ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ބަންގްލަދޭޝްގެ އާ ރައީސް ޢަބްދުލްޙާމިދަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މިއީ، މިނިވަންކަމާއި، ދެފަރާތުގެ އިޙްތިރާމާއި އެކުވެރިކަމާއެކު ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ހުޅުވިގެންދިޔަ އާ ފުރުޞަތެއްކަން ބަޔާންކުރައްވައި، އެމަނިކުފާނުގެ ޒަޢާމަތުގައި ބަންގްލަދޭޝަށް އިތުރު ފާގަތިކަން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ، ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.