ސިޔާސީ ފިކުރުތަކުގެ ތެރޭގައި، މި ޤައުމު ފިތިފައި އޮވެގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ތުލުސްދުއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމު އެއީ އެއަށްވުރެ މާ މުހިންމު އެއްޗެކެވެ. ސިޔާސީ މީހުންގެ ދޭތެރޭގައި އޮތް ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރޭގައި، ޤައުމު ފިތިފައި އޮވެގެނެއް ނުވާނެއެވެ. ޤައުމަށް ގެންނަންޖެހޭ ކުރިއެރުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިފެހެއްޓިގެނެއް ނުވާނެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތުލުސްދޫގެ ތަރައްޤީގެ މަޝްރޫޢުތައް ނުހިންގައި ހިފެހެއްޓިފައި އޮތީ، ސިޔާސީގޮތުން އައި ބަދަލުތަކާ ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ރަށުގެ ރައްޔިތުންގެ ނިންމެވުމަކީ، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް. ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ފެންނަގޮތަށް، ރައްޔިތުން ކަންކަން ނިންމުމުން، އެކަމުގައި ދެން ޖެހޭނީ ސަރުކާރުންވެސް އެހީތެރިވާން. ވަކި ފިކުރަކަށް ތާއީދުކުރާތީ، ވަކި ޕާޓީއަކަށް ތާއީދުކުރާތީ ނޫނީ ވަކި ޕާޓީއަކަށް ތާއީދު ނުކުރާތީ، ރަށަކަށް އަންނަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ހިފެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ވަރަށްބޮޑު ޖަރީމާއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތުލުސްދޫގައި ފަށަންހުރި ތަރައްޤީގެ މަޝްރޫޢުތައް ނުފަށްޓައި ޤަޞްދުގައި ލަސްކޮށްފައި ހުރުމާއެކު، މިރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއަށް ފުދޭވަރެއްގެ އާމްދަނީއެއް ވަންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިވޭތުވެދިޔަ ތާނގައި، އިންތިޚާބަކާ ކުރިމަތިވާއިރަށް، ވަރަށްގިނަ ބޮޑެތި ކަންތައްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމަށާއި، ބޮޑެތި ހޭދަތަކެއް ކުރަމުންގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި ލިބޭ އެއްޗަކަށްވުރެ ގިނައިން ޚަރަދު ކުރުމުގެ ސަބަބުން މިއޮންނަނީ އަބަދުވެސް ދަރަނިވެރިވެފައި ކަމަށާއި، މިގޮތަށް ތަކުރާރުކޮށް، އަހަރަކަށްފަހު އަހަރެއް ޑެފިސިޓް ބަޖެޓްގައި އުޅެން ޖެހުމުން، ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމަށްޓަކައި މިދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، ސަރުކާރުން އެކި ފަރާތް ފަރާތަށް، އެކިއެކި ކުންފުނިތަކަށާއި، އެކިއެކި ފަރުދުންނަށް ދޭންޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ ޢަދަދު، މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، 1.6 ބިލިއަން ރުފިޔާގެ ތެރެއިން މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، 1.3 ބިލިއަން ރުފިޔާގެ ފައިސާ ބިލްތަކަށް ދައްކަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ނަގާފައި ހުރި ލޯނުތަކުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ލޯނު، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކާފައިވާ ކަމަށާއި އަދި ބޭރު ޤައުމުތަކުން ނަގާފައި ހުރި ލޯނުތަކަށް ގަވާއިދުން ދައްކަންޖެހޭ ފައިސާވެސް ދައްކަމުން ގެންގޮސްފައިވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ދިވެހިންނަކީ މީހުންނަށް ދަރާއުޅޭ ބައެއް ނޫނެވެ. އަޅުގަނޑުމެންނަކީ ފަޚްރުވެރި ބައެކެވެ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ނަގާ އެއްޗެއް އަނބުރާ ދައްކާ ބައެކެވެ. މިހާތަނަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ފައިސާއެއް، އެއްވެސް ފަރާތަކަށް ނުދައްކައެއް ނޯންނާނެއެވެ.
ތުލުސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ތުލުސްދޫ ރައްޔިތުން ފެނިގެންދަނީ، ނަމޫނާ ރައްޔިތެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން، ތަފާތު ޕާޓީތަކުގެ، ތަފާތު ފިކުރުތަކުގެ ބޭފުޅުން ރަށުގެ ކަންކަމުގައި އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށާއި، ސިޔާސީ ވިސްނުން ތަފާތުވި ކަމުގައިވިޔަސް، ރަށުގެ ތަރައްޤީއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅު ދެރަށަކަށް މިއަދު މިކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ހިންމަފުށްޓަށެވެ. ހިންމަފުށްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.