بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި މިނިސްޓަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ކުޑަކުދިންގެ ހިޔާގެ ހީވާގި މުވައްޒަފުންނާއި، އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ މި ކުޑަކުދިންގެ ހިޔާއަށް އިތުރު ފުރިހަމަކަމެއް މިއަދު އަންނާތީ. މިތަނަކީ މިއީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތަކެއް، މިވޭތުވެދިޔަ އަހަރުތަކުގައި މިތަނަށް އައިސްފައިވާ ތަނެއް. އަދި މުޅިތަން ޢިމާރާތް ކުރެވި މި ހިނގަން ފެށުނީވެސް ގާތްގަނޑަކަށް ހަމަ މުޅިންހެން އަމިއްލަ ފަރާތެއްގެ އެހީއާ އެކީގައި. އެހެންވީމާ، މިހާތަނަށްވެސް މި ކުޑަކުދިންގެ ހިޔާ އުފައްދައި ހިންގުމުގައި އެހީވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަން.

މިއަދު ޚާއްޞަ ގޮތެއްގައި އަޅުގަނޑު އުފާކުރަނީ، ހިނގަ ހިނގަމުން، އާދައިގެ ގޮތެއްގައި ކުރިއަށްދަމުން އަންނަނިކޮށް، މިތާނގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިތާނގައި މިތިބި އެތައް ބައިވަރު ތުއްތު ކުދިންނެއްގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ވަރަށް މުރާލިކަމާ އެކީގައި އަޅުގަނޑުމެންގެ މިއަދުގެ މިނިސްޓަރ އަލްއުސްތާޛާ ޢާޒިމާ ޝަކޫރު މަސައްކަތް ކުރެއްވީތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި ހަމަ އެކަމަނާއާ އެކީގައި އެ މިނިސްޓްރީގެ ހީވާގި އިސް ބޭފުޅުންނާއި މުވައްޒަފުން ކޮށްދެއްވި މަސައްކަތަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ކޮންމެވެސް ފަރާތަކުން އިސްނަގައިގެން މަސައްކަތް ކުރީމާ ކަންކަންވާނީ. އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދަނީ، އަޅުގަނޑުމެންގެ މާލީ ޙާލަތު އަދި އެހާ ރަނގަޅު ނޫނަސް، ކަންކަން ކުރުމުގެ ޢަޒުމެއް އޮވެގެން، އެކަމުގެ ޚިޔާލެއް ހުރެގެން މަސައްކަތް ކުރީމާ، ކަންކަން ވެގެންދާތަން. އެހެންވީމާ، އެގޮތުން މިއަދު މި މަރްކަޒުގައި އާ ޕްރޮގްރާމްތަކެއް ފެށިގެންދާކަން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އޭގެ ސަބަބުން ކުދިން މިތާނގައި އުޅޭއުޅުމަށް ވަރަށްބޮޑު މުއްސަނދިކަމެއް ލިބިގެންދާނެ. އެގޮތުން އަޅުގަނޑު ފާހަގަކުރަން، މި ފަށްޓަވާ ޕްރޮގްރާމްތައް. އޭގެތެރޭގައި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރ ލެބާއި، ލިޓްރެސީ ކްލާހާއި، އާރޓް ކްލާސް ފަށްޓަވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. ހަމައެއާއެކީގައި، ކުޑަކުދިންވެސް ތިމާވެށީގެ ކަންކަމަށް ޝައުޤުވެރިކުރުވުމަށްޓަކައި ގަސް އިންދުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދަވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އަދި މިކަންކަމުގައި އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތައް އަޅުގަނޑު ވަކިން ޚާއްޞަކޮށް ފާހަގަކުރަން. އޭގެތެރެއިން ޚާއްޞަކޮށް، ކެޑެޓް ކޯ މިކަމުގައި ވެދެއްވި އެހީތެރިކަން އަޅުގަނޑު އުފަލާއެކީ ގަބޫލުކުރަން. އަދި ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ބައެއް އެހެން ފަރާތްތައް، ދިރާގު، ސައިރިކްސް އަދި އަޅުގަނޑުމެންގެ ލޮބުވެތި ނައިބު ރައީސް ވަޙީދުއްދީންވެސް މިކަމުގައި އެހީވެވަޑައިގެންދެއްވިކަން އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާއެކީ ފާހަގަކޮށް، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! ކުޑަކުދިންނަކީވެސް ޙައްޤުތަކެއް ލިބިގެންވާ ބައެއް. ކުޑަކުދިން ބަލަންޖެހޭނެ، އެކުދިންގެ މައިންބަފައިން. މައިންބަފައިންގެ މަސްއޫލިއްޔަތެއް، އެމީހުން މިދުނިޔެއަށް ގެންނަ ކުދިން ރަނގަޅަށް ބަލައި، އެކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތުދީ، އެކުދިންނަށް ދޭންޖެހޭ ތަޢުލީމްދީ، ފުރިހަމަ ޞިއްޙަތެއްގައި ކުދިން ބޮޑުކުރުމަކީ އެއީ ބެލެނިވެރިންގެ މަސްއޫލިއްޔަތެއް، މައިންބަފައިންގެ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އުފުލުމަކީ އެއީ ދީނީ ވާޖިބެއް، ޤައުމީ ވާޖިބެއް، ޤާނޫނީ ވާޖިބެއް. އެހެންވީމާ، އެކަމުގައި ބައެއްފަހަރު އެކަން ނުކުރެވޭ ޙާލަތަށް މައިންބަފައިންގެ ޙާލަތު ދިޔުމުން، ދެން ސަރުކާރަށް، ދައުލަތުގެ ފަރާތުން އެކަމުގައި އެހީތެރިވާން މިޖެހެނީ. ނަމަވެސް ފުރަތަމަ މަސްއޫލިއްޔަތު އެޅެނީ މައިންބަފައިންގެ ކޮނޑުފުޅުގައި.

ކުޑަކުދިންނަކީ، ކުރިން ދެންނެވިހެން ޙައްޤުތަކެއް ލިބިގެންވާ ބައެއް. އެކުދިން ދުޅަހެޔޮ ޞިއްޙަތެއްގައި ތަރުބިއްޔަތު ކުރެވި، ބޮޑުވުމަކީ އެއީ އެކުދިންގެ ޙައްޤެއް. އަދި އެކުދިން ޙިމާޔަތްކޮށް، އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ، ބޮޑެތި މީހުންގެ މަސްއޫލިއްޔަތެއް. އެހެންވީމާ، އެގޮތުން މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެން އެބަ ހަނދާންކުރަންޖެހޭ، ކޮންމެ ކުޑަކުއްޖަކީވެސް މި ޤައުމުގެ ރައްޔިތެކޭ. މި ޤައުމުގެ ކުދި ރަށްތަކާއި މުއްސަނދިކަމާ، މިހުރިހާ ކަމެއްގެވެސް ޙިއްޞާދާރު ބައެއް، ހަމަ ކޮންމެ ކުޑަކުއްޖަކީވެސް. އެއިން ކޮންމެ ކުޑަކުއްޖަކަށްވެސް ލިބިގެންވާ އެ ޙައްޤުތައް އެކުދިންނަށް ލިބިދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ މަސައްކަތް ކުރަން.

ޤައުމުގެ ނިސްބަތުން، އަޅުގަނޑުމެންގެ އާބާދީގެ ނިސްބަތުން މަދު ކުދިންކޮޅެއް މިއަދު ދައުލަތުގެ ބެލުމުގެ ދަށުގައި މިތިބީ. އެހެން ނަމަވެސް، މި ކުޑަކުދިންގެ ހިޔާ ޤާއިމް ކުރެވިފައި މިވަނީ، އެންމެ ރަނގަޅަށް ހިނގާއިރުގައި، ވަކި ޢަދަދަކަށް ކުދިން މިތާނގައި ތިބެގެން ބެލެހެއްޓޭގޮތަށް. އެގޮތުން، މި މަރްކަޒުގައި ތިބެން ހަމަޖެހިފައިވަނީ، ސާޅީސްފަސް ކުދިން، ފަންސާހަކަށް ކުދިން ގިނަވެގެން. އެހެން ނަމަވެސް، މިއަދު މިތާނގައި އެބަތިބި ހަތްދިހަ ކުދިން. ސަބަބަކީ މިފަދަ އެހެން ތަނެއް ރާއްޖޭގައި މިވަގުތު ނެތްކަން. އެއްގޮތަކަށްވެސް މިފަދަ ތަންތަނަކީ މިއީ ދާއިމީ ގޮތެއްގައި ކުޑަކުދިން ބައިތިއްބަން ހެދިފައި ހުންނަ ތަންތަނެއް ނޫން. މިއީ ވަގުތީގޮތުން ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށްޓަކައި މިތަންތަން ހެދިފައި މިހުންނަނީ. އަޅުގަނޑުމެންގެ މަޤްޞަދަކަށްވާންޖެހޭނީ، މިކުދިން އަނބުރާ މިކުދިންގެ ޢާއިލާއަށް ރައްދުކޮށްދީ، ޢާއިލާގެ ފަރާތުން އެކުދިން ބެލެހެއްޓުން. ނަމަވެސް، ބައެއް ޢާއިލާތަކަށް ނުކުޅެދިގެންދާ ޙާލަތުގައި، އަޅުގަނޑުމެން ކުދިން މިފަދަ މަރްކަޒުތަކުގައި ބަލަހައްޓަމުން މިގެންދަނީ. އަދި މީގެ ދެން އޮތް ޙައްލެއްވެސް ފެނޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް. އެގޮތުން، މިކުދިންގެ އަޞްލު ބެލެނިވެރިން، މައިންބަފައިންނަށް ކުދިން ބެލެން ނެތްކަމުގައިވާނަމަ، އެކުދިން ލޯތްބާ އެކީގައި ބަލާނެ އެހެން ބަޔަކު ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރުމަކީވެސް އެއީ ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އެކަން އެގޮތަށް ކުރުމަށްޓަކައި ޤާނޫނީގޮތުން އަޅުގަނޑުމެން ދެން އަދި އިތުރަށްވެސް ކުރަންހުރި ކަމެއް ހުރި ކަމަށްވާނަމަ، ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ދިގު މުއްދަތަކަށް، ދާއިމީ ގޮތެއްގައި ކުދިންގެ ބެލެނިވެރިކަން ޙަވާލުވެގެން، އެކުދިންދެކެ ލޯބިން އެކުދިން ބޮޑެތިކޮށްދޭނެ ބަޔަކު ތިބި ކަމަށްވާނަމަ، އެބަޔަކާވެސް އެކުދިން ޙަވާލުކުރުމުގެ ފުރްޞަތު ހުޅުވާލުމަކީ އެއީ ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

މިފަދަ މަރްކަޒެއް ކިތަންމެ ރަނގަޅަކަށް ހިނގި ކަމުގައިވިޔަސް، އެއްގޮތަކަށްވެސް މައިންބަފައިންގެ ލޯތްބާއި، ޢާއިލާއެއްގެ ތެރޭގައި ހުންނަ ލޯބި އެކުދިންނަކަށް ނުލިބޭނެ. އެއީކީ މަޤްޞަދެއްވެސް ނޫން. އެއީ އެކަންވާނެ ގޮތެއްވެސް ނޫން. އެހެންވީމާ، މީގެ އެންމެ ފުރިހަމަ ގޮތަކީ، ކުއްޖާދެކެ ލޯބިވާ ޢާއިލާއެއް ހޯދައިދިނުން. މިކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އެއީ ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! މިފަދަ ފުރްޞަތަކީ މިއީ މާ ގިނައިރު ވާހަކަ ދެއްކޭ ކަހަލަ ވަގުތެއް ނޫން. ކުޑަކުދިންގެ ސަމާލުކަން މާގިނައިރަކު ނުއެއްހިފެހެއްޓޭނެ. އެހެންވީމާ، ގޮނޑި ގޮނޑީގައި މާގިނައިރު މިކުދިން ބައިތިއްބާފައި ތިބުމަކީވެސް ރަނގަޅު ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ވާހަކަވެސް ކުރުކޮށްލާނަން. އެކަމަކު ކުރުކޮށްލުމުގެ ކުރިން އަދިވެސް އެއްފަހަރު އަޅުގަނޑު މި މަރްކަޒުގެ ހީވާގި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ސާބަހާއި ތަޢުރީފް ރައްދުކުރަން. އަދި ވަރަށް ބޮޑަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ގިނަވަގުތު މި މަރްކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާތަން. އަދި ތިޔަބޭފުޅުންގެ މަސައްކަތުގެ އުޖޫރައާ، މިކަންކަންވެސް މިހުންނަނީކީ އަޅުގަނޑުމެން އެދޭ އެންމެ ފުރިހަމަކޮށެއް ނޫން. އެހެން ނަމަވެސް، ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ގެންގޮސްދެއްވާތީ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ހުރިހާ ކުދިންގެ ނަމުގައި އަދި ދައުލަތުގެ ނަމުގައިވެސް. ދެން މިތަނުންދޭ ޚިދްމަތްތައް ރަނގަޅު ކުރުމަށްޓަކައި މިހާރު އަލަށް މިފެށްޓެވި ޕްރޮގްރާމަށްޓަކައި މިނިސްޓަރަށް އަދި މިނިސްޓަރުގެ އަރިހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތުއްތު ކުދިންނަށް މާތްﷲ ރަޙްމަތް ލައްވައި، އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.