بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

މިރަށުގެ ލޮބުވެތި ރައްޔިތުން އަދި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް، މިރަށު ރަށު ކައުންސިލްގެ ރައީސް އަދި މިތާ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށްގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ﷲ އިރާދަފުޅުން ޙަޤީޤަތަކަށްވާ ދުވަސް. އެހެންވީމާ، މިއަދު އަޅުގަނޑު އެންމެ ފުރަތަމަވެސް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް މިރަށަށް މިހާރު ތިންވަނަފަހަރު މިއާދެވުނީ 2008ގެ ފަހުން. އެހެންވީމާ، މިރަށުގެ ކަންތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުން ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަން. މިއަދު މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭކަން އެއީ، އަޅުގަނޑު ނިހާޔަތަށް އުފާކުރާ ކަމެއް. އަދި މިރަށަށް އަޅުގަނޑު އައިމާ، ހަމަ އަންނަ ކޮންމެ ފަހަރަކު އަޅުގަނޑަށް ރައްޔިތުން ކަންކަން ކުރަން ބޭނުންފުޅުވާގޮތް އެބަ އިތުރަށް ސާފުވެގެންދޭ. މިފަހަރުވެސް، މިއަދުވެސް އަޅުގަނޑު މިރަށަށް އައުމުން، އައި މަގުމަތީގައިވެސް ދެން އަޅުގަނޑާ އެކީގައި އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާރީ އަޙްމަދު ރަޝީދުވެސް ވަޑައިގެން އެބަ އިންނެވި. އަޅުގަނޑުމެން ވަރަށް ގާތުން މަޝްވަރާ ކުރަމުން، މިރަށްރަށަށް ބޭނުންވާ ކަންކަން، އެކަން ކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެވެސް އެހީފުޅާއެކީގައި، ސަރުކާރުގެ ފަރާތުން މިކަންކަން ކުރަމުން ގެންދަނީ، ވީހާވެސް ބޮޑަކަށް ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލަން. މިއަދު އަޅުގަނޑު މިރަށަށް އައިސްވެސް، މިރަށުގެ އޮޑިވެރިންނާއި، މަސްވެރިންނާ ބައްދަލުކުރަން ކުޑަކުޑަ ފުރްޞަތެއް ލިބުނު. މިބޭފުޅުން ދެއްކެވި ވާހަކައިންވެސް އަޅުގަނޑަށް އިތުރު އެއްޗެއް ސާފުވެއްޖެ. އަދި އޭގެ ސަބަބުން މިހާރު މިފަށާ ބަނދަރު، ބަނދަރަށް ގެންނަންޖެހޭ ބައެއް ކުދިކުދި އިޞްލާޙުތައް ގެނައުމަށްޓަކައި މަޢުލޫމާތުވެސް ލިބިއްޖެ. ދެން އޭގެ މައްޗަށް ބިނާކޮށްފައި އަޅުގަނޑުމެން ބަނދަރު ހަދާއިރުގައި، ހެދިގެންދާނީ. އެބޭފުޅުން ބޭނުންފުޅުވާ ކަންކަން ވީހާވެސް ބޮޑަކަށް ފުރިހަމަކޮށްގެން އެކަން ކުރެވޭގޮތަށް. މިސާލަކަށް، ބަނދަރަށް ވަންނަން އޮންނަ ނެރު، އެހެން ދިމާއަކަށް ބަނދަރު ކުރުން. ނޫނީ މިހާރު ލެވިފައި އޮތް ވަރަށްވުރެ ބަނދަރު ކުޑަކޮށް އެޖަސްޓްކޮށްލައި، މިތަނާވެސް ތަންކޮޅެއް ކައިރިވާގޮތަށް ބައްޓަންވެގެންދިޔުން. މިހެން ރަނގަޅު ކުރަންޖެހޭ ކުދިކުދި ބަދަލުތައް މިއީ އަޅުގަނޑުމެން ނިންމަން ގެނައުމުގެ ފުރްޞަތު މި ލިބެނީ، ރައްޔިތުންނާ މުޢާމަލާތު ކުރީމާ. ރައްޔިތުންނާ ވާހަކަ ދެއްކީމަ. އެހެންވީމާ، އަޅުގަނޑުމެންނަށް މާލޭގައި ތިބެގެން، މި ފޮނުވާލާ ޗާޓެއް ބަލައިލައިގެން އެކަންކަމެއް ސާފެއް ނުވާނެ އެހެން ނޫންތޯ. އެހެންވީމާ، އަޅުގަނޑަށް އެބަޖެހޭ، ތިޔަބޭފުޅުންނާ ބައްދަލުކުރަން އަންނަން. ތިޔަބޭފުޅުންނާ ވީހާވެސް ގިނައެއްކޮށް ބައްދަލުކުރަން އަޅުގަނޑަށް އެބަޖެހޭ. އެހެން ނޫނިއްޔަކާ، އަޅުގަނޑުމެންނަކަށް ނޭނގޭނެ ކަންކަން ކުރަންވާގޮތެއް.

ދެން އަނެއް ކަމަކީ ހަމަ މިއަދު މިރަށުގެ ރަށު ކައުންސިލާ ވާހަކަ ދެއްކީމާ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެއްޖެ، މިރަށުގެ ޒުވާނުންގެ ވަރަށްގިނަ ބަޔަކު ގޯތި ބޭނުންވެފައި ތިބިކަން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިހާތަނަށް ވިސްނިފައި އޮތީ، މިސާލަކަށް 25 ގޯތި ދޫކުރީމާ، ދެން މިވަގުތަށް ހަމަޖައްސާލެވިދާނެއޭ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެބޭފުޅުންނާ ވާހަކަ ދެއްކީމާ، އަޅުގަނޑަށް އެބަ އެނގޭ، އަދި އެވަރަކުން ނުވާނެކަން. އެހެންވީމާ، އެބަޖެހޭކަން ފަންސާހަކަށް ގޯތި ދޫކުރަން. އެހެންވީމާ، އެ އަޑު އިވުމަށްފަހުގައި އަޅުގަނޑުމެންނަށް އެގޮތަށް އެހެންވީމާ އެކަން ހަމަޖައްސައިލެވޭނެ. ﷲ އިރާދަކުރެއްވިއްޔާ، ހަމަ 50 ގޯތި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

ރައްޔިތުންގެ އަޑުއެހުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ރައްޔިތުން ދައްކަންހުރި ވާހަކަ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވި ހުރީމާ، ފަހުން އަންނަ ޝަކުވާ މާބޮޑުވާނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ، އެބާވަތުގެ ކަންކަން ވަރަށް ގިނައިން. އެކިއެކި މަޝްރޫޢުތައް ހަދާ ނިމޭއިރުގައި، ރައްޔިތުން ތިބެނީ، ވާންޖެހޭ އުފަލަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައި. އެއީ، އެމީހުން ބޭނުންވާ ގޮތަށް އެކަން ކޮށްނުދެވޭތީ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް އެބަޖެހެޔޭ، ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ވާހަކަތައް އަހާ، ރައްޔިތުން އެދޭގޮތް އޮޅުންފިލުވަން.

އަޅުގަނޑަކީ މާލޭގައި، ހުންނަ ގޭގައި ހުރެގެން، ކޮންމެހެން އެތަން މާ އަރާމުކަމުން އެތަނުން ނުނުކުމެ އިނދެގެން ކަންކަން ކުރަން ބޭނުންވާ މީހެއް ނޫން. އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކު ނުހުންނާނެ، ރިޔާސީ ގަނޑުވަރުގައި ނޫޅުއްވާ ބޭފުޅަކު އަޅުގަނޑު ނޫނިއްޔަކާ. އަޅުގަނޑު ނުދަން ރިޔާސީ ގަނޑުވަރަކަށް، ކޮންމެހެން އަރާމުގައި އެތާނގައި އުޅޭކަށް. އެހެން ނޫންތޯ. ނައިބު ރައީސް ހުންނެވި ތާނގައި އަޅުގަނޑު އަދިވެސް މިހުންނަނީ. އެހެންވީމާ، އަޅުގަނޑު މިއުޅެނީ މާ އަރާމުވެގެން އެތާނގައި، އެހެން ނޫންތޯ ނުނުކުމެ އިންނާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ ވީހާވެސް ގިނައެއްކޮށް ރައްޔިތުންގެ އަރިހަށް އަންނަން. އެހެން ނަމަވެސް، މިހާރަކީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ، އެކަންޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަންތޯ! އަޅުގަނޑު ތިޔަބޭފުޅުން އަރިހަށް އަންނާނަން. އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް އަޅުގަނޑު އަންނާނަން ތިޔަބޭފުޅުންގެ އަރިހަށް.

ޙަޤީޤަތުގައި އަޅުގަނޑު އަންނަންޖެހޭ އެހެން ނޫންތޯ. ސަބަބަކީ އަޅުގަނޑުގެ މައިންބަފައިންނަކީވެސް ހަމަ ތިޔަބޭފުޅުން ކަހަލަ މީހުން. އަތޮޅުތެރޭގެ ރަށްރަށުގެ ހަމަ އެރަށްރަށް އަދިވެސް އެބަހުރި. އެރަށްރަށަށް އަދިވެސް މާބޮޑު ތަރައްޤީތަކެއް އަދި އައީކީ ނޫން. އެހެން ނޫންތޯ. އަޅުގަނޑުގެ ތިމާގެ މީހުންނާއި، ދެބެންގެދެދަރި މީހުންނާއި، ބޮޑުބޭބެއިންނާ، މި އެންމެންވެސް އެތަންތާނގައިވެސް އެބަތިބި މިހާރު. އެހެންވީމާ، އަޅުގަނޑު ކުޑަކޮށް އެބަޖެހޭ މިހާރު ދަންނަވަން އަޅުގަނޑު މިއީ ކާކުކަންވެސް. އަޅުގަނޑު އުފަންވީ މާލޭގައި. އެހެން ނަމަވެސް، އަޅުގަނޑުގެ ބައްޕައަކީ ރ. އަތޮޅު މީހެއް. ރ. އަތޮޅު އިނގުރައިދޫ މީހެއް. އިނގުރައިދުއަށްވެސް އަޅުގަނޑު ދަން ދޭތެރެ ދޭތެރެއިން މިހާރު. އެރަށަށްވެސް ހަމަ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައި ހުރީ. އެކަމަކު ތަރައްޤީގެ ހަމަ އަސާސީ ޚިދްމަތްތައް އަދިވެސް ހަމަ ހުރިހާ ކަންކަން ފުރިހަމަނުވެހުރީ. އަޅުގަނޑު މަންމައަކީ ހުވަދުއަތޮޅު މީހެއް. ހުވަދުއަތޮޅު ތިނަދޫ މީހެއް. އެރަށަށްވެސް އަޅުގަނޑު ދަން. އެހެންވީމާ، އަޅުގަނޑު މާލޭގައި އުފަންވީވެސް ހަމަ އަތޮޅުތެރެއިން އައިސް ތިބި މީހުންގެ މެދުގައި މާލެއަށް ހިޖުރަކޮށް މާލޭގައި އުޅޭ މީހުންގެ ތެރޭގައި. އަޅުގަނޑު އުފަންވީ ގެއަށް ކިޔަނީ ކުޅުދުއްފުށީގެ. އެގޭގައި އުޅެނީ ކުޅުދުއްފުށީ މީހުން ގިނައިން. އެގެޔާ ޖެހިގެން ހުންނަނީ ހައްދުންމަތީގެ. އެއީ، ހައްދުންމަތީ އާދަމްފުޅުގެ ގެ. ހަމަ އިންވެގެން ހުންނަ ގެއެއް އެއީ. އެހެންވީމާ، ކުޅުދުއްފުށީގެ، ދެން ހައްދުންމަތީގެ، މިހެން ހުންނާނެ އޭރު މާލޭގައި. އަތޮޅުތަކަށް ނިސްބަތްވާ މީހުންގެ ގޭގެއަށް އެގޮތަށް ނަން ދީފައި ހުންނާނީ. އަޅުގަނޑު އުފަންވީ ކުޅުދުއްފުށީ ގޭގައި. އެއީ ވީގޮތަކީ އަޅުގަނޑުގެ ބޮޑުދައިތަ މިވަނީ ކުޅުދުއްފުށީ މީހަކަށް. އެހެންވީމާ، ކުޑައިރުއްސުރެ، ހަމަ އަޅުގަނޑު އުފަންވީއްސުރެ މިހާތަނާ ޖެހެންދެންވެސް އަޅުގަނޑަށް އުޅެވިފައި މިހިރީ އަތޮޅުތެރެއިން މާލެ އައިސް، މާލޭގައި ތިބި މީސްމީހުންގެ ތެރޭގައި، އެމީހުންނާ އެކީގައި. އަޅުގަނޑަކީ ރަސްމަތިފުށް ބޭފުޅެއް ނޫން. ނަމަވެސް، އަޅުގަނޑުވެސް މާލެއަށް އައިސް، އަޅުގަނޑަށް ލިބުނު ފުރްޞަތުތަކެއްގެ ސަބަބުން ތަޢުލީމެއްވެސް ލިބި، ﷲ އިރާދަކުރައްވައިގެން، މިއަދު އަޅުގަނޑަށް މިހިސާބަށް އާދެވިފައި މިހިރީ. އެހެންވީމާ، އަޅުގަނޑު ކިހިނެއްތޯ ތިޔަބޭފުޅުން މަތިން ހަނދާންނައްތާލާފައި، އަރާމުގައި މާލޭގައި ހުރެގެން ކަންކަން ކުރަން އުޅެވޭނީ. އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުގެ ހުރިހާ ވަގުތެއް ތިޔަބޭފުޅުންނާ އެކީގައި އަތޮޅުތެރޭގައި، އަތޮޅުގެ ރައްޔިތުންނާ އެކީގައި އުޅެވޭނެނަމައޭ. އަޅުގަނޑުގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ، މި ބަނދަރު ހެދެމުންދާއިރުވެސް މިރަށަށް އާދެވުން. އަދި މި ބަނދަރު ހަދާ ނިމުނީމާވެސް އައުން އަޅުގަނޑުގެ އުންމީދަކީ. އަޅުގަނޑު ހީކުރަން، އެ ނަޞީބު އަޅުގަނޑަށް ލިބިގެންދާނެ ކަމަށް.

ދަންނަވަންތޯ، މިވޭތުވެދިޔަ އަހަރަކީ ފަސޭހަ އަހަރެއް ނޫން ރާއްޖެއަށް. ވަރަށް އުނދަގުލުގައި އަޅުގަނޑުމެން އުޅެމުން މިއަންނަނީ. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ބޮޑެތި ފިކުރީ ތަފާތުތަކެއް އުފެދިގެން މިއުޅެނީ. އެ ފިކުރީ ތަފާތުތަކުގެ ސަބަބުން އަޅުގަނޑުމެން އެކިއެކި ކުލަކުލައަށް ބަދަލުވެގެން މިދިޔައީ. އަޅުގަނޑުގެވެސް އޮވެޔޭ ސިޔާސީ ޕާޓީއެއް. އެ ޕާޓީގައި އޮވޭ ކުލައެއްވެސް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެތި އަޅައިގެން، ތޮފި އަޅައިގެން، އެކުލައިގެ ގަމީސް ލައިގެން އައިސް، ތިޔަބޭފުޅުންގެ އަރިހުގައި، ތިޔަބޭފުޅުން ހުރިހާ ބޭފުޅުން އަޅުގަނޑު ޕާޓީއަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑު ނޫޅެމެއްނޫންތޯ، އެހެން ނޫންތޯ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދިވެސް ދިވެހިރާއްޖެއަށް އެންމެ މުހިންމު ފިކުރަކީ ޤައުމީ ފިކުރު. އަޅުގަނޑުގެ ރަށުގެ ފިކުރު. އަތޮޅުގެ ފިކުރު. މި ފިކުރުތަކަށްވުރެ މަތީގައި އެހެން ފިކުރުތަކެއް ގެންގުޅުން އެއީކީ، ރަނގަޅު ކަމެއް ނޫން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، އަޅުގަނޑުމެންގެ ތެރެއަށް އަންނަންޖެހޭ ތަރައްޤީ ލަސްވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިރަށުގައިވެސް ހުރިހާ ބޭފުޅުން ހަމަ މިރަށުގެ ވިސްނުމާއި، ޤައުމުގެ ފިކުރު އިސްކުރައްވައި، އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން ކަމުގައި ދެނެގެން، ހުރިހާ މުސްލިމުންނަކީ އަޚުންކަމާއި، އުޚުތުން ކަމަށް ގަބޫލުކޮށް، އަޅުގަނޑުމެން އެންމެން އެކީގައި އުޅުން. އޭރުން އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭނީ. އަޅުގަނޑުމެން މި ބޮޑެތި ރަށްރަށް ބައްލަވާ. އަޅުގަނޑުމެންގެ ވަރަށް ކުޑަކުޑަ އާބާދީއެއް މިއުޅެނީ. މިވަރު ތަންތަން ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބައިވަރު. އެކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން އެންމެން ބައިބައިވެގެން، ކުދިކުދިވެގެން، ކުދިކުދި ގަބީލާ ތަކަކަށް ހެދިގެން އުޅެން ފެށީމާ، ވާނެގޮތަކީ އަޅުގަނޑުމެން އެންމެން ހަނގުރާމަކުރާހާ ވާނީ އަބަދު. މިތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަޅުގަނޑުމެންގެ ދަރިންނަށް އާ މުސްތަޤްބަލެއް ހޯދައިދީ، ރަނގަޅަށް ކިޔެވޭނެގޮތާއި، ރަނގަޅަށް ބޭސްކުރެވޭނޭ ގޮތާ، އަރާމުގައި ދިރިއުޅެވޭނެގޮތާ، މިގޮތްގޮތް އަޅުގަނޑުމެންނަށް ހޯދޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްގެން.

އެހެންވީމާ، އިންތިޚާބުގެ ކަންތައްތައް އަންނައިރުގައިވެސް، އިންތިޚާބުގެ ދުވަސްވަރު، ދުނިޔޭގެ ޤައުމުތަކުގައި އޮންނަނީ، ކެމްޕޭނަށްވެސް ވަކި ދުވަސްވަރެއް ކަނޑައެޅިފައި. މިސާލަކަށް، ތިންމަސް ދުވަސް، ނޫނީ ހަތަރުމަސް ދުވަސް. ދެން އެ މުއްދަތުގެ ތެރޭގައި ކެމްޕޭން ކުރާނީ. ދުނިޔެ އުމުރަށް ދުވާލު ހަތަރުދަމު، ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫން. އެހެން ނޫންތޯ. އެހެންވީމާ މަނާވާނެ ކެމްޕޭން ކުރަން ނުކުތުންވެސް، ގިނަ ޤައުމުތަކުގައި، ޑިމޮކްރަސީ އޮންނަ ޤައުމުތަކުގައި ކެމްޕޭން ކުރަން ނުކުމެވޭނީ، ވަކި މުއްދަތެއްގެ ތެރޭގައި. އެ މުއްދަތުގެ ތެރޭގައި ކެމްޕޭން ކުރެވޭނީ. އަނެއްކާ ކެމްޕޭންކުރާއިރުގައި، އެކަމަށް ކުރެވޭ ޚަރަދުތަކާ، މިހުރިހާ އެއްޗެހިވެސް އޮންނަންޖެހޭނެ ވަރަށް ސާދާކޮށް، ވަރަށް ރީތިކޮށް އެނގޭގޮތަށް ހުންނަންޖެހޭނީ. އެހެން ނޫނިއްޔާ ވާނެގޮތަކީ، ޑިމޮކްރަސީވެސް ޑިމޮކްރަސީއަކަށް ނުވާނެ. ދެން މުޅިން އެހެން ގޮތަކަށް ބަދަލުކުރެވި އޭގެތެރެއަށް އެކި ނުފޫޒުތައް ވަދެގެންދާނީ. އެހެންވީމާ، ސިޔާސީ ކަންކަން ކުރާ ވަގުތު ސިޔާސީ ކަންކަން ކުރާނީ. ހުރިހާ ވަގުތު ސިޔާސީ ކަންކަން ކުރަން އުޅެން ހަދައިގެން، ދެން އެއްކަމެއްވެސް އަޅުގަނޑުމެންނަކަށް ނުވާނެ. އެ ނަތީޖާ މިހާރު އަޅުގަނޑުމެންނަށް މިހާރު މި ފެނުނީ. އެހެންވީމާ، އެއާ ދުރަށް އެބަޖެހޭ އަޅުގަނޑުމެން ދާން. އަޅުގަނޑުމެން ސިޔާސީ ކަންކަން ކުރަން. އަޅުގަނޑުމެން ޕާޓީގެ ޖަލްސާ ބާއްވާ ވަގުތުގައި، ނޫނީވިއްޔާ ކެމްޕޭންގެ ދުވަސްވަރުގައި، މިހެން ހުންނަ ކަންތައްތަކުގައި އަޅުގަނޑުމެން ސިޔާސީ ކަންތައް ކުރަންވާނީ. އެހެން ވަގުތުގައި އަޅުގަނޑުމެން އުޅެންޖެހޭނީ އަޅުގަނޑުމެން އެންމެން އެކީގައި. އަޅުގަނޑުމެންގެ ރާއްޖެއާއި އަޅުގަނޑުމެންގެ ރަށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށް.

އެހެންވީމާ، އަޅުގަނޑު ހީކުރަން، ހަމަ ހުރިހާ ބޭފުޅުންވެސް، މިހާރު ދެން ކޮންމެ ފިކުރެއްގައި ތިބި ކަމުގައިވީނަމަވެސް، ކުޑަކޮށް އެކަންކަން މަދުކޮށްލައްވައި، އަޅުގަނޑުމެން ރަށާއިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރަން. އެހެންވީމާ، އެގޮތުން މިހާރު މިރަށުގައިވެސް ފެށޭ މަސައްކަތްތަކުގެ ތެރެއިން ވަރަށްބޮޑު މަސައްކަތެއް ﷲ އިރާދަކުރެއްވީތީ މިއަދު މި ފެށެނީ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ކުންފުންޏެއްގެ ފަރާތުން. އެމް.ޓީ.ސީ.ސީ.ގެ ފަރާތުން މަސައްކަތް މިކުރަނީ. މިއީ ރައްޔިތުންގެ ކުންފުންޏެއް މިއީ. އެހެންވީމާ، އެކަން ދެނެވަޑައިގަންނަވައިގެން، ރައްޔިތުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވައިގެން، އެމް.ޓީ.ސީ.ސީ.އާއެކީ މަސައްކަތް ކުރައްވައިގެން، މިކަން ކާމިޔާބު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެންވެސް މިރަށުގައި ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. އެކަންކަން ކުރުމުގައިވެސް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މިއަދު ވަރަށް ބޮޑަށް އެދެން، ރައްޔިތުންގެ އެހީތެރިކަން ވީހާވެސް ބޮޑަކަށް ދެއްވަން. ނުކުރެވިފައި ހުންނަ ކަންތައްވެސް އެބަހުރި. އެހެން ނަމަވެސް، ރައްޔިތުންގެ އެހީތެރިކަން ލިބުނީމާ، އެކަންކަން ވަރަށް ފަސޭހައިން ކޮށްލެވިދާނެ، އެހެން ނޫންތޯ. އެހެންވީމާ، އެހެންހުރި ބައެއް ކަންކަން އިރާދަކުރެއްވިއްޔާ، މިރަށުގެ ކައުންސިލްގެ ރައީސާއި، ކައުންސިލްގެ ނައިބު ރައީސާއާއި، ކައުންސިލްގެ މެންބަރުންނާ، މިހުރިހާ ބޭފުޅުންގެ ރޭވުމުގެ ދަށުން ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، އެހެންހުރި ބައެއް ކަންކަންވެސް ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ، އެކަންކަމުގައި އަޅުގަނޑު އެހީވެދޭނަމޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑާއި ތިޔަބޭފުޅުންނާއި ރައްޔިތުންނާ، ހުރިހާ އެންމެން ގުޅިގެން އުޅުނީމާ، އަޅުގަނޑަށް ހީވަނީ އެހެންހުރި ހުރިހާ ކަންތައްވެސް ހަމަ އިރާދަކުރެއްވިއްޔާ، ފަހަރަކަށްފަހު ކަމެއް ހަމަ ފުރިހަމަވަމުން ގޮސް، އެކަންކަން ކުރެވޭނެ. އަޅުގަނޑު އެދޭނީ ހަމަ މިރަށަށް ފުރިހަމަ ފާގަތިކަމާއި ތަނަވަސްކަން. ﷲ އިރާދަކުރެއްވިއްޔާ، މިއަތޮޅަށް ވަރަށް ބޮޑެތި ކުރިއެރުން އަންނާނެ މާލަސްތަކެއްނުވެ.

އަޅުގަނޑު މިހާރު މަސައްކަތް ކުރަމުން މިގެންދަނީ، ދެން ބަނދަރު ހަދަންހުރި އެހެން ރަށްރަށްވެސް އެބަހުރި ވަރަށް. ކުނަހަންދޫ ބަނދަރު އަޅުގަނޑުމެން މިއަދު ފަށާގޮތަށް މިހާރު މި އޮތީ. އެކަމަކު މާވަށުގެ ބަނދަރުވެސް ފަށާގޮތަށް އަޅުގަނޑުމެން ވިސްނައިގެން އުޅުނީ. އެހެން ނަމަވެސް، ކަންދިމާވިގޮތުން، އަދި ކޮންޓްރެކްޓްގައި ކުޑަކުޑަ މައްސަލައެއް އެބައޮވޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އެކަން ހަމަޖެހޭނެ. ހަމަޖެހިގެން މާވަށުގެ ބަނދަރުވެސް އިރާދަކުރެއްވިއްޔާ ހަމަ ހެދޭނެ.

ދެން ތިޔަބޭފުޅުން އައްސަވާފައި އޮންނާނީ، ހައްދުންމަތީގެ ފޮނަދޫ ގަމުގައި މިއޮންނަ ދިގުމަގު. އެއީ، އެ މަގު ހެދުމުގެ މަސައްކަތް. އެކަންވެސް އެބަ ކުރިއަށްދޭ. އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިގެން މިއުޅެނީ ޗައިނާއާ. ޗައިނާ ސަރުކާރާ. އެހެންވީމާ، ޗައިނާ ސަރުކާރުން އެ މަގު ހައްދަވައިދެއްވާ ގޮތަށް އޮތީ މިހާރު ނިމިފައި. މިދުވަސްކޮޅު، އަޅުގަނޑު ބޭނުންވި އެންމެބޮޑު އެއް ކަންތައް އެއީ. އަޅުގަނޑަށް އެބަ އެނގޭ، ހައްދުންމަތީގައިކަން، ރާއްޖޭގެ ކުރިއެރުމުގެ މުސްތަޤްބަލުގެ ބޮޑުބައެއް އޮތީ. އެހެންވީމާ، އަޅުގަނޑުމެންގެ ކުރީގައިވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން، ހަމަ އެކަން ދެނެވަޑައިގަންނަވައިގެން، އެއޮތީ ހައްދުންމަތީގައި ވަރަށް ދިގު މަގެއް ހައްދަވާފައި. އޭރު ސަރުކާރުގެ ކަންކަމުގައި ޙަވާލުވެވަޑައިގެން ހުންނެވީ އިލްޔާސް އިބްރާހީމް. އެކަންތައްތަކުގައި ޙަވާލުވެ ހުންނެވީ. އިލްޔާސްގެ ބެއްލެވުމުގެ ދަށުން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ، އެއޮއް ދިގު މަގު ހަދާފައި އެއޮތީ. ދެން ފަހުން އަޅުގަނޑުމެންގެ ކަމެއް އެއަށްވުރެ ރަނގަޅު ކުރުން. އެހެންވީމާ، އެގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ ވާޖިބެއް، އެތާނގައި ތާރުއެޅުން. ތާރުއަޅައި، އެ މަގަކީ އެއީ، މިޒަމާނުގެ ދަތުރުކުރެވޭ ރީތި މަގަކަށް ހެދުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވާނެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، އެކަމާބެހޭ އެގްރީމަންޓްގައި ޗައިނާއާއެކު ސޮއިކުރެވޭނެ ކޮންޓްރެކްޓަރާ އެކީގައި. މިހާރު އެތަން ސަރވޭކޮށް ނިމިފައި އޮތީ. ދެން ކޮންޓްރެކްޓަރާ އެކީގައި ސޮއިކުރުމަށްފަހުގައި، އެމީހުން އަނެއްކާ އަންނާނީ. ދެން އަޅުގަނޑުގެ އުންމީދަކީ، ގާތްގަނޑަކަށް މިއަހަރުގެ ދެން ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި، އެމަސައްކަތް ފެށޭވަރުވާނެކަމަށް.

އާދެ! ދެން މިއަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ފަށާފައި އޮތީ. ބައެއް ބޮޑެތި މަޝްރޫޢުތައް، މިދިޔަ ކުރީގެ ސަރުކާރުންވެސް ފަށްޓަވާފައި ހުރި ކަންތައްތައް އެބަހުރި. އެހެން ނަމަވެސް، އެކަންކަމުގައި އިންވެސްޓްކުރަން ތިބި މީސްމީހުންގެ ޚަބަރެއްނުވެ ލަސްވަމުންދާ ބައެއް ކަންކަން އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑު މި އުންމީދު ކުރަނީ، މިއަތޮޅަށް ބޮޑެތި މަޝްރޫޢުތަކެއް ގެނެވޭތޯ މަސައްކަތްކުރަން. އެކަމުގައި އަޅުގަނޑުމެން ކުރާ މަސައްކަތް، ރައްޔިތުންނާ ގުޅިގެން އަނެއްކާވެސް ރައްޔިތުންގެ ޚިޔާލާ އެކީގައި އެކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ދެން މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑު މަސައްކަތް ކޮށްފައި މިހިރީ، އަޅުގަނޑުމެންނަށް ދިމާވެފައި ހުރި އިޤްތިޞާދީ ބައެއް ދަތިތައް ހުރުމާއެކުވެސް، ބަޖެޓުގެ ތާށިކަން ހުރުމާ އެކުގައިވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ކުރެވޭތޯ ބަލަމުން. އެގޮތުން، އެންމެ ފުރަތަމަ ކަމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ޢިނާޔަތްތަކާ، މިކަންކަން ހަމަޖެއްސުން. އެހެންވީމާ، މިހާރުވެސް ދައުލަތުގެ ބަޖެޓުގެ ވަރަށްބޮޑު ބައެއް ޚަރަދު ކުރަމުން މިގެންދަނީ، ކާބޯތަކެއްޗަށާއި، ޞިއްޙީ ޚިދްމަތަށާއި، ތަޢުލީމަށާއި، މީހުންގެ މުސާރަ ދިނުމަށާއި، މިކަންކަމަށް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންނަށް މިއަހަރު ލިބުނު ބަޖެޓުގެ ތާށިކަން ވަރަށްބޮޑު. އެހެންވީމާ، އެކަންކަން ކުރަމުން މިގެންދަނީ ވަރަށްދަތިއިރު. ކުރަމުންވެސް ބަނދަރު ހެދުންކަހަލަ ކަންކަން، ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންނަށް ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ.

ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތުން، މިހާރު ކުރިމަތިވެފައި ހުރި ދަތިތަކުގެ ސަބަބުން އަޅުގަނޑު ދަންނަވާފައި އޮންނާނީ، ފުރަތަމަ އަޅުގަނޑުމެން ޚަރަދު ކުޑަ ކުރެވޭތޯ ބަލާށޭ ސަރުކާރުން. އެހެންވީމާ، އެގޮތުން މިހާރު އިއްޔެ ކެބިނެޓުން ނިންމަވާފައި އެބައޮތް، ސަރުކާރުގެ އެއްވެސް މީހަކު ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް ނުކުރާށޭ، ހުއްޓާލާށޭ މިހާރު، ޚަރަދުބޮޑުވާނެތީ. ދެން ބޭރަށް ދަތުރުދަންޏާ ދާނީ، ކޮންމެވެސް މީހަކު އެހީވެދިނިއްޔާއޭ. އޭރުން ދެވިދާނެ. އެއަށްވުރެ މާ މުހިންމު ކަންތައް އެބަހުރި ކުރަންވެފައި ހުރި. އެހެންވީމާ، ކޮންމެހެން ސަރުކާރުގެ ޚަރަދުގައި ހަމަ އެއްވެސް ދަތުރެއް ނުކޮށްވޭތޯ އަޅުގަނޑު ބަލާނަން، އާމްދަނީ އިތުރަށް ލިބޭނެގޮތެއް ވަންދެން. އެހެންވީމާ، މިހެންހުރި ބައެއް ކަންތައްތައް އަޅުގަނޑުމެން ކުރަމުން، މިހާރުވެސް ވަރަށްދަތީގައި، ސަރުކާރުގެ ގިނަ މުވައްޒަފުންވެސް އުޅެމުން ގެންދަނީ. އެއީ، އެމީހުންނަށް ލިބެމުންދާ އިތުރުގަޑީގެ ފައިސާވެސް މިހާރު ނުދޭ. ވަރަށްމަދު ތަނެއްގައި މިދެނީ. ތަޢުލީމީ ދާއިރާގައި، ހޮސްޕިޓަލްތަކުގައި، ކުޑަކުދިން ބަލަހައްޓަންޖެހޭ، މުސްކުޅިން ބަލަހައްޓަންޖެހޭ ތަންތާނގައި ދޭންޖެހޭ ފައިސާއެއް މިދެނީ. އެހެންވީމާ، ވަރަށް އިޤްތިޞާދުކޮށްގެން، އަޅުގަނޑުމެން ސަރުކާރުގެ ކަންކަން މިހާރު މި ކުރަމުން މިގެންދަނީ. އެކަން ރައްޔިތުންނަށް އެނގުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ފައިސާ ހުރެގެން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ނުކޮށް ނުތިބޭނަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ހަމަ ވީވަރަކުން ސަރުކާރުގެ ކުންފުނިތަކާ އެކީގައި މަސައްކަތް ކޮށްގެން، ރައްޔިތުންނަށް ކޮށްދޭންޖެހޭ ބޮޑެތި ކަންކަން، ބަނދަރު ހެދުންކަހަލަ ބޮޑެތި ކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނަން، އަޅުގަނޑުމެންނަށްވީވަރަކުން.

ދެން މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އެއީ، މިރަށުގެ ރައްޔިތުންނަށް ލިބޭނެ އުފާ އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ތަރުޙީބަކީ ވަރަށް ހޫނު ތަރުޙީބެއް. ވަރަށް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އަބަދުވެސް އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ހަމަ ފާގަތި މުސްތަޤްބަލެއް. އަރާމާއި އުފަލުގައި ރައްޔިތުންނަށް އުޅެވޭނެގޮތެއްވުން. އެހެންވީމާ، އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވައި، ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، ހަމަޖެހިގެން އުފަލުގައި، ފާގަތިކަމާއެކީގައި އުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________