بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

ދިއްގަރުގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިރަށު ކައުންސިލްގެ ރައީސް، މ. އަތޮޅު ކައުންސިލްގެ ރައީސް، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم

އާދެ! މިއަދު މިރަށުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ފުރަތަމަވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިވަގުތަކީ ތަންކޮޅެއް އުނދަގޫ ވަގުތުކޮޅަކަށްވެފައި މިއޮތީ. ހުކުރުވަގުތާ ކައިރިވުމުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ، މާ ދިގެއް ނުކުރާނަން. ނަމަވެސް، އަޅުގަނޑު ދަންނަވާލަން މިއަދު ދެތިން ވާހަކަ އެބައޮތް.

ފުރަތަމަ ވާހަކައަކީ، މިރަށަކީ އަޅުގަނޑަށް މާ ގިނަގިނައިން އާދެވޭ ރަށަކަށްނުވިނަމަވެސް، އަޅުގަނޑަށް ވަރަށް ރަނގަޅަށް އެބަ އިޙްސާސް ކުރެވޭ، މ. އަތޮޅުގެ އަޅުގަނޑަށް މިހާރު މިދެވޭ ރަށްރަށަކީ ވަރަށް މުހިންމު ރަށްތަކެއްކަން. މިރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަކީ، ތަހުޒީބަށް ލޯބިކުރައްވާ، ތަޢުލީމަށް ލޯބިކުރައްވާ ވަރަށް ހީވާގި ބޭފުޅުންކޮޅެއް އުޅުއްވާ ރަށްތަކެއް ކަމަށް. އެގޮތަށް އަޅުގަނޑަށް ދިއްގަރުވެސް ފެނިގެން މިދަނީ. މީގެ ސަބަބު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެއީ ފުރަތަމަ ކަމަކީ، މިރަށަކީ ތަޢުލީމަށް ލޯބިކުރާ ރަށަކަށްވާތީ. މިއަތޮޅަކީވެސް ތަޢުލީމަށް ލޯބިކުރާ އަތޮޅަކަށްވާތީ. މަސައްކަތްތެރިކަމަށް ލޯބިކުރާ ބަޔަކަށްވާތީ.

އާދެ! އަޅުގަނޑު މަޖީދިއްޔާގައި އުޅުނުއިރުގައި، އަޅުގަނޑުމެން އެންމެ ބޮޑަށް ނަމޫނާ ބޭފުޅެއްގެ ގޮތުގައި ދެކެމުން އައީ ޢަބްދުއްރަޝީދު ޙުސައިން. އަޅުގަނޑުމެންނަށްވުރެ ތަންކޮޅެއް ދޮށިވާނެ. އަޅުގަނޑުމެން އޭރުގައި ތަންކޮޅެއް ކުޑަ. ނަމަވެސް، ޢަބްދުއްރަޝީދުމެން އުޅުއްވާނީ އޭރުގައި މަތީ ކްލާސްތަކުގައި. އަޅުގަނޑުގެ ހަނދާން ބަލިކަމުގައި ނުވަނީނަމަ، އެންމެ ފުރަތަމަ ރާއްޖޭގައި ޖީ.ސީ.އީ އޯ ލެވެލް ނެންގެވި ބޭފުޅުންގެ ތެރޭގައި އެބޭފުޅާ ހިމެނިވަޑައިގަންނަވާ. ނަމަވެސް، އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ޢަބްދުއްރަޝީދު ތަޢާރުފުވެގެންދިޔައީ، ދިވެހިބަހުގެ މާހިރެއްގެ ގޮތުގައި. ޚާއްޞަކޮށް، ދިވެހި އަދަބިއްޔާތުގެ ކަންކަމުގައި ވަރަށް ކުރިއަރާ ހުންނެވި ބޭފުޅެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުވެސް ސްކޫލްގައި އުޅުނުއިރުގައި، ހެދޭ ގިނަ ލަވަތަކަކީ ޢަބްދުއްރަޝީދު ހައްދަވާ ލަވަ. އެހެންވީމާ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެންނަށް މި ރަށް އޮންނަނީ ތަޢާރުފްވެފައި. އަދި ޢަބްދުއްރަޝީދަކީ ސަރުކާރުގެ ފަރާތުން ޤައުމީ އިނާމު އެތަކެއްފަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ރަމްޒުކޮށްދެނީ މިރަށުގެ ރައްޔިތުން ތަޢުލީމަށްޓަކައި، ދިވެހި ބަހަށްޓަކައި، ދިވެހި އަދަބިއްޔާތަށްޓަކައި ދެއްވާ އަހަންމިއްޔަތު. ހަމައެހެން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އ.ދ.ގެ ކާބޯތަކެއްޗާބެހޭ ޖަމްޢިއްޔާގެ ފަރާތުން މިރަށުގެ އަންހެން ބޭކަނބަލަކަށްވަނީ މެޑެލެއް އަރުވާފައި. އެއީ މަސައްކަތްތެރި ކަމުގެ ރޮނގުން. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުން ފަޚުރުވެރިވެވަޑައިގަންނަވާނެކަން. މިކަމުންވެސް ދޭހަވަނީ، މިރަށަކީ އާދަޔާ ޚިލާފު ރަށެއްކަން. އެހެންވީމާ، މިރަށަށް އާދެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އެހެނިހެން ރަށްރަށެކޭ އެއްފަދައިން، އަޅުގަނޑުމެންނަށް މިދިމާވަމުންދަނީ، ފެންނަމުންދަނީ ހަމަ އެއް މަންޒަރުތަކެއް. އޭގެތެރެއިން އަޅުގަނޑަށް ފެންނަ އެއް މަންޒަރަކީ، އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ވިސްނާލަންޖެހޭ ކަމެއް. އެއީ، ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އެކިއެކި ބޮޑެތި އިންވެސްޓްމަންޓްތައް އެބަހުރި ކޮށްފައި. އަދި ރަށުގެ ތަރައްޤީއަށްޓަކައި ތަފާތު މަސައްކަތްތައް ކޮށްފައި އެބަހުރި. އެހެން ނަމަވެސް، އެތަންތަން ނޫނީ އެތަކެތި ނުބެލެހެއްޓުމުގެ ސަބަބުން މިވަނީ އޭގެ ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައި. އަޅުގަނޑު މިއަދު މިއައީ މިއަތޮޅުގެ ޞިއްޙީ މަރްކަޒު، ހޮސްޕިޓަލަށް ވަދެފައި. އެ ހޮސްޕިޓަލްގައި ހުރި ގާތްގަނޑަކަށް ހުރިހާ މެޝިންތަކެއްހެން ހުރީ ހަލާކުވެފައި. ހޮސްޕިޓަލުގައި ހުރި ހުރިހާ އެއަރކޮންޑިޝަންތައް ހުރީ ހަލާކުވެފައި. މިތަން އެބަ ފެނޭ އެހެން ރަށްރަށަށްވެސް. މިރަށުގައިވެސް ފެން ޕްލާންޓެއް ހުރީތީ، އޭތި ހުރީ ހަލާކުވެފައި. ހަމައެހެން، މުލީގައި ހުރި ފެންޕްލާންޓްވެސް ހުރީ ހަލާކުވެފައި. މިތަކެއްޗަކީ މިއީ ވަރަށްބޮޑު އަގުގައި، ދިވެހި ރައްޔިތުންގެ ފައިސާގައި ގަނެފައި ހުންނަ އެއްޗެހި. ނޫނީވިއްޔާ ދިވެހި ރައްޔިތުންނަށް ކޮންމެވެސް ފަރާތަކުން އެހީގެ ގޮތުގައި ދީފައި ހުރި އެއްޗެހި. ނަމަވެސް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިތަކެތި ބެލެހެއްޓުމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން މިތަކެތި އެހެރީ ހަލާކުވެފައި. އެތަކެތި ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައި.

މިދިޔަ އަހަރު، މިއަހަރުގެ ބަޖެޓު ތައްޔާރު ކުރަމުން އައިއިރުގައި އަދި އެހެންވެސް އަޅުގަނޑުމެން ކަންތައްކުރާނެގޮތާ ދޭތެރޭގައި ސިޔާސަތެއް ކަނޑައަޅަމުންދިޔައިރުގައި، އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވީމު، ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި، އަޅުގަނޑު މިއަހަރު ކުރަން ބޭނުންވާ ކަމަކީ،މިތަންތަން މަރާމާތުކޮށްގެން ތަންތަން ބެލެހެއްޓޭތޯ ބެލުމޭ. އެއީ. އަޅުގަނޑަށް އެނގޭ، ގިނަ ސްކޫލުތަކުގައި ފާޚާނާތައްވެސް ހުރީ ހަލާކުވެފައިކަން. އަދި ކިތަންމެ ސްކޫލެއްގައި މިހެން ދަމަން ހުންނަ ފަރުދާތައްވެސް ހުންނަނީ ހަލާކުވެފައި. ބައެއް ޢިމާރާތްތަކަށް ވާރޭވެހޭ. އެހެންވީމާ، އަޅުގަނޑު އިސްކަންދިނީ، މިހާރު ހުރި ތަންތަން މަރާމާތުކޮށްގެން، އެތަންތަން ބެލެހެއްޓޭތޯ. އެތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ރަނގަޅަށް ދެވޭތޯ ބެލުމަށް. ނަމަވެސް، ބަޖެޓު ހަމަޖެހިގެން އައިއިރުގައި، މިއަހަރުގެ ބަޖެޓްގައި، މަރާމާތު ކުރުމަކަށް ހަމަ ބޮޑުލާރިއެއްވެސް ނެތް ހިމަނާފައެއް. މަރާމާތު ކުރުމަށް ފައިސާހުރި ހުރިހާ ތަނަކުން ހުރީ ފައިސާތައް ކަނޑާފައި. އަނެއްކާވެސް އަނެއް އަހަރު އަޅުގަނޑުމެން މި ދާންޖެހެނީ ތަންތަން މަރާމާތުނުކޮށް. އެހެން ނަމަވެސް، މިގޮތަކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. އަޅުގަނޑުމެންނަށް އެބަޖެހޭ ތަންތަން މަރާމާތުކުރަން. ސަރުކާރުގެ ބަޖެޓުގައި ފައިސާ ހުރި ތަނަކުން ފައިސާ ނަގައިގެން، އެކަން ކުރަން އެބަޖެހޭ. އަދި ސަރުކާރުގެ ބަޖެޓުގައި ފައިސާ ނެތިއްޔާ، އެހެން ފަރާތް ފަރާތުން ފައިސާ ހޯދައިގެންވެސް އެކަން އެބަ ކުރަންޖެހޭ. އެކަން އެހެން ނުކުރާކަމަށްވާނަމަ، ދެން އަޅުގަނޑުމެންނަށް ކުރަންޖެހޭ ޚަރަދު، ފަހުން އަދި މާބޮޑުވެގެންދާނެ. މިކަމުގެ ޝަކުވާ ހުރިހާ ރަށަކުންވެސް، ބަނދަރާ ބެހޭގޮތުން އަޅުގަނޑަށް ލިބެމުންދޭ. ހޮސްޕޓަލްތަކާ ބެހޭގޮތުންވެސް ލިބެމުންދޭ. ސްކޫލްތަކާ ބެހޭގޮތުން ލިބެމުންދޭ. އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން ޚާއްޞަ ސަމާލުކަމެއްދީގެން މިއަދު ޖެހޭނީ މަސައްކަތް ކުރަން. އެހެންވީމާ، މިއަހަރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު އިލްތިމާސް ކުރަން، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށްވެސް، އެ މުއައްސަސާތަކުގެ ދަށުގައި ހުރި ސަރުކާރުގެ ތަންތަނާއި މުދާ މަރާމާތުކޮށް ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް.

އާދެ! އަޅުގަނޑު ދެންނެވިހެން އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތީމު. އެހެން ނަމަވެސް، މިރަށުގައިވެސް އަޅުގަނޑު ދަންނަވާލަންޖެހޭނެ ކޮންމެވެސްކަހަލަ އުންމީދީ ވާހަކަތަކެއްވެސް. އަޅުގަނޑަށް އެނގޭ، މިރަށުގައިވެސް ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރިކަން. އެހެން ނަމަވެސް، އަޅުގަނޑަށް ކުރެވޭނެ ކަމަށް އުންމީދު ކުރެވޭނެ ކަންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ. އޭގެތެރެއިން އެއްކަމަކީ، މިރަށުގެ ބަނދަރު. މިހާރު ސަރުކާރުން ޤަޞްދުކުރަމުން ގެންދަނީ، މިރަށުގައި 260 ފޫޓް 750 ފޫޓުގެ ބަނދަރެއް ހެދުމަށް. މިކަން ކުރުމަށްޓަކައި މިހާރުވަނީ އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ، އެމް.ޓީ.ސީ.ސީ.އިން މިކަމާބެހޭ އެގްރީމަންޓްގައި ސޮއިކުރާނެ.

އާދެ! ދެން މިރަށުގެ ފެންވެސް އަންނަނީ ލޮނުވަމުން. އެހެންވީމާ، ރަށުގައި އެބަޖެހޭ ފެނުގެ ނިޒާމު ޤާއިމްކުރަން. އެކަމަކީ މިއަހަރަށް ރޭވިފައި އޮތް ކަމެއް. އަދި މިހާރު އެ މަޝްރޫޢު ބިޑަށް ހުޅުވާލެވިގެން، ދެވަނަފަހަރަށް ވަނީ ބީލަމަށް ލެވިފައި އަނެއްކާވެސް. ދެން ކުރިމަތިލެއްވި ފަރާތްތަކުގެ ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 9 ވަނަ ދުވަހު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު މިރަށުގައި ކުރިއަށްދާނެ.

އޭގެއިތުރުން، މިރަށަކީ ތަޢުލީމީގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ރަށެއް. މިއަހަރުވެސް ގްރޭޑް 12 ގައި ކިޔަވައިދެމުންދާ ރަށެއް، އެޑްވާންސް ލެވެލަށް. އެހެންވީމާ، މިއަހަރު އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިއީ ހަތަރުވަނަ ބެޗް. ހަތަރުވަނަފަހަރަށް އޭ ލެވެލްގައި މި ބައިވެރިވަނީ. އަނެއްކާ އަޅުގަނޑަށް ދެންމެގައި ބައްދަލުވި، އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވާން ތިބި ބައެއް އުންމީދީ ކުދިންކޮޅަކާ. އެހެންވީމާ، އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން މި ސްކޫލުންނާއި އަދިވެސް އެހެން ފަރާތްތަކުންވެސް އެބަ ދޭންޖެހޭ. އިރާދަކުރެއްވިއްޔާ، އެކުދިންނަށް ރަނގަޅު ނަތީޖާއެއް ލިބޭނެ. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އެންމެން ހިތްވަރުކޮށް މަސައްކަތް ކުރަން. ދެން މިކަމުގައި މި ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، މި ސްކޫލަކީ ގާތްގަނޑަކަށް ދުއިސައްތަ ފަސްދޮޅަހެއްހާ ކުދިން އުޅޭ ސްކޫލެއް ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. މިރަށުގެ އާބާދީއަކީ ތޭރަސަތޭކަ ކޮންމެވެސްވަރެއް. އެހެންވެއްޖިއްޔާ ގާތްގަނޑަކަށް ކޮންމެ ހަތަރު މީހަކުން އެކަކު ހުންނާނީ ސްކޫލްގައި އާބާދީގެ. އެހާ ގިނަ ޢަދަދެއްގެ ކުދިން ސްކޫލްގައި އުޅޭ ސްކޫލެއް މި ސްކޫލަކީ. އެހެންވީމާ، މިކަން ރަނގަޅު ކުރުމަށްޓަކައި އެބަޖެހޭ މަސައްކަތްކުރަން. މިއަހަރު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިސްކޫލްގައި ކޮންމެވެސްވަރަކަށް ޢިމާރާތުގެ މަސައްކަތް ކުރަން ހަމަޖެހިފައި އޮތީ. އެކަމުގެ ޑިޒައިންތައް މިހާރު ކުރެވެމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، ސްކޫލްގައި އަލަށް ޢިމާރާތް ކުރަންޖެހޭ ފަސް ކްލާސްރޫމާއި ހޯލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑަށް އެނގޭ، މިރަށުގައިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަން. އެހެން ނަމަވެސް، މިއަހަރުގެ ކުރިއަށް އޮތް ތާނގައި މިދެންނެވި ކަންކަންވިޔަސް، އެއީ ވަރަށްބޮޑު ކަމެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، އެކަންކަމުގެ އިންތިޒާރުގައި ތިޔަބޭފުޅުން ތިއްބަވާތާވެސް ލައްކަ ދުވަސްވެއްޖެ. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، މީގެ ތެރެއިން ވީހާވެސް ގިނަ ކަންތައް މިއަހަރުގެ ތެރޭގައިވެސް ކުރެވޭތޯ. ނަމަވެސް، އެކަންކަން ކުރެވޭނީ، ދައުލަތުގެ ބަޖެޓު ތަންދިންވަރަކުން. އަދި އަޅުގަނޑުމެންނަށް އެހެނިހެން ގޮތްގޮތުންވެސް އެކަން ހުރިވަރަކުން. މިހާރު މިރަށުގެ ބަނދަރުވެސް މިއީ ސީދާ ސަރުކާރުގެ ބަޖެޓަކުންނެއް ނޫން، މިއަހަރު އެކަން ކުރަން ހަމަޖެހިފައި އޮތީކީ. އެކަން ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެމް.ޓީ.ސީ.ސީ.ގެ ކުންފުނީގެ ލޯނެއްގެ ދަށުން. އެހެންވީމާ، އެގޮތަށްވެސް އެހެން ކުރެވެން ހުރި ގޮތްގޮތް ހޯދައިގެން، އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވުމަށްޓަކައި ނުކުމެވަޑައިގެން، އެހާ ހޫނު މަރްޙަބާއެއް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވި ކަމަށްޓަކައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަބޭފުޅުން ވަރަށް ހެޔޮފުޅު. ވަރަށް އޯގާތެރި.

އަޅުގަނޑުގެ އުންމީދަކީ، މިރަށުގެ ބިންވެސް މިހާރު އޮތް ވަރަށްވުރެވެސް ބޮޑުކުރެވި، އަދި މިހާތަނަށް ހިއްކިފައި އޮތް ތަނުންވެސް ވެލިގަނޑު އަނެއްކާވެސް ނުގެއްލޭގޮތަށް، ހިފެހެއްޓޭނެގޮތެއްވެސްވުން. އެހެންވީމާ، އެކަމަށްޓަކައިވެސް ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަމުގެ ޙައްލެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه