بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

މުލީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑު ފުރަތަމަވެސް ތިޔަބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް މަޢާފަށް އެދެން. ސަބަބަކީ މިއަދު އަޅުގަނޑުމެން އަންނަން ހަމަޖެހިފައި އޮތް ވަގުތަށްވުރެ މާ ލަސްވަގުތެއްގައި އަޅުގަނޑުމެންނަށް މިރަށަށް އާދެވުނީތީ. އަޅުގަނޑަށް އެނގޭ، ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން، ތުއްޕުޅު ބޭފުޅުންނާއެކީގައި މިކަމުގެ އިންތިޒާރުގައި ތިއްބަވާތާ ވަރަށްގިނައިރުވީފަހުންކަން އަޅުގަނޑުމެންނަށް މިރަށަށް އާދެވުނީ. އެހެން ނަމަވެސް، ތިޔަ ހުރިހާ ބޭފުޅުން މިއަދު ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިރަށުގެ ޒުވާނުން އަޅުގަނޑުމެން އައުމުން، އެ ދައްކަވައިލެއްވި ނެށުން ރީތިކަމުގެ ވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން.

އާދެ! ރަށު ކައުންސިލުގެ ރައީސްގެ ވާހަކަފުޅާއި އަދި މި ޖަލްސާ ތަޢާރުފްކުރެއްވި ބޭފުޅާގެ ވާހަކަފުޅުން އަޅުގަނޑަށްވެސް ވަރަށް ރަނގަޅަށް ދޭހަވެގެން ހިނގައްޖެ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ފޮނި، ވަރަށް މުހިންމު އުންމީދުތަކެއްގައި ތިއްބެވި ބޭފުޅުންކަން. އަދި މިވޭތުދިޔަ ދުވަސްތަކަކީ، ތިޔަބޭފުޅުންނަށް ކޮންމެވެސްވަރެއްގެ ނާއުންމީދެއް ވެރިވެފައިވާ ދުވަސްތަކަކަށްވީކަން. ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިހާތަނަށްވެސް އަދި ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، އެއްވެސް ބަޔަކަށް ތަފާތުކުރުމެއްނެތި، އިންޞާފުވެރިކަމާއެކީގައި، ހުރިހާ އެންމެންނަށް ހަމަހަމަކޮށް ކަންތައް ކޮށްދިނުމުގެ އުޞޫލުން.

އާދެ! އަޅުގަނޑު ކުލައަކަށް ނުބަލަން. ޕާޓީއަކަށް ނުބަލަން. އަޅުގަނޑުމެންގެ ތެރޭގައިވެސް ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ އަޚުންނާއި އުޚުތުން. އަދި ދިވެހި ރައްޔިތުން. އެހެންވީމާ، ދިވެހިރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ސަރުކާރެއްގެ ވާޖިބެއް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީގައި މަސައްކަތް ކުރުން. އެއީ، އަޅުގަނޑުމެންގެ މިއަދުގެ ޤާނޫނުއަސާސީ ލާޒިމްކުރާ ކަމެއް. އެހެންވީމާ، ރައްޔިތުންނަށް ތަފާތުވާ ގޮތްގޮތަށް އެކިމީހުންނަށް އެކިގޮތަށް ކަންތައްވާ ވާހަކަ ދެއްކުމަކީވެސް އަދި އެކަމަށް މަސައްކަތް ކުރުމަކީވެސް އެއީ، ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. އެހެންވީމާ، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓައި، ޤާނޫނުގެ ޙުކުމް ދެމެހެއްޓުމަށްޓަކައި.

އާދެ! އަޅުގަނޑަށް މިއަތޮޅަށް، ޚާއްޞަކޮށް، މިރަށަށް އައުމަށް ވަރަށް ކުރިން ދަޢުވަތު ދެއްވައިފި. އަދި މިރަށަށް ނާދެވި، މާލަސްވެސްވެއްޖެ. އެހެން ނަމަވެސް، މިއަދު އަޅުގަނޑަށް މިރަށަށް އާދެވުމުން، ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރަން. އަދި ޚާއްޞަކޮށް، މިރޭ ވަގުތުކޮޅެއް ލިބިގެން، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާލުމުގެ ފުރްޞަތު ލިބުނު ކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ! އަޅުގަނޑު މިރަށަށް އައުމުންވެސް، އަޅުގަނޑަށް ވަރަށް ރަނގަޅަށް ދޭހަވެގެން ހިނގައްޖެ، މިރަށަކީ އާދަޔާ ޚިލާފު ރަށެއްކަން. ރަށުގެ ރައްޔިތުންނަކީ، ތަޢުލީމަށް ލޯބިކުރާ އަދި ތަހުޒީބަށް ލޯބިކުރާ ރައްޔިތެއްކަން. އެހެންވެގެން މިރަށުގައި، އެހެން ރަށްރަށާ އަޅާބަލާއިރުގައި، ބައެއް ޢުމްރާނީ ކަންކަން ޤާއިމްކުރެވި، މިރަށަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށް ކަމުގައި ހަމަޖެހި އަދި ރަށުގެ ސްކޫލަށްވެސް އިތުރު ސަމާލުކަންދެވި، މިކަންކަން ކުރެވިފައި މިހުރީ. ނަމަވެސް ތިޔަ ވިދާޅުވިހެން، މިރަށްވަނީ ފުރިފައި. އެހެންވީމާ، ރަށް އެބަޖެހޭ ބޮޑުކުރަން. މިރަށަކީ މިއީ ތިޔަ ވިދާޅުވިހެން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ފާހަގަކުރެވިފައިވާ 8 ރަށުގެ ތެރެއިން އެއްރަށް. ރަށަކީ ކޮންމެވެސްވަރަކަށް ސުނާމީގައި ގެއްލުންތަކެއްވެސް ލިބުނު ރަށެއް. އެހެންވީމާ، މިރަށް ޖެހެނީ ޙިމާޔަތް ކުރެވިފައިވާ ރައްކާތެރި ރަށެއްގެ ގޮތުގައި، ސޭފް އައިލެންޑެއް ކަމުގައިވެސް ހަމަޖައްސަން. އެކަންކަން ކުރެވޭނީ މަސައްކަތްތަކެއް ކޮށްގެން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން، އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ، މި ރަށް ބޮޑުކުރެވޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މި ރަށް ބޮޑުކުރުމަށްޓަކައި ރަށް ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެކަމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އަދި އެކަން ކުރުމަށްޓަކައި ކުރިމަތިލާފައިވާ ދެފަރާތެއްގެ ލިޔުންތައްވެސް މިހާރުވަނީ އަޅުގަނޑުމެންނަށް ލިބިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެއިން ކޮންމެވެސް އެއްފަރާތަކާ ޙަވާލުކޮށްގެން މިރަށުގެ ރަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

ދެން ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން، އިރުއޮއްސުނުއިރުގައި އަޅުގަނޑުވެސް މިރަށަށް އައިއިރުގައި، އަޅުގަނޑު ދުށިން މިތާނގައި އޮންނަ ރާޅުގަނޑު. އަޅުގަނޑު ހިތަށްއެރި، ހާދަ ރީތިކޮށް ރާޅާއެޅޭނެ ތަނެކޭ މިއީ. އެހެންވީމާ، ދެންމެ ވާހަކަ ދެއްކެވި ގޮތަށް، މިތަނަކީ މިހާރުވެސް ސަރފިން ކުރާ ތަނެއް. އަޅުގަނޑު ޤަޞްދުކުރަނީ، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ފަދައިން، މިރަށުގެ އިރު އުތުރުގެ ސަރަޙައްދުން ބަޔަކާ އެކީގައި، ދެން އުތުރަށް އެ އޮންނަ ބޯހުރާ ކިޔާ ރަށާއެކީގައި، އެތަނަކީ އެއީ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ދާއިރާއެއް ކަމުގައި ކަނޑައަޅަން. މިދެކަންތައް އަޅުގަނޑުމެންނަށް ކުރެވިއްޖިއްޔާ، ﷲގެ އިރާދަފުޅުން މިރަށަށް ވަރަށްބޮޑު ބަދަލު، ވަރަށްބޮޑު ކުރިއެރުމެއް އައިސްގެންދާނެ. އަޅުގަނޑަށް އެބަ މިހާރުވެސް ތަޞައްވުރު ކުރެވޭ، މިރަށަކީ ބޮޑު ރަށަކަށްވެ، ރަށުގެ އާބާދީ އިތުރުވެ އަދި ރަށުގެ ކައުންސިލަށާއި، ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖެހިގެންދާތަން. ﷲ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަން އެގޮތަށް ހަމަޖެހިގެންދާނެ.

އަޅުގަނޑަށް އެނގޭ، މިރަށުގައި އަދިވެސް ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. އެހެން ނަމަވެސް، ހުރިހާ ކަމެއް އަޅުގަނޑުމެންނަކަށް އެއްފަހަރަކާ ނުކުރެވޭނެ. މިހުރިހާ ކަންތައް ކުރެވޭނެ ވާހަކަ ދެންނެވުމަކީވެސް އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށްވެސް ގަބޫލު ކުރައްވަން ދަތިފުޅުވާނެކަމެއްކަން. އެހެންވީމާ، ނުކުރެވޭވަރު ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ޢާންމުކޮށް ދައްކައެއް ނޫޅެން. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިރަށާއި މިރަށުގެ ދެން ޖެހިގެން އޮތް ރަށާ ދޭތެރޭގައި ކޯޒްވޭއެއް އެޅުމުގެ ޚިޔާލުފުޅުވެސް އެބަހުރިކަން. އަދި އެކަމަށްޓަކައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވީހާ އަވަހަކަށް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެހެން ނަމަވެސް، މިއަހަރު އެކަންކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަދި ނާރުވާނަން. އެހެން ނަމަވެސް، މިރަށް ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރުގައި، އެކަންވެސް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދިވެހިރާއްޖޭގެ ރަށްތަކަކީ، ވަރަށް ނާޒުކު ރަށްތަކެއް. އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކަކާ އަޅާބަލާއިރުގައި، ދިވެހިރާއްޖެއަކީ ބިންތިރި އަދި މޫސުމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ޤައުމެއް. އޭގެ ނަތީޖާއެއްގެ ގޮތުން، މިވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ރަށަށް މިއަދުމިވަނީ ރަށް ގިރުމުގެ އުނދަގޫ ދިމާވެފައި. ކުރިއާ އަޅާބަލާއިރުގައި މާ ބާރުމިނެއްގައި ރަށް ގިރެމުން އެބަދޭ. މިއީ ޢާންމުކޮށް، އަޅުގަނޑުމެންގެ ރަށްރަށް އެއްފަރާތުން ގިރައި، އަނެއް ފަރާތުން ވޮޑި، މި ޤުދްރަތީ ގޮތުން އަންނަ ބަދަލު އަންނަ އައުމަށްވުރެ ސީރިއަސް ކަމެއް ކަމަށް އަޅުގަނޑުމެންނަށް މިހާރު މިވަނީ ފާހަގަކުރެވިފައި.

ވީމާ، މިއަދު އަޅުގަނޑުމެންގެ ޙާލަތު ހުރިގޮތަކީ، ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިންވެސް 113 ރަށް ވަނީ ވަރަށް ސީރިއަސްކޮށް ގިރަން ފަށާފައި. ރަށް ގިރުމަކީ މިއީ ފަސޭހައިން އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެންގެ އާބާދީތަކަށް ޙައްލުކުރެވޭނެ ކަމެއް ނޫން. އެތަންތަން ޙިމާޔަތް ކުރުމަކީ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. އެހެންވީމާ، ޢާންމުކޮށް، އަޅުގަނޑުމެންގެ ރަށްރަށުގައި މަސައްކަތްކޮށް އުޅޭގޮތަށް، ހުރިހާ ރައްޔިތުން އެއްބައިވެގެން ނުކުމެ، ކަންތައްކުރާ އުޞޫލުން ކުރެވެން އޮތް ކަމެއް ނޫން. ހުރިހާ ރައްޔިތުން އެކީގައި ނުކުމެގެން، ތޮށިގަނޑެއްލައިގެން، ރަށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަކީ އެއީ، މިއަދު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަށްޓަކައި ފުދޭވަރެއްގެ ބޮޑު ޚަރަދުތަކެއް ކުރަން އެބަޖެހޭ. ސަތޭކަ އެތައް ރަށެއްގެ ބިން ޙިމާޔަތް ކުރުމަށްޓަކައި، ތޮށިލައި، ބިން ހިއްކައި، މިމަސައްކަތް ކުރުމަކީ އެއީ، ވަރަށްބޮޑު ޚަރަދެއް ހިނގާނެ ކަމެއް. މިއަދު ރާއްޖެއަށް ލިބޭ އާމްދަނީއާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީން އެއްގޮތަކަށްވެސް މިކަމަކަށް ކުޅަދާނަވެގެނެއް ނުވޭ. އެހެންވީމާ، މިކަން ދުނިޔޭގެ ސަމާލުކަމަށް އަޅުގަނޑުމެން ގެންނަން މިޖެހެނީ.

އަޅުގަނޑުމެން ރާއްޖެއަށް މި ކުރިމަތިވާ ނުރައްކާތެރި ކަމަކީ، މިއީ ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތެރި ކަމެއް. ދުނިޔޭގައި ޞިނާޢީ ގޮތުން ކުރިއަރަމުންއައި ޤައުމުތަކުން އެކި ބާވަތްބާވަތުގެ ވިހަ ގޭސްތައް ޖައްވުގެ ތެރެއަށް ފޮނުވާލުމުގެ ސަބަބުން ޖައްވު މިދަނީ ހޫނުވަމުން. އޭގެ ސަބަބުން އެކި ބާވަތްބާވަތުގެ އަސަރުތައް ކަނޑަށް ކުރަމުން އެބަދޭ. މިހާރު ކުރިއާ އަޅާބަލާއިރުގައި، އެކިއެކި ވިއްސާރަ މޫސުމްތަކުގައި، ވިއްސާރަވާގޮތްފަދަ އަދި އުދައެރުމާއި، އެކިއެކި ތޫފާނުތައް އައުމުގައި، ކުރިއާ އަޅާބަލާއިރުގައި މިހާރު މިފެންނަނީ ކަންކަން ނުރައްކާވަމުންދާ ތަން. މިއީ މިހާރު ދުނިޔޭގެ ސައިންސްވެރިން ދިރާސާ ކުރަމުން ގެންދާ ކަންކަން. މިކަމަކީ މިއީ ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ކުރިމަތިވެފައިވާ ފުދޭވަރެއްގެ ބޮޑު ނުރައްކަލެއް. އެހެންވީމާ، އަޅުގަނޑުމެން ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި މިވާހަކަ ދައްކަމުން މިގެންދަނީ. އަދި ރާއްޖެއަށް އެކި ފަރާތް ފަރާތުގެ އެހީ ބޭނުންވާކަން އަޅުގަނޑުމެން މިދަނީ ދަންނަވަމުން.

އަޅުގަނޑުމެންގެ އިހުމާލަކުންނެއް ނޫން މިކަން މިވަނީކީ. ކުރިން ދެންނެވިހެން، މިނުރައްކާތެރިކަން އަޅުގަނޑުމެންނަށް ކުރިމަތިވަނީ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި، ޞިނާޢީގޮތުން ކުރިއެރުމަށްޓަކައި ބަޔަކު ކުރި މަސައްކަތްތަކެއް ސަބަބުން. އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އެފަރާތްތަކުން އެބަޖެހޭ، ދިވެހިރާއްޖެއަށް އެހީތެރިވާން. އަޅުގަނޑު މިކަމަށްޓަކައި ވަކާލާތު ކުރަމުން މިގެންދަނީ. ރާއްޖޭގެ ގިރަމުންދާ 113 ރަށް ކުއްލިއަކަށް ޙިމާޔަތް ކުރުމަކީ، އަޅުގަނޑު ކުރިން ދެންނެވިހެން ރާއްޖޭގެ އިޤްތިޞާދު މިހާރު އަދި އަޅުގަނޑުމެންނަށް ތަންދޭ، އަޅުގަނޑުމެންނަށް ކުޅަދާނަ ކަމެއް ނޫން. އެހެންވީމާ، އިސްކަމެއްދީގެން އަޅުގަނޑުމެން މިގެންދަނީ، ބައެއް ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން، މިހާރު އަޅުގަނޑުމެންނަށް ކިތަންމެ ރަށެއް ފާހަގަކުރެވިފައި އެބަހުރި. އަދި މިއަހަރުގެ ބަޖެޓުގައިވެސް މިކަމަށްޓަކައި ވަނީ ކޮންމެވެސްވަރަކަށް ފައިސާ ހިމެނިފައި.

މިދެންނެވީ ޤުދްރަތީގޮތުން އަޅުގަނޑުމެންނަށް ދިމާވާ ނުރައްކަލެއްގެ ވާހަކަ. ހަމަ އެއާ އެއްވަރަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން، އަޅުގަނޑުމެން ކުރާ ކަންކަމުންވެސް އަޅުގަނޑުމެންގެ ރަށްރަށަށް އެބަ ނުރައްކާތެރިކަން ކުރިމަތިވަމުންދޭ. އަޅުގަނޑުމެން ބަނދަރު ހަދާއިރުގައި، އެބަ ވިސްނަންޖެހޭ، އެ ބަނދަރު ހެދުމުގެ ސަބަބުން ރަށަށް ކޮންކަހަލަ ގެއްލުމެއްތޯ ލިބޭނީ. އަޅުގަނޑުމެންނަށް އެބަ ފެނޭ، ބައެއް ރަށްރަށުގައި، ހަމަ ބަނދަރު ހެދުމާ އެކީގައި، ރަށުގެ ވަރަށްބޮޑު ބައެއް ގިރައިގެންދާތަން. މިއަދު އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ސައިންޓިސްޓުން ނޫނަސް، ހަމަ އަޅުގަނޑުމެންގެ އާދައިގެ އަޚުންނާއި އުޚުތުންނަށްވެސް އެކަން އެބަ ފެނިވަޑައިގަންނަވާ. އެހެންވީމާ، ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގައި ހިންގާއިރުގައި، އެތަނަށް ކުރަންޖެހޭ ދިރާސާތައް ވަރަށް ރަނގަޅަށް ކުރަންޖެހޭ. އަދި އެ ދިރާސާ ކުރުމަށްފަހުގައިވެސް މިދައްކާ އެއްޗެއްގެ މައްޗަށް ބިނާކޮށް، އެމަސައްކަތް ކުރަންވާނީ. އަޅުގަނޑަށް އެނގޭ، ބައެއްފަހަރު ބައެއް ރަށްރަށުގެ ބޭފުޅުން ބޭނުންފުޅުވެދާނެ، ބަނދަރު އެހެން ދިމާއަކަށް ގެންނަން. އެހެން ނަމަވެސް، އެދިމައިގައި ބަނދަރު ހެދުމުގެ ސަބަބުން ދެން އެހެން ދިމާއަކަށް ވަރަށްބޮޑު ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، ދިރާސާކޮށްފައި، އެ ދައްކާ އެއްޗެއްގެ މައްޗަށް ބިނާކޮށްގެން، ދެފަރާތުން އެއްބަސްވުމަކީވެސް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑަށް އެނގޭ، މިރަށްވެސް ވަރަށް ބޮޑަށް ގިރަމުންދާކަން. އިރާދަކުރެއްވިއްޔާ، މިރަށް ރައްކާތެރިކުރުމުގެ މަޝްރޫޢުގެ ދަށުން މި ރަށް ގިރުމުގެ ނުރައްކާ ފިލުވައިލެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަންޖެހޭނެ. އެހެންވީމާ، މިރަށް ތަރައްޤީ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރޭގައި، މިކަންވެސް ހިމެނިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ދެން ތިޔަ ވިދާޅުވިހެން ސަރުކާރުގެ ކުންފުންޏެއްގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބެންޖެހޭ ފައިސާކޮޅެއްގެ ވާހަކަ ވިދާޅުވެއްޖެ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ޙައްލުކުރެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ! ދެން މި ފުރުޞަތުގައި އަޅުގަނޑު އަދި އިތުރު ވާހަކައެއް ދަންނަވާލާނަން. އެވާހަކައަކީ އެއީ، އަޅުގަނޑު ކޮންމެ ރަށެއްގައިވެސް ދައްކާ ވާހަކައެއް. އަޅުގަނޑުމެންގެ ޤައުމު މިހާރު މިދަނީ ވަރަށް ނާޒުކު ފައްތަރެއްގެ ތެރޭގައި. ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި އިޖުތިމާޢީ ގޮތުންވެސް. ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ޤައުމުގައި އާ ޤާނޫނުއަސާސީއެއް ފާސްކޮށް، އެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކިއެކި މުއައްސަސާތައް އުފައްދައި، ދައުލަތުގެ ބާރު، ތަފާތު ގޮތަކަށް ބައިކޮށް، ވެރިކަން ކުރުމުގެ މަސައްކަތް މިދަނީ އަޅުގަނޑުމެން އަދި ތަޙުލީލު ކުރަމުން. ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް އަދި މިހާތަނަށް މިފެންނަނީ ވަރަށް އާދަޔާ ޚިލާފު މަންޒަރުތަކެއް. އަޅުގަނޑުމެންނަށް އުނދަގޫ އަޑިގުޑަން ދުވަސްތަކާ ކުރިމަތިލާންޖެހި އަދި ވަރަށް ހިތްވަރާއެކީގައި މަސައްކަތްކޮށްގެން، ކޮންމެވެސްވަރެއްގެ އަމާންކަމެއް މިހާރުވަނީ ލިބިފައި. އެހެން ނަމަވެސް، ޤައުމުގެ ސިޔާސީ މަސްރަޙު އޮތްގޮތުން، އަނެއްކާވެސް ހަމަ އަޑިގުޑަން ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ހަމަ ވެދާނެ ކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ސަމާލުވާން. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ހޭލާ ތިބެން.

ކުރިއަށް އޮތީ އިންތިޚާބުގެ ދުވަސްވަރު. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ބޮޑަކަށް އަމާންކަމާއި އޮމާންކަމާއެކީގައި ޤައުމުގެ ކަންކަން ގެންގޮސް، ހަމަޖެހޭ އިންޞާފުވެރި، ޢަދުލުވެރި އިންތިޚާބެއް ބޭއްވޭތޯ. އެކަން އެގޮތަށް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާއިރުގައި، އިންތިޚާބުގެ ކެމްޕޭން ފެށޭކަށްވެސް މާގިނަ ދުވަހެއް ނެތް. އަޅުގަނޑު އެދެން، ކޮންމެ ރަށެއްގައިވެސް އިންތިޚާބުގެ ފޯރި ހިފާއިރުގައިވެސް ރަށުގެ ސަލާމަތާއި ހަމަޖެހުމުގެ މައްޗަށް އަބަދުވެސް އަޅުގަނޑުމެން ސަމާލުކަންދޭން. ތެދެއް، އަޅުގަނޑުމެން ވާދަވެރި ވާހަކަވެސް ދައްކާނެ. ތަފާތު ކުލަކުލަވެސް ފެންނާނެ. އަދި ބައެއްފަހަރު އަޑުއުފުލާތަންވެސް ދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ނުވާނެ، އަޅުގަނޑުމެންގެ ރަށްރަށުގައި ހަމަނުޖެހުން އުފެދި، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އާދައިގެ ދިރިއުޅުމެއް ނޫޅެވޭވަރަށް ކަންކަން ގެންގޮސްގެން. މިހާތަނަށް މިދިޔައިރުގައިވެސް އަޅުގަނޑު ކުރިން ދެންނެވިހެން، ވަރަށް ހަލަބޮލި ދުވަސްކޮޅެއް އަޅުގަނޑުމެން ހޭދަކުރަން ޖެހުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އުފަލާއެކީ ފާހަގަކުރަން، މި ރާއްޖޭގައި ހަމަ ހުރިހާ ކިޔަވާ ކުދިން ސްކޫލަށްވެސް ދިޔަ. ހޮސްޕިޓަލްތައްވެސް އެހުރީ ހުޅުވާފައި. އެއަރޕޯޓްތައްވެސް ހުރީ ހުޅުވާފައި. މި ރާއްޖެއަށް އަންނަންޖެހޭ ފަތުރުވެރިންވެސް ދިޔައީ އަންނަމުން. އެހެންވީމާ، މިދެންނެވި ގޮތަށް، ޤައުމުގެ ކަންކަން ކުރިއަށްދާގޮތަށް، ހަމަޖެހުން އޮންނަގޮތަށް އަޅުގަނޑުމެން ކަންކަން ކުރުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭނެ، އަޅުގަނޑުމެން އެންމެންނަކީ ދިވެހިންކަން. ދިވެހި އަޚުންނާއި އުޚުތުންކަން. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންކަން. މުސްލިމް އަޚުންނާއި އުޚުތުންކަން. މިއީ އަޅުގަނޑުމެން ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޚިޔާލުތަފާތުވި ކަމުގައިވިނަމަވެސް، ތަފާތު ފިކުރުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ދެނެގަންނަންޖެހޭނެ ކަމަކީ، އަޅުގަނޑުމެން އެބަޖެހޭކަން އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި އެ އުޚުއްވަތްތެރިކަން ބާއްވަން. ވަރަށްދެރަ ކަމެއް، ސިޔާސީ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ދިޔުން. އެހެން އެކަން ވެގެން ނުވާނެ. މިދެންނެވި ކަންކަން އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވާނަމަ، އަޅުގަނޑުމެންނަކީ ރަނގަޅު މުސްލިމުން ކަމަށްވާނަމަ، އަޅުގަނޑުމެންނަކީ ޤައުމަށް ތެދުވެރި މީހުން ކަމުގައިވާނަމަ، އަޅުގަނޑުމެން ނުވާނެ، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނާ ވާހަކަ ނުދައްކާ ތިބެގެނެއް. އަދި އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ބަދުބަސް ބުނެ، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި އިހާނެތި ގޮތްގޮތް އަޅުގަނޑުމެން ހަދައިގެން ނުވާނެ. މިދެންނެވި އިސްލާމީ އުޞޫލުގެ ދަށުން އަޅުގަނޑުމެން ކަންކަން ކުރާ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހިރާއްޖެއާ ދޭތެރޭގައި، ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މުސްތަޤްބަލް އޮންނާނީ ރަނގަޅަށް. ކިތަންމެ އުނދަގޫ މަސައްކަތެއް ކުރަން ޖެހުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމާއިގެން، ޞުލްޙަވެރިކަމާއެކީގައި ކުރިއަށް ދެވޭނެ.

އެހެންވީމާ، އަޅުގަނޑު އަދިވެސް އެއްފަހަރު، ހަމަ ކޮންމެ ފަހަރަކުވެސް އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވާނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބަނޑުއެއްބަފާކަމަށް އަޅުގަނޑުމެން ސަމާލުވެ، އެކަން ރަނގަޅު ކުރުމަށްޓަކައި، ބަދަހިކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާށޭ. އަޅުގަނޑުމެންގެ ޢާއިލާގައި ވާހަކަ ނުދައްކާ ހުރި މީހަކު ހުރިކަމަށްވާނަމަ، އެމީހަކު ގެންނަވާށޭ. އެމީހަކަށް ދަޢުވަތު ދެއްވައި، އެމީހަކާވެސް ގުޅުން ބަދަހިކުރެވޭތޯ މަސައްކަތް ކުރައްވާށޭ، ހުރިހާ ބޭފުޅުންވެސް. މިދެންނެވި ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އެއީ، އަޅުގަނޑުމެންގެ މުސްތަޤްބަލް ފަހިވެގެންދާނެ ކަމެއް.

އާދެ! ދެންހަމަ އެހެން، އަޅުގަނޑު ކުރިން ދެންނެވިހެން، އިޤްތިޞާދީ ގޮތުންވެސް މިދުވަސްވަރަކީ ފަސޭހަ ދުވަސްވަރެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ އެކިއެކި މުޢާމަލާތުތަކުގައިވެސް އަޅުގަނޑުމެން އެބަޖެހޭ، އިޤްތިޞާދު ކުރުމާއި، އަޅުގަނޑުމެންގެ ޟަރޫރީ ބޭނުންތައް ފުއްދައި، ބޭކާރު ޚަރަދުތައް ނުކުރަން. އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ސަރުކާރުގެ ޚަރަދުތައް، މިދެންނެވި ގޮތަށް ހަމަޖެއްސޭތޯ. ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނީ ސަރުކާރުން މިހާރަކު ނުކުރަމު. އެގޮތަށް މުޅި ޤައުމު ބައްޓަންވުމުން، ﷲ އިރާދަކުރެއްވިއްޔާ، މާގިނަ ދުވަސްތަކެއްނުވެ، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރަށްވުރެ ރަނގަޅުވެގެންދާނެ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އިޖުތިމާޢީ ގޮތުންވެސް އަޅުގަނޑުމެންނަށް ބާވަތް ބާވަތުގެ ގޮންޖެހުންތައް މިހާރު ކުރިމަތިވަމުން މިދަނީ. ކިތަންމެ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައިވެސް ކުށްކުރާ މީހުންގެ ޢަދަދު ނިސްބަތުން އަޅުގަނޑަށް ފެންނަނީ ތަންކޮޅެއް ގިނަކަމަށް. މިރަށުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ކަންތައް ކޮންމެވެސްވަރަކަށް އެބަ ހިނގާ. މިކަންކަންވެސް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑު މިދެންނެވިހެން، އަޅުގަނޑުމެންގެ ތެރޭގައި، އެކަކު އަނެކަކާ ދޭތެރޭގައި އަޅާލުމުގެ އުޞޫލު ވަރުގަދަކޮށް، އެ އާދަ ވަރުގަދަކުރުމުން، މިދެންނެވިކަހަލަ ބައެއް އިޖުތިމާޢީ ކަންކަން ރަނގަޅުވެގެންދާނެ.

އާދެ! އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑާއި އަޅުގަނޑާއެކީގައި ވަޑައިގެންނެވި ބޭފުޅުންނަށް ތިޔަބޭފުޅުން ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެއްޖެ. އަދި ތިޔަބޭފުޅުންގެ ހިތްޕުޅުހެޔޮކަމާއި އޯގާތެރިކަން މިއަދު ވަރަށް ރަނގަޅަށް ފާޅުވެގެން ހިނގައްޖެ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه