بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މަޑުއްވަރީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް އަދި ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަޅުގަނޑުމެން އައުމުން، ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ކިޔުއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މަޑުއްވަރިއަކީ މީސްކޮޅު މަދު، ބިންކުޑަ ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިރަށަކީ ވަރަށް ރަށްވެހިކަން އޮތް، ރަށުގެ ރައްޔިތުން ހީވާގިކަމާ އެކީގައި، ރަށް ދިރުވުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ، ވަރަށްގިނަ ދުވަސްވީ ރަށެއްގެ ގޮތުގައި. އެހެންވީމާ، މިރަށުގެ ރައްޔިތުންނަށްވެސް ބޭނުންވާ ކަންކަން، ދައުލަތުގެ ފަރާތުން ފުރިހަމަކޮށްދިނުމަކީ އެއީ ކުރަންޖެހޭ ކަމެއް. އަދި ދައުލަތުގެ މާލިއްޔަތު ތަންދިންވަރަކުން މިކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! އެގޮތުން، އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރުވެސް ސަރުކާރުގެ ފަރާތުން ބައެއް މަސައްކަތްތައް މިރަށުގައި ކުރަމުން އެބަގެންދޭ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލަން. މިރަށުގެ ޒުވާނުންނަށްޓަކައި ކުޅިވަރު ކުޅޭނެ ބިމެއް، ބޯޅަދަނޑު ހެދުމުގެ މަސައްކަތް މިހާރުވެސް އެބަ ހިނގަމުން އެބަދޭ. ބޯޅަދަނޑުގެ މަސައްކަތް ވަނީ ވަރަށްބޮޑުތަން މިހާރު ނިމިފައި. އިރާދަކުރެއްވިއްޔާ، ދެން ކުރަންޖެހޭ މަސައްކަތް ކުރުމަށްވެސް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. ދެން ކޯޓުގެ ޢިމާރާތް މިހާރު އެހެރީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި. އަދި މި ސްކޫލްގައި އިތުރު ކްލާސްރޫމްތަކެއް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުން. އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ނިމޭނެ. އަދި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމެއް، މިރަށުގެ ކައުންސިލްގެ އިދާރާއެއް ޢިމާރާތް ކުރުން. އިރާދަކުރެއްވިއްޔާ، އެކަން ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ދެން ހަމަ މިއާއެކީގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގެ އެއްގަމުތޮށީގެ މަސައްކަތް ކުރުމަށް މިއަހަރު ވަނީ ހަމަޖެހިފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަހަރު ނިމުމުގެ ކުރިން މިމަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ.

އާދެ! މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ، މިރަށުގައި މިއަހަރު ހިނގާނެ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ މިއަށްވުރެ މާގިނަ ކަންތައްތައް އެބަހުރިކަން. ރަށުގެ ނަރުދަމާވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެ ނަރުދަމާއަކީ އެއީ ތިޔަ ރައްޔިތުން އަމިއްލައަށް ހައްދަވައިގެން އުޅުއްވާ ނަރުދަމާއެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެން ނަމަވެސް، މިހާރު ދުވަސްވުމާ އެކީގައި ވަރަށް ބޮޑަށް ހަލާކުވެފައި އޮތީ. އިރާދަކުރެއްވިއްޔާ، އެކަންވެސް އަޅުގަނޑުމެން ކުރާނަން. ހަމައެހެން، ދެންމެ ތިޔަ ވިދާޅުވިހެން، ކުރީ ޒަމާނުގައި މިކަހަލަ ރަށްރަށުގައި އިންޖީނުގެ އަޅާފައި މިހުންނަނީ، އެންމެ ގިނަ ގޭގެއަށް އެންމެ ފަސޭހައިން ކަރަންޓް ދެވޭނެ ގޮތަކަށް. ވީހާވެސް ޚަރަދުކުޑަގޮތަކަށް ކަންކަން ކުރުމަށްޓަކައި ރައްޔިތުންގެ އަމިއްލަ ޚަރަދުގައި މިކަންކަން ކޮށްފައި މިހުންނަނީ. އެހެންވީމާ، މިހާރު ރަށުގެ އާބާދީ ގިނަވުމުގެ ސަބަބުންނާ އެކީގައި، އިންޖީނުގެތައް މިހުންނަނީ އާބާދީގެ މެދުތެރޭގައި. އެހެންވީމާ، ވަރަށްގިނަ ގެޔަށް، ގެތަކަށް، ވަށައިގެން ހުންނަ ގެތަކަށް އޭގެ އުނދަގޫ ވަރަށް ބޮޑަށްވޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، މާލޭގައިވެސް ކުރީގައި އެކަން އޮތީ ހަމަ އެހެން. މާލޭގައިވެސް ފުރަތަމަ އިންޖީނުގެ އަޅާފައި ހުރީ ހަމަ ގެތަކާ ކައިރީގައި. އެކަންވެސް ހަމަ އުނދަގޫވެގެން ގޮސް، އެންމެފަހުން މާލޭގައިވެސް ވަނީ އެހެން ތަނަކަށް ބަދަލުކުރެވިފައި. އަޅުގަނޑަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ، މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ އުނދަގޫ. އަޑުގެ ސަބަބުންނާއި އަދި އެތަނުން ނުކުންނަ ދުމުގެ ސަބަބުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން.

އާދެ! މިރަށަކީ މިރަށުގެ ސްކޫލް މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ ތަނެއް. އެހެންވީމާ، އެކަމަށްޓަކައި ސްކޫލްގައި އިތުރު ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން މިދަނީ. ކޮންމެ އާބާދީއެއް ކަމުގައިވީނަމަވެސް، އެ އާބާދީއެއްގައި ފުރަތަމަ ކުރަންޖެހޭ އިންވެސްޓްމަންޓަކީ، އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ، އެ އާބާދީއެއްގެ ތުއްތު ކުދިންނަށް ރަނގަޅު ތަޢުލީމެއް ލިބިދިނުން. ރަނގަޅު ޞިއްޙަތެއް ލިބިދިނުން. އެގޮތުން ކިޔަވައިދިނުމަށްޓަކައި ސަރުކާރުން މިފަދަ ބައެއް ޢިމާރާތް، ބޭރުގެ އެހީއާ އެކީގައި މީގެކުރިން އަޅާފައި ހުރީ. ދެން މިހާރު މިތަންތަން ޖެހެނީ ރަނގަޅުކުރަން. އެހެންވީމާ، އެ ސަބަބަށްޓަކައި މިހާރު އިތުރު ކްލާސްރޫމް އެޅުމުގެ މަސައްކަތް ހިނގަމުން މިދަނީ. ނަމަވެސް، ހަމަ މިއާ އެއްވަރަށް، ކިޔަވައިދިނުމުގެ ފެންވަރުވެސް އެބަ ރަނގަޅުކުރަންޖެހޭ. މިރަށުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ އެހާ ރަނގަޅެއް ނޫން. މިވޭތުވެދިޔަ ދެއަހަރުވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއްކުއްޖަކު ނޫނީ ދެކުއްޖަކު މި ފާސްވަނީ. އެހެންވެގެން ނުވާނެ އެކަން. އަޅުގަނޑުމެން ހުރިހާ އެންމެންވެސް، ހުރިހާ ބެލެނިވެރިންވެސް ވަރަށް އުންމީދާ އެކުގައި ކުދިން ސްކޫލަށް ފޮނުވަނީ. އަދި އަޅުގަނޑުމެންނަށް ވީވަރަކަށް އެކުދިންނަށް މަސައްކަތް ކޮށްދެމުން މިގެންދަނީ. އެކުދިންނަށް ޔުނީފޯމް ހޯދައިދީ، އެކުދިންނަށް ފައިވާން ހޯދައިދީ، ކުރަންޖެހޭ ޚަރަދުތައް ކުރަމުން މިގެންދަނީ. އެހެންވީމާ، ސްކޫލްގައިވެސް އެބަޖެހޭ، މިހާރަށްވުރެ ބޮޑަށް އެކުދިން ކާމިޔާބު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން. އަޅުގަނޑުގެ އުންމީދަކީ، މިއަހަރުގެ ޖީ.ސީ.އީ އިމްތިޙާނުގައި، ހަމަ ހުރިހާ ކުދިންވެސް 5 މާއްދާއަށްވުރެ ގިނައިން ފާސްވުން. އަޅުގަނޑު އުންމީދު ކުރަން، މި ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން އެކީގައި މަސައްކަތް ކުރައްވައިގެން، ރަނގަޅު ނަތީޖާއެއް ހޯއްދަވައި ދެއްވާނެ ކަމަށް.

ކުދި މަދްރަސާތަކުގެ މައްސަލައަކީ މި ރާއްޖޭގައި މިހާރު ވަރަށްބޮޑު މައްސަލައެއް. ރާއްޖޭގައި ވަރަށްގިނަ ޢަދަދެއްގެ ކުދި މަދްރަސާތައް މިހާރު އެބަހުރި. އެގޮތުން، 100 ދަރިވަރުންނަށްވުރެ މަދު ވަރަށްގިނަ ސްކޫލް އެބަހުރި. 47 ސްކޫލް އެބަހުރި މުޅިއެކު. އޭގެތެރެއިން 50 ކުދިންނަށްވުރެ މަދު 12 ސްކޫލް އެބަހުރި. 50 ކުދިންނަށްވުރެ ގިނަ، އެހެން ނަމަވެސް، 100 ކުދިންނަށްވުރެ މަދު 35 ސްކޫލް އެބަހުރި. މި ސްކޫލްތަކުގައި އެވްރެޖް ގޮތެއްގައި ކްލާހެއްގައި މިތިބެނީ، ކުޑަ ސްކޫލްތަކުގައި ތިން ހަތަރު ކުދިން. ތަންކޮޅެއް އޭގެތެރެއިން ބޮޑެތި ސްކޫލްތަކުގައި މިތިބެނީ އަށެއްކަ ކުދިން. މި ޙާލަތަށް މިއޮތީ މި ސްކޫލްތަކުގެ ކަންތައް ގޮއްސަ. އެހެންވީމާ، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ވަރަށް މުހިންމު ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އަޅުގަނޑު ދެން މިހާރު މި ވާހަކަ ދައްކަނީ، އަޅުގަނޑުގެ ދާއިރާއަކީވެސް ތަޢުލީމީ ދާއިރާ ކަމަށްވެފައި. ވަރަށްގިނަ ޒަމާންވަންދެން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރި މީހަކަށްވާތީ. މިހާރު މި ދަރަޖައަށް މިކަންކަން މިދިޔައީ، އަޅުގަނޑު ދަންނަވާނީ، މިކަމާ ދޭތެރޭގައި ކުރިއްސުރެ ރަނގަޅަށް ވިސްނިފައި ނެތީމައޭ.

ކިޔަވައިދިނުމުގެ އުޞޫލުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އާދެ! ޢާންމުކޮށް އަޅުގަނޑުމެންނަށް މި ފެންނަ ކްލާސްރޫމްތަކުގައި ކުދިން ބަރިއަކަށް ބައިތިއްބައިގެން، ޓީޗަރަކު ކުރިމަތީގައި ހުރެގެން، މި ކިޔަވައިދޭ ކިޔަވައިދިނުމަކީ މިއީ ވަރަށް ކުރީގެ އުޞޫލުތަކެއް. މިއީ 19 ވަނަ ޤަރުނުގެ ތެރޭގައި، ޔޫރަޕްގެ ތަންތާނގައި އުފެއްދި ކިޔަވައިދިނުމުގެ އުޞޫލެއް. މިހާރު އެތަންތާނގައިވެސް ވަނީ މި އުޞޫލުތައް ވަރަށް ބޮޑަށް ބަދަލުކުރެވިފައި. އަޅުގަނޑުމެން އެބަޖެހޭ، ކުދިންނަށް މިހާރަށްވުރެ ބޮޑަށް އަމިއްލައަށް ކުދިންނަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ތައްޔާރުކޮށްދީ، އެކުދިންނަށް ކިޔެވުމުގައި އެހީތެރިވެދޭން. މިއަދު ކިޔަވާގޮތަކީ އެއްގޮތަކަށްވެސް ބޯޑުގައި ލިޔާ އެއްޗެއް ހިތުދަސްކުރުމެއް ނޫން. މިއަދު ކުދިންނަށް ދަސްކޮށްދޭން މިޖެހެނީ، އިތުރަށް ޢިލްމު އުނގެނެން. އުނގެނޭނެ ހުނަރުތައް މި ދަސްކޮށްދޭންޖެހެނީ. މިހާރު ހުރިހާ ރޮނގަކުންވެސް ކިޔަވަންޖެހޭ އެއްޗެހި ވަރަށްގިނަ. ޢިލްމުވަނީ ވަރަށް ފުޅާވެފައި. އެހެންވީމާ، މިކަން ކުރެވޭނީ، ކިޔެވުމުގެ ހުނަރުތައް ކުދިންނަށް ރަނގަޅަށް ދަސްކޮށްދީގެން. އަދި އެކުދިން އަމިއްލައަށް ކިޔެވުމުގެ ޝައުޤުވެރިކަން އުފައްދައިގެން. މިކަން ކުރުމަށްޓަކައި އަޅުގަނޑު ކުރިން ދެންނެވިހެން، ކިޔެވުމުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެހެންވީމާ، މިހާރު އަޅުގަނޑު ކަނޑައަޅާފައި މިއޮތީ، ކުރިން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ހިނގަމުން އައި ތަނާއި އަދި ކޮންޓިނިއުއިންގ އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި ހިނގަމުން އައި މަރްކަޒު، މިދެތަން މިހާރުވަނީ އެއްކޮށްލެވިފައި. އެއްކޮށްލާފައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ނަމުގައި އާ މުއައްސަސާއެއް މިހާރުވަނީ އުފެދިފައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މި އިފްތިތާޙު ކުރެވޭނެ. މި އާ މުއައްސަސާ މި އުފެއްދެނީ، ތަޢުލީމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މުޅި ރާއްޖޭގައިވެސް. ކިޔަވައިދިނުމުގެ އުޞޫލުތަކަށް އިޞްލާޙުތަކެއް ގެނައުމަށްޓަކައި.

ވީމާ، އެގޮތުން މި އާ މުއައްސަސާގައި ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ކުދި މަދްރަސާތަކުގައި، ކުދި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އުޞޫލަށް ބަދަލުގެނެސް، ގިނަ ކުދިންނަށް ރަނގަޅު ފެންވަރަކަށް ކިޔެވޭނެ ގޮތްތަކެއް ހޯދައިދިނުން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިއަހަރު ވާރލްޑް ބޭންކްގެ އެހީގައި، މި ކުދި މަދްރަސާތަކުގައި ކިޔަވައިދިނުމުގެ އުޞޫލުތައް އިޞްލާޙު ކުރުމާއި، އެކަންކަން ރަނގަޅު ކުރުމަށްޓަކައި މަލްޓި ގްރޭޑް ޓީޗިންގ ޕްރޮޖެކްޓެއް ފަށްޓާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

މި އާ މަޝްރޫޢުގެ ދަށުން މަލްޓި ގްރޭޑް ޓީޗިންގ ކިޔަވައިދޭނެ ގޮތުގެ ވިއުގައެއް ކަނޑައަޅައި އަދި މި ތަޢާރުފް ކުރާނެ ސްކޫލްތައްވެސް ކަނޑައެޅި، މިގޮތަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ މަޝްރޫޢުތައް ހިންގޭނެ. އަދި މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެހީ، މި މަޝްރޫޢުގެ ދަށުން މި ސްކޫލްތަކަށް ވެދޭނެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދެންނެވި ފަންސާހަކަށް މަދްރަސާ، ސްކޫލްތައް މިހާރު ހިނގަމުންދަނީ، ޢާންމު ގޮތެއްގައި ބޮޑެތި ސްކޫލްތައް ހިނގަމުންދާ ގޮތަށް. އޭގެ ސަބަބުން މިހާރު ޓީޗަރުންގެ ބޭނުން، ކުރަންވާ އެންމެ ފުރިހަމައެއްކޮށް ނުކުރެވޭ. ދިވެހިރާއްޖޭގައި މިކަމަށް އަޅާނުލެވި ގިނަ ދުވަސްވުމުގެ ސަބަބުން ދިމާވެފައިވާ އެއްކަމަކީ ތަޢުލީމުގެ ޚަރަދު ބޮޑުވުން. ތަޢުލީމުން ކިޔަވައިދީގެން ލިބޭ، އެއިން ނުކުންނަ ނަތީޖާއަކާ އެއްވަރުގެ، އެއަށްވުރެ މާބޮޑު ޚަރަދެއް މި ކުރަންޖެހެނީ. މިކުރާ ޚަރަދާ އެއް ނިސްބަތަކުންނެއް ނަތީޖާއެއް ނުނެރެވޭ. އެހެންވީމާ، އަޅުގަނޑުމެން ބަދަލުތައް މި ގެންނަންޖެހެނީ. އަޅުގަނޑު ކުރިން ދެންނެވިހެން، މިހާރު ކުދިންނަށް އުނގަންނައިދޭންޖެހެނީ، ކިޔަވަން ދަސްކުރަން. އަމިއްލައަށް އެކިއެކި ކަންކަން ހޯދަން. މިއަދަކީ މިއީ އިންޓަރނެޓްގެ ޒަމާން. މިއަދަކީ މިއީ ކޮމްޕިއުޓަރުގެ ޒަމާން. މިރަށުގައިވެސް އަޅުގަނޑަށް އެނގޭ، މިހާރު ކުދިން ކޮމްޕިއުޓަރުވެސް ބޭނުންކުރާކަން. ކުރިއަށް އޮތް ތާނގައި، ހުރިހާ އެންމެންވެސް ކޮމްޕިއުޓަރު ބޭނުންކުރާނެ. މިއަދު އަޅުގަނޑުމެން ގެންގުޅޭ މޯބައިލް ފޯނުވެސް މިއީ ކުޑަވަރެއްގެ ކޮމްޕިއުޓަރެއް. މި މޯބައިލް ފޯނު ބޭނުންކޮށްގެންވެސް އަޅުގަނޑުމެންނަށް ކިޔެވޭނެގޮތް މިއަދު ވަނީ ހެދިފައި. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މިހާރު ކިޔެވުމުގެ އުޞޫލަށް ބަދަލުތަކެއް ގެންނަން އެބަޖެހެޔޭ. އެ ބަދަލުތައް ގެންނައިރުގައި، އެއްގޮތަކަށްވެސް މައިންބަފައިން، ބެލެނިވެރިން ހީފުޅުނުކުރައްވާތި، މިގެންނަ ބަދަލަކީ މިއީ މީގެ ސަބަބުން ކިޔެވުމަށް ދެރަކަމެއް ލިބިގެންދާނެ ކަމެއް ކަމަށް. އަޅުގަނޑަށް ޔަޤީންކުރެވޭ، މިކަން ރަނގަޅަށް ކުރެވުނީމާ، ނަތީޖާ މާބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް. ނަތީޖާ މާރަނގަޅަށް ފެނިގެންދާނެ ކަމަށް. އެހެންވެގެން، މިބަދަލު ގެނައުމަށް އަޅުގަނޑު މި ހުށަހަޅަނީ. އަޅުގަނޑު މިވާހަކަ މިދައްކަނީ، ހަމައެކަނި މިރަށުގެ ސްކޫލާ ބެހޭގޮތަކުންނެއް ނޫން. އަޅުގަނޑު ކުރިން ދެންނެވި ފަންސާހަކަށް ސްކޫލް، ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެބަހުރި. މިހުރިހާ ތަނެއްގައިވެސް މި އާ އުޞޫލުގެ ދަށުން ކިޔަވައިދިނުމުގެ ކަންކަން އެބަޖެހޭ އިންތިޒާމް ކުރަން.

އާދެ! މިކަމުގައި އެބަޖެހޭ ބެލެނިވެރިންނާއި، މުދައްރިސުންނާއި އަދި ސްކޫލްތައް ހިންގަވަން ތިއްބަވާ ބޭފުޅުން ސަމާލުވެވަޑައިގެން، އެޑިޔުކޭޝަން މިނިސްޓްރީން މިކަމުގައި ދެއްވާ އެހީތެރިކަން ބަލައިގަނެ، އެކީގައި މަސައްކަތް ކޮށްދެއްވަން. އޭރުން އިރާދަކުރެއްވިއްޔާ، ނަތީޖާ ރަނގަޅު ކުރެވޭނެ. މިކަން ކުރުމުގައި، ފަހަރެއްގައި ބައެއް ކްލާސްރޫމްގެ ކުދިން އެކީގައި މަސައްކަތް ކުރަންވެސް ޖެހިދާނެ. މުޤައްރަރު އުފެއްދިފައި މިހުންނަނީ، ކުދިން ދަސްކުރަންޖެހޭ އެކިއެކި ހުނަރުތައް ފާހަގަކުރެވިގެން، އެ ހުނަރުތައް މިހުންނަނީ ފަސޭހަ ހުނަރުތަކަކުން އުނދަގޫ ހުނަރުތަކަކަށް ރޭވިފައި. އެހެންވީމާ، އެހެން ހުންނައިރުގައި، ބައެއް ކުދިން ބައެއް ހުނަރުތައް ދަސްކުރުމުގައި ތަންކޮޅެއް ދަށްވެސް ވެދާނެ. ހަމަ އެކުދިން، އެހެން ކަންކަމުގައި މާމޮޅުވެސްވެދާނެ. އެހެންވީމާ، އެކީގައި ކިޔެވުމުން، ނުކުންނާނެ ފައިދާތަކެއް ހުންނާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ، އަޅުގަނޑުގެ ތަޖްރިބާގެ މައްޗަށް ބިނާކޮށްފައި. މިބާވަތުގެ މަޝްރޫޢުތައް ހިންގުމުގައި، އަޅުގަނޑު ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ވަނީ އ.ދ.އާ އެކީގައި މަސައްކަތް ކޮށްފައި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މީގެ ސަބަބުން ރަނގަޅު ނަތީޖާ ނެރެވިދާނެކަން. އަދި މިހާރު އަޅުގަނޑުމެންގެ ޓީޗަރުން ކުރަމުންދާ މަސައްކަތަށް އިތުރު މުއްސަނދިކަމެއް ގެނެސް، ޓީޗަރުންނަށްވެސް އިތުރު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ކަމަށް. އެހެންވީމާ، މިކަމުގައި ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގެން، ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! މިއަދު އަޅުގަނޑުގެ ސަރުކާރުގެ ތެރޭގައި މިކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ގިނަ ދުވަސްތަކެއް މިކަމުގައި ރޭވުމުގައި ހޭދަނުކުރައްވައި، ވީހާވެސް އަވަހަކަށް މި މަސައްކަތް ފަށްޓަވައިދެއްވުމަށް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު މިދެންނެވި ފަންސާހަކަށް ސްކޫލްގެ ތެރެއިން ދިހަވަރަކަށް ސްކޫލްގައި މަލްޓި ގްރޭޑް ޓީޗިންގގެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރެވެމުންދޭ. އެހެން ނަމަވެސް، އެކަންވެސްވަނީ އަޅުގަނޑުމެންގެ ތެރެއަށް މިހާރަށްވުރެ ރަނގަޅަށް ތަޢާރުފްކޮށް، އެކަމަށް ދޭންޖެހޭ އެހީތެރިކަން ދޭންޖެހިފައި. އެހެންވީމާ، މިކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، މިދަތުރަކީ މިއީ އަޅުގަނޑަށް، އަޅުގަނޑު މިހާރު މިހުރި މަޤާމާ ޙަވާލުވިފަހުން މިރަށަށް އާދެވޭ ފުރަތަމަފަހަރު. އެހެންވީމާ، އެޙައިޘިއްޔަތުން އަޅުގަނޑު ދަންނަވާލަންޖެހޭ ވާހަކަކޮޅެއް. ފުރަތަމަ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވީ ޟަރޫރީ ޙާލަތެއްގައި. ޤައުމަށް ދިމާވި ވަރަށް އުނދަގޫ ދުވަސްވަރެއްގައި. މަޤާމާ ޙަވާލުވީ، އަޅުގަނޑު އޭރުގައި ހުރީ ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ކަމުގައިވާތީ، ޤާނޫނުއަސާސީ އެކަމަށް ލާޒިމްކުރާތީ. އެއަށްފަހުގައި، އަޅުގަނޑު ވާނީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ހުރިހާ އެންމެން ބައިވެރިކޮށްގެން، ސަރުކާރު އުފެއްދުމަށް ކަނޑައަޅައި، އެގޮތަށް އެދިފައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ސަރުކާރާ ޙަވާލުވިއިރުގައި، ރާއްޖޭގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އެހެންވީމާ، އަޅުގަނޑަށް އޭރުގައި ގަބޫލުކުރެވުނީ، ހުރިހާ އެންމެން ގޮވައިގެން ނޫނިއްޔަކާ، އަޅުގަނޑުމެންނަކަށް ޞުލްޙަވެރިކަމާ އެކީގައި ކުރިއަކަށް ނުދެވޭނެކަމަށް.

މި ޤައުމުގައި ސިޔާސީ ޕާޓީތައް ތަޢާރުފް ކުރުމާ ގުޅިގެން ވަރަށް ބޮޑެތި ބައިބައިވުން ވަނީ އުފެދިފައި. އެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވަރަށް ބޮޑަށް، އެއްބަޔަކު އަނެއް ބަޔަކާ ދިމާކުރުމުގެ އާދަކާދަ އަޅުގަނޑުމެންގެ ތެރޭގައި މިހިރީ ވެރިވެފައި. މިކަމަކީ މިއީ ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުގައި، އެކަން މުޅިއަކުން އޮންނަ ގޮތެއްވެސް ނޫން. ތެދެއް، އިންތިޚާބުގެ ދުވަސްވަރުގައި، އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔުން އޮންނާނެ. އެއްބަޔަކު އަނެއް ބަޔަކު ނެރޭ ސިޔާސަތުތަކަށް ފާޑުކިޔައި، އެއަށްވުރެ މޮޅު ސިޔާސަތެއް ހުށަހެޅޭތޯ މަސައްކަތް ކުރާނެ. އެހެން ނަމަވެސް، އިންތިޚާބު ނޯންނަ ދުވަސްވަރެއްގައި، އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއް ބައެއްގެ ވިޔާނުދާ ވާހަކަ ދައްކައި، ޖެއްސުންކޮށް، މިކަންކަން ކުރުމަކީ އެއީ ތަރައްޤީވެފައިވާ، ކުރިއަރާފައިވާ ޤައުމުތަކުގައި ކޮށްއުޅޭ ކަމެއް ނޫން. އަޅުގަނޑުމެންވެސް އެބަޖެހޭ އެކަން ބަލައިގަންނަން. ދިވެހިރާއްޖެ ޑިމޮކްރެޓިކް ބަދަލަކަށް ކުރިއަށްދާއިރުގައި، މިބަދަލުގެ ތެރޭގައި، އަޅުގަނޑުމެންނަށް ނުރަނގަޅު ކަންތައްތަކެއް ތަޢާރުފް ކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ކަހަލަ ކުދި ޖަމާޢަތްތައް ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް، ކަންކަން ގެންދިޔުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް މި ދަންނަވާ ފަދައިން، އަޅުގަނޑުމެން އިސްކުރަންވާނީ، އިސްލާމީ އުޚުއްވަތްތެރިކަން. އަޅުގަނޑުމެންގެ ޤައުމީ ފިކުރު. އަޅުގަނޑުމެންގެ ދީނީ ފިކުރު. މިކަންކަން އަޅުގަނޑުމެން އިސްކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ޕާޓީ ފިކުރަށްވުރެ. ތެދެއް، ކަންކަން ކުރުމުގައި ތަފާތު ޚިޔާލު ނެރެވިދާނެ.

ދެންމެ އަޅުގަނޑު ތިޔަބޭފުޅުންނަށް މިދެންނެވީ، ތަޢުލީމީ ގޮތުން އަޅުގަނޑުގެ ފިކުރު، ކުދި ސްކޫލްތަކަށް. ކުދި ސްކޫލްތަކުގައި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށް އަޅުގަނޑަށް ފެންނަ ފެނުމެއް. އަޅުގަނޑުގެ ފިކުރު މިދެންނެވީ. ދެން ރިޔާސީ އިންތިޚާބުގައި ނުކުންނައިރުގައި ހަމަ މި ފިކުރު އަޅުގަނޑު ފާޅުކޮށް، އަޅުގަނޑު އެވާހަކަ ދައްކާނެ. ދައްކާއިރުގައި އެއާ ޚިޔާލު ތަފާތުވާ ބަޔަކު އުޅެފާނެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނާ ބަޔަކުވެސް އުޅެފާނެ. އެއީ މައްސަލައެއް ނޫން. އެކަހަލަ ވާހަކަ އަޅުގަނޑުމެން ދައްކަންވެސް ޖެހޭނެ. އެހެން ނަމަވެސް، އެއްބަޔަކު އަނެއް ބައެއްގެ އަބުރާބެހި، ޢާއިލާއާބެހި، ހުތުރު އެއްޗެހި ކިޔައި ހެދުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އަސަރު ވަރަށްބޮޑު. އޭގެ ސަބަބުން އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓި، ޢާއިލާގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުން އުފެދިދާނެ. މިއީކީ އެއްގޮތަކަށްވެސް ކުރަންވާވަރު ކަންތަކެއް ނޫން. އަޅުގަނޑުމެންނަށް ހިތްހެޔޮކަމާ އެކީގައި، އެކަކު އަނެކަކާ ސަލާން ޤަލާންކޮށް ނޫޅެވޭވަރަށް، އަޅުގަނޑުމެން ނުވާނެ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން ގެންގޮސްގެން.

މިހެން އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑަށް ފެނިއްޖެ، މިވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް މި މަންޒަރު. ކުރިއަށް އޮތީ އިންތިޚާބުގެ ދުވަސްވަރު. މިހާރު ވަނީ ކޮންމެވެސްވަރަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިދެންނެވި ރޫޙު ކުޑަކޮށް ތިރިވެ، އުޅެލެވޭވަރުވެފައި. އެއްބަޔަކު އަނެއް ބަޔަކަށް އެކީގައި އުޅެލެވޭވަރުވެފައި މިހާރު މިއޮތީ. އެހެން ނަމަވެސް، އަނެއްކާވެސް އިންތިޚާބުގެ ދުވަސްވަރުގައި މިކަން ގޯސްވުމަކީ އެއީ އެއްގޮތަކަށްވެސް ވިޔަދީގެންވާނެ ކަމެއް ނޫން. ބައެއްފަހަރު މީހުން ރުޅިއަންނާނެ. ޢާއިލާގެ ތެރޭގައިވެސް އެކަކު އަނެކަކުދެކެ ރުޅިއާދޭ. އެހެން ނަމަވެސް، އަޅުގަނޑުމެން ނުވާނެ، އެ ރުޅިވެރިކަމުގައި ގިނަދުވަހު ތިބޭކަށް. އެއީކީ ރަނގަޅު މުސްލިމުންގެ ގޮތެއް ނޫން. އެހެންވީމާ، ތިޔަބޭފުޅުންވެސް މަސައްކަތް ކޮށްދެއްވަންވާނެ، ތިޔަބޭފުޅުންގެ ޢާއިލާގެ ތެރޭގައި ދެބަސްވާ މީހުން ތިބި ކަމުގައިވީނަމަވެސް، އެކީގައި އުޅެވޭތޯ ބައްލަވަން. އެއްބަޔަކު އަނެއް ބަޔަކަށް ސަލާންކުރެވޭވަރުވުން. އެއްބަޔަކު އަނެއް ބަޔަކަށް ޙާލު އަޙުވާލު އަހާލައި، ވެދޭންޖެހޭ އެހީތެރިކަން ވެދެއްވަން. ސިޔާސީ ސަބަބުތަކަށްޓަކައި ދަރިއަކަށް ބައްޕައެއް ނުބެލުނީމާ އެއީ ވަރަށްބޮޑު ގޯސްކަމެއް. އެހެން ނޫނިއްޔާ، ބައްޕައަކަށް ދަރިފުޅަށް އަޅާނުލެވުނީމާ އެއީ ވަރަށްބޮޑު ގޯސްކަމެއް. އަދި ސިޔާސީ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ޅަދަރިންނަށް ވިޔާނުދާ ކަންކަން ދަސްކޮށްދިނުމަކީވެސް އެއީ ވަރަށް ގޯސް ކަމެއް.

އިއްޔެ އަޅުގަނޑަށް ދިމާވި ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު އިއްޔެ ހުކުރަށް ގޮސް، ހުކުރު މިސްކިތުން ފައިބައިގެން އައި މަގުމަތީގައި، ބައްޕައެއް އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން މަގުމަތީގައި ހުއްޓައި، އަޅުގަނޑު އެ ދަރިފުޅާ ސަލާންކޮށްލަން އަތް ދިއްކޮށްލުމުން، ބައްޕަ ކުރެއްވި ކަމަކީ ދަރިފުޅުގެ އަތް އަތުލީ. އަޅުގަނޑާ ސަލާންކުރިޔަ ނުދެއްވީ. އަޅުގަނޑަކަށް ނޫން ދޮއެއްތޯ އެއިން ދެރަ ލިބޭނީކީ. އެކަން އެއީ ވަރަށްދެރަ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް ދެރަވި، އެމަންޒަރު ފެނިފައި. ސަބަބަކީ އަޅުގަނޑާ އެކުއްޖާއާ ސަލާން ނުކުރެވުނީމައެއް ނޫން. އެހެން ނަމަވެސް، ބައްޕައަކަށް އޭނާގެ ދަރިފުޅަށް، ތުއްތު ދަރިފުޅަށް، އެ ދަސްކޮށްދެވުނީ ވަރަށް ގޯސް ކަމެއް. އެ ދަރިފުޅަކަށް ނޭނގޭނެ، އަޅުގަނޑަކީ ކާކު ކަމެއްވެސް. އެހެން ނަމަވެސް، މީހަކު ސަލާން ގޮވާލީމާ، ސަލާންކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށްއުޅޭ ކަންތަކެއް ނޫން. ދިވެހިން ކޮށްއުޅޭ ކަންތަކެއް ނޫން. އެބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އެބަ ހިނގާ. މިއީ ވަރަށްދެރަ މައްސަލައެއް.

އަޅުގަނޑު މިއިން ކޮންމެ ރަށަކަށްވެސް މިއަންނަނީ ހިތްހެޔޮކަމާ އެކީގައި، ތިޔަބޭފުޅުންނަށް އަޅުގަނޑަށް ވެވުނު ކޮންމެ އެހީތެރިކަމެއް ވެދިނުމަށްޓަކައި. އަދި އެއްވެސް ބޭފުޅަކާ ދޭތެރޭގައި ހިތްބަރުކަމެއްނެތި. އަޅުގަނޑު ނުބަލަން، މިރަށަށް އަންނައިރުގައި، ނޫނީ އެހެން ރަށަކަށް އަންނައިރުގައި، އެރަށުގައި ތިއްބެވީ ކޮންޕާޓީއެއްގެ، ކޮންބޭފުޅުންނެއްތޯއެއް. އަދި އަޅުގަނޑު އަންނައިރުގައި އަޅުގަނޑުގެ ވަށައިގެން އަޅުގަނޑުގެ ޕާޓީގެ ދިދަތަކާ އެއްޗެހި އުފުލައިގެނެއް އަޅުގަނޑު ނޫޅެން. އަދި އެހެން ޕާޓީއެއްގެ ދިދައެއް ހުއްޓަސް އަޅުގަނޑު އަޅައެއްވެސްނުލަން. އެހެންވީމާ، މިދެންނެވިގޮތަށް ކަންތައް ކުރުމަކީ އެއީ ރަނގަޅު ކަމެއް ނޫން. އެއިން ދޭހަވަނީ އަޅުގަނޑުމެންގެ ބައެއް އަޚުން، އެމީހުންގެ ހިތުގައި ވަރަށްބޮޑު ރުޅިވެރިކަމެއް ގެންގުޅޭކަން. ވަރަށްބޮޑު ޙަސަދަވެރިކަމެއް ގެންގުޅޭކަން. އޭގެ ސަބަބުން ރުޅިވެރިކަމާއި ޙަސަދަވެރިކަމަކީ ތިމާ އެތެރޭން އަނދާ ހުލިވާކަމެއް. އެއީ އެހެން މީހުންނަށް އޭގެ އަސަރުކުރާ ކަމެއް ނޫން. އޭގެ އެންމެބޮޑު އަސަރެއް ކުރާނީ، ތިމާގެ އަމިއްލަ ހަށިގަނޑަށް. ތިމާގެ އަމިއްލަ ވިސްނުމާއި ސިކުނޑިއަށް. ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި އެންމެ މުހިންމު ކަމަކީ އުފަލުގައި މީހާ އުޅުން. އުފާކުރެވޭނީ، އުފަލުގައި އުޅެވޭނީ، އެހެން މީހުންނާ ދޭތެރޭގައި ޙަސަދަވެރިކަން ނުބޭއްވީމާ. ރުޅިވެރިކަން ނުބޭއްވީމާ. އެހެން މީހުންނަށް މަޢާފްކުރީމާ. ހިތްހެޔޮކުރީމާ. ހިތް ޚަލާޞްކުރީމާ. އޭރުން ތިމާއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީވެސް.

އެހެންވީމާ، އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސްވަރަކަށް މިކަންކަން އަދިވެސް އެބަހުރި. އެއްގޮތަކަށްވެސް އެހެން ނަހައްދަވާތި. އެއީކީ އަޅުގަނޑުމެންގެ ދަރިންނަށްވެސް ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެންނަށްވެސް ޚުދު ރަނގަޅު ކަމެއް ނޫން. އަދި އަޅުގަނޑުމެންގެ ރަށަށްވެސް ރަނގަޅު ކަމެއް ނޫން. އެހެންވީމާ، މިކަމާ ދޭތެރޭގައި ހުރިހާ ބޭފުޅުންވެސް އަދި މި ހޯލްގައި ނެތް ބޭފުޅުންވެސް، އެހެން ރަށްރަށުގައި ތިއްބެވި ބޭފުޅުންވެސް މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އެއީ އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިހާރު މިދައްކާ ވާހަކަ ރެކޯޑް ކުރެވިގެން، ޓީ.ވީގަޔާއި ތަންތާނގައި ދެކެވޭނެކަން. އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކަ، މި ދޭ މެސެޖް މިއީ ވަރަށް މުހިންމު މެސެޖެއް. މިއީ ވަކި ޕާޓީއެއްގެ ބޭފުޅަކަށްވެގެން އަޅުގަނޑު ދަންނަވާ އެއްޗެއް ނޫން. މިދެންނެވި ގޮތަށް އަޅުގަނޑުމެން ކަންތައް ކުރީމާ، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަމަޞްލަޙަތު ޤާއިމްވާނީ. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ޤައުމާއިގެން އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ. މި ޤައުމުގައި، މި ރާއްޖޭގައި، މިރަށުގައި އަޅުގަނޑުމެން ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. މިހުރިހާ ކަންތައްތައް ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްގެން. އެހެން ނޫނިއްޔާ، ހަމަ ކަމެއް ކުރަން އުޅޭއިރަށް، އެކަމަށް ހުރަސްއެޅި، އެކަން ދިގުދެމި، އެކަން ނުވެގެންދާތަން އަންނާނެ.

އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ އެކިއެކި ދަތިތަކުގެ ތެރެއިންވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް މިއަދު އިރާދަކުރެއްވީތީ ދަނީ ކުރެވެމުން. އެކަން ކުރަންތިބި މީހުންނަކީ އިޚްލާޞްތެރިކަމާއެކީ ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާ މީހުން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ކިތަންމެ ދަތީގައި ނަމަވެސް، އަޅުގަނޑުމެންނަށް މި ޤައުމާއިގެން ކުރިއަށް ދެވޭނެ. އަޅުގަނޑުމެން މިކުރަންހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ވާނެ. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް މިރަށުގައިވެސް ފުރިހަމަވެގެންދާނެ.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ޞުލްޙަވެރިކަމާއި، އުފާވެރިކަމާއި، ފާގަތިކަންމަތީގައި ދިރިއުޅުއްވާ ބައެއް ކަމުގައި މާތްﷲ ލެއްވުން. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه