بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހިންމަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ހިންމަފުށީގެ ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަ ހުރިހާ ބޭފުޅުން ވަރަށް އޯގާތެރިކަމާއެކީގައި އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވެ، ތިޔަބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ކަމޭހިއްތެވީތީ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން.

އެއަށްފަހުގައި، ދާދިފަހުން މިރަށުގެ ރަށު ކައުންސިލްގެ އިދާރާއަށް ދިމާވި ހިތާމަވެރި ޙާދިޘާއާ ގުޅޭގޮތުން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހަމްދަރުދީއާއި، އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރަން. އާދެ! މިފަދަ ރަށްރަށުގައި، ރަށުގެ ކައުންސިލްގެ އިދާރާ، ނޫނީވިއްޔާ ޞިއްޙީ މަރްކަޒު، މިހެން ހެދިފައި ހުންނަ ސަރުކާރުގެ ޢިމާރާތްތައް، އެގޮތަށް އަނދައި ހަލާކުވެގެން ދިޔުމަކީ، އެއީ ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެއް. ރަށެއްގެ ކަންކަން ބެލުމަށްޓަކައި، ރަށުގެ ރައްޔިތުންނާއި ސަރުކާރުން ކަނޑައަޅާފައި ތިބޭ ބަޔަކު ތިބޭ ތަނެއް، ރަށުގެ ރަށުއޮފީހަކީ. އެ ރަށުއޮފީސް ރަމްޒުކޮށްދެނީ، ރަށުގެ ރައްޔިތުން. އެހެންވީމާ، ރަށެއްގެ ރަށުއޮފީހާއި، ނޫނީވިއްޔާ ރައްޔިތުންނަށް ޚިދްމަތްކޮށްދޭން ހަދާފައި ހުންނަ ތަނަކަށް ޙަމަލާ ދިނުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދެވޭ ޙަމަލާއެއް. އެއީ ވަރަށް ސީރިއަސް ކަމެއް. ދެން އެފަހަރު ކަންދިމާވިގޮތުން އަދި ރައްޔިތުންގެ ފަރާތުން ބަހައްޓާފައިވާ ވަރަށްބޮޑު އަމާނާތެއްވެސް ވަނީ އެކަމުގެ ތެރޭގައި ގެއްލިގެން ގޮއްސަ. އެހެންވީމާ، ހަމަ އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަށް، މި ދަނޑިވަޅަކީ މިއީ ވަރަށް ހިތާމަވެރި، ވަރަށް ނާޒުކު ދަނޑިވަޅެއްކަން. އަޅުގަނޑު މިރަށަށް އާދެވޭތޯ ކޮންމެހެންވެސް މި ބަންދުގެ ތެރޭގައި މި ބެލީ، މިކަހަލަ ޙާދިޘާތަކެއް ކުރިމަތިވެފައި ހުރީމާ. އެހެންވީމާ، ގިނަދުވަސްނުކޮށް އަންނަންވެގެން. ދެން އަޅުގަނޑުގެ އުންމީދަކީ، ސަރުކާރުގެ ފަރާތުން މި އޮފީސް އަލުން ޢިމާރާތް ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މަސައްކަތް ކޮށްދެވޭނެ ކަމަށް. ދެން ވަގުތީގޮތުން މިހާރުވެސް އޮފީސް ހިންގަވަމުން ގެންދަވަނީ. އެހެން ނަމަވެސް، އެއީކީ އަދި އެކަން ކުރެވޭނެ ގޮތެއްވެސް ނޫން. ވީމާ، އެކަން އެބަޖެހޭ ތަންކޮޅެއް އަވަހަށް ކުރަން.

ދެން މިރަށަށްވެސް، ކައިރީގެ އެހެނިހެން ބައެއް ރަށްރަށަށްވެސް އެންމެ ބޮޑަށް މިހާރު ކުރިމަތިވެފައިވަނީ ނަރުދަމާގެ އުނދަގޫ. އެއީ ހަމަ އަޅުގަނޑު ދަންނަވާނީ، މިހާރު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ އެންމެބޮޑު ކަންތައްތަކޭ. ވަރަށްގިނަ ޢަދަދެއްގެ ރަށްރަށުގައި ނަރުދަމާއެއް ނެތް. ނަރުދަމާ އެޅުމަށް މަސައްކަތް ކުރެވިފައިވަނީ، ވަރަށްމަދު ރަށެއްގައި. އެހެންވީމާ، އަޅުގަނޑުގެ ޓީމް މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ގިނަ ރަށެއްގައި ނަރުދަމާ އަޅައިދެވޭތޯ. މިއަހަރުވެސް ދެން ﷲ އިރާދަކުރައްވައިގެން، ފަހުގެ ފުރްޞަތެއް ލިބިއްޖިއްޔާ، އޭރުންވެސް އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނެ ކަމަކީ ނަރުދަމާގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށޭނެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. ކުރިން އިވިވަޑައިގަތް ފަދައިން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނެއްގެ އެހީގެ ދަށުން ފަސް ރަށެއްގައި ނަރުދަމާ އެޅުމުގެ މަސައްކަތް މިހާރުވަނީ އޭގެ ލޯނުގެ މަސައްކަތް ކުރެވިފައި. މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެކަން ފައިނަލައިޒް ކުރެވިގެން، މަސައްކަތް ފެށޭވަރުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

އަޅުގަނޑު މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސަބަބަކީ ތިޔަ ރައްޔިތުންނަކީ ތިއީ އަޅުގަނޑުމެން މުޅި ރާއްޖެއަށް ދިމާވެފައިވާ އުނދަގޫ މައްސަލަތަކެއް ޙައްލު ކުރުމުގައި، އެކަމުގެ ޒިންމާ އުފުއްލަވާ ރައްޔިތަކަށްވާތީ. ވަރަށްގިނަ ދުވަސްތަކެއް ވަންދެން މިރަށުގައި ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ކުރެވެމުންދަނީ. އަދި އޭގެއިތުރުންވެސް ސަރުކާރުން ބަލަހައްޓަންޖެހޭ ފަރާތްތައް ބެލެހެއްޓުމަށްޓަކައި މިރަށުގައި ކުރިން ޖަލުވެސް އެޅި. އޭގެ ޚިދްމަތްތައްވެސް މިތަނުން ދެވިފައި އޮތީ. އެހެންވީމާ، ވަރަށްގިނަ ދުވަސްތަކެއް ވަންދެން މިރަށުގެ ރައްޔިތުންވަނީ މިކަންކަމުގައި ބައިވެރިވެވަޑައިގެން، އެހީތެރިވެދެއްވާފައި. ދެން އަޅުގަނޑަށް އެނގޭ، އެއީކީ ގިނަ ރަށްރަށުގެ ރައްޔިތުން މާ ރުހޭ ކަމެއްވެސް ނޫން. އެއީ އެބޭފުޅުންގެ ރަށްރަށުގައި އެބާވަތުގެ މުއައްސަސާތައް ބެހެއްޓުންވެސް. އަޅުގަނޑަށް އެނގޭނެ އެކަން. އެއީ، ދާދި ފަހުންވެސް އިތުރު ޖަލު އެޅުމަށްޓަކައި އަޅުގަނޑުމެން ބައެއް ރަށްރަށް ފާހަގަކުރީމު. ކޮށްގެން އެރަށްރަށާ ވާހަކަ ދެއްކުމުން، އަޅުގަނޑުމެންނަށް އެނގިފައި އޮތީ، ބައެއް ރަށްރަށުގެ ރައްޔިތުން ބޭނުމެއްނުވޭ، އެކަހަލަ ޚިދްމަތްދޭކަށް. އެހެން ނަމަވެސް، މިރަށުގެ ރައްޔިތުން ވަރަށްގިނަ ޒަމާންވެއްޖެ، މިކަމުގައި ސަރުކާރާއެކީގައި މަސައްކަތް ކޮށްދެއްވާތާ. އެހެންވީމާ، ސަރުކާރުން އެބަޖެހޭ، މިރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށް އެހީތެރިވާން، އެހެން ރަށްރަށާ ޚިލާފަށް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެން މަސައްކަތް ކުރާނީ، ހިންމަފުށްޓަށް އެހީތެރިކަން ވެދެވޭތޯ. ހިންމަފުށީގައި ނަރުދަމާވެސް އިރާދަކުރެއްވިއްޔާ އެޅޭނެ. އަދި އޭގެއިތުރުން ކުރަންހުރި ކަންކަންވެސް ކުރެވޭނެ.

އަޅުގަނޑަށް އެނގޭ، މިރަށުގެ ބޮޑެތި ބިންތައްވަނީ އެކި ފަރާތްފަރާތަށް ދޫކުރެވިފައި. ހުރިހާ ފަރާތްތަކަކުން އެ ބިންތަކުގެ ބޭނުން، އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ހިފަމަކުން ނުދޭ. އެއާ ޚިލާފަށް، ބައެއް ފަރާތްތަކުން ޔޫސުފް ރަފީޢުމެން ކަހަލަ ބޭފުޅުން އަމިއްލައަށް ބިން އުފައްދަވައިގެން، އެތަންތާނގައި ޞިނާޢީ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެހެންވީމާ، ރަށުގެ ލޭންޑް ޔޫސްޑް ޕްލޭންވެސް މިހާރަށްވުރެ ރަނގަޅަށް އަލުން މުޠާލިޢާ ކުރެވި، ރަށުގެ ބޭނުންކުރެވެން ހުރި ތަންތަން ބޭނުންކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. މީހުންނަށް ދޫކުރެވިފައި ހުރި ބޮޑެތި ބިންތައް ބޭނުންނުކުރާ ކަމަށްވާނަމަ، އެތަންތަން ނަގާފައި، އެތަންތަން ބޭނުންކުރެވޭނެ ގޮތަކަށް އެބަ ހަދަންޖެހޭ، މިރަށުގެ ތަރައްޤީއަށްޓަކައި. ރަށުގެ އާބާދީ މި ދިރިއުޅެނީ ވަރަށްކުޑަ ތަންކޮޅެއްގައި. ރަށުގެ ބޮޑުބައި މިއޮތީ އެކިބޭނުމަށް އެކިފަރާތްފަރާތަށް ދޫކުރެވިފައި. މިހާރު އަޅުގަނޑުމެންނަށް މިޖެހެނީ، މިރަށުގައި އިތުރަށް ކަމެއްކުރާ ކަމަށްވާނަމަ، މިއޮތްގޮތަށް ބާއްވައިގެން ކުރާކަމަށްވާނަމަ، ވަރަށް ބޮޑަށް ބިން ހިއްކަން އަނެއްކާވެސް. އެހެންނަމަވެސް، މިއަހަރު އަޅުގަނޑުމެންނަކަށް ނެތް އަދި މިރަށުގައި ބިން ހިއްކުމުގެ މަސައްކަތް ކުރެވޭކަށް. އެކަންވެސް ކުރެވޭނެ އިރާދަކުރެއްވިއްޔާ. އެހެން ނަމަވެސް، މިހާރުން މިހާރަށް ބަލަމާ ހިންގަވާ، މިރަށުގައި ހުރި ބިންތަކުގެ ތެރެއިން މިހާރު ބޭނުންކުރާވަރަށްވުރެ ރަނގަޅަށް، އެ ބިންތައް ބޭނުންކޮށްގެން ރަށަށް އާމްދަނީ ލިބޭނެގޮތެއް ހެދޭނީ ކިހިނެއްތޯ. އެހެންވީމާ، މިކަމުގައި އަޅުގަނޑު ހައުސިންގ މިނިސްޓްރީގައި ދަންނަވާނަން، ހައުސިންގ މިނިސްޓްރީ ބޭފުޅުން މިކޮޅަށް ވަޑައިގެން، ތިޔަބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހުގައި، ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން، އެކަން އެގޮތަށް ގެންދެވޭތޯ. އެހެންވީމާ، އެކަން އެގޮތަށް ކުރާއިރުގައި، ބައެއް ފަރާތްފަރާތަށް މިހާރު ދޫކޮށްފައި ހުރި ތަންތަން ނަގަން ޖެހުމަކީ އެއީ، އެކަށީގެންވާ ކަމެއް. އެހެން ކަންތައް ކުރަން ވެއްޖިއްޔާ، ސަރުކާރުން ރަށު ކައުންސިލާއެކީގައި އެގޮތަށް މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިރަށަކީވެސް މިއީ މާލެއަތޮޅުގެ ރިޒޯޓްތަކާ ކައިރީގައި އޮތް ރަށަކަށްވުމާ އެކީގައި، މިރަށުގައިވެސް އެބައޮތް ރަށް ފަތުރުވެރިކަމުގެ ގޮތުންވެސް ތަރައްޤީ ކުރެވޭނެ ޖާގަ. އެހެންވީމާ، އެކަމަށްޓަކައި ތިޔަބޭފުޅުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، ކުރިއަށް އޮތް ތާނގައި މިއަށްވުރެވެސް ބޮޑަށް މަސައްކަތް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑަށް ފެންނަނީ، މި މާލެއަތޮޅުގެ މިގޮތަށް ފަތުރުވެރިންނަށް މެހްމާންދާރީ އަދާކުރާ ރަށްރަށުގެ ފަރާތުން ކޮންމެވެސްކަހަލަ ބައްދަލުވުމެއް ބާއްވަން. މިހާރު މިކަން ވަރަށް ރަނގަޅަށް ކުރާ ތަންތަންވެސް އެބަހުރި. މިކަމުން ދިމާވާ ބައެއް މައްސަލަތައް ކުރިމަތިވާ ރަށްރަށްވެސް އެބަހުރި. މިގޮތުން، ޚާއްޞަ ގޮތެއްގައި، ހުޅުމާލޭގެ ގެސްޓްހައުސް ހިންގާ ފަރާތްތަކަށް، މާފުށީގެ ގެސްޓްހައުސް ހިންގާ ފަރާތްތަކަށް، ތުލުސްދޫއާއި، ހިންމަފުށްޓާ، މިހެންހުރި ރަށްރަށުގެ މިމަސައްކަތް ކުރާ ފަރާތްތަކުގެ ބައްދަލުވުމެއް ބޭއްވުން އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ރަނގަޅު ކަމެއްހެން. އަދި އެ ބައްދަލުވުމުގައި ތިޔަބޭފުޅުންނަށް ދިމާވާ ދަތިތަކާއި، ތިޔަބޭފުޅުންނަށް، މިރަށްރަށުގައި ކުރިއަށް ގެންދިޔުމަށްޓަކައި ދެން ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، އަދި މިކަން ދިރިހުންނަ ގޮތެއްގައި، ދިރޭގޮތެއްގައި މިކަން ކުރެވޭނީ ކިހިނެއްތޯ ބެއްލެވުން އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމަށް އަޅުގަނޑު ދަންނަވާނަން، މިކަމުގައި ތިޔަބޭފުޅުންނަށް އެހީވެވަޑައިގެން ދެއްވައި، މިކަމުގެ މަސައްކަތު ބައްދަލުވުމެއް ރާވައިދެއްވުމަށް. އޭރުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އިތުރު ޚިޔާލުތައް ނެރެވި އަދި މިރަށުގައިވެސް އިތުރު ގެސްޓްހައުސް ހެދުމުގެ ފުރްޞަތުތައްވެސް ހުޅުވި، ރަށަށް ދިރުން ގެނެވޭނެ ގޮތެއް ހެދިދާނެހެން. މިރަށްރަށަށް އެބައޮތް އެ ފުރްޞަތު. އެހެންވީމާ، އެ ފުރްޞަތު ބޭނުންކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން.

މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ، މާލެ ކައިރީގައި ހުންނަ، މީހުން ދިރިއުޅޭ ރަށްރަށް މިއީ ފަތުރުވެރިން އެންމެ ފުރަތަމަ ދާ ރަށްރަށް. ދާއިރުގައި އެރަށްރަށް މިވަނީ ރާއްޖޭގެ މަލަމައްޗަށް. ރާއްޖެ ފުރަތަމަ، ރާއްޖެ އަންނަ ފަތުރުވެރިންނަށް މި ތަޢާރުފްވަނީ، މިރަށްރަށުން. އެހެން ނަމަވެސް، މިރަށްރަށުގެ ޙާލަތު މިހިރީކީ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އެހެނިހެން ރަށްރަށާ އަޅާބަލާއިރުގައިވެސް ވަރަށް އާދައިގެ ފެންވަރެއްގައޭ. އެއްގޮތަކަށްވެސް ރާއްޖޭގެ ރަށްވެހިކަމާއި، ރާއްޖޭގެ ރީތިކަމާ، މިކަންކަން ނަމޫނާ ގޮތެއްގައި ދެއްކޭ ގޮތަކަށް ނޫން، މިރަށްރަށް މިހާރު އަދި ބައްޓަން ކުރެވިފައި މިހިރީކީ.

އެހެންވީމާ، އެބަޖެހޭ އަޅުގަނޑުމެން އެކިއެކި މަޝްރޫޢުތައް ހިންގައިގެން، ބޭރުން އަންނަ ފަތުރުވެރިންނަށްވެސް އެކިއެކި ޚިދްމަތްތައް ދެވޭނެ ގޮތްގޮތްވެސް ހަދަން. މިހާތަނަށް ފަތުރުވެރިކަމުގެ މަސައްކަތުގައި އެކިއެކި ގެސްޓް ފިހާރަތައް ހަދައިގެން މަސައްކަތް ކުރަމުންދާ ފަރާތްތަކަށްވެސް މާބޮޑު ދިރުމެއް އަންނަގޮތެއް ހަމަ ނުވޭ. މިރަށްރަށުގައި އެބަހުރި، ބައެއް މަގުމަގުގައި ގެސްޓް ފިހާރަތައް ހަދާފައި. އެހެން ނަމަވެސް، އެތަނަށް ގެސްޓުން މިއަންނަނީ ވަރަށް މަދުން. އެހެންވީމާ، އެ ފިހާރަތައްވެސް ދިރިގެން ގޮސް، ކުރިއެރުމެއް އައިސް، އެތަން ތަރައްޤީވާ ގޮތެއް އަދި ހަމަ ވާގޮތެއްނުވޭ. އަޅުގަނޑުމެން އެބަޖެހޭ، ރިޒޯޓްތަކާވެސް ވާހަކަ ދައްކައިގެން، މިރަށްރަށަށް އެ އަންނަ ފަތުރުވެރިން ތަންކޮޅެއް ރެގިއުލަރ ގޮތެއްގައި އަޅުގަނޑުމެންނަށް އެއަށް އުންމީދު ކުރެވޭ، އުންމީދު އާލާވާގޮތަކަށް އެކަން ރޭވިގެން، އެކަން ކުރެވިގެންދާން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިކަމާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާތަކެއް ކުރެވިގެން، އިތުރު ގޮތްގޮތް ހޯދިއްޖިއްޔާ، މިހެންހުރި ރަށްރަށަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެ.

ދެން އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި، މިރަށަކީ ބޮޑަށް ސަރުކާރުގެ ވަޒީފާތަކުގައި ބޭފުޅުން އުޅުއްވާ ރަށެއް. ސަބަބަކީ ސަރުކާރުގެ މުއައްސަސާތައް މިރަށުގައި ހުރީމަ. ޚާއްޞަކޮށް، ރީހެބިލިޓޭޝަން ސެންޓަރާއި އަދި އައްސޭރި ސަރަޙައްދާ، އެތަންތަން ހުރުމުގެ ސަބަބުން މިތަންތާނގައި މަސައްކަތްކުރައްވާ މިރަށުގެ ބޭފުޅުން ވަރަށްގިނަ. ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން ތިޔަބޭފުޅުން ކުރައްވާ ޚިދްމަތް، ހިތުގެ އަޑިން ބަލައިގަންނަމޭ. އަދި އެކަމަށްޓަކައި އަޅުގަނޑުމެން ޝުކުރުވެރިވަމޭ. އަޅުގަނޑު މަސައްކަތް ކުރާނީ، ވީހާވެސް ބޮޑަކަށް، ތިޔަބޭފުޅުންނަށް ލިބެންޖެހޭ އެކިއެކި މުސާރަތަކާއި ޢިނާޔަތްތަކާ، މިކަންކަން ގަވާއިދުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ގޮތަކަށް އެކަންކަން ކުރިއަށްދިޔުން. މިދުވަސްވަރު މިހުރި ބައެއް ދަތިތަކާހުރެ އަޅުގަނޑުމެންނަށް މިޖެހެނީ، އިތުރުގަޑީގެ ލާރި ކޮންމެވެސްވަރަކަށް ހިފަހައްޓަން ޖެހިފައި. އެހެންނަމަވެސް، އެކަން މިއޮތީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ބޮޑަށް. 24 ގަޑިއިރުގެ ޚިދްމަތް ދޭންޖެހޭ އެކިއެކި މުއައްސަސާތަކުގައި ޚިދްމަތް ކުރައްވާ ބޭފުޅުންގެ އިތުރުގަޑީގެ ލާރި ކަނޑާގޮތަކަށް ނޫން ހަމަޖެހިފައި އޮތީކީ. އެހެންވީމާ، މިތާނގައި ހުންނަ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ 24 ގަޑިއިރުގެ ޚިދްމަތްދޭ ތަންތަނުގައި ހަމަ ކުރިއެކޭ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ދެން އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ، މިރަށުގެ ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ބޭނުން. ތިޔަބޭފުޅުންގެ އެހީތެރިކަމާއި، ތިޔަބޭފުޅުންގެ އެއްބާރުލުން ލިބިގެން އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީވެސް. އަނެއްކާ އަޅުގަނޑުމެންވެސް ތަންކޮޅެއް ގިނަގިނައިން އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްގެން. މިރަށްރަށް މާލެއާ ކައިރީގައި ހުރުމަކުންނެއް، ސަރުކާރުގެ ވެރިންނެއް ވަކި ގިނައެއްކޮށް މިރަށްރަށަށް ވަޑައިގެން، މިރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ނަހައްދަވާ ކަމަށް އަޅުގަނޑަށް މި ވިސްނެނީ. އެހެންވެގެން ނުވާނެ. އަޅުގަނޑު ކުރިން ދަންނަވަން، ބައްތިއެއްގައި ވިއްޔާ އޭގެ ފުލަށޭ އެންމެ އަނދިރިވަނީ. އެހެންވީމާ، އެގޮތަށްވެފައި މިހުންނަނީ މިހާރު. އެއްގޮތަކަށްވެސް އަދި ރަށްރަށަށް ދޭންޖެހޭ އަހަންމިއްޔަތުކަން އެކަށީގެންވާވަރަށް ނުދެވި މިހުންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައިވެސް، އެތަންތަން ހިންގަވަން ތިއްބަވާ ބޭފުޅުންވެސް، ތަންކޮޅެއް ގިނައިން މިރަށްރަށަށް ވަޑައިގެން، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް. ދެން މިކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް، އަޅުގަނޑުވެސް މިކަމާ ދެރަވަން. ސަބަބަކީ އަޅުގަނޑުވެސް މިކަމުގައި ހަމަ ކޮންމެވެސްވަރަކަށް ކުށްވެރިވޭ. އެއީ، އަޅުގަނޑުވެސް މީގެކުރިން މިރަށަށްވެސް ހަމަ ވަނީ ދެތިންފަހަރަކު އާދެވިފައި. އަންނަނީ ކޮންމެވެސް އެހެން ކަމަކު. މިރަށުގައި ސަރުކާރުގެ އެހެން މުއައްސަސާތައް ހުންނާތީ، އެތަންތަނަށް ޒިޔާރަތް ކުރުމަށް އަންނަ އައުމެއްގައި މި އާދެވެނީ. އެކަމަކު ރަށުގެ ރައްޔިތުންނަކާ ބައްދަލުކޮށް، ރައްޔިތުންގެ ހާލުއަހުވާލު ބަލައި، މިކަންކަމެއް ނުކުރެވޭ. އެހެންވީމާ، އަޅުގަނޑަށް މިހާ ބޮޑަށް މިކަން އިޙްސާސް ކުރެވެނީ. އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި އެހެން ނުވާނެ ކަމަށް. އަޅުގަނޑުމެންގެ ފަރާތުންވެސް ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން، ތިޔަ ރައްޔިތުންނާ މުޢާމަލާތްކޮށް، ރައްޔިތުންނާ އެކީގައި، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން ދެނެގަނެގެން، އެކަންކަން ޙާޞިލް ކުރުމަށްޓަކައި މަސައްކަތް ކުރެވޭތޯ.

އެގޮތުން، ފުރަތަމަ ފެށުމެއް ކަމުގައި ބައްލަވަމާ ހިންގަވާ މި ޖަލްސާ، މިބައްދަލުވުން. އަދި ހަމައެއާއެކީގައި ކުރިއަށް އޮތް މަޝްރޫޢު. ޚާއްޞަ ގޮތެއްގައި، ނަރުދަމާ އެޅޭ މަޝްރޫޢު. މިކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަދި ހަމަ އެހެން، މިރަށުގެ ރަށު ކައުންސިލްގެ އިދާރާވެސް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

ދެން އަޅުގަނޑާއެކީގައި އެޑިޔުކޭޝަންގެ ބޭފުޅުންވެސް އެބަ ތިއްބެވި. ހެލްތްގެ ބޭފުޅުންވެސް އެބަ ތިއްބެވި. އެހެންވީމާ، މިދަތުރުގައި ހަމައެހެން، ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޭފުޅުންވެސް އެބަ ތިއްބެވި. އެހެންވީމާ، މިބޭފުޅުންނާ ގުޅިވަޑައިގަންނަވާ ކަންކަމުގައި، މިދަތުރުގައި އަޅުގަނޑު ބޭނުންވަނީ، އެބޭފުޅުންވެސް ކަންކަން މިހާރަށްވުރެ ހަލުއިކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް، ރަނގަޅު ކުރެވޭނެ ގޮތެއް ހޯއްދެވުމަށް. އަޅުގަނޑު ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ މެނެޖިންގ ޑިރެކްޓަރާ، މިރަށާ ބެހޭގޮތުން ވާހަކަ ދެކެވުނު. ދައްކައިފިން އިނގޭތޯ. ދެއްކިއިރުގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، ވަރަށްބޮޑު މަސައްކަތެއް ކުރަން އެބަޖެހޭ ބޯޅަދަނޑު ރަނގަޅު ކުރަން. ބޯޅަދަނޑުގައި އަޅުގަނޑަށް ހީވަނީ، ފުދޭވަރެއްގެ ބޮޑު މަސައްކަތެއް ކޮށްގެންހެން، ރަނގަޅު ފެންވަރެއްގެ ދަނޑަކަށް މިތަން ހެދެން އަންނަނީ. އެހެން ނަމަވެސް، ކިތަންމެ ބޮޑު މަސައްކަތެއް ކުރަން ޖެހުނަސް، އިރާދަކުރެއްވިއްޔާ ބޯޅަދަނޑު އަޅުގަނޑުމެން ހަދާނަން. އެހެންވީމާ، އެމަސައްކަތް ވީހާވެސް އަވަހަކަށް ފަށްޓަވައިގެން، މިހާރު ސަރވޭ ކުރުމުގެ މަސައްކަތުގައި މިއުޅެނީ. އެހެންވީމާ، އެމަސައްކަތް ވީހާވެސް އަވަހަކަށް ފަށްޓަވައިގެން ގެންގޮސް، ރަނގަޅު ފެންވަރުގެ ބޯޅަދަނޑެއް މިރަށުގައި ހެދޭތޯ މަސައްކަތް ކުރަމާ ހިންގަވާ.

ދެން ސްކޫލް، ސްކޫލްގައިވެސް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް ފެށިފައި މިވަނީ. އެހެން ނަމަވެސް، އެވެސްޖެހޭ އެބަ ނިމުމަކަށް ގެންނަން. ވިދާޅުވެއްޖެ، މި ލީބިޔާގެ ސަރުކާރުގެ އެހީގައި ހަތަރު ކްލާސްރޫމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެ ހަތަރު ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ހިޔާކުރާ ހިސާބަށް ގޮއްސަ. އެހެންވީމާ، ދެން ޢިމާރާތެއް، ޚާއްޞަކޮށް، ސަރުކާރުގެ މިބާވަތުގެ ތަނެއް ހިޔާކުރާ ހިސާބަށް ގޮއްސަ ހުއްޓިފައި ހުރެގެނެއް ނުވާނެ. އެހެންވީމާ، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެބަޖެހޭ މިތަން ހިޔާކުރައްވައި، މިތަން ބޭނުންކުރެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހައްދަވަން. އެކަން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

ދެން ހަމަ އެހެން، މިއަދު އަޅުގަނޑުމެން ކުރިން މިދިޔަ ރަށުގައިވެސް، ޞިއްޙީ މަރްކަޒަށް އަޅުގަނޑުމެން ޒިޔާރަތް ކުރީމު. އެގޮތުން މިރަށުގައިވެސް ޤީލާއާއި އަޅުގަނޑުމެން ޞިއްޙީ މަރްކަޒަށް ގޮސް، އެތާނގައި މިހާރު ކުރެވެންހުރި ކަންކަން ދެނެގަނެގެން، އެކަންކަން ރަނގަޅު ކުރެވޭތޯ ބެލުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އަޅުގަނޑު މިގަޑީގައި ދެން އިތުރު ވާހަކަތަކެއް ދައްކާކަށް ނެތީމު. އެހެންނަމަވެސް، ހަމަ ދަންނަވާލަނީ އަޅުގަނޑު ވަރަށް އުފާކޮށްފީމޭ، ތިޔަބޭފުޅުންނާ މިއަދު ބައްދަލުވީތީވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، މިހާރަށްވުރެވެސް ތަންކޮޅެއް އަވަސް އަވަހަށް ބައްދަލުވާނެކަމުގެ އުންމީދު އަޅުގަނޑު ކުރަން. ދެން ރަށު ކައުންސިލްގެ ފަރާތުންވެސް މާލެއަށް ވަޑައިގެން، ދޭތެރެދޭތެރެއިން އަޅުގަނޑުމެންނަށް ކަންކަން ހަނދާންކޮށްދެއްވައި، ތަންކޮޅެއް ގާތުން އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެން ތިޔަ ކިޔުއްވި މަރްޙަބާއަށްޓަކައި. އަޅުގަނޑު އުންމީދު ކުރަން، މާލަސްތަކެއްނުވެ އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހަށް އާދެވޭނެ ކަމަށް. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ރައްޔިތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި، ފާގަތިކަމާއެކީގައި ދިރިއުޅުއްވުމުގެ ނަޞީބު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه