بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މިފަދަ މުހިންމު މަޢުރަޒެއް އިންތިޒާމްކޮށް ރާއްވަވައިގެން ފަށްޓަވާ ކަމަށްޓަކައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މަރްޙަބާ ދެންނެވުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން، މިހާރު ކިތަންމެ ދުވަހެއް ވަންދެން މިކަން ހުއްޓިފައި އޮވެފައި، އަނެއްކާ މިއަހަރު އަލުން ފަށްޓަވައިދެއްވާތީ.

ދެން ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، މި މަޢުރަޒަކީ ވަރަށް މުހިންމު މަޢުރަޒެއް. ރާއްޖޭގައި މިހާރު ކުރިއަރަމުންދާ އެކިއެކި ދާއިރާތަކަށް ބަލާއިރުގައި، ހުރިހާ ދާއިރާތަކާވެސް ގުޅިފައިވާ ކަމަކާ ބެހޭގޮތުން މި މަޢުރަޒު ބޭއްވިގެން މިދަނީ. ޓެލެކޮމިއުނިކޭޝަންސާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ މަޢުރަޒެއް މިއީ، ވަރަށް ފުޅާ ދާއިރާއެއްގައި ބާއްވަންޖެހޭ އެއްޗެއް. އަޅުގަނޑުމެންގެ ރައްޔިތުންނަށް، މިކަމުގެ ޓެކްނޮލޮޖީ ބަދަލުވަމުންދާ ބާރުމިނުގައި، ބަދަލުވަމުންދަނީ ކިހާވަރަކަށްކަން، ކޮންކަހަލަ ބަދަލެއްކަން އަންނަނީ އެނގޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ރާވަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި މަޢުރަޒުގެ ސަބަބުން، މި އެކްސްޕޯގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި މިހާރަށްވުރެވެސް ބޮޑަށް، ކޮމިއުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ މަޢުލޫމާތު ފުޅާވެގެންދާނެ ކަމަށް. އަދި މިކަމުގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށް.

ޝައްކެއްނެތް، މިއީ ކިތަންމެ ބާރު ސްޕީޑެއްގައި ބަދަލުވަމުންދާ ދާއިރާއެއް ކަމުގައިވީނަމަވެސް، މީގެ ޓެކްނޯލޮޖީތައް ކިތަންމެ އަވަހަށް ބަދަލުވަމުން ފުޅާވަމުންދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ރާއްޖޭގައި މިވަގުތު މިހާރަށްހުރި ޓެކްނޯލޮޖީގެ ބޭނުންވެސް އެކަށީގެންވާ ރަނގަޅު ގޮތަކަށް އަދިވެސް ބޭނުންކުރެވެމުންނުދޭ. ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި، މި ލިބެންހުރި ޓެކްނޯލޮޖީތަކުގެ ބޭނުންވެސް ފުދޭވަރަށް ބޭނުންނުކުރެވޭކަން އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑު ހަނދާނަށް އަންނަނީ، މީގެ ދުވަސްގަނޑެއް ކުރިން، އެއީ 1998ހާ ތާނގައި. އަޅުގަނޑު އޭރުގައި ހުރީ ބަންގްލަދޭޝްގައި، އ.ދ.ގެ ވަޒީފާއެއްގައި. ކުއްލިއަކަށް އަޅުގަނޑުމެންނަށް އިވުނީ، އެތާނގެ ގްރަމިންގ ބޭންކުގެ ފަރާތުން މޯބައިލް ފޯނު ބޭނުންކޮށްގެން، ބޭންކިންގ ތަޢާރުފްކުރާ ވާހަކަ. 1998ގެ ވާހަކަ އަޅުގަނޑު މިދެންނެވީ. މިހާރު އެއަށްފަހު ވަރަށްގިނަ ދުވަސްވެއްޖެ. އެހެންވީމާ، 1998 ގައި ގްރަމިންގ ބޭންކުން މޯބައިލް ފޯނު ބޭނުންކޮށްގެން، އެންމެ ރިމޯޓް ތަންތަނުގައި، އެންމެ ދުރު ހިސާބުތަކުގައި އުޅޭ ޢާއިލާތަކަށް، އެންމެ ނިކަމެތިންނަށް އިންޓަރނެޓް ބޭންކިންގ، މޯބައިލް ފޯނު ބޭނުންކޮށްގެން ބޭންކިންގ ތަޢާރުފް ކުރެވުނުއިރުގައި އަދި މިއަދާ ހަމައަށްވެސް އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ ރަށްރަށުގައި ތިބި ރައްޔިތުންނަށް ބޭންކިންގގެ ޚިދްމަތް ފޯރުކޮށްދޭން ދަތިވެގެން. އެހެންވީމާ، މިއިން ކޮން ކަމެއްތޯ މި ދޭހަވަނީ؟ މިއިން މި ދޭހަވާ އެއްޗަކީ ޓެކްނޯލޮޖީއެއް އޮތަކަސް އަދި އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނުލިބޭނެކަން. އެކަމުގެ ބޭނުންހިފުމުގެ ޚިޔާލެއް އެބަ އޮންނަންޖެހޭ. އެކަމުގެ ބޭނުންތެރިކަމެއް ބަޔަކަށް ވިސްނިގެން، އެކަމަށްޓަކައި މަސައްކަތެއް އެބަ ކުރަންޖެހޭ. އަޅުގަނޑުމެން ރާއްޖޭގައި ހަމައެކަނި މިއޮތީ 196 ކޮމިއުނިޓީ، ރަށް. މިއިން ކޮންމެ ތަނެއްގައި ބޭންކިންގ ޚިދްމަތް އަޅުގަނޑުމެންނަށް ނުދެވެންވީ ސަބަބެއް ނެތް. އަދި އެހެނިހެން ޚިދްމަތްތައްވެސް، މިހާރުހުރި ޓެކްނޯލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންނަށް މިހާރަށްވުރެ މާރަނގަޅަށް ދެވޭނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ ކިހިނެއްތޯ، އަޅުގަނޑުމެން މަސައްކަތްކުރާ ކޮންމެ ދާއިރާއަކުންވެސް އަދި ބޭންކިންގ ނޫނަސް، ތަޢުލީމީ ދާއިރާގައިވެސް، ޞިއްޙީ ދާއިރާގައިވެސް ކިހިނެއްތޯ މި ޚިދްމަތް މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންނަށް ދެވޭނީ. ހެލްތް ދާއިރާގައި އެބަހުރި، ދުރު ތަންތަނުން ޚިދްމަތް ލިބިގަންނާނެ ގޮތަކަށް، ދާދިފަހުން މެޝިންތަކެއްވެސް ބަހައްޓާފައި. އެއީވެސް ހަމަ ފޯނާއި ޓެލެކޮމިއުނިކޭޝަންސާއި އިންޓަރނެޓް ބޭނުންކޮށްގެން، ޓެލެ މެޑިސިން ތަޢާރުފް ކުރުމުގެ ގޮތުން. އެކަމަކު އެތަންތަނެއް ނުހިނގާ. އެ ހަމަ މެޝިންތަކާ އެއްޗެހި ހުންނަނީ. އޭގެ ބޭނުމެއް ނުކުރެވޭ. ތަޢުލީމީ ދާއިރާގައި، ވަރަށްގިނަ ސްކޫލްތަކުގައި ކޮމްޕިއުޓަރުތައް އެބަހުރި. ގިނަ ކޮމްޕިއުޓަރު މަސައްކަތެއް ނުކުރޭ. ހަލާކުވެފައި ހުރި ކޮމްޕިއުޓަރުތައް މަސައްކަތްކުރާ، އެތަކެތި އެހެން އެއްޗިއްސަށް ބަދަލުކޮށްދީ، ހެދޭނެ ފުރްޞަތުވެސް އެބަހުރި. ހުރިހާ އެއްޗެއް ހުރީކީ، ހުރިހާ މެޝިންތަކެއްގެ ހުރިހާ ކޮމްޕޯނަންޓްތަކެއް ހުރީ ހަލާކުވެފައެއް ނޫން. އެހެން ނަމަވެސް، އެއް ކްލާސްރޫމް ފުރެންދެން އެބަހުރޭ، ހަލާކުވެފައި ހުރި ކޮމްޕިއުޓަރު. އެ ލާނެ ތަނެއްވެސް ނެތް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރެއަށް މި އަންނަ ޓެކްނޯލޮޖީ، މިއަށްވުރެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކަށްވެސް ވިސްނަން، އާ ޓެކްނޯލޮޖީ އައުމުގެ ކުރިން. ނަމަވެސް، އެކަމާ ދޭތެރޭގައި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މަސައްކަތު ބައްދަލުވުމެއް ބާއްވައި، އަޅުގަނޑުމެން މި ސަރުކާރުގެ ތެރޭގައިވެސް ތަންކޮޅެއް ބޮޑަށް ޚިޔާލުކުރަން ވެއްޖެހެން، ކިހިނެއްތޯ މި ޓެކްނޯލޮޖީ މިހާރަށްވުރެ ފުރިހަމައަށް ބޭނުންކޮށް، މީގެ ފައިދާ ރައްޔިތުންނަށް ހޯދައިދެވޭނީ. ދެން އުންމީދީ ވާހަކަވެސް އެބަހުރި. އެއް ވާހަކައަކީ، މިއަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ޓެލެކޮމިއުނިކޭޝަންސް ބޭނުންކޮށްގެން، އިންޓަރނެޓް ބޭނުންކޮށްގެން، ރާއްޖޭގެ އެކިއެކި ރަށްރަށުގައި ބޭންކިންގ ޚިދްމަތް ދެވޭނެ ކަމަށް. އެކަމަށްޓަކައި މިހާރު އާ މަޝްރޫޢެއް ރާއްވަވައިގެން، އެކަން ކުރައްވަމުން ގެންދަވާކަން. ވަރަށް ރަނގަޅު، ވަރަށް އުފާވެރި ޚަބަރެއް އެ ޚަބަރަކީ.

ހަމައެއާއެކީގައި، މިހާރު އަޅުގަނޑުމެންނަށް ތަޢުލީމީ ދާއިރާގައި ކުރިމަތިވެފައިވާ އެއްކަމަކީ، މި ރާއްޖޭގައި އެބަހުރި، 100 ކުދިންނަށްވުރެ މަދުން ކިޔަވަން އުޅޭ، ގާތްގަނޑަކަށް ފަންސާހަކަށް ސްކޫލް. އެއިން ކްލާހެއްގައި މިތިބެނީ ތިން ކުދިން، ހަތަރު ކުދިން. އެންމެ ކުދިން ގިނަ ސްކޫލްތަކުގައި، ކްލާހެއްގައި 8 ކުދިން. އެއް ސްކޫލް އެބަހުރި، އެއް ގްރޭޑްގައި އެއްވެސް ކުއްޖަކު ނެތް ސްކޫލެއްވެސް. ދެން މިތަންތާނގައިވެސް ހަމަ މި ކިޔަވައިދެނީ އަދިވެސް މީގެކުރިންވެސް ކިޔަވައިދޭ ގޮތަށް. ހަމަ ތިން ކުދިން ބައިތިއްބާފައި، ޓީޗަރަކު ކުރިމަތީގައި ހުރެގެން، ބްލެކް ބޯޑުން މި ކިޔަވައިދެނީ އިނގޭތޯ. މިއަހަރު އަޅުގަނޑުމެންނަށް މި ލިބިފައި ހުރި ޓެކްނޯލޮޖީގެ މައްޗަށް ވިސްނާފައި، އަޅުގަނޑުމެންވެއްޖެ ނޫންތޯ، ކިޔަވައިދިނުމުގެ އުޞޫލުތަކަށް ބަދަލުގެނެސްގެން، އަޅުގަނޑުމެންގެ މިހިރަ ނުލާހިކު ޕްރެޝަސް އަގުބޮޑު ޢިމާރާތްތަކުގެ ބޭނުން މިހާރަށްވުރެ ރަނގަޅަށް ހިފަން. މި އަގުބޮޑުކޮށް ރާއްޖެއިން ބޭރުން ގެންނަން މުދައްރިސުންގެ ބޭނުން، މިއަށްވުރެ ރަނގަޅަށް ހިފަން. ޓެކްނޯލޮޖީ އެބަހުރި އަޅުގަނޑުމެންގެ އަތުގައި މިއަދު، އެހެން ނޫންތޯ. މިއިން ކޮންމެ ރަށެއްގައި އެބަހުރި އިންޓަރނެޓްގެ ޚިދްމަތް ލިބެންވެސް. ތެދެއް، އެއަށް ގެންނަންޖެހޭ ބައެއް ބަދަލުތައް އެބަހުރި. އަދި ބައެއް ސްކޫލްތަކުގައި، ވަރަށް މަދު ސްކޫލެއްގައި ނޫނިއްޔާ، ވައިފައި، މިހާރަކު ނުވެސް ނެތް އަދިއެއް. އެހެން ނަމަވެސް ބައްލަވާ، މި ކުދި ސްކޫލްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، ދިރުވުމަށްޓަކައި އެތާ ތިބި ކުދިންނަށް މިހާރަށްވުރެ ރަނގަޅަށް ކިޔަވައިދިނުމަށްޓަކައި، އަޅުގަނޑަށް ހީވަނީ މި ކޮޓަރީގައި މިތާ ތިއްބެވި ބޭފުޅުންނަށްވެސް މިއަށްވުރެ މާ ރަނގަޅު ގޮތްތަކެއް ނެރުއްވޭނެހެން.

އެހެންވީމާ، އަނެއްކާވެސް ހަމަ މި ޓެކްނޯލޮޖީ ބޭނުންކުރުމުގެ ވާހަކަ އަޅުގަނޑަށް މި ދެއްކެނީ. ދެން އެކަމުގައި ގެންނަންޖެހޭ ބަދަލުތައް އެއީ ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް. އިންޓަރނެޓް ހުއްޓަކަސް އަދި ނުވެއޭ އޭގެ ބޭނުންނުކުރެވެންޏާ، އެހެން ނޫންތޯ. އެހެންވީމާ، އިންޓަރނެޓްގެ ސްޕީޑް ލަސްވެގެން، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ކަމަށްވަންޏާ، އޭގެ ބޭންޑްވިތް ފުޅާކޮށް، އެއަށް ސްޕީޑް އަވަސްކޮށް، ކުރެވެންހުރި ކަންތައްތަކެއް އަޅުގަނޑުމެން އެބަޖެހޭ އަވަހަށް ކުރަން. އެއީ، މިހާރު ތިބި އިންޓަރނެޓް ޕްރޮވައިޑަރުންނަށް ނުކުރެވޭވަރު ކަމެއްކަމަށް ވަންޏާ، އަލަށް މީހުން ގެނެސްގެން ނަމަވެސް، އެކަން އެބަޖެހޭ ކުރަން. އަޅުގަނޑުމެންނަށް ވަކިބަޔަކަށް ބޭންޑްވިތް ދޫކޮށްފައި އޮތީމާ، ވަކިބަޔަކަށް ފްރިކުއެންސީ ދޫކޮށްފައި އޮތީމާ، އެހެންވެގެން އެކަމަށްޓަކައި ހިފަހައްޓައިގެން މިހާރަކު ނުތިބެވޭނެ. އެ ހިފެހެއްޓުމަކީ އެއީ، މުޅި ޤައުމުގެ ތަރައްޤީ ހިފެހެއްޓުން. މިއަދު އިންޓަރނެޓް ޓެލެކޮމިއުނިކޭޝަން ދާއިރާ އޮންނަންޖެހޭނީ މުޅިން ހުޅުވާލެވިފައި. ދެން އެމީހުން ކޮމްޕީޓް ކުރަންވީ. މުޅި އިންޑަސްޓްރީގެ ކުރިއެރުމަކީވެސް ކޮމްޕެޓިޝަން، އެހެން ނޫންތޯ. ކޮމްޕީޓް ކުރެވޭތީ، އަޅުގަނޑުމެންނަށް ދުވާލަކު އެއްފަހަރު އާ ވައްތަރެއްގެ ގެޒެޓެއް އަޅުގަނޑުމެންގެ އަތަށް މި އަރަނީ. އެކަތި ބާނުވަނީސް އަނެކަތި. ތިންމަސް ދުވަސް ނުވަނީސް އަނެއްކާ އާ އެއްޗެއް ގަންނަންވެފައި މިއޮންނަނީ. އެހާ ބާރު ސްޕީޑެއްގައި ޓެކްނޯލޮޖީ ބަދަލުވަމުން މިހިރަ ދަނީ. ދާއިރުގައި އަޅުގަނޑުމެން މިތިބެނީ ބައެއް އެއްޗެހި ހިފަހައްޓައިގެން، އަތް އަޅައިގެން، ވަކިބަޔަކަށް ދެރައެއްވެދާނެތީ. ނޫނީ ވަކިބަޔަކު އިންވެސްޓްމަންޓެއް ކޮށްފައި ހުރީމާ. އެހެންވެގެން މި ރާއްޖެއަކަށް ކުރިއަކަށް ނުދެވޭނެ.

މިއަދު ރާއްޖެ އެބަޖެހޭ، އިކޮނޮމިކް ޑައިވަރސިފިކޭޝަނަށް ދާން. ރާއްޖޭގެ ޞިނާޢަތްތައް އެބަޖެހޭ ތަފާތުކުރަން. ރާއްޖޭގައި ތިބި ކުދިންނަކީ އައި.ޓީ. އަށް ލޯބިކުރާ ކުދިން. އެންމެގިނަ ޢަދަދަކަށް ކުދިން ކިޔަވަމުން އަންނަ ރޮނގަކީ އައި.ޓީ.ގެ ދާއިރާ. އެކަމަކު އެކުދިންނަށް ކިޔެވެނީ ކޯއްޗެއްތޯ؟ ކޮންމެވެސް ޕްރޮގްރާމެއް. ރަނގަޅު ވަރކް ޕްރޮސެސިންގ، ނޫނީވިއްޔާ ސްޕްރެޑް ޝީޓެއް ހަދަން. މިއީކީ އަދި ކޮމްޕިއުޓަރ ސައިންސް ކިޔެވުމެއް ނޫނޭ. އައި.ޓީ. ކިޔަވަންދާ ކުއްޖާ މި ކިޔަވަނީ ލިޔަން. ނޫނީ ހިސާބުޖަހަން، ކޮމްޕިއުޓަރު ބޭނުންކޮށްގެން. އެއެއް ނޫން ޙަޤީޤަތުގައި މި ޓެކްނޯލޮޖީ ދަސްކުރުމަކީ. މީގެ ފަންޑަމެންޓަލްސްއާއި ބޭސިކްސްއާ އެއްޗެހި ދަސްކޮށް، މި ޕްރޮގްރާމް އެއްޗެހި މަސައްކަތްކުރާގޮތް އެނގި، މީގެ ޓެކްނޯލޮޖީއާ ބެހޭގޮތުން އެއްޗެއް އެނގި، އެތަނުން ނުކުންނައިރުގައި ޖެހޭނެ، ތިޔަބޭފުޅުންގެ ކުންފުންޏަކަށް ގޮސް، އެ ކުންފުނީގައި މަސައްކަތް ކުރެވޭވަރުވާން. ތިތަނަށް ގޮސް ހަމަ ސިޓީއެއް ލިޔުނަކަސް އަދި ކަމަކުނުދާނެ.

އެހެންވީމާ، އައި.ޓީ. ކޯސްތައްވެސް އެބަޖެހޭ، މިދެންނެވި ގޮތަށް ބައްޓަންކުރަން. ވަރަށްބޮޑު މަސައްކަތްތަކެއް އަޅުގަނޑުމެން މިދާއިރާގައި ކުރަން އެބަޖެހޭ. އެހެންވީމާ، މިއީ ވަރަށް މުހިންމު ކަމެއް، މި އެކްސްޕޯ ބޭއްވުން. އަދި މި އެކްސްޕޯ ޤަވާޢިދުން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ހަމައެއާއެކީގައި، އަޅުގަނޑުމެން އެބަޖެހޭ، މިދެންނެވި ރޮނގުރޮނގުން ތަފާތު ވަރކްޝޮޕްތަކާއި، ކޮންފަރެންސްތަކާއި، ބައްދަލުވުންތައް ރާއްޖޭގައި ބާއްވަން. އެކަމުގައިވެސް އެބަޖެހޭ އަޅުގަނޑުމެންވެސް ހަމަ ސަރުކާރުންވެސް ލީޑަރޝިޕް ނަންގަވައިގެންވެސް، ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވަން. އެބޭފުޅަކާ ގުޅިވަޑައިގަންނަވާ ދާއިރާއަކުން އެބޭފުޅަކު މަސައްކަތް ކޮށްދެއްވަން އެބަޖެހޭ.

ދެން އަޅުގަނޑު މާ ދިގު ވާހަކަތަކެއް ދައްކާކަށް ނޫން މިއަދު މިތަނަށް މި އެރީކީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ތެރޭގައި، މިދެންނެވި ގޮތަށް ހުރިހާ ފަރާތްތަކުން ގުޅިވަޑައިގަންނަވައިގެން، މިދެންނެވި ބައެއްކަހަލަ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްދެއްވާނެ ކަމަށް. ރާއްޖޭގައި މިހާރުހުރި އިންޑަސްޓްރީތަކުގެ އިތުރަށް، ކިހިނެއްތޯ ތިޔަ ވިދާޅުވާކަހަލަ ނޮލެޖް-ބޭސްޑް އިކޮނޮމީއަކަށް ދިޔުމަށްޓަކައި، ދެން ކޮން ކަންތައްތަކެއްތޯ ކުރަންޖެހޭނީ. ކޮންކަހަލަ އިންފްރާސްޓްރަކްޗަރެއް ހުރެގެންތޯ، އަޅުގަނޑުމެންނަށް ނޮލެޖް-ބޭސްޑް އިކޮނޮމީއަކަށް އަޅުގަނޑުމެންނަށް ދެވޭނީ. މިހާރު އަދި މިހިރަ ހިސާބުން އެއްވެސް ބަޔަކު ބޭނުންވާނެތޯ، ރާއްޖެ އައިސް ކުންފުންޏެއް ސެޓަޕްކޮށްގެން، އިންޓަރނެޓް ބޭސްޑް ވިޔަފާރިއެއް، ނޫނީވިއްޔާ މަސައްކަތްތަކެއް ކުރަން. މިކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ.

އެހެންވީމާ، ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭޝަން ދާއިރާއަކީ މިއީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އެންމެ މުހިންމު އެއް މަސައްކަތް ކުރަންޖެހޭ އެއް ސެކްޓަރ. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިވަޑައިގަންނަވައިގެން، މިކަމާ ބެހޭގޮތުން ޚިޔާލު ކުރައްވައި، އާ މަޝްރޫޢުތަކެއް ރާއްވަވައިދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި ހުރިހާ މިނިސްޓްރީތައް ގުޅިވަޑައިގަންނަވައިގެން، މިނިސްޓަރ އަމީންގެ ލީޑަރޝިޕްގެ ދަށުން އަޅުގަނޑު ޔަޤީންކުރަން، މިދެންނެވި ތަފާތު ރޮނގު ރޮނގުން އެކިއެކި ބައްދަލުވުންތަކާއި މަޝްވަރާތައް ކުރެވިގެންދާނެ ކަމަށް.

އަދިވެސް އެއްފަހަރު، މިހާ މުހިންމު އެކްސްޕޯއެއް ރާއްވަވައި ފަށްޓަވާ ކަމަށްޓަކައި އަޅުގަނޑު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް އަދި ޓްރާންސްޕޯޓް ކޮމިއުނިކޭޝަން މިނިސްޓްރީއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި މަޢުރަޒުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އަދި ހަމައެހެން، މިކަން ރޭއްވެވުމުގައި މަސައްކަތް ކޮށްދެއްވި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި، ކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުންނާ، މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.

___________________________