ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ފޭރާން ވިޔާ ކާރުޚާނާއަކާއި ފިހާރަތައް ހުންނަ ޢިމާރާތެއް ވެއްޓުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ބަންގްލަދޭޝްގެ ރައީސް ޢަބްދުލްޙާމިދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މި ޙާދިޘާގައި ޒަޚަމްވި މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.