بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ހުރާގެ ލޮބުވެތި އަޚުންނާއި އުޚުތުން، ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަތޮޅު ކައުންސިލްގެ މެންބަރުން އަދި މިރަށު ކައުންސިލްގެ ރައީސް، މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް އައުމަކީ، އަބަދުވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއް. ވަރަށްބޮޑު ހިތްފަސޭހަ ކަމެއް ލިބިގެންދާ ދުވަހެއް. އަޅުގަނޑަށް ފަހަކަށްއައިސް، އެންމެ ފުރަތަމަ މިރަށަށް އާދެވުނީ، ނައިބު ރައީސަކަށް ހުރިއިރުގައި ހިތްފަސޭހަކޮށްލަންވެގެން. މޫދަށް އެރިލަންވެގެން. އަޅުގަނޑުގެ ޢާއިލާގެ މީހުންނާއެކީގައި، ކުދިންނާ އެކީގައި. ދެން އެދުވަހު ކޮންމެއަކަސް އަޅުގަނޑު މިރަށަށް އައިސް ހުރިއިރުގައިވެސް މާރަނގަޅަކަށް އަޅުގަނޑަކަށް އަދި ގުޅޭގޮތެއްނުވޭ. ދެން ބައެއް ބޭފުޅުންނާ ބައްދަލުވެ، ބޭފުޅަކު ވިދާޅުވި، ވަޙީދު ރަނގަޅަށޭ ތިހިރީ، ކުރިއަށް ގެންދާށޭ މަސައްކަތް. އެހެންވީމާ، އަޅުގަނޑަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދިޔަ މިރަށުން. ދެން ދެވަނަފަހަރަށް އަޅުގަނޑަށް މިރަށަށް މިއާދެވުނީ، މި ޢިމާރާތް އިފްތިތާޙު ކުރަން، މީގެ ދުވަސްކޮޅެއް ކުރިން. މިހާރު ތިންވަނަފަހަރަށް މިއާދެވުނީ. އެހެންވީމާ، ކޮންމެފަހަރަކުވެސް އަޅުގަނޑު މިރަށަށް އައުމުން، ހިތްފަސޭހަކަމެއް ލިބިގެންދޭ. ސަބަބަކީ އަޅުގަނޑު އަންނަ ކޮންމެފަހަރަކުވެސް އަޅުގަނޑަށް ފެނޭ، މިރަށް ރީތިވަމުންދާ ތަން. މިރަށް ތަނަވަސްވެގެންދާ ތަން. ވެދާނެ އަޅުގަނޑަށް އެހެން ހީވަނީ ކަމަށް. އަޅުގަނޑު ހީކުރަން، އެއީ ޙަޤީޤަތެއް ކަމަށް. އަޅުގަނޑަށް ހަމަގައިމުވެސް ފެނިގެން މިދަނީ، މިރަށުގެ ރައްޔިތުންނާއި، ރަށުގެ ކަންކަން އިޞްލާޙުކޮށް ކުރިއެރުވުމަށްޓަކައި ތިޔަބޭފުޅުން ކަނޑައަޅުއްވާފައި ބޭފުޅުން ވަރަށް ޙަރަކާތްތެރިކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ތަން. އެގޮތުން، ހަމަ ގާތްގަނޑަކަށް ދެމަހުން އެއްމަހެއްހާ ކަހަލަ ގޮތަކަށް މިރަށުގެ ކައުންސިލްގެ ބޭފުޅުންނާ އަޅުގަނޑާ އެބަ ބައްދަލުވޭ. މާލެ ވަޑައިގަންނަވާނެ. ވަޑައިގެން އަޅުގަނޑާ ބައްދަލުކުރައްވާނެ. އެހެންވީމާ، އެއިން ދޭހަވަނީ، ބަޔަކު ވަރަށްބޮޑު މަސައްކަތްތަކެއް އެބަ ކުރާކަން. ދެންމެ ރޮޒައިނާ އެ ވިދާޅުވިހެން، މިރަށަކީ ހަމަ އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި ނަމޫނާ ރަށެއް. މިރަށުގެ ކައުންސިލަކީ ނަމޫނާ ކައުންސިލެއް. އަޅުގަނޑު ޙައިރާންވެފައި ހުންނަނީ، ކައުންސިލެއްގެ ފަރާތުން މިހާ ބޮޑެތި ކަންތައްތައް ކުރައްވާތީ. މިހާރު ކައުންސިލަރުން މި ތިއްބެވީ، މިރަށުގެ ނަރުދަމާވެސް ހަދަން. މިރަށުގެ ކަރަންޓްވެސް މިހާރު ހިންގަވަނީ އެބޭފުޅުން. އަދި ފެން، ބޯފެންވެސް ދެއްވަން ތައްޔާރަށް އެބޭފުޅުން މި ތިއްބެވީ. ކުޑަކުޑަ އެހީތެރިކަމެއް ދޭން މިޖެހެނީ. ކޮންމެހެން ސަރުކާރަށް ހުރިހާ ކަމެއް ގޮސް ބަރޯސާވެގެން ތިއްބަވާ ގޮތަކަށް ނޫން މިބޭފުޅުން ތިއްބަވާނީކީ. އަމިއްލައަށް ކަންތައް ކުރާގޮތަށް.

މިއީ އަޅުގަނޑު ދަންނަވާނީ، ވަރަށް މުހިންމު ވާހަކައެއް. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެވެސް ރައްޔިތުންނާއި، އެރަށެއް ހިންގަން ތިބޭ ވެރިން ކުރާ މަސައްކަތުގެ ސަބަބުން އެރަށްރަށަށް ވަރަށްބޮޑެތި ކުރިއެރުމެއް އައިސްފައި މިއޮންނަނީ. ހިންގުންތެރި ވެރިން ތިބޭ ތަނެއްގައި އަދި އެކުވެރިކަން އޮވެ، އެއްބާރުލުން ލިބޭ ޙަރަކާތްތެރި ރައްޔިތުން ތިބޭ ތަނެއްގައި، ތަރައްޤީގެ ކަންކަން ކުރިއަށް ގޮއްސަ ހުރީ މީގެކުރިންވެސް އަދި މާކުރިންވެސް. އެގޮތުން ހަމަ ފާހަގަކޮށްލެވޭ ރަށްރަށް ރާއްޖޭގައި އެބަހުރި. ހުރާގައިވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެގޮތަށް. މިރަށުގެ ރައްޔިތުން ވަރަށްބޮޑު ހިތްވަރެއް ކުރައްވައިގެން، ވެރިންނާއެކީގައި، އެކުވެރިކަމާއެކީގައި ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވަމުން މިގެންދަވަނީ.

މިރަށަކީވެސް ހަމަ އެހެން ރަށްރަށެކޭވެސް އެއްގޮތަށް، ތަފާތު އެކިއެކި ވިސްނުމުގެ ބޭފުޅުންވެސް އުޅުއްވާ ރަށެއް. ތަފާތު ކުލަތައްވެސް ފެނޭ. އެހެން ނަމަވެސް، ރަށުގެ ކަންކަމުގައި، ހުރިހާ އެންމެން އެކީގައި މަސައްކަތް ކުރަމުންދާތަން އަޅުގަނޑަށް މި ފެންނަނީ. މިއީ އަޅުގަނޑު ދަންނަވާނީ، ވަރަށް ރަނގަޅު ނަމޫނާއެކޭ، މިއަތޮޅު އެހެން ރަށްރަށަށްވެސް. އަދި ރާއްޖޭގެ ހުރިހާ ރަށްރަށަކަށްވެސް. އަޅުގަނޑު ހީކުރަން، ހަމަ އެގޮތަށް ތިޔަބޭފުޅުން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް. އަބަދުވެސް އެ އެކުވެރިކަމާއި އެއްބާރުލުމާއެކީގައި، ހުރިހާ ރައްޔިތުންނާއި ވެރިން ގުޅިވަޑައިގަންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

މިރަށަކީ ކިތަންމެ ގޮތަކުން ނަމޫނާ ރަށެއް. ޚާއްޞަކޮށް، މިރަށަކީ ވަރަށްގިނަ ޢަދަދެއްގެ ބޭރު މީހުން އައިސް ދިރިއުޅޭ ރަށެއް. އެހެން އެ ވާންޖެހެނީ، ރަށުގެ ރައްޔިތުންނަކީ ހިތްހެޔޮ ބަޔަކަށްވާތީ. އެހެން މީހުންނަށް މަރްޙަބާކިޔާ، އެހެން މީހުން ގޮވައިގެން އުޅެވޭކަހަލަ ބަޔަކަށްވާތީ. އަނެއްކާ އަޅުގަނޑުމެންނަށް މިފެންނަނީ، އާދަޔާ ޚިލާފަށް މިރަށާ ފޯރސީޒަންސްއާ މިއޮންނަ ގާތް ގުޅުމެއްގެ ސަބަބުން ދެފަރާތަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ވެގެންދާތަން. ހަމައެކަނި މިރަށަކަށް ނޫން ފައިދާކުރަނީ. ފޯރސީޒަން ރިޒޯޓަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދޭ، މިދޭތެރޭގައި މިއޮންނަ ގުޅުން ރަނގަޅުވީމަ. އެހެންވީމާ، މިއީވެސް އަޅުގަނޑު ދަންނަވާނީ ހަމަ އެހެން ރަށްރަށުން އަދި ހަމަ ރިޒޯޓްތަކުންވެސް ބަލައިގަންނަންޖެހޭ ނަމޫނާއެކޭ.

އަޅުގަނޑުމެންގެ ރާއްޖޭގައި ފަތުރުވެރިން ގިނަވަމުންދިޔަވަރަކަށް، އަޅުގަނޑުމެންގެ ރައްޔިތުންނާ އެ އޮންނަ ގުޅުންވެސްދާނީ އިތުރުވަމުން. އެ ގުޅުމަކީ އެއީ، ބަދަހި، އެކުވެރިކަމުގެ ގުޅުމަކަށް އެބަ ވާންޖެހޭ. އެހެން ނޫނިއްޔާ، ބައެއްފަހަރު އަޅުގަނޑުމެން ނޭދޭފަދަ ނަތީޖާ ނުކުތުމަކީވެސް އެކަށީގެންވާ ކަމެއް. މިއަދު އަޅުގަނޑުމެންނަށް އުޅެން ޖެހިފައި މިއޮތީ، ބޭރު ޤައުމުތަކުގެ މީސްމީހުންނާއެކީގައި. އަޅުގަނޑުމެންގެ އިޤްތިޞާދު ބައްޓަންވެގެން މިދަނީ، ބޭރު ޤައުމުތަކުގެ މީހުންނާއެކީގައި އަޅުގަނޑުމެން ދިރިއުޅޭ ގޮތަށް. ދެން މިހާތަނަށް ވަރަށް ބޮޑަށް އެކަހެރިވެފައި، ރިޒޯޓްތައް ވަކިން، ރަށްތައް ވަކިން އޮންނަ ގޮތަކަށް މިއޮތީ. އެހެން ނަމަވެސް، މުސްތަޤްބަލުގައި މުޅިން އެހެނެއްވެސް ނުވާނެ. ރާއްޖެއަށް އަންނަ މީހުންވެސް މިހާރު ރާއްޖޭގެ ކަންކަން ތަންކޮޅެއް ބޮޑަށް ދަނޭ. ރާއްޖެއަށް ތިމާވެށީގެ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، ރާއްޖެއަށް އައިސްފައި އޮތް ޑިމޮކްރަސީއާ، މިހެންގޮސް އަބަދުވެސް ރާއްޖޭގައިދާ ކަންކަމާއި، ރާއްޖެއަށް ދިމާވާ މައްސަލަތައް، ދުނިޔޭގެ އެކި ފަރާތް ފަރާތަށް މިހާރުދަނީ ވަރަށް ރަނގަޅަށް ހާމަވެ އެނގެމުން. އެހެންވީމާ، ރާއްޖެއަށް އަންނަ މީހުންނަށް އެބަ ބޭނުންވޭ، އެކަންކަމާ ދޭތެރޭގައި އެމީހުންނަށްވެސް ވެދެވޭނީ ކޮން އެހީއެއްތޯވެސް ބަލަން. އަދި އެކަންކަން ހިނގަނީ ކިހިނެއްތޯވެސް ދެނެގަންނަން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ބޭރުން ރާއްޖެ އަންނަ މީސްމީހުން، ކުރިއަށްވުރެ ބޮޑަށް، ފަހަތަށްދިޔަ ތަނަށްވުރެ ބޮޑަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންވާނެ، އަޅުގަނޑުމެންގެ ރަށްރަށަށް ޒިޔާރަތް ކުރަން. ރަށްރަށު ރައްޔިތުންނާ ވާހަކަ ދައްކައި، ރަށްރަށުގެ ޙާލަތު އޮންނަގޮތް ދެނެގަންނަން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އެބަޖެހޭ، ވީހާވެސް ބޮޑަކަށް އެ ގުޅުމާ ދޭތެރޭގައި ވިސްނައި، އެ ބަދަހިކުރެވޭނެ ގޮތަކަށްވެސް އަޅުގަނޑުމެން މަސައްކަތްކުރަން. މިރަށް މިއީ އޭގެވެސްހަމަ ނަމޫނާ ރަށެއް. މިރަށަކީ ވަރަށްގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެއް. އެހެންވީމާ، މިރަށުގައި މިރަށުގެ ރައްޔިތުންނަށް އެކަންތައް ކުރެވޭ ގޮތަކުން، ރަނގަޅަށް ކަންތައް ކުރެވޭތީ، ފަތުރުވެރިންވެސް އަންނަމުން މިދަނީ. މިރަށަށް ޒިޔާރަތް ކުރަމުން ގެންދަނީ.

މިރަށުގެ ތަރައްޤީގެ ފުރްޞަތުތައް ވަރަށް ގިނަ. އެ ފުރްޞަތުތައް ދެނެގަނެ، މިހާރުވެސް ކައުންސިލުން އެކިއެކި މަޝްރޫޢުތައް ރާއްވަވަމުން އެބަ ގެންދަވާ. މިރަށުގައި ވަރަށް ރީތި ކުޅިއެއް އެބައޮތް. އެތަނަކީ އާދަޔާ ޚިލާފަށް ރީތިކޮށް ބެލެހެއްޓިދާނެ ތަނެއް. އަދި އެތަނުގެ ބޭނުން، ރަށަށް ފައިދާހުރިގޮތަށް ކުރެވިދާނެ ތަނެއް. އަދި އިތުރު ގެސްޓްހައުސް ހެދުން ކަމުގައިވީނަމަވެސް، ރެސްޓޯރަންޓް ހެދި ކަމުގައިވިނަމަވެސް، މިހެން ކުރެވެންހުރި ބައިވަރު ކަންތައްތައް މިރަށުގައި އެބަހުރި. ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރާ ގުޅިގެން ކުރާ ކަންތައްތަކުގައި ސަރުކާރުން ފުރިހަމަ އެހީ އަބަދުވެސް ތިޔަބޭފުޅުންނަށް ދޭނެ. މިހާރު ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން މިދަނީ. ދެން މިހާރު ދެވަނަ ފޭސް ނިމިފައި. ތިންވަނަ ފޭސްގެ މަސައްކަތް ފެށެންވެފައި މިއޮތީ. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި، ﷲ އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ފެށޭނެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވަރަށް މުހިންމު ކަމެއް އެމަސައްކަތް ފެށުން އެއީ. އެއީ، ސަބަބަކީ މިހާރު ކުރެވިފައި ހުރި މަސައްކަތް، އޭގެ ފައިދާ ރަނގަޅަށް ލިބޭނީ، ދެންއޮތް ބައިވެސް ނިންމައިގެން. އެހެންވީމާ، ބަނދަރުގެ އެއްފަރާތް ނިންމާފައި، އަނެއް ފަރާތް ނުނިންމާ އޮތުމަކީ އެއީ، ބަނދަރުގެ ބޭނުންތެރިކަން އެންމެ ރަނގަޅަށް ކުރެވޭނެ ކަމެއް ނޫން.

ދެން މީގެއިތުރުން، މިހާރު މިއަހަރު ހަމަޖެހިފައި އޮތީ ބޯޅަދަނޑު ހަދަން. އެހެންވީމާ، އެއީ ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް، ރަށުގެ ޒުވާނުންނަށް ބޯޅަދަނޑު ރަނގަޅު ފެންވަރަކަށް ހެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި ބަޖެޓުން މިހާރުވަނީ ފައިސާ ކަނޑައެޅިފައި. އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މާ ލަސްތަކެއްނުވެ އެމަސައްކަތްވެސް ފެށޭނެ. ދެން އޭގައި ތިޔަބޭފުޅުންނާ ވާހަކަ ދައްކައިގެން، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް، އެ ބޯޅަދަނޑު ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ތިޔަބޭފުޅުން ބޭނުންފުޅުވާނީ، ހަމަ ވަރަށް ރަނގަޅު ފެންވަރެއްގެ، ރޭގަނޑުވެސް އެތާނގައި އެ ކުޅިވަރު ކުޅެވޭ ފެންވަރަށް ހެދިފައި އޮންނަ ބޯޅަދަނޑަކަށްވާން. އެއީ ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ، އެއީ ރިޒޯޓްތަކުގަޔާއި އެހެން ތަންތާނގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެހެންވީމާ، ދުވާލު ގަޑީގައި ވަރަށް ވަގުތު ނުވާނެ. ހަވީރު ގަޑީގައިވެސް ވަރަށް ވަގުތު ނުވާނެ، ހަމަ ބޯޅަ ކުޅުއްވައި، ކުޅިވަރު ކުޅުއްވައި ހައްދަވަން. އެހެންވީމާ، ރޭގަނޑު ބޯޅަކުޅެވޭގޮތަށް ބޯޅަދަނޑު ދިއްލިފައި އޮތުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެ ފެންވަރަށް އިރާދަކުރެއްވިއްޔާ، މިރަށުގެ ބޯޅަދަނޑު ހެދޭނެ.

އާދެ! ދެން ތަޢުލީމީ ކަންކަން. ދެން މިރަށުގައި ތަޢުލީމުގެ ފެންވަރު ހަމަ ރަނގަޅު. އިރާދަކުރެއްވިއްޔާ، ކުރިއަށް ތަޢުލީމުގެ ކަންކަން ދާނީވެސް. ދެން ޕްރީ-ސްކޫލެއް ޢިމާރާތް ކުރުމުގެ ކަންތައް އެއީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެކަމަށް އަޅުގަނޑު އެދެން، ތިޔަބޭފުޅުން ތަނެއް ކަނޑައަޅުއްވައި، އެކަމާބެހޭ ކުރެހުންތަކާ އެއްޗެހި ތައްޔާރު ކުރައްވައި، އަޅުގަނޑަށް މިހާރު އެނގިފައިވާ ގޮތުގައި، ކޮންމެވެސްވަރަކަށް އެކަމާ ބެހޭގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އަދި ޕްރީސްކޫލެއް ހެދުމަށްޓަކައި އެކި ފަރާތްފަރާތުގެ އެހީވެސް ހޯއްދަވަމުން ތިޔަ ގެންދަވަނީ. އެހެންވީމާ، އެކަމުގައިވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން ވެވެންހުރި ހުރިހާ އެހީތަކެއް ވެދީގެން، މާ ދުރު ނޫން މުސްތަޤްބަލެއްގައި މިރަށުގައި ޕްރީސްކޫލެއް އެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން ތިޔަބޭފުޅުންނާއެކު.

އާދެ! ދެން މިރަށުގެ ޞިއްޙީ ކަންކަންވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރަން ބޭނުން. އެގޮތުން މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަރްކަޒަށް ޒިޔާރަތް ކުރަން ޤަޞްދުކުރަނީ. އަޅުގަނޑާ އެކުގައި ހެލްތް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓެރީ ވަޑައިގެން އެބަ އިންނެވި. އެހެންވީމާ، އަޅުގަނޑު ހެލްތް މަރްކަޒަށް ގޮސް، އެތަނުގައިވެސް މިހާރަށްވުރެން އެތާނގައި ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި ކުރެވެންހުރި ކަންކަން އަޅުގަނޑުމެން ބަލައި، އެކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިދެންނެވި ކަންތައްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނަން. ގެންދާއިރުގައި އަޅުގަނޑުގެ އުންމީދަކީ، އަދިވެސް އަޅުގަނޑަށް މިރަށަށް މިއަހަރުގެ ތެރޭގައިވެސް އާދެވުމުގެ ފުރްޞަތު ﷲ މިންވަރު ކުރެއްވުން. ކުރިއަށް އޮތީ ވަރަށް އަވަދިނެތި އުޅެންޖެހޭކަހަލަ މައްސަރުތަކެއް. އެހެންނަމަވެސް، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޔަޤީންކުރަން، ﷲ އިރާދަފުޅާއެކުގައި މިރަށަށް އަދިވެސް އިތުރު އެއްފަހަރަށްވުރެ ގިނަފަހަރު އާދެވޭނެ ކަމަށް މިއަހަރުގެ ތެރޭގައި.

އަޅުގަނޑު މިރަށާ ދޭތެރޭގައި ވިސްނާއިރުގައި، ޒުވާނުންގެ ވަރަށްގިނަ ބަޔަކު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިރަށުގައި އެބަތިބި. ޒުވާނުންނަކީ ބަދަލަށް ބޭނުންވާ ބައެއް، ކޮންމެ ތަނެއްގައިވެސް. އަދި މިހާރު ރާއްޖޭގެ ކަންކަން މި ކުރިއަށްދާ ގޮތުން، ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ޒުވާނުންނަށް، އެބަ ބޭނުންވޭ ރާއްޖެ ތަރައްޤީވާން އަވަސް ސްޕީޑެއްގައި. އަޅުގަނޑުމެންގެ ޒުވާނުންނަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް މިޒަމާނުގެ އެކިއެކި ޚިދްމަތްތަކާއި، ދިރިއުޅުމުގެ ފަސޭހަތައް ލިބުމަކީ އެއީ، އެބޭފުޅުން ބޭނުންފުޅުވާ ކަމެއް. އެހެންވީމާ، އެކަންކަން އަވަސް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެވޭނީ، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކޮށްގެން. އަދި ޚާއްޞަކޮށް، ޒުވާނުންގެ ވިސްނުމާއި، ޒުވާނުންގެ ހިތްވަރާއި އެހީތެރިކަން ސަރުކާރަށް ލިބިގެން. ސަރުކާރުގެ ތެރޭގައި އެކަންތައް ހިމެނިގެން. އޭރުން ކުރިއަށް އޮތް އިންތިޚާބުތަކުގައި އަޅުގަނޑު އުންމީދު ކުރަން، ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންގެ ރަށްރަށުގެ ޒުވާނުންނާއި އަދި ޚާއްޞަކޮށް، އަންހެން ބޭފުޅުން، މި އިންތިޚާބުތަކަށް ކުރިމަތިލައްވަން. މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރަށްރަށުގެ ތަރައްޤީ ބޮޑަށް ބިނާވެފައި މިހާރު މިއޮންނަނީ، ހަމަ ގިނަ ރަށްރަށުގައި މިއޮންނަނީ ޚާއްޞަކޮށް، އަންހެން ބޭފުޅުންގެ ހިތްވަރުގެ މައްޗަށް. އެހެންވީމާ، މިއަހަރު އުފެދިފައިވާ އަންހެނުންގެ ކައުންސިލްތައް ވަރުގަދަކޮށް، ކައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތެއްވެ، އެ ކައުންސިލްތަކުން ރަށުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ފަހިކޮށްދޭން. އެގޮތުން، ކުރިއަށް އޮތް ތާނގައި، މިހާރު އަޅުގަނޑުމެން ސަރުކާރުގެ ބަޖެޓަށް މިހާރު ގެންނަމުންދާ ބަދަލުތައް ގެނައުމުގައި، މަޖިލީހަށް ގޮސް އަޅުގަނޑުމެން ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސްކުރާއިރުގައި، އަޅުގަނޑު އުންމީދު ކުރަން، އަންހެނުންގެ ކޮމިޓީތަކަށް މިހާރަށްވުރެ ބޮޑަށް އެހީ ލިބޭނެ ގޮތަކަށް، އެ ބަޖެޓް އަޅުގަނޑުމެން ބައްޓަން ކުރުން. އޭރުން އިރާދަކުރެއްވިއްޔާ، ރަށްރަށުގެ ދިރުމަށް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.

އަޅުގަނޑުމެން ކުރިން ތިބި ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ތިބެވޭކަށް. އަޅުގަނޑުމެންނަށް މިހާތަނަށް މި އުޅެވުނު ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް، ކަންކަން ކުރެވޭކަށް. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އެބަޖެހޭ، ޚާއްޞަކޮށް، މިދެންނެވިހެން ޒުވާނުންނާއި އަންހެނުންގެ ޚިޔާލު ހޯދައިގެން، އެބޭފުޅުން ބޭނުންފުޅުވާ ކަންކަން ފުރިހަމަކުރެވޭތޯ މަސައްކަތްތަކެއް ކުރަން.

އަޅުގަނޑު ހީކުރަން، އަޅުގަނޑުމެން މިހެން ރަށްރަށަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކުރަމުން ގެންދާއިރުގައި، މިހާރަށްވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް ޚާއްޞަކޮށް، ޒުވާނުންނަށް މުޢާމަލާތުކޮށް، ވާހަކަ ދެއްކޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް. ޢާންމު ގޮތެއްގައި މިހެން އަންނަ އައުމެއްގައި، މިހެން ބާއްވާ ރަސްމިއްޔާތެއްގައި، ވާހަކަ ދައްކާލުމަކުންނެއް އަދި ދޭތެރޭގައި ވާހަކަ ބަދަލުކުރެވި، ޚިޔާލު ބަދަލުކުރެވޭ ގޮތެއް އެހާ ބޮޑަކަށްނުވޭ. އެނޫން ގޮތަކަށް، އަޅުގަނޑުގެ ދަތުރުތައްވެސް އަޅުގަނޑު ރާވަން އެބަޖެހޭ. އަދި އަޅުގަނޑުމެން މި އަންނަ ދަތުރުތަކުގެ އެކިއެކި ޙަރަކާތްތައްވެސް، އެނޫންގޮތަކަށް އެބަ ރާވަންޖެހޭ. ތަންކޮޅެއް ބޮޑަށް އަޅުގަނޑަށްވެސް އެބަޖެހޭ، ތިޔަބޭފުޅުންނާ ވާހަކަ ދެކެވެން. އަޅުގަނޑު މިތާ ހުރެގެން، ކޮންމެފަހަރަކު އައިސް، ޖަލްސާތަކުގައި ވާހަކަ ދައްކާލާފައި ދިޔުމަކުންނެއް، އަޅުގަނޑަކަށް ނޭނގޭނެ، ތިޔަބޭފުޅުން ވިދާޅުވާން ހުރި އެއްޗެއް. އަޅުގަނޑު މިއަންނަނީކީ ކޮންމެހެން އަޅުގަނޑު ދައްކަންހުރި ވާހަކަތަކެއް ތިޔަބޭފުޅުންނަށް އިއްވާލާފައި ދާކަށްނޫން. އޭގެ ބޭނުމެއް އެހާ ބޮޑަކަށް ނޯންނާނެ. އަޅުގަނޑު ކީކޭތޯ ތިޔަބޭފުޅުންނަށް ދަންނަވާނީ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު ތިޔަބޭފުޅުންދެކެ ލޯބިވެޔޭ، ތިޔަބޭފުޅުންނާ އަޅުގަނޑު ވަރަށް ކަމޭހިތައިގެން، އަޅުގަނޑު އިންޞާފްވެރިކަމާއެކު މިކަންތައް ކޮށްދޭން ބޭނުމޭ. އަޅުގަނޑަށް ކޮށްދެވޭނީ މިވެނި ކަންތައްތަކޭ. މިހެން ކަންތައް ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނަމޭ. މިބާވަތުގެ ވާހަކަ. އަޅުގަނޑަށް އެބަ އެނގެންޖެހޭ، ތިޔަބޭފުޅުން ބޭނުންފުޅުވަނީ ކޮންކަހަލަ ކަމެއްތޯ. އެހެންވީމާ، އަދި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އަދި މާ އަވަދިނެތި އުޅޭއިރުގައި، ވަގުތު އޮންނާނީ ވަރަށް އަގުހުރި އެއްޗަކަށްވެފައި.

އަޅުގަނޑު އުންމީދު ކުރަން، ތަންކޮޅެއް ބޮޑަށް ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައް ސީދާ ރައްޔިތުންގެ ފަރާތުން، ސީދާ ޒުވާނުންގެ ފަރާތުން، ސީދާ އަންހެން ބޭކަނބަލުންގެ ފަރާތުން، ސީދާ ދުވަސްވީ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ސީދާ އެވާހަކަތައް އެނގޭނެގޮތެއްވުން. އޭރުން އަދި ސަރުކާރުން ކުރެވެންހުރި ކަންތަކުގެ އިތުރުންވެސް، އެހެން ގޮތްގޮތުން އެހީތެރިކަން ހޯދައިގެންވެސް އެކަންކަން ކުރެވޭތޯ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މިރަށަށް އައުމުގެ ބޭނުމަކީ، ތެދެއް، އަޅުގަނޑުވެސް ބޭނުން، ތިޔަބޭފުޅުންނާ ހަމަ ސަލާމްކޮށްލައި، އެކުވެރިކަން ބަދަހިކޮށް، އުޚުއްވަތްތެރިކަން އިތުރުކުރަން. އެހެން ނަމަވެސް، ހަމަ އެއާ އެއްވަރަށް އެބަޖެހޭ، އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަންތައްތަކެއްވެސް އެނގި، އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދި، އެކީގައި ކުރިއަށް ދެވޭނެވެސް ގޮތްތަކެއް ހޯދަން. އެހެންވީމާ، އަޅުގަނޑުމެން މިދަތުރުތައް މިކުރަނީ. އަޅުގަނޑު އުންމީދު ކުރަން، މިރަށުގައި އަޅުގަނޑަށް މިއަދުވެސް މި ލިބޭ ވަގުތުކޮޅުގައި، ވީހާވެސް ގިނަ ބަޔަކާ އެގޮތުން ވާހަކަ ދައްކާލައި، ޚިޔާލު ބަދަލުކޮށްލުމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް.

ދެން އަޅުގަނޑު މިހާރު ހަނދާނެއް ނެތް، އެންމެ ފުރަތަމަފަހަރު މިރަށަށް އައިސް، މީގެކުރީފަހަރު މިރަށަށް އައިސް އަޅުގަނޑު ވާހަކަ ދެއްކިއިރުގައި، ކިހާވަރަކަށް ކަމެއް އަޅުގަނޑަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ވެރިކަމާ ޙަވާލުވިފަހުން ކަންތައް ކުރަންޖެހުނުގޮތާ، މިކަންކަމާ ބެހޭގޮތުން އެއްޗެއް ދެންނެވުނީ. ދެން ކުޑަވަގުތުކޮޅެއް އޮތުމާއެކީގައި އަދި އެހެންވީމާ، ކުޑަކުޑަކޮށް އަޅުގަނޑު އެވާހަކަ ދައްކާލާނަން.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް މި މަޤާމާ ޙަވާލުވާންޖެހުނީ ކުއްލި ގޮތެއްގައި. އެކަމަކީ އެއީ އަޅުގަނޑުމެން ވިސްނައިގެން، އަޅުގަނޑުމެން ރާވައިގެން ދިމާވި ކަމެއް ނޫން. އެވަގުތު ޙާލަތު ހުރިގޮތުން، ރާއްޖެއަށް އައި ބަދަލު اللّـه سبحـانـه وتعـالى މިންވަރުކުރެއްވި ގޮތް، އަޅުގަނޑަށް މިކަމާ ޙަވާލުވީ. ޙަވާލުވިއިރުގައި ވަރަށްދަތި، ވަރަށް އުނދަގޫ ދުވަސްވަރަކާ މި ދިމާވީ. ވަރަށްބޮޑު ހަމަނުޖެހުންތަކެއް، ވަރަށްބޮޑު ފިކުރީ ޚިލާފުތަކެއް ޤައުމުގައި އުފެދިފައި އޮތް ވަގުތަކާ ދިމާވީ. އެހެންވީމާ، އެކަހަލަ ވަގުތެއްގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށްވީ، ޤައުމުގައި ހަމަޖެހުމާއި ޞުލްޙަ ޤާއިމް ކުރެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއްވެސް ތަރައްޤީއެއް، އެއްވެސް ކުރިއެރުމެއް ނާންނާނެ، ޤައުމަށް ހަމަޖެހުމެއް ނެތިއްޔަކާ. ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އާދައިގެ ދިރިއުޅުމެއް އުޅެވޭވަރަށް ތަނުގެ ޙާލަތު ހަމަޖެހުމަކަށް ގެނައުން. މަގުމައްޗަށް ނިކުމެއުޅެވޭވަރުވުން. ތިމަންނަމެން މަސައްކަތާއިގެން ކުރިއަށްދެވޭވަރު ކުރެވުން. ތިމަންނަމެންގެ ކުދިންނަށް ސްކޫލަށް ދެވޭވަރު ކުރެވުން. މިކަންކަން ކުރެވޭވަރަށް، ތަނުގައި ހަމަޖެހުން ޤާއިމްވެފައިވުން އެއީ އެންމެ ފުރަތަމަ. އެކަންކަން ފުރިހަމަނުވަންޏާ ދެން އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ގޭގޭގައި އަމިއްލައަށް ބަންދުވެގެން. އަޅުގަނޑުމެންނަށް އޭގެ ކޮޅުމަތި މިދިޔަ އަހަރު ފެނިގެންދިޔަ. ޚާއްޞަކޮށް، މާލޭގައި. އޭރު ޙާލަތު އެހެން ޙާލަތަކަށް ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރިން. ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ކަންބޮޑުވެވަޑައިގެން ތިއްބެވި ވަގުތެއްގައި. އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވީތީ، މިއަދު މި ޤައުމުގައި ކޮންމެވެސްވަރެއްގެ ހަމަޖެހުމަކާއި ސްޓެބިލިޓީއެއް މިހާރު މިވަނީ ޤާއިމްކުރެވިފައި.

މިއަދު ހުރިހާ ސިޔާސީ ބޭފުޅުންގެވެސް ވިސްނުންފުޅުމިހުރީ އިންތިޚާބަށް. އެއީ އެކަން އޮންނަންވާނެގޮތް. އެކަން އަޅުގަނޑުމެން ދެކޭހިތްވެގެން އުޅުނުގޮތަށް މިހާރު މިއޮތީ އެކަން ބަދަލުވެފައި. ދޭދޭ ބޭފުޅުންގެ ދޭތެރޭގައި އޮތް ހަމަނުޖެހުންތަކާހުރެ މުޅި ޤައުމު ހަލާކުވެގެންދިޔަނުދީ، އަޅުގަނޑުމެން އެންމެންގެވެސް ސިޔާސީ އުންމީދުތައް ފުރިހަމަކުރުމަށްޓަކައި މަގުފަހިވެ، އިންތިޚާބު މިހާރު މިއޮތީ ބޯމަތިވެފައި. އެހާތަނަށް ޤައުމު ގެނައުމަށްޓަކައި ވަރަށް ކެތްތެރިކަމާއެކީގައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. އަދި އެކަމުގެ ތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤާނޫނު ތަންފީޛުކުރާ ބާރުތައް، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަށް ވަރަށް އުނދަގޫ ޙާލަތުތަކާ ކުރިމަތިވި. އެބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ސަރުކާރުގެ ވެރިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ވަރަށް އުނދަގޫ ދުވަސްވަރަކާ ކުރިމަތިވެގެންދިޔަ. އެހެން ނަމަވެސް، އިރާދަފުޅުން މިހާރު ކަންކަން މިއޮތީކީ އެހެނެއް ނޫން. ޞުލްޙަވެރި މާޙައުލެއްގައި އަޅުގަނޑުމެން އުޅެމުން މިގެންނަނީ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވުނު ވަރަށްބޮޑު މަސައްކަތެއް.

ހަމަ މިއާއެކުގައި، ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަމުންދާތާ ދުވަސްކޮޅެއްވެއްޖެ، އެކިފަހަރުމަތިން. ސުނާމީ ކާރިޘާއަށްފަހުގައި، ޤައުމުގެ އިޤްތިޞާދީ ޙާލަތު، އަހަރަކަށްވުރެ އަހަރެއް ދެރަވަމުން ދެރަވަމުން ދެރަވަމުން ގޮސް، ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް ބޮޑުވެފައި މިއޮތީ. ލިބޭ އާމްދަނީން މުޅިން ޚަރަދުކޮށް، ދެން ކުރަން ހުންނަ ކަންތައްވެސް ނުކުރެވޭވަރަށް، ޚަރަދުތައް ބޮޑުވެފައި އޮތީ. އެހެން ނަމަވެސް، އެ ޙާލަތުގައިވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާތަނަށް އަޅުގަނޑުމެން މިދިޔައީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަންތައްތައް އިރާދަކުރެއްވިއްޔާ، ވީ އެންމެ ރަނގަޅަކަށް ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން، ކާޑުގެ ތަކެތިވެސް އަގުބޮޑުނުކޮށް، ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަތައްވެސް ބަރާބަރަށް ދެމުން އަދި އެ މުސާރައިން ކަނޑާލި ބައި އަނބުރާ އިޢާދަކޮށް، އެ މުސާރަވެސް ދެމުން، ދަރަނިތައް ދައްކަމުން، ރައްޔިތުންނަށް ދޭންޖެހޭ އެކިއެކި ޢިނާޔަތްތައް ދެމުން އަޅުގަނޑުމެން މިހިސާބަށް މިއައީ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވަރަށްބޮޑު މަސައްކަތްތަކެއް ކުރެވިގެން މިދިޔައީ. ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ފުރިހަމަ ޔަޤީންކަން އަރުވަން، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އުނދަގޫނުވާގޮތަށް، ހުރިހާ ފަސޭހަތަކެއް ކުރިއަށް ގެންގޮސް، މި ޤައުމާއިގެން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް ދެވޭނެ.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އިތުރު ތަރައްޤީ އައުން. މިރަށަށް އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަން އެބައޮތް. ޚާއްޞަކޮށް، މިރަށުގެ ރައްޔިތުންނާއި މިރަށުގެ ވެރިން ތިޔަ ކުރައްވާ މަސައްކަތުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑެތި އުންމީދުތަކެއް ލިބިގެންދޭ. އަޅުގަނޑަށް ޔަޤީންކުރެވޭ، ދާދި އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، މިރަށަށް އިތުރު އާމްދަނީވެސް ލިބެން ފަށާނެ. އަދި މިރަށުގެ ނަރުދަމާވެސް ހެދޭނެ. ބޯފެންވެސް ހަމަ ޖެހިގެންދާނެ. މިކަންކަންވާނެ އިރާދަކުރެއްވިއްޔާ. އެކަންކަންވާނެ ސަބަބަކީ ތިޔަބޭފުޅުން އެކަންކަން ކުރައްވަން އުޅުއްވާތީ.

އަޅުގަނޑުމެން ހެޔޮ ނިޔަތަކާއިގެން މަސައްކަތް ކުރީމާ، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ހެޔޮ މަގު ދައްކަވާނެ. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، މިރަށަށް މިއަށްވުރެ މާބޮޑު ތަރައްޤީ، އަވަސް މުސްތަޤްބަލެއްގެ ތެރޭގައި އަންނާނެކަން. އަދި މިރަށުގެ ޒުވާނުންނަކީ އެހެން ރަށްރަށަށްވެސް ހަމަ ނަމޫނާ ޒުވާނުންތަކަކަށް ވެގެންދާނެކަން. ފަސޭހަ ދިރިއުޅުމެއް އުޅެވޭ، ފާގަތި ރަށަކަށް މިރަށް ވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، އެގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ކަންތައްތައްވެސް ދިރާސާ ކުރައްވައި، ރަށުގައި އަލަށް ކުރެވެން ހުރި ކަންތައްތައް ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްސް ހޯއްދެވުމުން އަޅުގަނޑަށް ހީވަނީ، އެކަން ވަރަށް ބާރަށް މިރަށުގައި ކުރިއަށްދާނެހެން. މާލެއާ ގާތުގައި މިހާ ކުރިއަށް ހުރި ރަށެއް އޮތް ކަމީ މި ރަށަށް، މިރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް، ވަރަށްބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު ފުރުޞަތުތަކެއް. އަޅުގަނޑަށް ޔަޤީނުންވެސް އެކަންކަން އެހެންވީމާ ވެގެންދާނެ.

ދެން އަޅުގަނޑަށް އެބަ ފެނޭ، މިއަތޮޅުގެ ތެރޭގައި، ހަމަ ރިޒޯޓްތައް ކައިރީގައި ހުރި ބައެއް އެހެން ރަށްތައް ހުންނަ ގޮތްވެސް. އެހެންހުރި ބައެއް ރަށްރަށަށް މިދެދުވަހުގެ ތެރޭގައި އަޅުގަނޑަށް ޒިޔާރަތް ކުރުމުގެ ފުރްޞަތު ލިބޭނެ. އެހެންވީމާ، އަޅުގަނޑަށް މިހާތަނަށް ކުރެވުނު ދަތުރުތަކުން މާލެއަތޮޅުގެ ޚާއްޞަކޮށް، ދެކުނުން މާލެއަތޮޅުގެ ތެރޭގައި ހުރި ބައެއް ރަށްރަށުގައި އަޅުގަނޑަށް މިފެންނަނީ މި ދިރުން އަދި އެހާ ބޮޑަށް ނެތްކަން. އެހެން ނަމަވެސް، އެތަންތާނގައިވެސް ކުރެވޭނެ މަސައްކަތްތައް އެބަހުރި. އެތަންތަންވެސް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ބަދަލުވަމުން. ބައެއް ރަށްރަށުގައި އަޅުގަނޑަށް އިޙްސާސް ކުރެވިގެންދަނީ، އެރަށްރަށަށް އެރުމުން، މާލެއާ މިހާ ގާތުގައި އޮތް ރަށްރަށެއް ނޫނޭ މިއީކީ. އެއީ ކީއްވެގެންތޯ؟ އެރަށަށް މިވަރުގެ ތަރައްޤީއެއް އައިސްފައި ނެތީމަ. މިހާ މާލެއާ ކައިރީގައި ހުންނަ މާލެއަތޮޅުގެ މިރަށްރަށަށް އަންނަންވީ ތަރައްޤީއެއް އަދިއެއް ނާދޭ. ޙަޤީޤަތުގައި މިރަށަށްވެސް އަންނަންވީވަރަކަށް އެ ތަރައްޤީއެއް ނާދޭ. އެހެންނަމަކަ، މިއަދު އަޅުގަނޑުމެން ސާފު ބޯފެން، ރައްކާތެރި ބޯފެން ނެތިގެން އުޅޭކަށްވެސް ނުޖެހޭނެ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ކުރަންހުރި މަސައްކަތް ބައިވަރޭ. އެހެން ނަމަވެސް، އެކަން މިރަށުގައި ހަމަގައިމުވެސް ވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮތީމާ އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް އުފާކުރަން.

އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނާއެކީގައި ހަމަ ކެނޑިނޭޅި، މިކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. މިރަށަކީ ވަރަށް އުފާވެރި، ފާގަތި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުއްވާ ރައްޔިތަކު އުޅުއްވާ ރަށަކަށްވުން. اللّـه سبحـانـه وتعـالى މިރަށަށް ހުރިހާވެސް ރަނގަޅު ގޮތްތަކެއް މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه