بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ތުލުސްދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަދި ދުވާފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ތުލުސްދޫ ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ނައިބު ރައީސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް އައުމުން އަޅުގަނޑުމެންގެ ހިތަށް ވަރަށްބޮޑު ފިނިކަމަކާއި އުފަލެއް ލިބިގެންދިޔައީ. އަޅުގަނޑުމެންނަށް މިރަށުންކީ ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް އޮތީ މީގެކުރިންވެސް މިރަށު ބޮޑުބެރު ގްރޫޕްގެ އަޑުއިވިފައި. އެހެން ނަމަވެސް، މިއަދު މިފެނުނު ޕަރފޯމަންސްތައް އަދި ކުރިއަށްވުރެވެސް މާ ފުރިހަމަ. އަޅުގަނޑު ފުރަތަމަ މިރަށަށް އައީ، އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓްރީގައި އުޅުނު ދުވަސްވަރު. ދެންމެ ރައޫފް އެ ވިދާޅުވިހެން، މިރަށުގައި ސްކޫލް ޢިމާރާތް ކުރުމަށް، މި ބިމުގެ ކަންތަކަށް އަޅުގަނޑު ފުރަތަމަ އައީ. ފުރަތަމަ މިރަށަށް އަޅުގަނޑު އައިސްފައިވެސް އަޅުގަނޑު ހިތަށްއެރީ، މިއީ ހާދަހާ ރީތި ރަށެކޭ. މިރަށުގެ ވިލު ފެނުމުން، މިރަށްދެކެ ލޯބިނުވާނެ މީހަކު އަޅުގަނޑަކަށް ހިއެއްނުވޭ ހުންނާނެހެނެއް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، ހަމަ މިރަށަކީ މިއީ މި މާލެއަތޮޅުގައި އޮތް ހަމަ ރަންމުތެއް ކަހަލަ ރަށެކޭ. މިހާރުވެސް ހަމަ އެހާ ރީތި މި ރަށް. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް، މިރަށް ވެގެންދާނީ ހަމަ ރާއްޖޭގައި އޮތް، އެންމެ ތަރައްޤީވެފައި އޮތް، އެންމެ މީހުން އުޅޭހިތްވާ، އެންމެ ތަނަވަސް، އެންމެ އުފާވެރި އެއްރަށެއްކަން އަޅުގަނޑަށް ޔަޤީން ކުރެވޭ. އާދެ! އެގޮތަށް އެކަން ފަހިކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހިރީ ތިޔަބޭފުޅުންނާއެކީގައި ކުރަން.

އާދެ! ވޭތުވެދިޔަ ތަން އެއޮތީ މާޒީވެ ގޮސްފައި. ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެން ފަދައިން، މިރަށުގެ ރައްޔިތުންނާ ދޭތެރޭގައި ޒާތީގޮތުން ވަނީ ވަރަށް ނިކަމެތިކޮށް ކަންތައް ކުރެވިފައި. އަޅުގަނޑުވެސް ބައިވެރިވި ސަރުކާރެއްގެ ފަރާތުން ކަމަށްވާތީ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެކަމަށްޓަކައި މަޢާފަށް އެދެން. ﷲ އިރާދަކުރެއްވިއްޔާ، ދެނެއް ތުލުސްދުއަކުން މިއަތޮޅުގެ ވެރިކަން ދެން އެހެން އެއްވެސް ދިމާއަކަށް ދުވަހަކުވެސް ނުދާނެ.

އާދެ! އަޅުގަނޑު މިއަދު އުފާކުރާ ވަރަށް މުހިންމު އެހެން ސަބަބެއްވެސް އެބައޮތް. އެ ސަބަބަކީ 2011 ވަނަ އަހަރާ އަޅާބަލާއިރުގައި، 2012 ވަނަ އަހަރު މިރަށު ސްކޫލްގެ ދަރިވަރުންގެ ނަތީޖާ ވަރަށްބޮޑުތަން ކުރިއަރާފައިވާތީ. އެކަމަށްޓަކައި މި ސްކޫލްގެ ބެލެނިވެރިންނަށާއި، ދަރިވަރުންނަށާއި އަދި ޚާއްޞަކޮށް، މުދައްރިސުންނާއި ސްކޫލްގެ ސްޓާފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ތަރައްޤީ ހިފެހެއްޓެންޖެހެނީ، އަޅުގަނޑުމެން ކަންކަން ކުރާގޮތުން. މިރަށުގެ ރައްޔިތުން މިއީ ވަރަށް ނަމޫނާ ރައްޔިތެއްގެ ގޮތުގައި މި ފެނިގެން މިދަނީ. ދެންމެ ރޮޒައިނާ އެ ވިދާޅުވިހެން، ތަފާތު ޕާޓީތަކުގެ، ތަފާތު ފިކުރުގެ ބޭފުޅުން އެކީގައި މިރަށުގެ ކަންކަމުގައި މަސައްކަތް ކުރަމުން ގެންދަނީ. އަދި އަޅުގަނޑުމެން އައުމުން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައިވެސް ހުރިހާ ޕާޓީތަކެއްގެ ބޭފުޅުން ނުކުމެވަޑައިގެންނެވިކަން އަޅުގަނޑު އުފަލާއެކީ ފާހަގަކޮށް، ތިޔަބޭފުޅުންނަށް އަޅުގަނޑު ތަޢުރީފު ކުރަން.

ޤައުމީ ފެންވަރުގައި، ތެދެއް އެބަހުރި ތަފާތުތައް. އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އެބަހުރި ތަފާތު ގޮތްގޮތަށް. އޭގެ ސަބަބުން އެކިއެކި ދެބަސްވުންތައްވެސް އުފެދެމުން އެބެދޭ. އެހެން ނަމަވެސް، މި ޤައުމު ނުވާނެ އަޅުގަނޑުމެންގެ ސިޔާސީ ފިކުރުތަކުގެ ތެރޭގައި ފިތިފައި އޮވެގެނެއް. ޤައުމަކީ، އެއަށްވުރެ މާ މުހިންމު އެއްޗެއް. އަޅުގަނޑުމެން ދޭދޭ ސިޔާސީ މީހުންގެ ދޭތެރޭގައި އޮތް ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރޭގައި ޤައުމު ފިތި ތާށިވެފައި އޮވެގެން ނުވާނެ. ޤައުމަށް ގެންނަންޖެހޭ ކުރިއެރުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިފެހެއްޓިގެން ނުވާނެ. އެއީ، ތުލުސްދޫ ކަމުގައިވީނަމަވެސް، އަދި އެހެން ރަށެއް ކަމުގައިވީނަމަވެސް، މިރަށަށް އަންނަންހުރި ތަރައްޤީގެ މަޝްރޫޢުތައް، މިރަށަށް ނުގެނެސް، ހިފެހެއްޓިފައި އޮތީ ސިޔާސީގޮތުން އައި ބަދަލުތަކަކާ ގުޅިގެން. މިރަށުގެ ރައްޔިތުންގެ ނިންމުމަކީ، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް. ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ފެންނަގޮތަށް، ރައްޔިތުން ކަންތައް ނިންމުމުން، އެކަމުގައި ދެން ޖެހޭނީ، ސަރުކާރުންވެސް އެހީތެރިވާން. ވަކި ފިކުރަކަށް ތާއީދުކުރާތީ، ވަކި ޕާޓީއަކަށް ތާއީދުކުރާތީ، ނޫނީ ވަކި ޕާޓީއަކަށް ތާއީދު ނުކުރާތީ، އެރަށަކަށް އަންނަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ހިފެހެއްޓުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ވަރަށްބޮޑު ޖަރީމާއެއް. މިރަށާ ދޭތެރޭގައި މިދެންނެވި ގޮތަށް ކަންތައް ކުރެވިފައި ހުރީ. މިރަށުގައި ފަށަންހުރި ބައެއް މަޝްރޫޢުތައް ނުފެށި، ނުފަށްޓައި ޤަޞްދުގައި ލަސްކުރެވިފައި ހުރި މަޝްރޫޢުތައް އެބަހުރި. އެހެންވީމާ، މިރަށަށް އަޅުގަނޑުމެން އެބަޖެހޭ، ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަން.

އެގޮތުން، މިރަށުގެ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ނަރުދަމާގެ ނިޒާމުގެ ކަންތައް. އަދި ބޯފެނުގެ ނިޒާމުގެ ކަންތައް. މިކަންކަން އަޅުގަނޑުމެން އެބަ ޙައްލުކުރަންޖެހޭ. އެގޮތުން، މިހާރު އަޅުގަނޑުމެން މި ނަރުދަމާއާއި ބަނދަރުގެ ކަންތައް ކުރުމަށްޓަކައި އައި.ޑީ.ބީ.ގެ ލޯނެއް، މި މަސައްކަތް ކޮށްފައި، އެ ލޯނުގެ ފައިސާ މިހާރުވަނީ ލިބޭގޮތްވެފައި. އަދި މިކަމާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަގުމަތީގައި މިހާރު މިއުޅެނީ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މިއަހަރު އަޅުގަނޑުމެންގެ ނަރުދަމާގެ މަސައްކަތްވެސް ފެށޭނެ. އަދި ބޯޅަދަނޑުގެ، އަދި އަޅުގަނޑުމެންގެ ބަނދަރުގެ މަސައްކަތްވެސް ފެށޭނެ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މިހުންނަނީ ވަރަށް ބޮޑަށް ޔަޤީންކޮށްގެން.

ބަނދަރު، ބަނދަރުގެ ބޭރުތޮށި ހަދަންޖެހޭ. އެ ނެހެދި އޮތުމުގެ ސަބަބުން ރަށް ވަރަށް ބޮޑަށް ގިރަމުން މިހާރު މިދަނީ. ބައެއް ގޭގޭގެ ފާރާ ހަމައަށް މިހާރު މިއޮތީ ގިރާފައި. އެހެންވީމާ، އެކަން މާބޮޑަށް ލަސްކުރެވޭކަށް ނެތް. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ބަނދަރުގެ މަސައްކަތް ފެށޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.
އާދެ! ދެން މިރަށް މިއޮތީ ފުރިފައި މިހާރު. އެއީ އެއްފަސްކުރާ ރަށެއްގެ ގޮތުގައި، މިރަށުގެ އާބާދީ އޭރު ކުޑަކަމުން މިރަށުން ދިޔައީ ޞިނާޢީ އެކިއެކި މަޝްރޫޢުތަކަށްވެސް ބޮޑެތި ބިންތައް ދޫކުރަމުން. ރަށް ބޮޑުކަމަށް ފެނިގެން. އަދި އެހެން ރަށްރަށުގެ މީހުންވެސް މިރަށުގައި އާބާދުވެސް ކުރެވުނު. އެހެން ނަމަވެސް، މިހާރު މިރަށް މިއޮތީ ފުރިފައި. ރަށް އެބަޖެހޭ ބޮޑުކުރަން. އަދި މިރަށަކީ ޙަޤީޤަތުގައިވެސް އެއްފަސްކުރެވޭ، މި ތަރައްޤީގެ ނާރެހެއް ކަމުގައި ހެދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް މިތާ ކުރެވޭނެ، މިތާ ބިން ބޮޑުކޮށްގެން. އެހެންވީމާ، މިކަމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން މިހާރު މަސައްކަތް ކުރަމުންގެންދާ ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، މި ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި، މިރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވޭނެ ކަމަށް. ދެން އެމަސައްކަތް އަޅުގަނޑުމެން ޙަވާލުކުރަން ޤަޞްދުކުރަނީ ވަރަށް އަވަހަށް މަސައްކަތްކުރާ ބަޔަކާ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ، މި ޓަރމްގައި މިރަށުގެ ބިން ހިއްކާ ނިންމުން.

އާދެ! ދެން ޒުވާނުން، މިރަށުގެ ޒުވާނުންނަކީ ދެން މިއަދު ހެނދުނު އަޅުގަނޑަށް ފެނުނުހެން ވަރަށް ޖޯޝްހުރި، ވަރަށް އުންމީދީ ޒުވާނުންތަކެއް ތިބި ރަށެއް. އެހެންވީމާ، ޒުވާނުންގެ ކަންކަމުގައި އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަކޮށް ކަންކަން ކޮށްދޭން. ދެން އަޅުގަނޑަށް އެނގިފައި އޮތީ، މިރަށުގައި ޒުވާނުންގެ މަރުކަޒެއް ހެދުމަށްޓަކައި ބައެއް ޕްލޭންތަކާ އެއްޗެހި ހެދިފައި އޮތްކަން. އެހެން ނަމަވެސް، އެކަން މާ ކުރިއަށް ނުގޮސް އޮތް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އަޅުގަނޑު އުންމީދު ކުރަން، މިރަށުގައި ޒުވާނުންގެ މަރްކަޒެއް ޢިމާރާތް ކުރެވޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އެކަން ފޮލޯއަޕް ކުރާނަން.

ދެން މިހާރުން މިހާރަށްވެސް އަޅުގަނޑުމެން ފިކުރު މި ހިންގަނީ، މިރަށުގެ ބޯޅަދަނޑު އެއްވަރުކޮށް، އެ ބޯޅަދަނޑު ހެދޭތޯ. އެހެންވީމާ، އަޅުގަނޑު މިއަދު މިއައީ މިރަށަށް އަޅުގަނޑުމެންގެ މަގުހެދުމާބެހޭ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރުވެސް ގޮވައިގެން. އެއީ އެބޭފުޅުން އެކަން ކުރައްވަން އޮތީ. އެހެންވީމާ، އަޅުގަނޑަށް މިހާރު ޚަބަރު ލިބިފައިވާ ގޮތުގައި، އެތަން ސަރވޭ ކުރުމުގެ މަސައްކަތުގައި މިހާރު ބަޔަކު އައިސް އެބައުޅޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ބޯޅަދަނޑުވެސް ހަމަ ހެދޭނެ.

އާދެ! ޞިއްޙީ މަރްކަޒާ ބެހޭގޮތުން އަޅުގަނޑަށް ތަފާތު މަޢުލޫމާތުތައް ލިބެމުން މިދަނީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ޖަލްސާއަށްފަހުގައި، އިރާދަކުރެއްވިއްޔާ، މިނިސްޓްރީ އޮފް ހެލްތްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޤީލާ ޢަލީ ވަޑައިގެން އެބަ އިންނެވި. އެބޭފުޅާއާއެކީގައި އަޅުގަނޑު ދާނަން ހެލްތް ސެންޓަރަށް. ގޮސް ހެލްތް ސެންޓަރުގައި މިހާރުން މިހާރަށް ރަނގަޅު ކުރެވެންހުރި ކަންކަން ބަލައި، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އަދި ހަމައެހެން، ދެންމެ ތިޔަ ވިދާޅުވިފަދައިން، މިތާނގެ ޞިއްޙީ މަރްކަޒު، މިހާރަށްވުރެ އަޕްގްރޭޑް ކުރެވޭނެގޮތެއް ހޯދުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ވިސްނައި، ހެލްތް މިނިސްޓްރީއާ މަޝްވަރާކޮށް، މި ހެލްތް ސެންޓަރު މިއަށްވުރެ ރަނގަޅު ފެންވަރަކަށް، ހޮސްޕިޓަލެއްގެ ފެންވަރަށް ނަމަވެސް އަޕްގްރޭޑް ކުރެވޭތޯ އަޅުގަނޑު އެކަން ބަލާފައި އޮންނާނީ.

އާދެ! މިހެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. ދެން ތިޔަބޭފުޅުން ވިދާޅުނުވިޔަސް އަޅުގަނޑަށް އެނގޭ، ބޭންކްގެ ޚިދްމަތް ތިޔަބޭފުޅުންނަށް ބޭނުންފުޅުވާނެކަން. މިރަށަކީ ވަރަށްގިނަ ތަފާތު ޞިނާޢީ މަޝްރޫޢުތައް ހިންގާ ރަށެއް. އަނެއްކާ ގެސްޓްހައުސްގެ ޚިދްމަތްވެސް މިހާރު ފެށިގެން، އަށެއްކަ ގެސްޓްހައުސް މިރަށުގައި އެބަހުރި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އަދި އިތުރު ތަންތަން އިރާދަކުރެއްވިއްޔާ، އަވަހަށް ހެދިގެންދާނެ. އެހެންވީމާ، މިއިން ކޮންމެ ކަމަކީވެސް އެއީ ބޭންކިންގ ޚިދްމަތް ބޭނުންވާ ކަންކަން. ދެން މިކަމުގައި އަޅުގަނޑު މިގެންދަނީ، ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކަމުން. މިހާރު ބޭންކްގެ ޚިދްމަތް ލިބެން ނުހުންނަ ދިމަދިމައިގައި ބޭންކްގެ ޚިދްމަތް ހުޅުވުމަށްޓަކައި، ލިބިދިނުމަށްޓަކައި އަޅުގަނޑު ބޭންކާ ވާހަކަ ދައްކަމުން ގެންދާތާ މިހާރު ދުވަސްގަނޑެއްވެއްޖެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައިވެސް ބޭންކްގެ ޚިދްމަތް ލިބޭނެގޮތެއް ހަމަޖެހުން. އެކަމަށްޓަކައި ބޭންކުން މިހާރުދަނީ މަޝްރޫޢެއް ރާވައިގެން ހިންގަމުން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، އަންނަ ޖޫންމަހުގެ ތެރޭގައި، އެކިއެކި ރަށްރަށުގައި މި އާ ނިޒާމް ޤާއިމްކުރަން ފެށޭނެ. ކަނޑައެޅިގެން ބޭންކްގެ ވަކި ބްރާންޗެއް ޤާއިމް ކުރެވިފައިނެތަސް، މިރަށުގައި ބޭންކްގެ މުޢާމަލާތްތައް ކުރުމަށްޓަކައި ބޭނުންވާ ކަންކަން މިރަށުން ކުރެވޭނެގޮތެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ވަނީ ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާފައި. ދެން މިހެން އަޅުގަނޑު ދެންނެވީމާ، ކުޑަކޮށް ތިޔަބޭފުޅުންނަށް ޝައްކުވެވަޑައިގެންފާނެކަންނޭނގެ، ކިހިނެއްހޭ ބޭންކްގެ ބްރާންޗެއް ނަހަދައި، ބޭންކްގެ ޚިދްމަތްދެނީ. އެހެން ނަމަވެސް، މިހާރު ކޮމްޕިއުޓަރު ބޭނުންކޮށްގެން، އިލެކްޓްރޯނިކް އެކިއެކި ގޮތްގޮތަށް ބޭންކްގެ ޚިދްމަތް ދެވޭނެ ގޮތްގޮތް އެބަހުރޭ. އެހެންވީމާ، އެކަމަށްޓަކައި އެބޭފުޅުން އެގެންދަވަނީ މަސައްކަތް ކުރައްވަމުން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތިޔަބޭފުޅުން ބޭންކަށް ލައްވަންޖެހޭ ފައިސާއެއް ލެއްވުމާއި، ބޭންކުން ނަގަންޖެހޭ ފައިސާ ނެންގެވުމާ، އެކި ފަރާތް ފަރާތަށް ބިލް، މިކަންކަން ހަމަ ބަރާބަރަށް ކުރެވޭނެ އިންތިޒާމެއް ބޭންކުން ހަމަޖައްސަވައި ދެއްވާނެ.

އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން މިރަށަކީ ވަރަށް ރީތި ރަށެއް. މިރަށް އަދި މިއަށްވުރެންވެސް ބޮޑަށް ރީތިކުރެވިދާނެ. އަޅުގަނޑުމެން މިހާރު މިތިބި ތަންވެސް ބައްލަވާ. މިރަށުގައި މިއޮތް ބޮޑު ހިޔަލުގެ ސަބަބުން ވަރަށްފިނި ވައިރޯޅި ޖެހެމުން މިދަނީ. އެހެންވީމާ، ހަމަ މުޅި ރަށްވެސް އަޅުގަނޑުމެންނަށް މިގޮތަށް އަދިވެސް އިތުރަށް ފެހިކޮށްލުމަކީ، އަޅުގަނޑުމެންނަށް އިތުރު ހިތްފަސޭހަކަމެއް ލިބިގެންދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެން، އަދިވެސް ރަށް ފެހިކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަން. ރަށުގެ މަގުތައްވެސް ހަމަ ފެހިވާނެ ގޮތެއް ހައްދަވައިދެއްވުން. އެއީ އަޅުގަނޑުމެންގެ ރާއްޖެ ހެދިފައި މިއޮތީ ގަސްދަށުގައި އުޅޭގޮތަށް. ގަސްދަށުގައި ނޫޅެންޏާ ވަރަށް ހޫނުވޭ. އަނެއްކާ ބިންގަނޑަށް ވަރަށްބޮޑު ހަނަފަސްކަން ލިބިގެންދޭ. ބިމުގެ ފެނަށް އޭގެ އަސަރު ކުރަމުންދޭ. އެހެންވީމާ، އަޅުގަނޑުމެން ހަމަ ވީހާވެސް ބޮޑަކަށް އެބަ މަސައްކަތް ކުރަންޖެހޭ، ވީހާވެސް ބޮޑަކަށް ހިޔާ ފަތުރަން. ބިންގަނޑު ފިނިކުރަން. އޭރުން އަޅުގަނޑުމެންނަށްވެސް ފިނިވާނީ. އެހެންވީމާ، މިކަމަށް ތިޔަބޭފުޅުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުން އަޅުގަނޑު އެދެން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއަށް ބޭރުން އަންނަ މީހުންނަށްވެސް އިތުރު ޝައުޤުވެރިކަމެއް އުފެދިގެންދާނެ. މިރަށަކީ ޙަޤީޤަތުގައިވެސް ހަމަ ރީތި ކުޑަކުޑަ ބަގީޗާއެއް ގޮތަށް އަޅުގަނޑުމެންނަށް ހަދާލެވިދާނެ. އަޅުގަނޑު ދެކޭހިތްވަނީ، އެކަހަލަ ތުލުސްދޫއެއް. އަޅުގަނޑު ދެކޭހިތްވަނީ، ފިނި، ހިޔާބޮޑު އަދި ނަލަ ތަނެއްގެ ގޮތުގައި. ﷲ އިރާދަކުރެއްވިއްޔާ، އެގޮތަށް ތުލުސްދޫ ބައްޓަންވެގެންދާނެ. އަލަށް ހެދޭ ބިންވެސް އިރާދަކުރެއްވިއްޔާ، އެއީ ހަމަ ބިން އުފެދުމާއެކީގައި، އެތާނގައިވެސް ޕްލޭން ހައްދަވައި، އެތާނގައި ގަސް އިންދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެންވެސް މިރަށުގައި އެބަހުރި ވަރަށްގިނަ ކަންކަން އަޅުގަނޑުމެން ކުރަން. އެހެންވީމާ، އެކަންކަން ކުރުމުގައި ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނާއެކީ މަސައްކަތް ކުރާނެ. ދެންމެ ރަށު ކައުންސިލްގެ ރައީސް މިޝާލް އެ ވާހަކަ ދެއްކެވިއިރުގައި، ވަރަށްގިނަ ކަންތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އޭގެތެރޭގައި އެބަހުރި، ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގާ ތަންތަންވެސް އެބަހުރި، އިތުރު ކުރިއެރުން ބޭނުންވެފައި ހުރި ތަންތަން. މިސާލަކަށް ދަންނަވަނީނަމަ، ޕޮލިސް ސްޓޭޝަން. އެހެންވީމާ، އެތަންވެސް ރަނގަޅު ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހޯމްއެފެއާޒާ ވާހަކަ ދައްކައިގެން، މިރަށުގައި އާ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމަށްޓަކައި މިހާރު އެބައޮތް ބިމެއް ނެގިފައި. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ވާހަކަ ދަންނަވަން.

ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، ތިޔަބޭފުޅުން އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވާށޭ، މިހާރު މިދެކެވޭ ވާހަކަތަކާ ބެހޭގޮތުން، ބަޖެޓް ނެތީއޭ، ޤައުމު އަނދަވަޅަކަށް ވެއްޓިއްޖެޔޭ. މިކަހަލަ ވާހަކަ އެއްގޮތަކަށްވެސް ނާއްސަވާ. އަޅުގަނޑުމެންނާ ތިޔަބޭފުޅުން މި މަޤާމުތައް ޙަވާލުކުރައްވާފައި މިހިރީ، އަޅުގަނޑުމެން އެކަމަށް ފިކުރުކުރަން ރައްޔިތުން ފިކުރުކުރަންޖެހޭ ކަމަށްވާނަމަ، އަޅުގަނޑުމެން ކޮންމެހެން ތިބޭކަށް ނުޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ މަސައްކަތްތަކެއްވެސްވާނެ، އެކަންކަން ޙައްލުކުރީމާ.

ޙަޤީޤަތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު އެހާ ގޯހެއް ނޫން އިނގޭތޯ. އެހެން މީހުންނަށް ހީވާކަހަލަ، ދެން އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރޭގައި ތަންކޮޅެއް ދަތިކޮށް މިހާރު އުޅެންޖެހޭތީ، އިޤްތިޞާދު އޮތީ ވަރަށް ހާލުގައޭ. އެއީ ޙަޤީޤަތެއް ނޫން. ދިވެހިރާއްޖޭގެ އެންމެބޮޑު ޞިނާޢަތަކީ ފަތުރުވެރިކަން. ދިވެހިރާއްޖޭގެ ފަތުރުވެރިން އައުންދަނީ އިތުރުވަމުން. އަންނަ ފަތުރުވެރިން އަހަރަކަށްވުރެ އަހަރެއް ގިނަ. ފަތުރުވެރިކަމުން ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުން. ދެން މަސްވެރިކަންވެސް ރަނގަޅު. ﷲ އިރާދަކުރެއްވީތީ، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅު. ބައެއް އަތޮޅުތަކަށް، ދެކުނުގެ ހަތަރު އަތޮޅަށް މިދިޔަ އަހަރުވެސް ގާތްގަނޑަކަށް ފައްސަތޭކަ މިލިއަނެއްހާ ރުފިޔާގެ މަސްކިރި. އެއިން ފުދޭވަރެއްގެ އާމްދަނީއެއްވެސް ވަންނަމުން އެބަދޭ.

ނަމަވެސް، އަޅުގަނޑު މިހުރި މަޤާމުގައި، ނޫނީވިއްޔާ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، ޤައުމުގެ މުސްތަޤްބަލާ ދޭތެރޭގައި، ބައެއްފަހަރު ވިސްނަންވާވަރަށް ނުވިސްނައި، ވަގުތީ ބޭނުމަކަށްޓަކައި، އަޅުގަނޑުމެންނަށް ވާވަރަށްވުރެ ބޮޑަށް ބަޖެޓުން ޚަރަދު ކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވާ ދަތިތައް އެބަހުރި. ގިނަފަހަރަށް މިވާގޮތަކީ، އިންތިޚާބަކާ ހަމަ ކުރިމަތިވާއިރަށް ވަރަށްގިނަ ކަންތައްތަކެއް، ވަރަށް ބޮޑެތި ކަންތައްތަކެއް ސަރުކާރުން ކުރަމުން ގެންދަނީ. ބޮޑެތި ހޭދަތައް ކުރަމުން ގެންދަނީ. އޭގެ ސަބަބުން ބަޖެޓް މިއޮންނަނީ އަބަދުވެސް ދަރަނިވެރިވެފައި. އެއީ ލިބޭ އެއްޗަކަށްވުރެ ގިނައިން ޚަރަދުކޮށްފައި. މިގޮތަށް ތަކުރާރުކޮށް އަހަރަކަށްފަހު އަހަރެއް ޑެފިސިޓް ބަޖެޓުގައި އުޅެން ހަދައިގެން، މިއަދު ސަރުކާރުގެ ބަޖެޓު އޮތީ ވަރަށް ހާލުގައި. އެހެން ނަމަވެސް، އަޅުގަނޑު ކުރީ ދުވަހުވެސް ތިޔަބޭފުޅުންނަށް ދެންނެވިން، ކޮންމެވެސް ރަށެއްގައި ވާހަކަ ދައްކަމުން، މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، ދަރަނި ކުޑަކުރުމަށްޓަކައިވެސް ވަރަށްބޮޑު މަސައްކަތްތަކެއް ވަނީ ކުރެވިފައި. ސަރުކާރުން އެކިފަރާތް ފަރާތަށް، އެކި ކުދިކުދި ކުންފުނިތަކަށާއި، އެކިއެކި ފަރުދުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދައްކައި، އެއްކުރަމުން ކުރަމުން ކުރަމުން ކުރަމުން އައިސް، މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، އެގޮތަށް ނުދައްކާ ހުރި ފައިސާ އަރައިފި 1.6 ބިލިއަން ރުފިޔާއަށް. މިދެންނެވީ ކުދިކުދި ކުންފުނިތަކާއި ފަރުދުންގެ ވާހަކަ. އަދި ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ހުރީ ނުދައްކާ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްކުރީ، ދަތީގައި އުޅެގެންވެސް ރައްޔިތުންނަށް ދޭންޖެހޭ ފައިސާ، ރައްޔިތުންގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދެވޭތޯ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން 1.6 ބިލިއަންގެ ތެރެއިން މިވޭތުވެދިޔަ ދޮޅުއަހަރުގެ ތެރޭގައި، 1.3 ބިލިއަން ރުފިޔާގެ ފައިސާ، ބިލްތަކަށް އަޅުގަނޑުމެން ދައްކައިފިން.

މީގެއިތުރުން، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ނަގާފައި ހުރި ލޯނުތަކުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ލޯނު އަޅުގަނޑުމެން ދެއްކީމު، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް. މީގެއިތުރުން، ގަވާއިދުން އަޅުގަނޑުމެން ދަރަންޏަށް ދައްކަންޖެހޭ ފައިސާވެސް، އެއީ މިހާރު ސަރުކާރުގެ ގާތްގަނޑަކަށް ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާ އެއްވަރަށް އަޅުގަނޑުމެން އެބަޖެހޭ، ބޭރު ޤައުމުތަކުން ނަގާފައި ހުރި ލޯނުތަކަށް ދައްކަންޖެހޭ ފައިސާ. އެކި ޒަމާނު، އެކިދުވަސްވަރު. އެހެންވީމާ، އަޅުގަނޑުމެން ދިވެހިންނަކީ މީހުންނަށް ދަރާއުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ފަޚުރުވެރި ބައެއް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ނަގާ އެއްޗެއް އަނބުރާ ދައްކާ ބައެއް. މިހާތަނަށް ދިވެހިރާއްޖެ ދައްކަންޖެހޭ ފައިސާއެއް، އެއްވެސް ފަރާތަކަށް ނުދައްކައެއް ނޯންނާނެ. ގަވާއިދުން ދައްކަންޖެހޭ ދަރަނި، ދައްކަންޖެހޭ ދުވަހަކަށް އަޅުގަނޑުމެން ދައްކަމުން މިއަންނަނީ. މިއީ، އަޅުގަނޑުމެން ދައުލަތުގައި ތިބޭ މީސްމީހުން ވިސްނަންޖެހޭ ކަންކަން. މިކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެހެންވީމާ، ރައްޔިތުން މިކަމުގައި ކަންބޮޑުވާނެ ތަނެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.

ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް، ﷲ އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ދެމުން ގެންދާނަން. މިހާތަނަށްވެސް އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދޭ، މިދިޔަ އަހަރުގެ މެދެއްހާ ހިސާބަށް އަންނައިރަށް، ބަނގުރޫޓްވާނެއޭ ސަރުކާރު. ނޫނީވިއްޔާ ސެޕްޓެމްބަރާ ހަމައަށްދާއިރުގައި ދެން އެއްވެސް ކަމެއް ނުކުރެވޭނެޔޭ. މިކަހަލަ ފާޑުފާޑުގެ ވާހަކަ، އެކިއެކި ބޭފުޅުން ދައްކަވަމުން ގެންދެވީ. އެހެން ނަމަވެސް، މިހާތަނަށްވެސް އަޅުގަނޑުމެން މިގެންދަނީ، ދައުލަތުގެ ވުޒާރާތަކުގެ، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަތައްވެސް ބަރާބަރަށް ދެމުން. އަދި ހަމައެހެން، އެކިއެކި ޢިނާޔަތްތައްވެސް، ދުވަސްވީ ބޭފުޅުންނަށްދޭ ޢިނާޔަތްވަނީ ބޮޑުކުރެވިފައި، ދެހާސް ރުފިޔާއިން ދެހާސް ތިންސަތޭކައަށް. އެވެސް ހަމަ ބަރާބަރަށް ދެމުން ގެންދަނީ. ހަމައެހެން، އެކަނިވެރި މައިންނަށާއި، އަދި އެހެނިހެންވެސް މީސްމީހުންނަށް ދޭންޖެހޭ އެކިއެކި ޢިނާޔަތްތައް ދެމުން މިގެންދަނީ.

ރާއްޖެއަކީ މިވަގުތު ދުނިޔޭގައި އޮތް ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ސަބްސިޑީދޭ އެއް ޤައުމު. ރާއްޖޭގެ ހުރިހާ ކަމަކަށްވެސް އަޅުގަނޑުމެން ސަބްސިޑީ ދެމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެކަމާ ކަންބޮޑުވެވަޑައިގަންނަވަންޖެހޭ ހިސާބަށް ކަންކަމެއް ނުދާނެއޭ.

އާދެ! ދެން ދައުލަތުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުގެ މަސްއޫލިއްޔަތަކީ އެއީ ބޮޑު މަސްއޫލިއްޔަތެއް. އެހެން ނަމަވެސް، ސަރުކާރުގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކަށްވެސް އެ މަސްއޫލިއްޔަތު އުފުލަން އެބަޖެހޭ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގައި އަދި ހަމައެހެން ޖުޑީޝަރީވެސް. ދައުލަތަށް ދިމާވާ ކަންކަމުގައި އެބަ ޙިއްޞާވާންޖެހޭ. ކަންކަން ޙައްލު ކުރުމުގައި، އެބަޖެހޭ ބަރާބަރަށް ހުރިހާ ދިމާއަުންވެސް މަސައްކަތް ކުރެވެމުންދާން. އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ބަރާބަރަށްދީ، ރައްޔިތުންގެ ދިރިއުޅުން، ފާގަތި ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް ހެދޭނީ.

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށް ދަންނަވަން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި، އެއްވެސް ފަރާތަކުން ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް އިރާދަކުރެއްވިއްޔާ، ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާނަން. އަޅުގަނޑު މިހާރު ފިނޭންސް މިނިސްޓަރަށް ދަންނަވާފައި އޮންނާނީ، މި މަސް ނިމުމުގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަން. އެ ސަޕްލިމެންޓްރީ ބަޖެޓްގައި އަޅުގަނޑުމެން ހިމަނާނަން، އިތުރަށް މިއަހަރަށް ބޭނުންވާ ފައިސާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް އަޅުގަނޑުމެން ބޭނުންނުވާ އެއްޗެއް، އެ ސަޕްލިމެންޓްރީ ބަޖެޓަކު އަޅުގަނޑުމެން ނުހިމަނާނެކަން. ހިމަނާނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް، ދެން ހަމަ މިގޮތަށް ބަރާބަރަށް ދެމުން ގެންދިޔުމަށްޓަކައި ހިމަނަންޖެހޭ އެއްޗެއް. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ރައްޔިތުންވެސް ތިއްބަވާނީ ބައްލަވަންކަން، ވާނުވާގޮތް. އަޅުގަނޑުގެ މުސްތަޤްބަލްވެސް އޮތީ ހަމަ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި. އަދި ހަމައެހެން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ މުސްތަޤްބަލްވެސް ހަމަ އޮތީ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި. އެހެންވީމާ، ދައުލަތުގެ ކަންކަން ވާނުވާގޮތް ރަނގަޅަށް ބައްލަވައި، ތިޔަބޭފުޅުން މިކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ދެން ތިޔަބޭފުޅުން ނިންމަވާނީ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ނިންމަވާނީ ރަނގަޅަށް. ދިވެހިރާއްޖޭގައި މިއަދު އޮތީ ތަޢުލީމީ، ތަންދޮރު ދަންނަ އާބާދީއެއް. މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކުރާ މީހުންނެއް ނޫޅޭ މިހާރަކުއެއް. އެހެންވީމާ، އަޅުގަނޑުގެ އުންމީދު ވަރަށް ރަނގަޅު. ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ޑިމޮކްރަސީއާއި، އަޅުގަނޑުމެންގެ ކުދިކުދި ރަށްރަށުގެ ކުރިމަގާ ދޭތެރޭގައި އަޅުގަނޑުގެ އުންމީދު ވަރަށްވެސް ރަނގަޅު.

އާދެ! އަދިވެސް އެއްފަހަރު ތިޔަބޭފުޅުން، އަޅުގަނޑުމެން މިރަށަށް އައީމާ، ތިޔަ ދެއްވި ހޫނު ތަރުޙީބު، ތިޔަ ދެއްކެވި އުޖާލާ މޫނުފުޅުތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު މިހިރީ ހަމަ ޙައިރާންވެ އަންތަރީސްވެފައި. އަޅުގަނޑަކަށް ނޭނގުނު، ކީއްވެގެންކަމެއް މިހާ ރީތި ރަށަކަށް، މިހާ ހިތްހެޔޮ ރައްޔިތެއް ތިބި ތަނަކަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ނައިސް 5 އަހަރުވާންޖެހުނީ. މާލެއާ ގާތްގަނޑަކަށް ސާޅީހަކަށް މިނިޓް ދުރުގައި އޮތް ރަށެއް. ރައީސުލްޖުމްހޫރިއްޔާއަކު ނައިސް 5 އަހަރު މިރަށަށް ވުމަކީ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން، އަޅުގަނޑު އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނަން މިއަހަރު ނިމުމުގެ ކުރިން.

އާދެ! މިރަށަށް އަޅުގަނޑު އެދެނީ، ހުރިހާވެސް ކާމިޔާބެއް. މިސްކޫލަށް އަޅުގަނޑު އެދެނީ ހުރިހާވެސް ކާމިޔާބެއް. ﷲ އިރާދަކުރެއްވިއްޔާ، މިރަށަކީ ވަރަށް ރީތި، ވަރަށް ނަލަނަލަ ރަށަކަށްވެގެންދާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަންންހިތްވާ ތަނަކަށް ވެގެންދާނެ. އަދި މިރަށުގެ ރައްޔިތުންނަކީ އުފާވެރިކަމާއި ފާގަތިކަމާ އެކީގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި اللّـه سبحـانـه وتعـالى ލައްވަވާށި! އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه