އިޓަލީގެ ރައީސް ކަމުގެ މަގާމަށް ޖިއޯޖިއޯ ނަޕޮލިޓާނޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން، މަޤާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ރައީސް ނަޕޮލިޓާނޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ނަޕޮލިޓާނޯއަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިޓަލީއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ޖިއޯޖިއޯ ނަޕޮލިޓާނޯގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އިޓަލީގެ ރައްޔިތުންނަށް ކުރިއެރުމާއި، އަމާންކަމާއި، ފާގަތިކަން ލިބުން އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.