بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

މުލަކުގެ ލޮބުވެތި އަޚުންނާއި އުޚުތުން، މުލަކު ރަށު ކައުންސިލްގެ ރައީސް، އަދި މިއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑަށް މިރަށަށް މިއާދެވުނީ، މިރަށަށް ނައިސް ވަރަށްގިނަ ދުވަސްތަކެއް ވުމަށްފަހުގައި. އެހެންވީމާ، މިރަށަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދި ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑާއި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރްޙަބާ ވިދާޅުވިކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރަށުން އަޅުގަނޑުމެންނަށް މި އިވިގެންދިޔަ އަޑުތަކަކީ އެއީ ހަމައެކަނި މިރަށުން އިވޭ އަޑުތަކެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ތިބި ރައްޔިތުން މިތިބީ ކެތްމަދުވެފައި. އެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ނުލިބި ލަސްވަމުންދާތީ. ރާއްޖޭގައި ރައްޔިތުން އުޅޭތާ، ރާއްޖޭގައި މީހުން އުޅޭތާ ލައްކަ ގިނަ ޒަމާންވެއްޖެ. އެތަކެއްހާސް އަހަރުވެއްޖެ. ނަމަވެސް، ރާއްޖޭގެ ގިނަ ރަށްތައް އޮތީ އެބަޔަކަށް ވީވަރަކުން އެބަޔަކު އަމިއްލައަށް ކަންކަންކޮށްގެން އުޅޭގޮތަށް ދޫކޮށްލެވިފައި. އެވަގުތަކު ރައްޔިތުންނަށްވީ ވަރަކުން ރައްޔިތުން ކަންކަން ކުރަނީ. ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ އެކައުންޓް ހުޅުވައިގެން ރައްޔިތުން ބާނާމަހުން ޙިއްޞާއެއް ނަގައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ކުރަމުން އައީ. އަދި ރައްޔިތުންނަށް ދޫކޮށްފައިވާ އެކި ބިންތަކުން، ރުއްދަނޑުތަކުން، ގޮއިފާލައްބަތަކުން ލިބޭ އެއްޗަކުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން، އެ ރައްޔިތަކަށް ވީވަރަކުން ރައްޔިތުންގެ ކަންކަން ކުރަމުންއައީ.

ވީމާ، އެތަކެއް ޒަމާންތައްދިޔައިރުގައިވެސް ރައްޔިތުންނަށް ބޭނުންވާ ބައެއް އަސާސީ ކަންކަން މިހިރީ ނުވެ. އަސާސީ ކަންކަމޭ އަޅުގަނޑު މިދަންނަވަނީ، ސާފު ރައްކާތެރި ބޯފެން ލިބުން، ފާޚާނާގެ ނިޒާމު ޤާއިމްވެފައި އޮތުން، ފަސޭހައިން ލަފާފުރޭނެގޮތްވުން، ތަނަވަސްކަމާއެކީގައި ދިރިއުޅޭނެ ބޯހިޔާކަމެއް ހުރުން، އަސާސީ ޞިއްޙީ ޚިދުމަތްވެސް، ބަލިވީމާ ބޭސްކުރެވޭގޮތްވުން އަދި އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދެވޭނެގޮތްވުން. މިހިރަ މިހިރަ ކަންކަން ކުރުމަށްޓަކައި ރައްޔިތުންނަށް ވީވަރަކުން ދިޔައީ މަސައްކަތް ކުރަމުން. އެހެން ނަމަވެސް، މިކަންކަމަކީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގާ ކަންކަން ކަމަށްވާތީ، ގިނަ ރަށްރަށުގައި މިބާވަތުގެ ކަންތައްތައް ހުރީ ފުރިހަމަނުކުރެވި. މިއަދު އަޅުގަނޑުމެންނަށް އިވެނީ، ހުރިހާ ދިމާއަކުންވެސް އެކަންކަން ނުވެގެން އެކަމުގެ ވާހަކަ. މިއަދު ތެދެއް، ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެފައި އެބައޮވޭ، މިދެންނެވި ހުރިހާ ކަންކަމަކީވެސް އެއީ ރައްޔިތުންގެ ޙައްޤޭ. ރައްޔިތުންނަށް އެ ޙައްޤުތައް ލިބިދޭންޖެހޭ. އެ ލިބިދޭންޖެހެނީ ކޮންކަމެއްތޯ؟ އެ ޙައްޤުތައް ރައްދުކޮށްދޭންޖެހޭނީ ކޮންބައެއްތޯ؟ އެކަން ކުރަންޖެހެނީ، ޤައުމުގެ ކަންކަން ކުރިއެރުވުމަށްޓަކައި، އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކޮށްފައި، އެކިއެކި މަޤާމުތަކާ ޙަވާލުކޮށްފައި ތިބޭ މީހުންގެ ބޮލުގައި އެޅޭ ޒިންމާއެއް، އެ ޒިންމާއަކީ. އެ މަސްއޫލިއްޔަތު އުފުލަން މިޖެހެނީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހާއަށްވެސް. އެހެން ނަމަވެސް، ކުރީ ޒަމާންތަކުގައި އޮންނަގޮތަށް، އެއިރަކު ހުންނަވާ ރަސްކަލެއްގެ ކޮނޑުފުޅުގައި އެކަނި އެޅޭ ކަމެއް ނޫން. މިހާރު ހުންނަ ރައީސުލްޖުމްހޫރިއްޔާގެވެސް ކޮނޑުގައި ހަމައެކަނި އެޅޭނެ މަސްއޫލިއްޔަތެއް ނޫން އެއީކީ. އެކިވަރުވަރުން އެކިވަރުވަރުގެ ވެރިން މިއަދުވަނީ ރައްޔިތުން އިންތިޚާބުކޮށް ކަންކަމާ ޙަވާލުވެފައި.

މިއަދުގެ ޤާނޫނުއަސާސީ އޮތްގޮތުން، ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދްމަތްތައް ލިބިދިނުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެ މަސްއޫލިއްޔަތު އެބަ އެޅޭ، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބޮލުގައިވެސް. ދައުލަތް މިއޮތީ ތިންބަޔަކަށް މިހާރު ބައިކުރެވިފައި. ދައުލަތް މި ހިންގަނީ ތިން މުއައްސަސާއަކުން. ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަނީ ސަރުކާރަށް.

ސަރުކާރުގެ އިތުރުން އަދި އެބައޮވޭ، ޤާނޫނުހަދާ މަޖިލިސް. އެ މަޖިލީހުގައި ތިޔަބޭފުޅުން އިންތިޚާބު ކުރައްވާފައި ތިބޭ މަންދޫބުންތަކެއް އެބަތިބޭ. އެބޭފުޅުންގެ މަސްއޫލިއްޔަތެއް، ސަރުކާރުން ހުށަހަޅާ ކަންކަން ދިރާސާ ކުރުމަށްފަހުގައި، އެކަންކަން ފަހިކޮށްދިނުން. ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދީ، އެކަންކަން ފަހިކޮށްދިނުން. މިއަދު އެހެނަސް ކަންދިމާވެފައި އޮތްގޮތުން، ބައެއްފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސަރުކާރުގެ އެގްޒެކެޓިވް ބާރު، އެއީ ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ސަރުކާރު. އެ ސަރުކާރާއި ޤާނޫނުހަދާ މަޖިލީހާ ދޭތެރޭގައި ބައެއްފަހަރު މިފެންނަނީ އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރުމުގެ ރޫޙެއް އުޅޭތަން. އެކަން އެހެން އެކަންވުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ހުރިހާވެސް ބުރަކަމެއް މި އިޙްސާސް ކުރަން މިޖެހެނީ. މިކަން އެބަޖެހޭ އަޅުގަނޑުމެން ރަނގަޅުކުރަން. މިކަން ރަނގަޅު ކުރެވޭނީ، އަދި ދުވަސްކޮޅަކުން. އެކަން ރަނގަޅު ކުރުމުގައި ތިޔަބޭފުޅުންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް އެބައޮތް. އެ މަސްއޫލިއްޔަތަކީ ދެން މިއޮންނަ އިންތިޚާބުގައި، ތިޔަބޭފުޅުން އެއްބަޔަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުވެސް ދެއްވުން. ހަމަ އެބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީވެސް ދެއްވުން. އެނޫން ގޮތަކަށް އަޅުގަނޑަކަށް ނުފެނޭ، ދިވެހިރާއްޖޭގައި މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅޭ ދަތިތަކުން ސަލާމަތްވެވޭނެ ގޮތެއް.

މިއަދު އަޅުގަނޑުމެން ހަދާފައި މިއޮތް ދުސްތޫރަކީ، އެއީ އަދި މިހާތަނަށް އަޅުގަނޑުމެންގެ ރާއްޖޭގައި ނެތްފަދަ ވަރުގަދަ ދުސްތޫރެއް. ނަމަވެސް، އެ ޤާނޫނުއަސާސީ ތަންފީޛު ކުރުމުގައި، އަޅުގަނޑުމެންނަށް މިދަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން. އެއްބަޔަކަށް ޤާނޫނުއަސާސީ ލިބިދީފައިވާ ބާރުތަކުގެ މައްޗަށް އަނެއްބަޔަކު ވެރިވެގަނެގެން އުޅޭތީ. ރައީސުލްޖުމްހޫރިއްޔާއަކާއި ވަޒީރުންގެ މަޖިލީހަކާ އުފެދިފައި މިވަނީ ސަރުކާރު ހިންގަން. ސަރުކާރުގެ ޕްރޮގްރާމްތައް ހިންގަން. ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ބަނދަރު ހެދުންވެސް، ނަރުދަމާ ހެދުންވެސް އަދި ފެން ލިބުންވެސް، މިކަންކަން ކުރުމުގެ މަސައްކަތް ކުރަންޖެހޭ ބަޔަކީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރުގެ މުވައްޒަފުން. އެކަން ކުރަންޖެހޭނީކީ ރައްޔިތުންގެ މަޖިލީހަކުން ނޫން. ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމަކީ، ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައި، ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި ބޭނުންވާ ބަޖެޓް، އެކަމަށް ބޭނުންވާ އާމްދަނީ ލިބޭނެގޮތް ހަދައިދިނުން. ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސަރުކާރު ހިންގުމުގެ ވަރަށް ބޮޑެތި މަސްއޫލިއްޔަތު، ޚާއްޞަކޮށް، މާލީގޮތުން ކުރަންޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރަމުންދާތަން. ސަރުކާރުން ސަރުކާރުގެ މައިގަނޑު ސިޔާސަތު ހިންގުމުގައި ކުރަންޖެހޭ ކަންކަން މިހާރު މިކުރެވެނީ، ރައްޔިތުންގެ މަޖިލީހަށް ގޮސްގެން. ދުވާލަކު އެއްފަހަރު މާލީ ވަޒީރު އެބަ ވަޑައިގަންނަވަންޖެހޭ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހުގައި އެބަ ދަންނަވަންޖެހޭ، މިވެނި އެކައުންޓަކުން މިވެނި އެކައުންޓަކަށް ލާރިކޮޅެއް ބަދަލުކޮށްލަދޭށޭ. އޭރުންނޭ ތިމަންނައަށް މިވެނި ކަމެއް ކުރެވެން އަންނަނީ. މިދަރަޖައަށް ސަރުކާރު ހިންގުމުގެ ތެރެއަށް މިއަދު މަޖިލީހުގެ އަތް މިވަނީ ވަދެފައި. މިކަން އަޅުގަނޑުމެން އެބަޖެހޭ އިޞްލާޙު ކުރަން. އެހެން ނޫނިއްޔާ، މި ޤައުމު ހިންގަންވާ ގޮތަކަށް ނުހިންގޭނެ.

މި ރާއްޖޭގައި ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަކަށް. ބަރުލަމާނީ ނިޒާމަކަށް ނޫން. ތިޔަ ހުރިހާ ބޭފުޅުން ވޯޓް ދެއްވައިގެން ގޮތެއްވަނީ ކަނޑައަޅުއްވައި ދެއްވާފައި. އެގޮތަކީ، ދިވެހިރާއްޖޭގައި ހިންގަންވާނީ ރިޔާސީ ނިޒާމެކޭ. ދިވެހިރާއްޖޭގައި އޮންނަނީ ޑިމޮކްރެޓިކް ރިޕަބްލިކެކޭ. ދިވެހިރާއްޖޭގައި އޮންނަނީ ޕާލަމެންޓްރީ ޑިމޮކްރަސީއެކޭ ނޫން ބުނެފައި އޮންނަނީ. ނަމަވެސް، ޤާނޫނުއަސާސީ މިހާރު ބައްޓަންވެފައި އޮތްގޮތުން، މަޖިލީހުގެ ތެރެއިން ކަންކަން ކުރަމުން ގެންދަނީ، އެގްޒެކެޓިވް ބްރާންޗުން ކުރަންޖެހޭ ކަންކަމުގެ ތެރެއަށް ވަދެގެން. މިއަހަރުގެ ބަޖެޓް އެއީ ވަރަށް ރަނގަޅު މިސާލެއް. ބަޖެޓް ފޮނުވުމުން، ސަރުކާރުގެ ހިންގުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން ވަރަށްބޮޑު ބައެއް ނަގާފައި، މިބުނަނީ ތިކަމެއް ނޫނޭ ކުރާނީ، އެހެން ކަމެކޭ ކުރާނީ. މިއަދު މިވަނީ ސަރުކާރުގެ އޮފީސްތައް ހިންގުމުގައި ބޭނުންވާ ބަޖެޓަށް ވަރަށް ބޮޑަށް ދަތިވެފައި. އެހެންވީމާ، މިހާރު އަޅުގަނޑުމެން ވާނީ އަނެއްކާވެސް މަޖިލީހުގައި ދަންނަވާފައި، ހެޔޮނުވާނެއޭ ތިޔަހެން ނުހައްދަވާށޭ، އަޅުގަނޑުމެންނަށް މި ސަރުކާރު ހިންގޭވަރަށް އަނެއްކާވެސް ފައިސާކޮޅެއް ބަދަލުކޮށްލަދެއްވާށޭ. މިއީތޯ މިކަން ކުރަންވާ ގޮތަކީ. ތަހުޒީބީ ޤައުމުތަކުގައި، ޑިމޮކްރަސީތަކުގައި ކަންކަން ކުރާގޮތަކީ އެއީތޯ؟ އަޅުގަނޑު ގަބޫލެއް ނުކުރަން، އެއީ ކަމަކަށް. ތިޔަބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަކާ އިންތިޚާބު ކުރެއްވީ، އެމީހުން އެމީހުންގެ މަސައްކަތް އަދާކުރުމަށްޓަކައި. މިއަދު އެ މަޤާމުގައި އަޅުގަނޑު މިހިރީ ތިޔަބޭފުޅުން އަޅުގަނޑު އިންތިޚާބު ކުރެއްވީމާ. އަޅުގަނޑު ކުރަންޖެހޭ މަސައްކަތް ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިހާރަށްވުރެ ބޮޑު އެހީތެރިކަމެއް ލިބެންއެބަޖެހޭ. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް އިންތިޚާބުގައި ތިޔަބޭފުޅުން ވޯޓް ދެއްވާއިރުގައި، މިކަންކަމަށް ތިޔަބޭފުޅުން ދިރާސާ ކުރައްވައި ބައްލަވައިދެއްވާނެ ކަމަށް. އެއީ، ކޮންމެހެން އަޅުގަނޑަށް ކޮށްދެއްވާ ކަމެއް ކަމުގައި ނުބެއްލެވުން އެދެން. އެއީ، ދިވެހިރާއްޖޭގެ މަޞްލަޙަތާއި އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި، ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކަމެއް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނަށް ބޭނުންވާ ކަންކަން، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ކޮށްދޭން. ސަރުކާރަށް ލިބޭ އާމްދަނީން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދޫކުރާ ބަޖެޓެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންނަށް ދެވެންހުރި އެންމެ ރަނގަޅަކަށް ތިޔަބޭފުޅުންގެ ޚިދްމަތްތައް އަދާކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިތިބީ ފޫގަޅައިގެން ނުކުމެ.

އާދެ! މިރަށުގައިވެސް މަސައްކަތްތަކެއް މިހާރު ހިނގަމުން އެބަދޭ. ކުރިން ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވި ފަދައިން، ބައެއް ރަށްރަށް މިހާރު ހުރީ އިހުމާލު ކުރެވިފައި. އެއީ ވަކިބަޔަކު އިންތިޚާބުވީމަ. ނޫނީ ވަކިބަޔަކު އިންތިޚާބު ނުވީތީ. ވަކި ކުލައެއްގެ ބައެއް، ކައުންސިލްގައި ނެތިއްޔާ، އެ ކައުންސިލެއް އޮތީ އިހުމާލު ކުރެވިފައި. އެރަށެއް އޮތީ އިހުމާލު ކުރެވިފައި. އެރަށް ރަށުގައި ކުރަންޖެހޭ ކަންތައްތައް ހުރީ ނުކޮށް ލަސްކޮށްގެން. އެކަމަކު އަޅުގަނޑު ދެންނެވިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން އަޅުގަނޑު އެއްވެސް ތަފާތެއްނެތި، އެއްވެސް ކުލައަކަށް ނުބަލައި، ކުރަންޖެހޭ ހުރިހާ ކަމެއް، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކީގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރަމުން ގެންދާނަމޭ. އެގޮތުން، މިރަށުގައިވެސް ވަނީ މަސައްކަތްތައް ފެށިފައި. މަސައްކަތް ދަނީ ކުރިއަށް. ރަށުގެ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ދަނީ ކުރެވެމުން. މިހާރު ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަވަނީ ނިމިފައި. މިވަގުތު ކުޑަކޮށް ލަސްވެގެން އުޅެނީ. އެއީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ބޮޑުހިލަ ލިބުމުގައި ބައެއް ދަތިތައް މިހާރު ކުރިމަތިވެފައި ހުރީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެ ތޮށިގަނޑުގެ ކަންތައް ނިމިގެންދާނެ. އެކަން ކޮށް ނިމޭނެ.

ދެން މިއަހަރު މިރަށުގައި ކުރަންހުރި ކަންތައްތަކުގެ ތެރެއިން، މިރަށުގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ދަނީ މަސައްކަތް ކުރެވެމުން. މިހާރު އެކަން ވަނީ ބީލަމަށްލާފައި. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެހަފްތާއެއްހާ ތެރޭގައި މިރަށުގައި އެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅިގެން، މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެމަސައްކަތް ފެށޭނެ.

ދެން ތިޔަ ވިދާޅުވިހެން ވަރަށް ދެރަ ކަމެއް، މިރަށުގައި މިހާ ގިނަ ދުވަސްވީއިރުގައިވެސް ސަރުކާރުގެ ފަރާތުން މިސްކިތެއް ބިނާކޮށްނުދެވި އޮތްކަން އެއީ. މިހާގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށެއްގައި، ސަރުކާރުގެ ފަރާތުން މިސްކިތެއް ޢިމާރާތް ނުކުރުމަކީ އެއީ، ވެގެންވާނެ ކަމެއް ނޫން. އަޅުގަނޑަށްވެސް އެބަ ފެނޭ، މިރަށުގެ މިސްކިތް ހުރި ޙާލު. އެހެންވީމާ، މިރަށަށް އިސްކަމެއްދީގެން، މިއަހަރު މިރަށުގައި މިސްކިތެއް ޢިމާރާތް ކުރަން ފެށޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން ބައެއް ކުދިކުދި ކަންކަން އެބަހުރި، މިހާރުވެސް ކުރެވޭނެ ކަންތައްތައް. އެގޮތުން، ރަށުގެ ޞިއްޙީ މަރްކަޒު ރަނގަޅު ކުރުމާއި، މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރުމާއި، އަދި ހަމައެހެން، ރަށުން ބޭންކުގެ ޚިދްމަތް ލިބޭނެގޮތެއް ހެދުން އެއީ ކުރެވިދާނެ ކަންކަން. އަޅުގަނޑަށް އުންމީދު ކުރެވޭ ގޮތުގައި، މިއަހަރުގެ ތެރޭގައި، ބޭންކުގެ ވަކި އޮފީހެއް މިރަށުގައި އަދި ޤާއިމް ނުކުރެވުނު ކަމުގައިވީނަމަވެސް، މިރަށުގެ ރައްޔިތުންނަށްވެސް ބޭންކް އެކައުންޓް ހުޅުވައި، ބޭންކްގެ މުޢާމަލާތު ކުރުމުގެ ފުރްޞަތު މިރަށުން ހުޅުވިގެންދާނެ. އެކަމަށްޓަކައި މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އާ އިންތިޒާމްތަކެއް ކުރަމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ.

ހަމައެހެން، މިރަށުގެ ޒުވާނުންނަށްޓަކައި، އެ ޒުވާނުންގެ މަރްކަޒުގެ މަސައްކަތްތަކެއްވެސް ކުރެވެމުން އެބަދޭ. މިހާތަނަށް ކޮންމެވެސްވަރެއްގެ ފައިސާކޮޅެއް ވަނީ ދޫކުރެވިފައި. އެހެން ނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދި އެބަޖެހޭ އެކަމުގައި އެހީތެރިވާން. އިރާދަކުރެއްވިއްޔާ، އެކަމަށް ބޭނުންވާ ފައިސާވެސް މިއަހަރު ހަމަޖެހިގެންދާނެ. އެހެންވީމާ، އެކަން ކުރިން ރާވާފައި އޮތް ގޮތަށް ކޮށް ނިމޭނެ.އާދެ! މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިރަށުގައި ވާނެ.

ނަރުދަމާއެއްގެ ވާހަކަ ތިޔަބޭފުޅުން ދައްކަވައިފި. ނަރުދަމާއެއް މިއަހަރަކުވެސް ނެތް ރޭވިފައެއް. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެކަމަށް ބޭނުންވެފައި ތިއްބެވި ވަރު. އެހެންވީމާ، އަޅުގަނޑު ބަލާނަން، ކިހިނެއްތޯ އެކަން ކުރެވޭނީ. އިރާދަކުރެއްވިއްޔާ، އެންމެ ލަސްވިޔަސް، އަންނަ އަހަރުގެ ތެރޭގައި، އަންނަ އަހަރުގެ ކުރީކޮޅު މިރަށުގައި ނަރުދަމާއެއްގެ މަސައްކަތް ފެށޭވަރު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! އިތުރު ކަންތައްތަކެއްގެ ވާހަކަ، އަޅުގަނޑަށް އެނގޭ، ކިތަންމެ ކަމެއް ކުރަންޖެހޭ. އެހެން ނަމަވެސް، އަޅުގަނޑަށް ނުވާވަރުގެ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ނުދަންނަވާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިދެންނެވި ކަންކަން ކުރެވޭނެ. އެކަމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ކުރެވެންހުރި ހަމަ ހުރިހާ މަސައްކަތެއް ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! ހަވީރުގެ ވަގުތަކަށްވީމަ، މާ އަވަސްއަރުވާލާފައި އަޅުގަނޑުވެސް ވާހަކަ ނިންމާލާކަށް ނެތީމު. ތިޔަބޭފުޅުންގެ އިޒުނައާ އެކީގައި އަޅުގަނޑު އަދި ދެތިން ވާހަކައެއް ދަންނަވާލާނަން.

އާދެ! ރާއްޖެ މިހާރު ދަތުރުކުރަމުން މިގެންދަނީ، އާދަޔާ ޚިލާފަށް ދަތި ދުވަސްވަރެއްގެ ތެރޭގައި. ޚާއްޞަކޮށް، ސިޔާސީގޮތުން އުނދަގޫ ދުވަސްވަރެއްގެ ތެރޭގައި. ސަބަބަކީ ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުން އައި ވެރިކަން، މުޅިން އެހެން އުޞޫލަކަށް ބަދަލުކޮށް، ރާއްޖެއިން ބޭރަށް ވަޑައިގެން ކިޔަވާ ވިދާޅުވެގެން ތިއްބެވި ފުންނާބު އުސް ޤާނޫނީ މާހިރުން، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ސިޔާސީ ނިޒާމުތައް ހުންނަގޮތް ބެއްލެވުމަށްފަހުގައި، ރާއްޖެއަށްވެސް މިއޮތީ މުޅިން އާ ނިޒާމެއް ތަޢާރުފު ކުރައްވާފައި. މިއަށް އަޅުގަނޑުމެން މިކިޔަނީ ޑިމޮކްރަސީ. މި ޑިމޮކްރަސީ އަޅުގަނޑުމެން ތަޢާރުފުކުރިތާ، މިކަން ކުރަން ފެށިތާ އަދި މާގިނަ ދުވަހެއްނުވޭ. ނަމަވެސް، މި އާ ނިޒާމުގެ ތެރޭގައި، އެބަ ހުރޭ ކުރިން އަޅުގަނޑުމެންނަށް އާދަވެފައި ނުވާ ކަންތައްތަކެއް .އެއްކަމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުރިހާ އެންމެންނަށް ލިބިފައި އޮތްކަން މިހާރު އަޅުގަނޑުމެން ގަބޫލުކުރަން. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ވަރަށް ވަރުގަދައަށް ގަބޫލުކުރާ ކަމެއް، އެމީހަކު ހިތަށްއައިހާ އެއްޗެއް އެމީހަކަށް ބުނެވޭނެ ކަމަށް. މި މިނިވަން ދައުރުގައި، ތެދެއް، އަޅުގަނޑުމެން މިއަދު ޓީ.ވީ ސްޓޭޝަންތަކާއި، ރޭޑިއޯތަކާއި، ނޫސްތަކުގައި ދައްކާހާ ވާހަކަ އެއީ، ޙަޤީޤަތަކަށް ނުވިކަމުގައިވީ ނަމަވެސް، އެތަންތަން ބަންދުކޮށްލާކަށް އަޅުގަނޑުމެން ނޫޅެމު. މީގެކުރިން، ނޫހެއްގައި އެއްޗެއް ލިޔުމުން، ވަރަށް ބޮޑެތި އަދަބު ލިބިފައި އެބަހުރި. އަޅުގަނޑު ހަނދާން އެބަހުރި، ނޫހެއްގައި އަޅުގަނޑުވެސް ކޮލަމެއް ލިޔެގެން، ގެޔަށް ފޮނުވާލި ހަނދާން. ސަރުކާރުގެ އޮފީހެއްގެ ހަމަ އިސް މަޤާމެއްގައި ހުއްޓާ. އެކަހަލަ ކަންތައްތަކެއް މިހާރަކު ނުވާނެ.

އާދެ! މީހަކު ފާޅުކުރާ ޚިޔާލަކުންނެއް މީހަކަށް އަދަބެއް ނުލިބޭނެ. އެހެން ނަމަވެސް، މިހާރު ކުރިއަށްވުރެ މާބޮޑަށް އެބަޖެހޭ، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ޒިންމާ ދެނެގަންނާން. އަޅުގަނޑުމެން ފާޅުކުރާ ޚިޔާލަކުން އެހެން މީހަކަށް އޭގެ ނޭދެވޭ އަސަރެއްކުރާ ކަމަށްވާނަމަ، އެކަމާ ދޭތެރޭގައި އެބަ ވިސްނަންޖެހޭ. މީހުންނާ ދިމާއަށް އެއްޗެހި ކިޔާއިރުގައި އެބަ ވިސްނަންޖެހޭ، އޭގެ ސަބަބުން އެހެން މީހުންނަށްވެސް އޭގެ އަސަރުކުރާނެ ކަމާއި އަދި އެހެން މީހުންގެ މިނިވަންކަމަށްވެސް އަރައިގަނެވިދާނެކަން. މިނިވަންކަން މިލިބެނީކީ ޙުދޫދުން ނެތިއެއް ނޫން. މިނިވަންކަން މިއޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައި. ތިމާއަށް ކަންތައް ކުރުމުގެ މިނިވަންކަން މިއޮންނަނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެވޭ ހިސާބަށް. އަޅުގަނޑުގެ ގޭގައި އަޅުގަނޑަށް ލަވަޖެހިދާނެ. އަޅުގަނޑަށް އަޅުގަނޑު އަޑުއަހަން ބޭނުންވާ ލަވައެއް އަޅުގަނޑަށް ޖެހިދާނެ. އެހެން ނަމަވެސް، އެ ލަވައިގެ ސަބަބުން ޖެހިގެން އޮތް ގޭގައި އޮތް ބަލިމީހަކަށް އުނދަގޫވާވަރަށް އަޑުގަދަކޮށް ޖެހުމަކީ އެއީ، ހުއްދަ ކަމެއް ނޫން. ޑިމޮކްރެޓިކް ޤައުމުތަކުގައި ހުއްދަކަމެއް ނޫން އެއީކީ. އަދި ހަމައެހެން، ރޭގަނޑުގެ ވަކި ވަގުތަކަށްފަހުގައި، ނިކުމެ މަގުމަތީގައި އަޑުގަދަކުރާއިން ހަޅޭއްލަވައި ހެދުމަކީވެސް އެއީ ޑިމޮކްރެޓިކް ޤައުމުތަކުގައި ހުއްދަކަމެއް ނޫން. އެހެންވީމާ މި ދެންނެވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް ވަކި ޙައްދެއް އޮވެއޭ. މިނިވަންކަން މިއޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައި. އެކަން އެބަޖެހޭ އަޅުގަނޑުމެން ދަސްކުރަން. އަޅުގަނޑުމެންގެ ޒުވާނުންނާއި، އަޅުގަނޑުމެންގެ ކިޔަވާ ކުދިން އެބަޖެހޭ އެކަން ދަސްކުރަން.

އަޅުގަނޑުމެންގެ އާ ޤާނޫނުއަސާސީއިން އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމަކީ އެއީ ކިހާވަރެއްގެ މިނިވަންކަމެއް ކަމާއި، މިނިވަން ޑިމޮކްރެޓިކް ޤައުމެއް އަޅުގަނޑުމެންނަށް ޤާއިމްކޮށް ބިނާކޮށް ކުރިއެރުވޭނީ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ޒުވާނުން، ޚާއްޞަކޮށް، ކިޔަވާ ކުދިން ސަމާލުވެގެން، އެކަން ދަސްކޮށްގެން. އެ ދަސްކުރަން ނަގަންޖެހޭ ވަގުތު ނުނެގުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މުޅިން އާ ނިޒާމެއްގެ ތެރެއަށް އަޅުގަނޑުމެން ވަންނައިރުގައި ދުވަސްކޮޅެއް ނަގާނެ، ކަންކަން ހަމަޖެހެން. މިއީ ހަމައެކަނި އަޅުގަޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްއަވަސްވެގެން އެކަނި ވެވޭނެ ކަމެއް ނޫން. ދުނިޔޭގެ އެހެން ޤައުމުތަކުން އަންނަ މީސްމީހުންވެސް އެބަ ބުނޭ ބައެއްފަހަރު. ކީއްވެހޭ މިވެނި ކަމެއް، މިހާ އަވަހަށް ހަމަޖެހިގެން ނުދަނީ. މިސާލަކަށް، ކީއްވެގެންހެއްޔޭ، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް، ގެންނަންވާ އަވަސްކަމުގައި ނުގެނެވެނީ. ކީއްވެހެއްޔޭ، ބައެއް ޝަރީޢަތްތައް ކޯޓުގައި އަވަހަށް ނިމިގެން ނުދަނީ. މިކަހަލަ ސުވާލު ކުރަމުން އެބަދޭ. ދާއިރުގައި އެމީހުންވެސް ވިސްނަންޖެހޭނެ، މި ރާއްޖޭގައި މި އާ ނިޒާމް އައިތާ އަދި މިވީ ހަތަރު އަހަރުކަން. އެ މީސްމީހުންގެ ޤައުމުތަކުގައި މިކަން ހިންގާތާ އެތަކެއް ސަތޭކަ އަހަރުވެއްޖެ. އެހެންވީމާ، ހަމަ ހިތުގައި އޮންނަހާ އަވަހަކަށް ކަންކަމެއް އަދި ފުރިހަމައެއްވެސް ނުވާނެ. އަޅުގަނޑުމެންވެސް އެބަޖެހޭ، ހުރިހާ އެންމެންވެސް، ހުރިހާ އިރެއްގައިވެސް، ހުރިހާ ފެންވަރެއްގައިވެސް ކެތްތެރިކަމާ އެކީގައި މިއަންނަ ބޮޑު ބަދަލު ގެނައުމުގައި ބައިވެރިވާން. އަޅުގަނޑުމެން ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިން ބުނާ އެއްޗަކުން، ފާޅުކުރާ ޚިޔާލަކުން ޖަލަށްދާކަށް. މިއަދުވެސް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައި އޮތީ. ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެ، ޚާއްޞަކޮށް ދުވަސްވީ ބޭފުޅުންނަށް. ތިޔަބޭފުޅުންގެވެސް ދަރިންނަށް މިބާވަތުގެ ކަންކަމާވަނީ ކުރިމަތިވެފައި. ބައެއް ކުދިން ޖަލަށްވެސް ދާންޖެހޭ ބުނެވޭ އެއްޗަކުން. އެހެންވީމާ، މިއަދު އެ ބަދަލުވަމުން މިދަނީ. އެހެން ނަމަވެސް، އެބަދަލު ގެނައުމުގައި، އަޅުގަނޑުމެން އެބަޖެހޭ، ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކީގައި އެބަދަލު ގެންނަމުންދާން.

އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާ އެކީގައި މިދަތުރުގައި މިހާރު ބައިވެރިވެގެން. ތިޔަބޭފުޅުންނާ އެކީގައި މިދަތުރު ކުރަން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، މިހާތަނަށްވެސް އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި މިއާދެވުނު ދަތުރުގައި، ކަންކަން ވެގެންދިޔަގޮތް ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައިވެސް ތިޔަބޭފުޅުން އަޅުގަނޑާ އެކުގައި މިދަތުރު ކޮށްދެއްވާނެ ކަމަށް. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހުރިހާ އަސާސީ ކަންކަމެއް ހަމަޖެހިގެންދާނެ. އެކަމަށް ވަގުތުކޮޅެއް ނަގާނެ. ކުޑަކޮށް ކެތްތެރިވެވަޑައިގަންނަވަންވާނެ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކީގައި ކަންތައްތައް ކުރަން. ﷲ އިރާދަކުރެއްވިއްޔާ، އެކަންވާނެ. ރާއްޖެއަށް ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުން. އެހެން ނަމަވެސް، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ލިބޭ އެއްޗަކަށް ނުބަލައި، ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައި ހުރުމުގެ ސަބަބުން ސަރުކާރަށް މާ ފަސޭހަ ދުވަސްވަރެއް ނޫން މިއީކީ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ދަތިތަކުން އަރައިގަނެވި، އަޅުގަނޑުމެން ބޭނުންވާ ކަންކަން ތަންކޮޅެއް ބާރު ސްޕީޑެއްގައި ގެންގޮސް ފުރިހަމަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

މިހުރިހާ ކަމަކަށްވުރެ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ރަށްރަށުގައި އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެގޮތްވުން. ރަށްރަށް ހަލަބޮލިނުކޮށް، ރަށުތެރޭގައި ހަމަނުޖެހުން ނުއުފައްދައި، އަޅުގަނޑުމެންނަށް އަމާންކަމާއެކީގައި، ސަލާމަތުގައި ތިބުން އެއީ، އެންމެ މުހިންމު ކަމަކީ. މި ޤައުމަށް ވަރަށް އުނދަގޫ ދުވަސްތަކަކާ ކުރިމަތިވެގެން ހިނގައްޖެ. އެހެން ނަމަވެސް، އިރާދަކުރެއްވީތީ މިހާރުވަނީ ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް އައިސްފައި. އަޅުގަނޑުމެންގެ ރާއްޖޭގައި މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަކަށް ނުޖެހޭ ސްކޫލްތައް ބަންދުކުރާކަށް. ހޮސްޕިޓަލެއް ބަންދުކުރާކަށް. އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ނާދެވިގެން އުޅޭކަށް. މިގޮތަށް ކަންކަން މިކުރެވުނީ، ކެތްތެރިކަމާއެކީގައި ހަމަޖެހުން ޤާއިމުކޮށްގެން، ހުރިހާ އެންމެންނާއެކީގައި މަސައްކަތް ކުރެވުނީމަ. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ޖެހޭނީ އެގޮތަށް މަސައްކަތްކުރަން.

އަޅުގަނޑުގެ ހިތުގެ ހަމަ އެންމެ އިޚްލާޞްތެރިކަމާއެކީގައި، އަޅުގަނޑު އެދޭ އެދުމަކީ، މިރަށުގެ ރައްޔިތުންނަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަމާއެކީގައި ދިރިއުޅެވޭނެ ގޮތެއް މާތްﷲ މިންވަރު ކުރެއްވުން. ދުޅަހެޔޮ ޞިއްޙަތެއްގައި، ހިތްފަސޭހަކަމާއެކީގައި އުޅެވޭނެ ގޮތެއް މެދުވެރިކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه