بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހެލްތް، ރ. އުނގޫފާރުގެ ކައުންސިލްގެ ރައީސް އަދި ރ.އަތޮޅު ކައުންސިލްގެ ރައީސް، އެލިއާ ކޮންސްޓްރަކްޝަންގެ އިސްބޭފުޅުން އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، މިރަށާއި މިއަތޮޅުގެ އެކިއެކި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދު އަޅުގަނޑަށް އިޙްސާސް ކުރެވެނީ ވަރަށްވެސް ފުން އުފަލެއް. އަޅުގަނޑުގެ ހިތަށް އުފާވެރި ޝުޢޫރުތައް އަންނަމުން މިދަނީ. އަޅުގަނޑަށް ފެނިގެން މިދަނީ، މިރަށާއި މިއަތޮޅުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ބިންގާތަކެއް މިއަދު އެޅިގެންދާތަން. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، މި ސަރަޙައްދުގެ ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ ހޮސްޕިޓަލެއްގެ ޢިމާރާތް މިއަދު އެޅުނުކަމަށްޓަކައި އަޅުގަނޑުމެން އެންމެން اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! މިއީ މި ހޮސްޕިޓަލަށް ގާތްގަނޑަކަށް ތިރީހަކަށް އަހަރުވެފައި ވަނިކޮށް، އަލަށް ހޮސްޕިޓަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް މި ފެށެނީ. ދެން މިހާތަނަށްވެސް ދިވެހިން މަސައްކަތްކޮށް އުޅޭގޮތަކީ، އަބަދުވެސް ކުރިން ކޮށްފައި ހުންނަ މަސައްކަތަށްވުރެން ފެންވަރު ރަނގަޅަށް ފަހުން އަންނަ މަސައްކަތް ކުރާގޮތަށް. އަޅުގަނޑުމެން އޮޑިދޯނިފަހަރު ބަނދެއުޅުނީވެސް އެހެން. އަޅުގަނޑުމެން ކުރިން ބަނދެފައި ހުންނަ ދޯންޏަށްވުރެ ފެންވަރު ރަނގަޅު ދޯނި، ފަހުން ބަންނަނީ. ހަމަ މިމޭރުމުން އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނީ، މި އަޅާ އާ ހޮސްޕިޓަލަކީ، ކުރިން ހުރި ހޮސްޕިޓަލަށްވުރެ ރަނގަޅު ފެންވަރެއްގެ، ރަނގަޅު ޚިދުމަތްތަކެއްދޭ، މޮޅު ހޮސްޕިޓަލަކަށްވުން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް. ﷲ އިރާދަކުރެއްވިއްޔާ، މި ހޮސްޕިޓަލް ހިމެނިގެންދާނީ، ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން ހަމަ އެންމެމޮޅު އެއް ހޮސްޕިޓަލަށް.

އާ ހޮސްޕިޓަލް ޑިޒައިން ކުރެވިފައިވަނީ، ތަފާތު ގިނަ ޚިދްމަތްތަކެއް ދެވޭގޮތަށް. އަދި އެކި ޢުމުރުފުރާގެ މީހުންނަށް މި ހޮސްޕިޓަލްގެ ބޭނުންކުރެވޭގޮތަށް. ދުވަސްވީ މީހުންނަށާއި، ނުކުޅެދޭ މީހުންނަށްވެސް ހޮސްޕިޓަލްތެރެއަށް ފަސޭހައިން ވަދެނުކުމެ އުޅެވޭގޮތަށް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ މުސްތަޤްބަލް، ޞިއްޙީގޮތުން ރަނގަޅު ކުރުމަށްޓަކައި މިއަދު މިކުރެވެނީ ވަރަށް މުހިންމު މަސައްކަތެކޭ. އަދި އަޅުގަނޑަށް ޔަޤީން ކުރެވެނީ، މި ހޮސްޕިޓަލްގެ ސަބަބުން މި ސަރަޙައްދުގެ އެންމެންގެ ޞިއްޙަތަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށް.

އަޅުގަނޑު ކުޑަކުޑަކޮށް އެއްޗެއް ދަންނަވާލާނަން، ކިތަންމެ ހޫނުގަދަ ވަގުތެއް ކަމުގައިވީނަމަވެސް. މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، 2008ން ފެށިގެން ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑެތި ލޮޅުންތަކެއްވަނީ އަރާފައި. ތެދެއް، އަޅުގަނޑުވެސް ސަރުކާރުގައި ހުރީމު. އެހެންނަމަވެސް، ޞިއްޙީ ކަންކަން ރާވައި ހިންގުމުގައި، ޞިއްޙީ ދާއިރާގެ ފަންނީ މީހުންގެ ލަފާ މާބޮޑަށް ނުހޯދާ، ޞިއްޙީ ކަންކަން ރޭވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ޞިއްޙީ ދާއިރާއަށްވަނީ ވެފައި. އެގޮތުން ހޮސްޕިޓަލްތައް ހިންގުމާއި އަދި ޚާއްޞަކޮށް، އެކިއެކި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޓިންގ ހެލްތް ކެއަރ ޕްރޮގްރާމް، ޕަބްލިކް ހެލްތް ޕްރޮގްރާމަށް ވަރަށްބޮޑު ދެރަކަމެއް ލިބިފައިވަނީ. އެ ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުވަނީ ވަރަށްބުރަ މަސައްކަތްތައް ކުރެވިފައި. އެހެން ނަމަވެސް، އަދިވެސް މިއުޅެނީ އެކަންކަމުން މުޅިން އަރައިނުގަނެވިގެން. އެތަކެއް ޒަމާން ވަންދެން އަޅުގަނޑުމެން ރާވައި އުފައްދާފައިވާ މުއައްސަސާތަކަށް ބޮޑެތި ލޮޅުންތައް އައުމުން، އެ ލިބޭ ގެއްލުން މިވަނީ ފަސޭހައިން ފޫނުބެއްދޭކަހަލަ ގެއްލުންތަކަކަށް. އެކަމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް މިހާރު މިކުރެވެނީ. އެހެންވީމާ، ސިޔާސީގޮތުން ޤައުމަށް އަންނަ އެކިއެކި ބަދަލުތައް، އޭގެ ސަބަބުން އަޅުގަނޑުމެން ހަދާފައިވާ މުއައްސަސާތަކަށް ކުއްލި ކުއްލިއަށް، ބަދަލުތައް ނުގެނައުމުގެ ފިލާވަޅު އަޅުގަނޑުމެންނަށް މި ދަސްވެގެން މިދިޔައީ. މިއަދު އަޅުގަނޑުމެންނަށް މިޖެހެނީ، ވަރަށްބުރަ މަސައްކަތަކުން މިލިބިފައިވާ ގެއްލުންތަކުން އަރައިގަންނަން.

އާދެ! އޭގެ މިސާލެއް، ރަށްރަށުގައި ތިބި ހެލްތް ވަރކަރުން، އެމީހުން ތިބި ތަންތަނުން ނަގައި، ކައުންސިލުތަކުގެ ދަށަށްބަދަލުކުރުން. އަޅުގަނޑުމެންނަށް އޭރުގައިވެސް އެނގޭ ހަމަ. ކައުންސިލްތަކަކީ އެއީ ޕަބްލިކް ހެލްތް ޕްރޮގްރާމް ހިންގޭފަދަ ތަޖުރިބާއެއް، ފަންނީ ކުޅަދާނަކަމެއް، ހުނަރުވެރިކަމެއް ހުރި ބައެއް ނޫންކަން. އަދި އެންމެ ފުރަތަމަފަހަރަށް ކައުންސިލް އުފެދިގެން އަންނައިރުގައި، ފުރަތަމަ ކައުންސިލުތައް އުފެއްދުމަށްޓަކައި، އެ ކައުންސިލުތައް ހަރުދަނާ ކުރުމަށްޓަކައި ކުރަންހުރި ބައިވަރު މަސައްކަތްތަކެއް ހުއްޓައި، މިބާވަތުގެ ފަންނީ މަސައްކަތެއް ގެނެސް ޙަވާލުކުރުމުން ވާނެގޮތްވެސް އަޅުގަނޑުމެންނަށްވެސް ހަމަ އެނގޭ. އެހެން ނަމަވެސް، އެކަންކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެކަންކަން ކުރުމުގެ ސަބަބުން މިއަދު މިވަނީ ރާއްޖޭގެ ޕަބްލިކް ހެލްތްގެ ނިޒާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. ރާއްޖޭގައި ބަލިމަޑުކަން ފެތުރުނަނުދިނުމަށްޓަކައި، ބަލިތަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އަޅުގަނޑުމެން އުފައްދާފައިވާ މުއައްސަސާ ހީނަރުވުމުގެ ސަބަބުން ކޮންމެވެސްވަރެއްގެ ނޭދެވޭ އަސަރުތަކެއްވަނީ ކޮށްފައި.

އާދެ! ހޮސްޕިޓަލެއް ޢިމާރާތް ކުރުމަކުން އަޅުގަނޑުމެންނަށް އަދި ފުރިހަމަ ޞިއްޙަތެއް ނުލިބޭނެ. ފުރިހަމަ ޞިއްޙަތެއްގައި އަޅުގަނޑުމެންގެ ޢާއިލާތައް ތިބުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކިތަންމެ ކަންތަކެއްތަކެއް އެބަހުރި. އޭގެތެރޭގައި، ކުރިން ދެންނެވިހެން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ވީހާވެސް ހޮސްޕިޓަލަށް ނައިސް، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެވުން، އަޅުގަނޑުމެންގެ ޢަޒުމަކަށް، މަޤްޞަދަކަށްވާންޖެހޭނީ. އެގޮތުން، ރަށުގައި އެކިއެކި ބަލިތައް ފެތުރުނަނުދިނުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުރޭ. އެކަންކަމަކީ ހަމައެކަނި ޞިއްޙީ ދާއިރާގައި އުޅޭ މީހުންވެސް ކުރަންޖެހޭ މަސައްކަތެއް ނޫން. އެއީ މުޅި ރައްޔިތުން، ރައްޔިތުންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އުފެދިފައިވާ ހުރިހާ މުއައްސަސާތަކަކުން ކުރަންޖެހޭ ކަންކަން. އެގޮތުން، ރަށުގައި އެކި ބާވަތް ބާވަތުގެ މަދިރި އުފެދިގެން ގިނަވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. ރަށުގެތެރޭގައި އެކިއެކި ރޯގާތައް ފެތުރުނަނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް. ރަށުތެރެ ހިރަފުސްވެ، ފުއްޕާމޭގެ އެކިއެކި އުނދަގޫތައް ޖެހުނަނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް. މިކަހަލަ ކިތަންމެ ކަންތައްތަކެއް އެބަހުރި، ރަށުގައި ފުރިހަމަ ޞިއްޙަތެއް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން. މިއީ އެކިއެކި މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ ކަންކަން.

ދެން މީގެއިތުރުން، ފަރުދީ ފެންވަރެއްގައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއްވެސް އެބަހުރޭ. އަޅުގަނޑުމެން އެބަ ދެނެގަންނަންޖެހޭ، އަޅުގަނޑުމެންގެ ޞިއްޙަތު ރަނގަޅަށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަންވެސް ވަކިގޮތަކަށް ބައްޓަންކުރަން އެބަޖެހޭ. އެގޮތުން، ވީހާވެސް ހިތްހަމަޖެހޭ ދިރިއުޅުމެއް ފުރަތަމަ އުޅުމަކީ އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ކަމަކާނުލާ އެކަކު އަނެކަކު ކަންބޮޑުވާންޖެހޭކަހަލަ ކަންތައްތައް ނުއުފައްދައި، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަމަޞްލަޙަތު ޤާއިމްވެފައި އޮތުމަކީވެސް އެއީ ޞިއްޙަތަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ހަމައެއާއެކުގައި، މިތާނގައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި ފާހަގަކުރެވިފައިވާ ކަންކަން އެބަހުރި. މިސާލަކަށް، ގަވާއިދުން ކަސްރަތު ކުރުން. މިކަންކަމަކީ މިއީ ފަރުދީ ފެންވަރެއްގައި ކުރަންޖެހޭ ކަންކަން. ހަށިގަނޑަށް ގެއްލުންދޭފަދަ ކަންކަން ނުކުރުން. އޭގެތެރޭގައި، ދުންފަތުގެ އިސްތިޢުމާލު ނުކުރުން. އަދި އެހެނިހެންވެސް ހަށިގަނޑަށް ގެއްލުން ލިބޭކަހަލަ، ޑްރަގްސް ކަހަލަ އެއްޗެހި ބޭނުންނުކުރުން. މިހެންގޮސް ފަރުދީ ފެންވަރެއްގައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރޭ، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި. ހޮސްޕިޓަލެއް ޢިމާރާތް ކުރުމަކުން، މިދެންނެވި ކަންކަމަކުން އަޅުގަނޑުމެންނަކަށް ނެތް ލިބޭނެ ލުޔެއް. އެކަންކަމަށް ލުޔެއް ލިބޭނީ، ހަމަ އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްގެން.

ދެން އަޅުގަނޑުމެންނަށް މިހާރު މި ފެންނަމުންދަނީ، އަޅުގަނޑުމެންގެ އާބާދީގެ ގިނަ ބަޔަކަށް މިހާރު ކުރިމަތިވަމުންދާ ބަލިތަކަކީ އެއީ ކުރިން ދިމާވާކަހަލަ، ގައިންގަޔަށް އަރާކަހަލަ ބަލިތަކެއް ނޫން. މިހާރު ކުރިމަތިވާ ބަލިތަކަކީ، ލޭމަތިވުން، އެކިބާވަތް ބާވަތުގެ ކެންސަރު، ހަކުރު ގިނަވުން، މިހެންގޮސް މިބާވަތުގެ ބަލިތަކެއް މިދިމާވަނީ. މިހުރިހާ ބަލިތަކަކީވެސް މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކެއް. ދުވަސްވީވީހެން މިކަން ބޮޑުވަމުން މިދަނީ. އެހެންވީމާ، ޚާއްޞަކޮށް، ދުވަސްވީ މީހުންނަށް، ޢުމުރުން ދުވަސްވީ މީހުންނަށް މި ބަލިތައް އިތުރުވަމުން މިދަނީ. އޭގެ ނަތީޖާއެއްގެ ގޮތުން، ޞިއްޙީ މަރްކަޒުތަކުގައިވެސް އަދި މި އަލަށް އެޅޭ ހޮސްޕިޓަލްތަކުގައިވެސް ދުވަސްވީ މީހުންނަށް ދިމާވާ މިބާވަތުގެ ބަލިތަކަށް ބޭސްކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން އެބަޖެހޭ. އަދި އެކަމަށްޓަކައި ދައުލަތުގެ ފަރާތުން ކުރަންޖެހޭ ޚަރަދުވެސް މިހާރު މިދަނީ އަހަރަކަށްފަހު އަހަރެއް ބޮޑުވަމުން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މިދެންނެވިކަހަލަ ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ވަރަށްގިނަ ޢަދަދެއްގެ ދިވެހިން އެބަ ދަތުރުކުރޭ. އަދި އެކުރާ ދަތުރުގައި، ވަރަށް ބޮޑެތި ޚަރަދުތައްވެސް ކުރަމުން އެބަގެންދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑިއާއަށްވެސް އެކަނި ގާތްގަނޑަކަށް ފަސްދޮޅަހަކަށްހާސް މީހުން އެބަދޭ. އޭގެތެރެއިން ގިނަ މީހުން މިދަނީ ހަމަ ފަރުވާހޯދަން. އެއިން ކޮންމެ މީހަކީ، މަދުވެގެން ހާހެއްހާ ޑޮލަރު ޚަރަދުކުރާނެ މީހުން. އެހެންވީމާ، ވަރަށްބޮޑު ޚަރަދެއް ކޮށްފައި، ރާއްޖެއިން ބޭރަށް، މިކަންކަމުގެ ޝިފާ ހޯދުމަށްޓަކައި ދާން މިޖެހެނީ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި އެފަދަ ކަންކަމަށް ފަރުވާކުރެވޭނެ ޚިދުމަތްތަކެއް ފުރިހަމަވެގެން ދިޔުން. އަދި އެއަށްވުރެ ބޮޑު އުންމީދަކީ، އެބާވަތުގެ ކަންކަމުން ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރެވި، އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި ސަލާމަތުން ތިބެވުން.

ވީމާ، މި ހޮސްޕިޓަލް އަޅުގަނޑުމެން މިއަދު މި ޢިމާރާތް ކުރަން މި ބިންގާ މި އެޅީ، ވަރަށް ފޮނި އުންމީދުތަކަކާ އެކީގައި. މިދެންނެވިފަދަ ކަންކަމަށް ލުޔެއް ހޯދައިދެވޭފަދަ ތަނަކަށް މި ހޮސްޕިޓަލް ހެދުމަށްޓަކައި. އެހެންވީމާ، މިކަމުގައި މިކަންކަން ރާއްވަވައި، މިހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި އަޅުގަނޑު މިނިސްޓްރީ އޮފް ހެލްތްގެ ހުރިހާ މުވައްޒަފުންނަށް އަދި ޚާއްޞަކޮށް، ހެލްތް މިނިސްޓަރަށް ޑޮކްޓަރ ޖަމްޝީދަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ! މިފަދަ ބޮޑު މަޝްރޫޢެއް ހިންގެވުމަށްޓަކައި ރާއްޖޭގައި ވަރަށް ޤާބިލް، ވަރަށް ފުރިހަމައަށް މަސައްކަތް ކުރައްވާ ފަރާތެއް ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަންގެ ފަރާތުން މިކަމަށް ޙަވާލުވެވަޑައިގެން ދެއްވި ކަމަށްޓަކައި އެލިއާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދު އަދި އެހެން ބިންގަލެއްވެސް އެޅިގެން ހިނގައްޖެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއީ ނުގުޅޭ ދެކަމެއް ނޫން މިކުރެވެނީކީ. މިރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް، ރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިރަށުގައި ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ތަނަކަށް ހެދުން. މިރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުން. އެކަމަށްޓަކައި ކޮންމެ ބަޔަކުވެސް ފުރަތަމަ ކުރަންޖެހޭ ކަމަކީ، އާ ޚިޔާލުތަކެއްވެސް ނެރުން. އެއްވެސް ކަމެއް ނުހިނގާނެ، އިންސާނާގެ ސިކުނޑީގައި އެކަން ފުރަތަމަ ތަޞައްވުރު ނުކުރެވެނީހެއް. އެންމެކުޑަވެގެން އަޅުގަނޑު މިހިރަ ތަން، މި ރީތި ފެންގަނޑާއި މި ސްޓޭޖް، މިވެސް ހެދިފައި މިހިރީ، މި މަރްކަޒުގެ، މި ހޮސްޕިޓަލްގެ އުފެއްދުންތެރި މުވައްޒަފުންގެ ސިކުނޑީގައި މިކަމާބެހޭ ޚިޔާލެއް އުފެދިގެން. ހަމަ އެގޮތަށް މިއަދު މިރަށުގެ ރައްޔިތުން، މިރަށުގެ އިސްކޮށް ތިއްބެވި ވެރިންގެ ސިކުނޑީގައި މިރަށުގެ ތަރައްޤީއާ ދޭތެރޭގައި ވަނީ ތަޞައްވުރެއް ކުރެވިފައި. އޭގެ އެއްކަމަކީ މިރަށުގައި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރުން. އެހެންވެގެން މިއަދު ހެނދުނު އަޅުގަނޑުމެން ޓުއަރިޒަމް ޒޯނެއް ކަނޑައަޅައި، އެ ޒޯން އަޅުގަނޑުމެން މި އިފްތިތާޙުކުރީ. އަޅުގަނޑު އުންމީދު ކުރަން، އެކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާއިރުގައި، އެތަނަކީ އެއީ މި ހޮސްޕިޓަލާ އިންވެގެން އޮތް ބިމެއް. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މިއީ އެއްގޮތަކަށްވެސް އިއްތިފާޤުން ދިމާވެގެން އުޅޭ ކަމެއް ނޫން. މި ހޮސްޕިޓަލާއި އެ ފަތުރުވެރިކަމުގެ ބިމާ މިހާ ކައިރީގައި އޮތުން. އޭގެ ސަބަބުން ނެރެވޭނެ، އާދަޔާ ޚިލާފު ނަތީޖާތަކެއް ހުރެދާނެ ކަމަށް އަޅުގަނޑުމެން ވިސްނަމާ ހިނގާ.
ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ މީހުންވެސް އެބަތިބި. އެމީހުންވެސް ބޭނުން، ހިތްފަސޭހަ މާޙައުލެއްގައި އެމީހުންގެ ދުވަސްތައް ހޭދަކުރަން. އެގޮތުން، އަޅުގަނޑުގެ ހިތަށް ވަންނަނީ، ދެން މިބޭފުޅުން މިކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި ގޮތެއް ނިންމަވާނީ. އަޅުގަނޑުގެ ހިތަށް ވަންނަނީ، މި ހޮސްޕިޓަލާ ގުޅިގެން ހެދޭ ތަނަކީ އެއީ މެޑިކަލް ޓުއަރިޒަމް ހިންގާ ތަނެއް ކަމުގައި ހެއްދެވިއްޔާ ކިހިނެއްތޯއޭ ވާނީ. ފަރުވާއަށް ބޭނުންވާ މީސްމީހުން އައިސް ތިބޭ، ބޭރު ޤައުމުތަކުން އަންނަ މީސްމީހުން އައިސްތިބޭ، މިޒަމާނުގެ ފެންވަރު ރަނގަޅު ރިޒޯޓެއް ކަމަށް ތިޔަބޭފުޅުން ހެއްދެވުން ކީއްތޯއޭވާނީ. އޭރުން މި ހޮސްޕިޓަލަށް އޭގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި ހަމައެހެން، މިރަށަށް ވަރަށްބޮޑު އާމްދަނީއެއްވެސް ލިބިގެންދާނެ. އަޅުގަނޑު އެދެން، ތިޔަބޭފުޅުން އެކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން. ދެން އެކަމުގައި ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުން ވެދެވެންހުރި ހުރިހާ އެހީތަކެއް އަޅުގަނޑުމެން އަރުވާނަން. އެކަމަށްޓަކައި އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާ އެހީތެރިކަމެއް ވެދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މި މުނާސަބަތުގައި ދުނިޔޭގެ ޞިއްޙީ ދުވަހާ ގުޅޭގޮތުން ފާހަގަކުރަމުން މިގެންދާ އުފާވެރިކަމުގެ ތެރޭގައި، އަޅުގަނޑުވެސް ދިވެހިރާއްޖޭގައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަންނީ ބޭފުޅުންނަށް އަދި އެހެނިހެންވެސް މުވައްޒަފުންނަށް އަޅުގަނޑު މުބާރަކްބާދު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ދެނެގަނެ، އެކަމަށްޓަކައި ޝުކުރުވެރިވާ ވާހަކަ ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް، މިހާރަށްވުރެވެސް ފޯރިއާ އެކީގައި، މިހާރަށްވުރެވެސް ރަނގަޅަށް ކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރެއްވުން. އަޅުގަނޑަށް އެނގޭ، އެކިއެކި ދަތިތައް ހުންނަކަން. އެހެން ނަމަވެސް، އެ ދަތިތައް ހުއްޓައި، އަޅުގަނޑުމެންނަށް ކަންކަން މިކުރެވެނީ. އެހެންވީމާ، ހަމަ ކުރިއަށްވުރެވެސް ބޮޑު ހިތްވަރަކާ އެކީގައި ޞިއްޙީ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ޞިއްޙީ ދާއިރާގެ ބޭފުޅުން މަސައްކަތް ކޮށްދެއްވުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ކަންކަން، އަދަށްވުރެ ފުރިހަމަ ގޮތަކަށް މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ، ރަނގަޅު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ބައެއް ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން އެކިއެކި ބަލިތައް ފިލުއްވައި، ދިވެހިރާއްޖެއަކީ އަމާން ހެޔޮ ދިރިއުޅުމެއް އުޅެވޭ މާޙައުލަކަށް އަބަދުވެސް ހައްދަވައި، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް ރަޙްމަތް ލެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________