بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ކުނަހަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ރައީސް، ޢިއްޒަތްތެރި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ، އެމް.ޓީ.ސީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޤާރީ އަޙްމަދު ރަޝީދު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ކުނަހަންދޫ ރައްޔިތުން އަޅުގަނޑަށް ދެއްވި ދަޢުވަތު، އަޅުގަނޑު މި ޤަބޫލުކުރަނީ، ވަރަށް އުފަލާއެކީގައ. އެހެންވީމާ، އަޅުގަނޑު މިތަނަށް އައިސް މިހުރީ. ދެންވެސް ތިޔަބޭފުޅުންނަށް ހަމަ ޖެހިވަޑައިގަންނަވާނީ އަޅުގަނޑަށް އަންގަވައިލައްވަން. އަޅުގަނޑު ހުންނާނީ ތައްޔާރަށް އަންނަން. އަޅުގަނޑު މިއަތޮޅަށް އަންނަ ކޮންމެފަހަރަކު ހިތަށްއަރާ، އަޅުގަނޑު މިއަތޮޅުގައި އުޅޭނަމައޭ. މިއީ ވަރަށް އާދަޔާ ޚިލާފަށް ރީތި ރަށްތަކެއް އޮންނަ އަތޮޅަކަށްވާތީ. ބައްލަވާ، މި ރާއްޖޭގެ ކޮން އަތޮޅެއްގައިތޯ، ކޮން ރަށްތަކެއްގައިތޯ، މިހާ ރީތިކޮށް ޖަންބު ހެދެނީ، އެހެން ނޫންތޯ. ހަމައެހެން، އަނބުވެސް އިނގޭތޯ. ފެންފޯއްވެސް. ދެން މާލޭގައި މަގުތަކުގައި އިންދިޔަކަސް، އެއްގޮތަކަށްވެސް މިތަންތަނާ ވާދައެއް ނުކުރެވޭނެ. އެހެންވީމާ، މިއީ ހަމަ އާދަޔާ ޚިލާފު ރަށްތަކެއް އިނގޭތޯ.

މިއަދަކީ ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ދުވަހެއް. ސަބަބަކީ، މި ރަށްތަކުގެ ރީތިކަމާއެކުވެސް، މިތަނުން ބައެއް ރަށްރަށާ ކައިރިވެ، ލަފާފުރާ ހެދުމަކީ ވަރަށް އުނދަގޫ ކަމަކަށްވެފައި މިއޮންނަނީ. ޒަމާނުއްސުރެވެސް ވަރަށްދަތި ޙާލުގައި، މިރަށްރަށުގެ ރައްޔިތުން އުޅުއްވަމުން ގެންގޮސްފައި މިވަނީ. އެހެންވީމާ، ބަނދަރެއް ހެދުމަކީ މިއީ ހަމަ ކޮންމެ ރަށަކަށްވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެން ނަމަވެސް، ރާއްޖޭގެ ޙާލު ހުރިގޮތުން، ފުދުންތެރިކަން ހުރިވަރަކުން، އެކިރަށްރަށުގައި ބަނދަރުތައް ހަދަމުން މިގެންދަނީ. އަދިވެސް އެކަމަކު ބައިވަރު ރަށްރަށް އެބަހުރި، ބަނދަރު ހަދަންޖެހޭ ރަށްރަށް. އެހެން ނަމަވެސް، ﷲ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއަދު މިރަށުގައި މި މުނާސަބާ މި ފާހަގަކުރެވެނީ. އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، އަދި އަޅުގަނޑު ވަރަށް ބޮޑަށް اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކުރަން، މިރަށުގައި ބަނދަރު ހެދިގެންދާތީ.

އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި މި ބަނދަރު ހެދޭނެ. އަދި ބަނދަރު ހަދާއިރުގައި، ވިސްނަންޖެހޭ ކަންކަމާ ބެހޭގޮތުން މިއަތޮޅުގެ ކައުންސިލްގެ ރައީސާއި އަދި ރަށު ކައުންސިލްގެ ރައީސްވެސް ދެންމެ ވާހަކަ ދައްކަވައިފި. މިރަށްރަށަކީ އާދަޔާ ޚިލާފަށް ފެން ތިލަ، ބިންގަނޑު ތިރި ރަށްތަކެއް. ދެން ރަށް ރީތިވެފައި، ރީތިކޮށް ގަސްތައް ހެދުން އެއީ، އޭގެ އެންމެ ރަނގަޅު ކަންތައް. ދެން ހަމަ އޭގެ އަނެއް ފަރާތްވެސް އެބައޮވޭ. އެއީ، ރަށް ތިރިވުމުގެ ސަބަބުން މިވާގޮތަކީ ހަމަ ކިރިޔާވެސް މޫސުމް ގޯސްވެ، ލޮނުގަނޑު ބޮޑުވެ، މޫސުމް ގަދަވާ ވަގުތެއްގައި ރަށުތެރެއަށް ލޮނުއަރާގޮތް މިވަނީ. އަޅުގަނޑުމެން ރާއްޖެއަކީ ދޭތެރެ ދޭތެރެއިން އުދައަރާ ތަނެއް. އެހެންވީމާ، ބިންގަނޑު ތިރިކޮށް އޮންނަ ރަށްރަށަށް ލޮނުގަނޑު ވަދެ، ގަސްތަކަށް ގެއްލުން ލިބި، ރަށަށް ގެއްލުން ލިބެމުން އެބަދޭ. އެހެންވީމާ، މިތާ ބަނދަރު ހަދާއިރުގައިވެސް އަދި މަގުހަދާއިރުގައިވެސް ކޮންމެ ކަމެއް ކުރިނަމަވެސް، އެބަޖެހޭ ވަރަށް ރަނގަޅަށް ސަރވޭކޮށްފައި، ރަށަށް ގެއްލުން ނުލިބޭނެ ގޮތަކަށް ކަންކަންކުރަން. އެހެންވީމާ، ދެންމެ އެވިދާޅުވިގޮތަށް، އަޅުގަނޑުވެސް ހަމަ އިލްތިމާސް ކުރަން، މިނިސްޓަރަށްވެސް އަދި އެމް.ޓީ.ސީ.ސީ.އަށްވެސް، ވަރަށް ރަނގަޅަށް މި ރަށް ސަރވޭ ކުރައްވައި ބައްލަވައިދެއްވައްޗޭ. ބައްލަވާފައި، މިތާނގެ ބިންގަނޑު މި ހެދޭގޮތަކުން ރަށުތެރެއަށް ފެން ނުދާގޮތަކަށް މިކަން ކުރައްވަން. މިތަނުން އެޅޭ ފެން ރަށުތެރެއަށް އެޅި، ރަށުތެރެ ފެންބޮޑުވާގޮތް ވެއްޖީވިއްޔާ، އެއީ ވަރަށްދެރަ ކަމަކަށްވާނީ. މިދޭތެރެއިން އަޅުގަނޑުމެންނަށް މިކަހަލަ ކަމެއް ފެނިއްޖެ، ހއ.ހޯރަފުށީގައި. މިއީ ޢާންމު ގޮތެއްގައި އެހާ ބޮޑަށް ފެންބޮޑުވާ ރަށެއްވެސް ނޫން. އެހެން ނަމަވެސް، ރަށުގެ ތެރެއަށް ކޮންމެވެސްވަރަކަށް ވެލިއަޅައި، މަގުތައް ހަދާލުމުގެ ސަބަބުން މިވީގޮތަކީ، ދެން އައި ބޮޑު ވިއްސާރައިގައި ހުރިހާ ގެޔަކަށް ފެންގަނޑު ވަދެ، ފެންބޮޑުވާން ފެށީ. އަދި ވަރަށްބޮޑު ގެއްލުން އެރަށަށް ލިބުނު. އެހެންވީމާ، މިކަހަލަ ޙާދިޘާތައް މި ހިނގަނީވެސް، ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް ބަލައިނުލާ ކަންތައް ކުރެވޭތީ. ރަނގަޅު ނިޔަތުގައި، ރަނގަޅަށް ކުރާނަމޭހިތާ ކުރާ ކަންކަމުން، މިކަހަލަ ބޮޑެތި ގެއްލުންވެސް އެބަ ލިބޭ. އެހެންވީމާ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން، ދެންމެ އެ ވިދާޅުވި ކަންތައްތަކަށް ބެއްލެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެން މިރަށުގައި އެބަހުރި، ކުރަންހުރި ބައިވަރު ކަންތައްތައް އަދިވެސް. އަޅުގަނޑަށް އެނގޭ، އޭގެތެރެއިން އެއްކަމެއް ނަރުދަމާ ހެދުން. ނަރުދަމާ ހެދުމަކީ މިއީ ވަރަށްބޮޑު ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދު ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ އެންމެ އިސްކަމަކީ، ރަށްރަށުގައި ނަރުދަމާ އެޅުން. އެއީ ކީއްވެތޯ. ހަމަ ހުރިހާ ރަށެއްގައިވެސް ގާތްގަނޑަކަށް ނަރުދަމާއެއް ނެތް ރަށެއްގައިވިއްޔާ، އެ ރަށެއްގެ ފެންގަނޑު މިދަނީ ތަޣައްޔަރުވަމުން. ދެން އަދި ހަމައެހެން، ރަށް ގިރުމުގެ ސަބަބުން، ރަށުގެ ފެންފަށަލައިގެ ތެރެއަށް ލޮނު ވަނުމުގެ ސަބަބުން ފެންގަނޑު ލޮނުވުމާއި، ފެންގަނޑު ތަޣައްޔަރުވުމުގެ ކަންކަން އެބަ ހިނގާ. ދެން އަޅުގަނޑުމެންނަށް ވަރަށް ދުރުދުރުން އެބަ އަޑުއިވޭ، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ. އަދި މޫދުގެ ކަނޑުގެ ލޮނުގަނޑު އުސްވާ ވާހަކައާއި، ދުނިޔެ ހޫނުވަމުންދާ ވާހަކަ. މިކަންކަމަކީ އަޅުގަނޑުމެން އަދި ޢާންމުކޮށް މިއުޅޭ ދިރިއުޅުމުގައި، އެއްދުވަހުން އަނެއް ދުވަހަށް ވިސްނާނުލާ ކަމެއް ކަމުގައިވީނަމަވެސް، މީގެ އަސަރު ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުން އެބަދޭ. ރާއްޖޭގައި މީހުން އުޅޭ 196 ރަށް އެބައޮވޭ. މީގެތެރެއިން ގާތްގަނޑަކަށް 113 ރަށް މިއީ ވަރަށް ބޮޑަށް ގިރަމުންދާ ރަށްރަށް. ރަށް ގިރުމުގެ މައްސަލައަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ވަރަށްބޮޑު މުޞީބާތެއް. މިކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އޮވޭ.

އޭގެތެރެއިން އެއްކަމަކީ، މިބާވަތުގެ ބޮޑެތި މަޝްރޫޢުތައް ރާވައި ހިންގާއިރުގައި، އެ މަޝްރޫޢުތަކުގެ ސަބަބުން ރަށަށް ގެއްލުން ނުލިބޭނެ ގޮތަކަށް، އެކަން ރާވައިގެން ހިންގުން. އަނެއްކަމަކީ، ރަށް ގިރަން ފެށުމާ އެކީގައި، އެ ދިމާއަކުން ޙިމާޔަތް ކުރެވޭ ގޮތަކަށް ތޮށިގަނޑެއްލުން، އެހެން ކުރަންޖެހޭ އިންޖިނިއަރިންގ މަސައްކަތެއް ކުރުން. ނަމަވެސް، ރާއްޖޭގެ މާލީ ޙާލަތު މިވަގުތު ހުރިގޮތުން، އަޅުގަނޑުމެންނަށް، ރަށްގިރާ ކޮންމެ ރަށެއްގައި، މިދެންނެވި ގޮތަށް ތޮށިގަނޑުލައި، ކަންކަން ކުރާހާ އަޅުގަނޑުމެންގެ ބަޖެޓުގައި ފޯރުންތެރިކަމެއް މިވަގުތު ނެތް. އެހެންވީމާ، އަހަރަކަށްފަހު އަހަރެއް މިދަނީ ރަށް ގިރުމުގެ ކަންތައް، ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން. މިކަން އަޅުގަނޑުމެން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ސަމާލުކަމަށް ގެންނަމުން މިދަނީ. އަދި އޭގެ ސަބަބުން އެހީ ހޯދައި، މި ރަށްރަށަށް އެހީތެރިވުމުގެ މަޝްރޫޢުތައްވެސް އަޅުގަނޑުމެން ހިންގަމުން މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ރަށް ގިރުމުގެ ކަންތަކަށްވެސް ޙައްލެއް ހޯދޭނެ. ނަމަވެސް، އެއަށްވުރެ ކުރިން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަނީ ނަރުދަމާގެ ކަންތައް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ދެތިން އަހަރެއްގެ ތެރޭގައި، މިރަށުގައިވެސް ހަމަ ނަރުދަމާ އެޅޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

އާދެ! ދެންހުރީ އަޅުގަނޑުމެން ކުރަމުން ގެންދާ ކަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން ޖެހެނީ މިހާރަށްވުރެ ބޮޑަށް ސަމާލުވާން. އަޅުގަނޑުމެން މިއުޅެނީ ކޮންމެ ރަށެއްގައި ސްކޫލެއްވެސް އަޅައިގެން. އެކަމަކު އެ ސްކޫލްތަކުގެ ކިޔެވުމުގެ ފެންވަރު، ހުރިހާ ސްކޫލްތަކެއްގައި އެހާ ރަނގަޅެއް ނޫން. އަދި ސްކޫލްތަކަށް ދޭންޖެހޭ އެހީތެރިކަންވެސް އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ނުދެވި އެބަހުރޭ. އެގޮތުން، މިއަދު އަޅުގަނޑު މިދާ ދެރަށުގައި، އަޅުގަނޑަށް މިފެންނަނީ، ތަޢުލީމީ ކަންކަމަށް ދޭންވާ އަހަންމިއްޔަތުކަން ނުދެވޭތަން. ސަރުކާރުގެ ފަރާތުންވެސް މިކަމުގައި ވާންޖެހޭ އެހީތެރިކަން އެކަށީގެންވާ ވަރަށް ނުދެވޭ ކަމަށް އަޅުގަނޑަށް މިވިސްނެނީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، މިދެރަށުގެ މަދަރްސާގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ދެންވެސް ކިތަންމެ އަސާސީ ކަންތައްތަކެއް އެބަހުރި. މިދެރަށުންކުރެ އެއް ރަށެއްގައިވެސް ޕްރީސްކޫލެއް ނެތް. އެހެން ނަމަވެސް، ޕްރީސްކޫލްގެ ތަޢުލީމަކީ އެއީ މިހާރު ކޮންމެހެން ދޭންޖެހޭ އެއްޗެއް. ތުއްތު ކުދިންގެ ތަޢުލީމުގެ ބިންގާ މި އެޅެނީ ޅަފަތުގައި. ކުޑައިރު، ވަރަށް ކުޑައިރު. ޕްރީސްކޫލެއް ލިބޭ ކުއްޖަކަށް، ދެން މަދްރަސީ ޙަޔާތުގައި ކާމިޔާބު ކުރަން މާފަސޭހަ. އަދި ފަހަށް އަންނަ ތާނގައިވެސް އޭނާގެ ހަޔާތުގެ އެހެން ކަންކަމުގައިވެސް އެކަމުން ކާމިޔާބު ލިބުން ބޮޑު. ޕްރީސްކޫލްގެ ތަޢުލީމަކީ މިއީ އެއްގޮތަކަށްވެސް ދޫކޮށްލާވަރުގެ ކަމެއް ނޫން. މިއީ ކުޑަކުޑަ ކަމެއް ކަމަށް ދެކިގެން، ކުޑަކުޑަ ކުދިންތަކެއްގެ ކަމަކަށްވާތީ، ކުޑަކުޑަ ކަމެއް ކަމަށް ހަދައިގެން ދޫކޮށްލާވަރު ކަމެއް ނޫން. ޕްރީސްކޫލް ތަޢުލީމަކީ ވަރަށް މުހިންމު ކަމެއް. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެންމެ ރަނގަޅު މުދައްރިސުން ބައިތިއްބަންޖެހެނީ ޕްރީސްކޫލް ފެންވަރުގައި. ކުއްޖަކު ތަރައްޤީވަމުން އަންނައިރުގައި، އެންމެ ބޮޑަށް އެކުއްޖާގެ ސިކުނޑި ތަރައްޤީވެ ބަދަލުވަމުން މިއަންނަނީ ޅަފަތުގައި. ޢުމުރުން ގާތްގަނޑަކަށް ދެއަހަރާއި ފަސްއަހަރާ ދޭތެރޭގައި. އެ ޢުމުރުފުރާގައި ކުދިންނަށް އެހީވެދިނުމުގެ ސަބަބުން އެއީ ކިޔަވައިދިނުމަށް ކަމުގައިވިނަމަވެސް، ނޫނީ ޞިއްޙީގޮތުން ކަމުގައިވިނަމަވެސް، ނޫނީ ކާނާގެ ގޮތުން ކަމުގައިވިނަމަވެސް، އެހީވެދީފިއްޔާ، މިވާގޮތަކީ ޢުމުރުގެ ފަހަށް އަންނައިރުގައި، އެ ކުއްޖާއަށް ދިމާވާ ބަލިތައްވެސް މަދުވޭ. އެކުއްޖާގެ އިޖުތިމާޢީ އެކިއެކި މައްސަލަތައްވެސް މަދުވޭ. މިކަމުގެ ތަޙުލީލުތައް، ރިސާރޗްތައް މިހާރު ކޮށްފައި ނިމިފައި ހުރީ. ޕްރީސްކޫލް ތަޢުލީމަށް ޚަރަދުކުރާ ކޮންމެ -/7 ރުފިޔާ، ފަހުން ކޮންމެ ރުފިޔާއަކަށް -/7 ރުފިޔާ ފަހުން ސަލާމަތްކުރެވޭ. އެހެންވީމާ، މިއީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެންގެ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ޕްރީސްކޫލްގެ ތަޢުލީމް އެބަޖެހޭ ދޭން، އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑަށް އެނގޭ މިހާރުވެސް ރަށު ކައުންސިލްތަކުން މިމަސައްކަތް ދަނީ ކުރައްވަމުން. އެހެން ނަމަވެސް، ރަށު ކައުންސިލްތަކަށްވެސް އެކަނި އެކަން ކުރެއްވޭނީ، އެމީހުންގެވެސް އަތްމަތި ތަނަވަސްކަން ހުރިވަރަކުން. ކަންދިމާވިގޮތުން، އަދި މިހާތަނަށް އަޅުގަނޑުމެންގެ ކައުންސިލްތަކަކީ އެހާ ފޯރުންތެރިކަން ހުރި ކައުންސިލްތަކެއް ނޫން. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މާގިނަ ގޮތްތަކެއް ނޯވޭ. އެހެންވީމާ، އަމިއްލައަށް އެކަހަލަ ކަންތައް ކުރެވޭ ގޮތެއް ނޯވޭ. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ، ރައްޔިތުންނާއި ކައުންސިލާ ގުޅިގެން މަސައްކަތް ކުރަނިކޮށް، އިރާދަކުރެއްވިއްޔާ، ޕްރީސްކޫލްގެ ކަންތައްވެސް ނިމޭނެހެން. ޕްރީސްކޫލްގެ ކަންތައްވެސް ކޮންމެހެން މާބޮޑު ޢިމާރާތެއް، މާ ފުރިހަމަ ޢިމާރާތެއް ބޭނުމެއްނުވޭ. މިހާރު މިރަށުގައި ތިޔަބޭފުޅުން ތިޔަ ވިސްނަވަނީ، ކުރީގެ އަންހެނުންގެ މިސްކިތް ހުރި ތަން އެއީ ޕްރީސްކޫލަކަށް ހައްދަވަން. އެއީ ވަރަށް ރަނގަޅު ޚިޔާލެއް. ތިޔަބޭފުޅުން ތަނެއް ވަންދެން ނުތިއްބަވައި، މިހާރު ލިބެންހުރި އެއްޗަކުން އެކަން ކުރައްވަން ގަސްދު ކުރެއްވިކަން އެއީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ތާރީފު ކުރަން. ހަމަ އަވަހަށް އެތަން ބަދަލުކޮށްލައްވަންވީ ޕްރީސްކޫލަކަށް. ބަދަލުކޮށްލައްވައިގެން، އެތަނަށް ދޮންވެލިވެސްލައި، އެތާނގައި ކުލަވެސްލައި، ކުދިން އަންނަހިތްވާ ތަނަކަށް ހައްދަވާލައްވައިގެން، އެތަން ކިޔަވައިދިނުމަށް ބޭނުންކުރައްވަން ބަހައްޓަވަންވީ. ﷲ އިރާދަކުރެއްވިއްޔާ، އެއަށްވުރެ ރަނގަޅު ތަނެއް އަދި ލިބޭނެ އަޅުގަނޑުމެންނަށް. އެހާތަނާ ދާންދެންވެސް، މިހާރު ހުރި އެއްޗަކުން ބޭނުންކުރައްވައިގެން، ތުއްތު ކުދިންނަށް ޕްރީސްކޫލް ތަޢުލީމް ދިނުމަކީ އެއީ ވަރަށް މުހިންމު ކަމެއް، ހަމަ ކޮންމެ ރަށެއްގައިވެސް، ކޮންމެ ތަނެއްގައިވެސް.

އާދެ! ތަޢުލީމީ ކަންކަމާ ބެހޭގޮތުން މިއަދު މި ވާހަކަ ދެއްކެނީ. ވާހަކަ ދައްކާއިރުގައި، ރަށުގެ މަދްރަސާގެ ތަޢުލީމުގެ ފެންވަރުވެސް ރަނގަޅުކުރާން އެބަޖެހޭ. އަޅުގަނޑުމެންގެ ޓީޗަރުން ހަމަކޮށް، އެ ޓީޗަރުންނަކީ އެއީ ކުދިންނަށް ރަނގަޅަށް ކިޔަވައިދީ، ރަނގަޅު ނަތީޖާތަކެއް ނެރޭ ތަނަކަށްވާން އެބަޖެހޭ. އެކަމުގައިވެސް ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމެއް އޮވޭ. ކުދިން މޮޅުވަނީ ހަމައެކަނި ސްކޫލަށް ގޮސްގެނެއް ނޫން. އަޅުގަނޑުމެންވެސް ސްކޫލްގައި އުޅުނުއިރުގައި، އަޅުގަނޑުމެން މޮޅުވީކީވެސް ހަމައެކަނި ސްކޫލަށް ގޮސްގެނެއް ނޫން. ހަމަ ސްކޫލްގެ އިތުރުން، ގޭގައިވެސް ވަރަށްބޮޑު މަސައްކަތެއް ކުރަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޚާއްޞަކޮށް، ތަންކޮޅެއް ބޮޑެތި ކިޔަވާ ކުދިން، އޯ ލެވެލަށް ތައްޔާރުވާ ކުދިން، އިމްތިޙާންތަކަށް ތައްޔާރުވާ ކުދިންނަށް އެބަޖެހޭ ގޭގައި ކިޔެވޭނެ ގޮތެއް ހުންނަން. ގޭގައި ފިލާވަޅު ދަސްކުރެވޭނެ ގޮތެއް ހުންނަން އެބަޖެހޭ. ކިތަންމެ ނިކަމެތި ގެއެއްގައިވެސް، ކޮންމެވެސް ތަންކޮޅެއް ދަރިފުޅަށް ކިޔަވަން ބެހެއްޓުން އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފިލާވަޅު ދަސްކުރިއިރުގައި، އަޅުގަނޑުމެން ޖީ.ސީ.އީ އޯ ލެވެލަށް ކިޔެވިއިރު، އަޅުގަނޑު ކިޔެވީ ފުޅިބައްތިއެއް ބަހައްޓައިގެން. އޭރުގައި އަޅުގަނޑުމެންގެ ގޭގައި ކަރަންޓެއް ނުހުރޭ. އަދި މާގިނަ ދުވަހެއް ނުވެސްވޭ އޭގެ ފަހަކުންނެއް. އެހެން ނަމަވެސް، އޭރު އެކަން އޮތީ އެހެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ހަމަ ވަކިން ކިޔަވާނެ ތަނެއް ހުރުމުގެ ސަބަބުން، އެކަމަށް ހަމަ އަޅުގަނޑުމެންގެ މައިންބަފައިންވެސް ހަމަ ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދިނީމާ، އަޅުގަނޑުމެންނަށް ކާމިޔާބުވީ. ހަމަ އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ބޭފުޅުންނަށްވެސް ހަމަ އެ ފުރްޞަތު އެބައޮތް. ﷲ އިރާދަކުރެއްވީތީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބޭރުގެ މީސްމީހުންވެސް އައިސް ކިޔަވައިދޭން އެބަތިބި. އެހެންވީމާ، މަސައްކަތް ކުރެއްވީމާ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު ކާމިޔާބު ނަތީޖާ އަޅުގަނޑުމެންނަށްވެސް ނެރެވޭނެ.

އެހެންވީމާ، އެ ވިދާޅުވިގޮތަށް ސްކޫލް ނިމުމަށްފަހުގައި، ދެން ކުރެވޭނެ ކަންތައްވެސް އެބަ ހުންނަންޖެހޭ. އެގޮތުން، މުޙަންމަދު ރަޝީދު އެ ވިދާޅުވިހެން، މިހާރު ޔުނިވަރސިޓީގެ ކޯސްތައް ރަށުގައި ހިންގާގޮތަށް ހަމަޖެހިގެން މިދަނީ. އެހެންވީމާ، މިރަށުގައިވެސް އެ ކޯސްތަކުގައި ބައިވެރިވެވޭވަރުގެ ކުދިން ތިބިތޯ ބައްލަވައި، އެ އިމްތިޙާނުތަކުގައި ކުދިން ބައިވެރިކުރައްވައިގެން، ރަށުން ހައެއްކަ ކުދިން ނަމަވެސް، ބައިވެރިކުރެއްވޭތޯ ބައްލަވަން ކައުންސިލްގެ ރައީސަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން. ފުރަތަމަ އެކަހަލަގޮތަކަށް އެކަންވާނީ. ހަމަ ވަކިން ހަމަ ކުދިން ތިބިތޯ ހޯއްދަވައިގެން، ބައްލަވައިގެން، އެކުދިން ގެންނަވައިގެން، އެކުދިންނަށް ދޭންޖެހޭ އެހީތެރިކަމެއްދީގެން ކުދިން ފޮނުވަންޖެހޭނީ އިނގޭތޯ. ފޮނުވައިގެން އެކުދިން އެތާނގައިވެސް ގޮސް، ގަމުގައިވެސް ތިބޭ ތަންތަންވެސް ހޯދައިދީ، މިކަމަށް އެބަޖެހޭ އަޅުގަނޑުމެން މަސައްކަތް ކުރަން. އޭރުން އިރާދަކުރެއްވިއްޔާ، ރަށަށް ވަރަށްބޮޑު ކުރިއެރުމެއް އައިސްގެންދާނެ.

އަޅުގަނޑުގެވެސް އުންމީދަކީވެސް، އަޅުގަނޑުގެ ހުވަފެނަކީވެސް މި ރަށްތައް ގުޅުން. ބޮޑު ތިން ރަށް މިއޮތީ މިތާ ކައިރީ. މި ތިން ރަށް ގުޅާލެވިއްޖިއްޔާ މިއީ ތަރައްޤީގެ ވަރަށްބޮޑު ފުރްޞަތުތަކެއް މި ހުޅުވާލެވެނީ އަޅުގަނޑުމެންނަށް. އެހެންވީމާ، އަޅުގަނޑުމެންގެ މަޤްޞަދަކަށްވާންޖެހޭނެ އެކަން ކުރުން އިނގޭތޯ. އެކަން ކުރުމާއި ނުކުރުމުގެ ބަޙުޘެއް ކުރާނެ ކަމެއް ނެތްހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެން ކުރަންވީ ބަޙުޘަކީ، ކޮންއިރަކުންތޯ އެކަން ކުރެވޭނީ. ކޮންއިރަކުންތޯ އަޅުގަނޑުމެންނަށް އެކަމަށްޓަކައި މަގުފަހިކޮށްދެވޭނީ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އެކަންވެސްވާނެ. އެކަން ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރާނެ.

އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ސަބަބަކީ މިހާ ދަތި ދުވަސްވަރެއްގައިވެސް ހަމަ ހިތްވަރު ކުރައްވައިގެންވެސް މި ހުރިހާ ބޭފުޅުންވެސް ރަށުގެ ކަންތަކުގައި، ހަމަ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ. މިހާރު އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ މިރަށުގައިވެސް ހުންނާނެ އެކިއެކި ފިކުރީ ތަފާތުތަކާ އެއްޗެހި. އެހެން ނަމަވެސް، އަޅުގަނޑުމެންނަކަށް އެކަމެއް ނުފެނޭ. މުޅި ރަށުގައި މަޝްރޫޢެއް ހިންގަމުންދާއިރުގައި، ހުރިހާ އެންމެން މިތިބީ އެކީގައި. އަޅުގަނޑުމެންގެ ދޭދޭ މީހުންގެ މެދުގައި ހުރި ތަފާތުތަކާ، އެކަންކަމަކަށް އަޅުގަނޑުމެން ސަމާލުކަމެއްދީގެނެއް ނޫޅެން. ހުރިހާ ރަށެއް އެކީގައި ނުކުމެ، ހުރިހާ އެންމެން އެކީގައި މިއުފަލުގައި ބައިވެރިވެ، ހުރިހާ އެންމެން އެކީގައި މިކަމަށް އެހީތެރިވެދެމުން މިގެންދަނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެގޮތަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވާނަމަ، ﷲގެ އިރާދަފުޅުން މިރަށް ވަރަށް އަވަހަށް ހަމަ ކުރިއަރައިގެންދާނެ. މިއީ އަޅުގަނޑުމެންވެސް މި ރާއްޖޭގައި ތިޔަބޭފުޅުންވެސް މިރަށުގައިވެސް ދިރިއުޅުއްވާތާ އެތައް ސަތޭކަ އަހަރުވެއްޖެ. އެހެންވީމާ، އެތައް ސަތޭކަ އަހަރުގެ ތެރޭގައި، ރަށަށް އައި ތަރައްޤީއަކީ ޙަޤީޤަތުގައި އެ ދިގު މުއްދަތާ އަޅާބަލާއިރުގައި، މާބޮޑު ތަރައްޤީއެއް ނޫން. އެހެން ނަމަވެސް، މުސްތަޤްބަލުގައި، ކުރިއަށް އޮތް ތާނގައި، މިތަންތަނަށް ތަރައްޤީ އަންނާނެ ވަރަށް ބާރު ސްޕީޑެއްގައި އިނގޭތޯ. ދެން އަޅުގަނޑުމެންނަކަށް ނުޖެހޭނެ، އެތައް ސަތޭކަ އަހަރު ވަންދެން އަޅުގަނޑުމެން ނަރުދަމާ ނޭޅިގެން ތިބޭކަށް. ނޫނީ އަޅުގަނޑުމެންނަށް އެއަރޕޯޓެއް ނޭޅިގެން ތިބޭކަށް. ނޫނީ އަޅުގަނޑުމެންގެ ބަނދަރު ނެހެދިގެން ތިބޭކަށް. ނޫނިއްޔާ އަޅުގަނޑުމެންނަށް އެއްރަށުން އަނެއް ރަށަށް ދިޔުމަކަށް ބަންދުވެފައި ތިބޭކަށް ނުޖެހޭނެ. އެހެންވީމާ، ވަރަށް ބާރު ސްޕީޑެއްގައި އިރާދަކުރެއްވިއްޔާ މިތަންތާނގެ ކުރިއެރުން އަންނާނެ. އަންނާނެގޮތް، ތިޔަބޭފުޅުންނާއި ސަރުކާރާ އެކުވެގެން މިއޮތީ ފަހިކޮށްދެވެން މިހާރު.

އެހެންވީމާ، ހިންގަވާ، އެކީގައި މަސައްކަތް ކުރަމާ. ﷲގެ އިރާދަފުޅުން އެކަންކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން އެބަޖެހޭ އާ ވިސްނުންތައް ވިސްނައި، އަޅުގަނޑުމެން މިހާރު މިވީހާ ތާނގައި ތިބިގޮތަކަށް ތިބުން އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީކީ އެކަން ކުރަންވާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ބިންތައް ބޭނުންކުރެވޭނެ ގޮތްތައް ހޯދަން. އަޅުގަނޑުމެންގެ މި ރީތި ފަޅުތަކާއި ތަންތަން ބޭނުންކުރެވޭނެ ގޮތްތައް ހޯދަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރަމާ ހިންގަވާށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކައިރި މުސްތަޤްބަލެއްގައި މިނޫން ދުވަހެއް އަޅުގަނޑުމެންނަށް ހޯދޭނެ. އަޅުގަނޑުމެންގެ ހުރިހާ ޢާއިލާތަކަކީވެސް ވަރަށް ތަނަވަސްކަމާއެކީގައި އުޅެވޭ ބަޔަކަށް އަޅުގަނޑުމެންނަށް ހެދޭނެ. އަޅުގަނޑުމެންގެ ހުރިހާ ކުދިންނަކީވެސް ރަނގަޅަށް ކިޔަވައިގެން، ޔުނިވަރސިޓީއަށްދާ ކުދިންނަށް އަޅުގަނޑުމެންނަށް ހެދޭނެ. އަޅުގަނޑުމެންގެ އާބާދީއަކީ ކުޑަކުޑަ އާބާދީއެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި މުއްސަނދިކަން އެބަހުރި. އަޅުގަނޑުމެންގެ މުއްސަނދިކަން އަޅުގަނޑުމެން ބޭނުންކޮށްފިއްޔާ، މި ކުޑަ އާބާދީއަށް ވަރަށް އަރާމުގައި، ވަރަށް ރަނގަޅަށް އުޅެވޭނެ. ކޮންމެހެން އަޅުގަނޑުމެންނަކަށް ނުޖެހޭ ތެޔޮ ހޯދާކަށްވެސް. އެހެން ނަމަވެސް، ތެޔޮހުރި ކަމަށްވަންޏާ، ﷲގެ އިރާދަފުޅުން އެވެސް ފެންނާނެ. ދެން އެކަމަށްޓަކައިވެސް އަޅުގަނޑުމެން ހަމަ މަސައްކަތް ކުރާނެ. އެހެން ނަމަވެސް، އޭގެކުރިންވެސް މިހާރުވެސް އަޅުގަނޑުމެންނަށް ﷲ ދެއްވާފައި ހުރި ނިޢުމަތްތައް ބައިވަރު. ރިޒުޤުތައް ބައިވަރު. އެ ރިޒުޤުތައް ބޭނުންކޮށްގެން، އަޅުގަނޑުމެން ކުރިއަށްދާން މަސައްކަތް ކުރީމާ، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެކަމާމެދު އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ޝައްކެއްނެތް. އަޅުގަނޑުމެން މިޖެހެނީ އާ ވިސްނުންތަކެއް ގެންނަން. އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެން ހުޅުވިލަން. ދުނިޔޭގެ އެހެން މީހުންނާ އެކީގައިވެސް އަޅުގަނޑުމެން އުޅެލަން. އޭރުން މިތަންތަނަށް މުއްސަނދިކަންވެސް އަންނާނީ.

މިހާރު މިއަތޮޅުގައި އަދި އޮތީ އެންމެ ރިޒޯޓެއް. އެހެންވީމާ، ވަރަށްމަދު ބަޔަކަށް ވަޒީފާގެ ފުރްޞަތު، ފަތުރުވެރިކަމުގެ ތެރެއިން މިލިބެނީ. އެހެންވީމާ، އެކަން އެބަޖެހޭ އަޅުގަނޑުމެން ފުޅާކުރަން. މިއަތޮޅަށް އަޅުގަނޑުމެން އެބަޖެހޭ، އިތުރަށް ރިޒޯޓްތަކެއް ގެންނަން. އިތުރަށް އާމްދަނީ ލިބޭނެ ދޮރުތަކެއް އަޅުގަނޑުމެން ހުޅުވާލަން އެބަޖެހޭ. އަޅުގަނޑުމެންނަށް އަބަދަކު މަސްވެރިންގެ ގޮތަކު ނުތިބެވޭނެ. މަސްވެރިކަމުން މިހާރުވެސް މިއަތޮޅަކަށް، ބައެއް އަތޮޅުތަކާ އަޅާބަލާއިރުގައި، އެހާބޮޑު އާމްދަނީއެއް ނުލިބޭ. އެހެން ނަމަވެސް، ދެން މަސްވެރިކަމުން މި ހުރިހާ ޒަމާނުގައި އަޅުގަނޑުމެން މި އުޅުނީ. ދެން އަބަދުވެސް އަޅުގަނޑުމެން މަސްވެރިކަން ކުރާނެ ކަމަށް އަޅުގަނޑު ހީކުރަން. މަސްވެރިކަންވެސް މިދަނީ ތަރައްޤީވަމުން، ދުވަހަކަށްވުރެ ދުވަހެއް. މިރަށުގައި މިހިރަ ބޮޑެތި މަސްދޯނިތައް މިއީ ކުރިން ހުންނަ އެއްޗެއް ނޫން. ނަމަވެސް މިހާރު މި މަސްދޯނިފަހަރުގައި ވަރަށްގިނަ ދުވަހު ކަނޑުމަތީގައި އެބަ އުޅެވޭ. އަނެއްކާ ކިޔަވައިގެން ތިބި ކުދިންވެސް މަހަށް އެބަދޭ މިހާރު. އެހެން ނަމަވެސް، އޭގެއިތުރުން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކެއް އެބަ ހޯދަންޖެހޭ. ފަތުރުވެރިކަމަކީ ރާއްޖޭގައި ހިނގާ ކަމެއް. ރާއްޖޭގައި މިހާރު އެކަން ކާމިޔާބުކަމާ އެކީގައި ހިންގިފައި އޮތް ކަމެއް. އެކަން ކަނޑައެޅިގެން އެބަ އެނގޭ. އެހެންވީމާ، އެ ފުޅާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، ފަތުރުވެރިކަން އަޅުގަނޑުމެން ފުޅާކުރާނަން. ރާއްޖޭގައި ހުރި ރިޒޯޓްތަކުގެ ޢަދަދު އިތުރުވެގެންދާނެ. އަދި ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެ. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ރަނގަޅުވެ، ސަރުކާރުގެ ބަޖެޓަށްވެސް މިހާރަށްވުރެ ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން މިދުވަސްވަރަކީ ވަރަށްދަތި ދުވަސްވަރެއް. އެހެން ނަމަވެސް، މި ދަތިކަން ﷲ އިރާދަކުރެއްވިއްޔާ، ދެން މާގިނަ ދުވަހަކު ނޯންނާނެ. އަޅުގަނޑަށް ވަރަށް އުންމީދު ރަނގަޅު. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި، މި ދަތިތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމަށް. އަރައިގަނެވި އަޅުގަނޑުމެންގެ ބަޖެޓުވެސް ރަނގަޅުކުރެވި، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ކަމަށް.

އަޅުގަނޑު މި ސަރުކާރާ ޙަވާލުވިއިރުގައި، ސަރުކާރުގެ ވަރަށްބޮޑު ދަރަނި އޮތް. ތިޔަބޭފުޅުންނަށް ފަހަރުގައި އެނގިވަޑައިނުގެންފާނެ. އެހެން ނަމަވެސް، ވަރަށްބޮޑު ދަރަނި އޮތް. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން އެސް.ޓީ.އޯ. އަށާއި، އެމް.ޓީ.ސީ.ސީ އަށާ، މިތަންތަނަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، މިއީ އަދި އާދައިގެ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާގެ ޢަދަދުވެސް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ. އެ ބިލްތަކަށް ލާރި ނުދައްކާ އޮތީ. މި ބިލްތަކަށް ލާރި ދައްކަން ފެށީ އަޅުގަނޑުމެން. ފަށައިގެން ވަރަށް ދަތީގައި އުޅެގެން، މިދިޔަ އަހަރާއި، މިއަހަރުގެ މިހާތަނަށް އައިއިރުގައި، 1.6 ބިލިއަންގެ ތެރެއިން 1.3 ބިލިއަންގެ ބިލްތައް މިހާރު ދައްކާ ނިމިއްޖެ. މިފައިސާ މިދެއްކީ، އިންޑިއާ ސަރުކާރަށް އަޅުގަނޑުމެން ދޭންޖެހޭ 100 މިލިއަން ޑޮލަރުވެސް ދައްކާފައި. އެހެންވީމާ، ވަރަށް ބޮޑަށް ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި މިވޭތުވެދިޔަ ދޮޅުމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށްވަނީ މަސައްކަތް ކުރެވިފައި. އަދިވެސް ދަރަނި އެބައޮތް. އަދިވެސް އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރެވެނިއު ބިލްތައް ފާސްކޮށްދެއްވުމުން، ބަޖެޓަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ތަންކޮޅެއް ފަސޭހަކަމާ އެކީގައި އުޅެވޭނެ.

ސަރުކާރުގެ ބަޖެޓަށް އާމްދަނީ ލިބޭނެގޮތެއް ހެދުމަކީ، އެއީ ރައްޔިތުންނަށް ކޮށްދޭންޖެހޭނެ ކަމެއް. ރައްޔިތުންގެ ފައިދާއަށްޓަކައި ކުރާ ކަމެއް. ބަޖެޓުން ލާރި ކަނޑާލީމާ، ބަޖެޓަށް އާމްދަނީ ލިބޭނެ ބިލްތައް ހުށަހެޅީމާ، އެ ފާސްނުކުރީމާ، އެއިން ދަތިވާނީކީ މުޙަންމަދު ވަޙީދު ޙަސަން މަނިކަކަށް ނޫން. އެއިން ދަތިވާނީ، މި ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް. އެފައިސާއިން ތިޔަބޭފުޅުންނަށް، މި 65 އަހަރުވީ ބޭފުޅުންނަށް -/2300 ރުފިޔާވެސް މި ދެނީ. ހަމަ އެފައިސާއިން ކާބޯތަކެތީގެ ސަބްސިޑީވެސް މި ދެނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއްނޭނގެ، ބައްލަވާ، ހަކުރު ކިލޯއެއް އަޅުގަނޑުމެން ގަންނަނީ ކިހާވަރަކަށްތޯ ރާއްޖެއިން ބޭރުން. 50/14 ރުފިޔާއަށް. ތިޔަބޭފުޅުން ބައްލަވައިގަންނަވަނީ ކިހާވަރަކަށްތޯ. 25/4 ރުފިޔާއަށް. ދިހަވަރަކަށް ރުފިޔާ އެބަ ދައްކަންޖެހޭ، ކޮންމެ ހަކުރު ކިލޯއަކަށް. ދެން މިކަން ގޮއްސަ އޮތްވަރަކީ، ހަކުރު ގިނައިން ކަނީކީ ދިވެހިންނެއް ނޫނޭ، ރާއްޖެއަށް އެތެރެކުރާ. ރާއްޖެއަށް އެތެރެކުރާ ހަކުރު ގިނައިން ކަނީ ޓުއަރިސްޓުން. އެކަމަކުވެސް ހަމަ ކޮންމެ ކިލޯއަކަށް -/10 ރުފިޔާ، ސަރުކާރުން ސަބްސިޑީދޭ އެހެން ނޫންތޯ. އެކަމަކު ޓުއަރިސްޓުން އަތުން ލާރިއެއް ނަގަންވީމާ، އެބަ ބުނޭ، ޓުއަރިސްޓުން އަތުން އެހާގިނައިން ލާރިނަގާކަށް ނުވާނޭ.

މިހާރު އަޅުގަނޑުމެން މިއުޅުނީ، އިއްޔެގައި ރައްޔިތުންގެ މަޖިލީހުން މި ބޭރުކޮށްލި ބިލް. ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން 18 ޑޮލަރު މިހާރު ނަގަމުން ގެންދަނީ. އެވަރު 25 ޑޮލަރަށް އިތުރުކޮށްލަން މާލިއްޔަތު ކޮމިޓީން ލަފާދެއްވާފައި އޮތީ. އެހެން ނަމަވެސް، ހަމަ މަޖިލީހުގެ ތެރޭގައި އެ އޮންނަ ވާދަވެރިކަމެއްގެ ތެރެއިން އެއްކަލަ ބިލް ބޭރުކޮށްލައިފި. ދެން އެއްކަލަ އިތުރަށް މި ނެގޭ 7 ޑޮލަރު، ނަގަން މި ހުށަހެޅުނު 7 ޑޮލަރު ނުނެގުނީމާ، ބަޖެޓަށް އެއްކަލަ ފައިސާއެއް ނާންނާނެ ނޫންތޯ. ނައީމަ އެއިން ގެއްލުން މިވަނީ ހަމަ ރައްޔިތުންނަށް. އަޅުގަނޑަކަށް މާބޮޑު ގެއްލުމެއް ނުލިބޭނެ އިނގޭތޯ. އަޅުގަނޑަށް ގޮސް އަޅުގަނޑުގެ އެޕާޓްމަންޓްގައިވެސް ހުރެވިދާނެ. ކުރިން ދެންނެވިހެން އަޅުގަނޑު އުޅެނީ ގަނޑުވަރަކުވެސް ނޫން. އަޅުގަނޑުވެސް ހަމަ ވީހާވެސް ޚަރަދުކުޑަކޮށްގެން އުޅެނީ. އެހެން ނަމަވެސް، މިއީ އަޅުގަނޑާ ބެހޭ ކަމެއް ނޫން ދޮއެއްތޯ. އަޅުގަނޑުދެކެ ކިތަންމެވަރަކަށް ބައެއް ބޭފުޅުން ކޯފާވިޔަސް، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައް ބަރާބަރަށް ރައްޔިތުންނަށް ކޮށްދެއްވަންޖެހޭނެ. ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަންތައް ކޮށްނުދެއްވައި، ރައްޔިތުންގެ ކައިރިއަށް ވަޑައިނުގަންނަވާ.

އާދެ! ކިތަންމެ ދަތީގައި ނަމަވެސް، އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަ މިކަން ކުރާނަން. އިރާދަކުރެއްވިއްޔާ، މިކަން އަޅުގަނޑުމެންނަށްވާނެ. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ދޭނަން. އަދި ހަމަ ރަށްރަށުގެ ބަނދަރުވެސް އަޅުގަނޑުމެން ހަދާނަން. ނަރުދަމާވެސް އަޅާނަން. ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީ ތިއްބެވިއްޔާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ. ޙަޤީޤީ ބާރު އޮތީ ތިޔަބޭފުޅުންގެ އަތްޕުޅުގައި. ރައްޔިތުންގެ އަތްޕުޅުގައި. އެހެންވީމާ، ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތް ކުރީމާ، އަޅުގަނޑުމެންނަށް ނުވާނެ ކަމެއް ނޯންނާނެ އިރާދަކުރެއްވިއްޔާ.

އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތިޔަބޭފުޅުންނަށް. ތިޔަ ދެއްވި ހޫނު ތަރުޙީބަށް އަޅުގަނޑަށާއި އަޅުގަނޑާ އެކުގައި މިރަށަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ހުރިހާ ބޭފުޅުންނަށްވެސް. އަދި މިރަށް މިހާ ރީތިކޮށް ޒީނަތްތެރި ކުރައްވައި، މިކަމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީވެސް ހިތްފަސޭހަކަމާއެކީގައި، ރަނގަޅު ޞިއްޙަތެއްގައި ދިރިއުޅުއްވާ، ފާގަތިކަމެއްގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________