނަމަވެސް، އެތަކެތި އެބަޖެހޭ މަރާމާތު ކުރަން، އެހެން ބަޖެޓް ލައިނަކުން ބަދަލުކޮށްގެން ނަމަވެސް. އެކަންކަން ކުރުމުގެ ފްލެކްސިބިލިޓީ މިހާރު ކުރިން އޮތްވަރަކަށް މާލީ ވަޒީރަކަށް ނޯވޭ. މިކަންކަން މިކުރެވެނީ މާލިއްޔަތު ކޮމިޓީގެ ބެއްލެވުމުގެ ދަށުން. ވަރަށް ގާތުން ބެއްލެވުމުގެ ދަށުން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިހާރުވެސް މާލީ ވަޒީރު އިންނެވީ މާލިއްޔަތު ކޮމިޓީގައި.

އެހެންވީމާ، މިކަހަލަ މިހާ ބޮޑަށް މާލީ ކަންކަން ހިފެހެއްޓިގެން، ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެއީ ވަރަށް އުނދަގޫ ކަމެއް. ރައްޔިތުން މީސްމީހުން ކަންކަމަށް އިންތިޚާބުކޮށް މަޤާމުތަކާ ޙަވާލުކޮށްފައި ތިބެނީ ކަންކަން ކުރަން. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އިސްކޮށް، އެ ރައީސުލްޖުމަހޫރިއްޔާއަކަށް ކެބިނެޓެއްދީ، މިކަންކަން ޤާނޫނުއަސާސީގައި ހަމަޖެހިފައި ހުންނަނީ ސަރުކާރު ހިންގަން. ސަރުކާރު ހިންގުމުގެ އެންމެ އިސްފަރާތަކީވެސް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހާ. އެހެންވީމާ، މި ފަރާތްތަކަށް އެ ބާރުތައް ނުދީ، އެހެން ބަޔަކު ސަރުކާރު ހިންގަން އުޅުނީމާ، ދެން ވާނެގޮތް މިހާރު މިވަނީ. އަޅުގަނޑަށް ހީވަނީ ދެން އެވަރުން ފުދޭނެ، ދަންނަވަން އޮތް ވާހަކަ. އަޅުގަނޑުގެ އަނެއްކާވެސް އިލްތިމާސަކީ، މި ފަންޑުގެ ބޭނުންކުރެއްވުން ރައްޔިތުން. މިއީ ރައްޔިތުންގެ ފަންޑެއް. މިއީ ތިޔަބޭފުޅުންގެ ފަންޑެއް. މިއީ ސަރުކާރުގެ ފަންޑެއް ނޫން. އެހެންވީމާ، މި ފަންޑުގެ ގަވަރނަންސާއި މިކަންކަން އޮންނާނީ ޤާނޫނީގޮތުން އެކަން އޮންނަންވާ ގޮތަށް. އަދި އެއާބެހޭ ރިޕޯޓްތައް، ދެންމެ ޕްރެޒެންޓޭޝަންގައި ވިދާޅުވިހެން، ޢާންމުކޮށް ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ހުރިހާ ހިސާބުތަކާ އެއްޗެހި. އިންޓަރނެޓުން، ވެބްސައިޓުން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންވެސް ވަރަށް ޝައުޤުވެރިކަމާ އެކީގައި، މި ފަންޑުގައި ބައިވެރިވެވަޑައިގެން، ފަންޑު ބޮޑުކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް. އަދި ފަންޑު އެޑްމިނިސްޓަރކޮށް ހިންގެވުމުގައި، ވީހާވެސް ފަރުވާތެރިކަމާ އެކީގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް. އަދި މީގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ކަންކަން މިހާރަށްވުރެ ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه.