بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރަސްގެތީމުގެ ލޮބުވެތި ރައްޔިތުން އަދި ރަސްގެތީމުގެ ކައުންސިލުގެ ރައީސާއި، މިއަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަދި އަޅުގަނޑާ އެކީގައި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުވެސް ފުރަތަމަ އަވަސްވެގަންނާނީ، ރަސްގެތީމަށް އަޅުގަނޑުމެން އައުމާ އެކީގައި، މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވަނީ ވިދާޅުވެފައި. އެހެންވީމާ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ރަސްގެތީމަށް އާދެވުމަކީ، އަޅުގަނޑަށް ލިބިގެންދާ ވަރަށްވެސް ޚާއްޞަ އުފަލެއް. ސަބަބަކީ މިރަށަކީ ވަރަށް ތާރީޚީ، ދިވެހިރާއްޖޭގެ ރަސްކަން ކޮށްފައިވާ ވަރަށް މުހިންމު ރަށަކަށްވާތީ. އަދި ހަމައެހެން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން އަދި މި ފުރަތަމަފަހަރަށް މިރަށަށް މިއާދެވުނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، އަޅުގަނޑަށް މި ނަޞީބު ލިބުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! މިރަށަށް އައުމުގެ ކުރިން އަޅުގަނޑު މިރަށުގެ ޙާލަތު ހުރި ނެތްގޮތާ ބެހޭގޮތުން ކުޑަކޮށް ބަލައިލިން. އަޅުގަނޑަށް އެނގުނު ގޮތުގައި، މިރަށުގައިވެސް ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. މިރަށަކީ މިހާ ޚާއްޞަ ރަށަކަށްވެފައި، މިރަށަކީ ކޮއިމަލާފަދަ މި ރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން އެންމެ މަޝްހޫރު އެއް ރަސްކަލަކު ރަސްކަން ކުރެއްވި [ރަސްކަމުގެ ރަށް] މިނަމުގައި ނަން ދެވިފައިވާ ރަށަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއްވާންޖެހޭނެ. އެކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށަށް އިތުރު ސަމާލުކަމެއްދީގެން، ކުރިއަށް އޮތް ތާނގައި މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އެގޮތުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު މިހާރު މި އުންމީދު ކުރަނީ، މިއަހަރު މިރަށުގައި މިސްކިތެއް ޢިމާރާތް ކުރުމަށް. އިރާދަކުރެއްވިއްޔާ، އެމަސައްކަތް ދާދި އަވަހަށް ފެށޭނެ.

އާދެ! ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ތަޢުލީމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މިހާރު ދެ ކްލާސްރޫމެއްގެ މަސައްކަތްކޮށް، ނިމުމަކާ ގާތަށް އެބައާދޭ. އެހެންވީމާ، އޭގެ ސަބަބުން މިރަށުގެ ކިޔެވުމުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން މީގެއިތުރުން، އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިރަށުގެ ބަނދަރުވަނީ ވަރަށް ބޮޑަށް ތިލަވެފައި. އެހެންވީމާ، ބަނދަރަށް ވަދެނިކުމެ އުޅުމަކީވެސް އުނދަގޫ ކަމަކަށްވެފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު އެކަމާ ބެހޭގޮތުން ބަލައިލީމާ، އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވަނީ، މި ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި، އެކަން ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މިރަށަށް އައިސް، ތަން ފުންކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް.

އާދެ! މިއީ ދެން މިވަގުތުން މިވަގުތަށް ކުރެވޭނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ކަންކަން. ދެން މިކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑަށް އެނގޭ، މިއަށްވުރެ މާ ގިނަ ކަންތައްތައް މިރަށަށް ކޮށްދޭން އެބަޖެހޭކަން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އެކަންކަންވެސްވާނެ. މަޑުމަޑުން އެކަންކަން ކުރަމުން ގޮސް، މިރަށުގެ ރައްޔިތުންނަށް ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެ ގޮތްތަކެއް ސަރުކާރުގެ ފަރާތުންވެސް ފަހިކޮށްދެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ހަމަ އެހެން، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގެ ގިނަ ޒުވާނުންނަކީ، ރަށުން ބޭރުގައި މަސައްކަތް ކުރަން އުޅޭ ބައެއް. އެކިއެކި ކަންކަމުގައި. މަހަށްދިޔުމަށް ނަމަވެސް، ނޫނީވިއްޔާ، ފަތުރުވެރިކަމުގެ ދާއިރާގައި ނަމަވެސް، އެކިކަންކަމުގައި ރަށުން ބޭރުގައި މަސައްކަތް ކުރަމުންދަނީ. އަނެއްކާ މިރަށުގެ އާބާދީގެ ބޮޑުބައެއް މިހާރު ރަށުން ބޭރުގައި ދިރުއުޅެމުންވެސް އެބަގެންދޭ، އެކިއެކި ސަބަބުތަކާހުރެ. އެހެންވީމާ، އާބާދީއަކީ ގާތްގަނޑަކަށް ނުވަސަތޭކަ ފަންސާސްވަރުވީ ކަމުގައިވިނަމަވެސް، ރަށުގައި މި ދިރިއުޅެނީ، ގާތްގަނޑަކަށް އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަތަންކޮޅެއް ގިނައިން. އެހެންވީމާ، އެއިން ދޭހަވަނީ މިރަށުގައި ގިނަ ޒުވާނުން މިއުޅެނީ ބޭރުގައިކަން. އެހެންވީމާ، ރަށުގައި ދެން ތިބޭނީ ގިނައިން އަންހެނުންނާއި، ކުޑަކުދިންނާއި، ދުވަސްވީ މީހުންނާ. އެއީކީ ރަށެއްގެ ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި އަދި އެކަން އޮންނަންޖެހޭ ގޮތެއް ނޫން.

އަޅުގަނޑަށް އެނގޭ، މިރަށް ނޫނަސް، ރާއްޖޭގައި އެބަހުރި މިބާވަތުގެ ކިތަންމެ ރަށެއް. ވަޒީފާ ހޯދުމަށްޓަކައި ދުރު ތަންތަނަށް ގޮސް މަސައްކަތް ކުރަންޖެހޭ ރަށްރަށް. ޚާއްޞަކޮށް، މިއަތޮޅުގައި އެ ދަތިތައް އެބައޮތް. ސަބަބަކީ މިއަތޮޅުގައި އަދިވެސް ރިޒޯޓެއް ނެތީމަ. އެކަމަކު މިއަތޮޅުގެ ކިތަންމެ ބައިވަރު ރީތި ރަށްރަށް އެބަހުރި. މިހުރިހާ ރަށްރަށް މިހިރީ، އެކިއެކި މުހިންމު ބޭފުޅުން، އެކިއެކި ބޭނުމަށް ނަންގަވާފައި. ނަންގަވައިގެން އެތަން ހިއްޕަވައިގެން މިތިއްބަވަނީ އެތަކެއް އަހަރުވަންދެން. އެކަމަކު އެތަންތަން އެގޮތަށް ހިފެހެއްޓިފައި ހުރީމަކާ، މިރަށުގެ ރައްޔިތުންނަކަށް، މިއަތޮޅުގެ ރައްޔިތުންނަކަށް އޭގެ ސަބަބުން މާބޮޑު ފައިދާއެއް ނުކުރޭ. އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ މިހާރު މިތަންތަން ބޭނުންކުރެވޭނެ ގޮތެއް ހަދަން. އެއީ ހަމައެކަނި ސަރުކާރުގެވެސް ޒިންމާއެއް ކަމަށް ބަލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޤައުމުގައި ތިއްބެވި އިސް އެކިއެކި ބޭފުޅުން، ވިޔަފާރިވެރިންނާއި، ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ، މިބޭފުޅުންވެސް އެބަޖެހޭ ވިސްނާވަޑައިގަންނަވަން. މިއަތޮޅަކީވެސް މިއީ ވަޒީފާގެ ގޮތުންވެސް ތަނަވަސްކޮށްދޭންޖެހޭ އަތޮޅެއް. އެހެންވީމާ، މިއަތޮޅުގައި ހުރި ރީތި ރަށްތައް، އޭގެތެރެއިން ބައެއް ބޭފުޅުން ހިފަހައްޓަވައިގެން ތިއްބެވުމަކީ، އެއީ އެހާ ރަނގަޅު ކަމެއް. ނޫން. މި ހަމަ މިއަތޮޅުގެ ވާހަކައެއް ނޫން ހަމައެކަނި މި ދައްކަނީކީ. އަދި އެހެން އަތޮޅުތަކުގައިވެސް، ހދ. އަތޮޅުވެސް އޮތީ ހަމަ އެހެން. ހަމަ ބޮޑެތި ރަށްރަށް، ރީތި ރަށްރަށް ހަމަ އެގޮތަށް ބައެއް ފަރާތްތަކުން ނަންގަވައިގެން ހިފަހައްޓަވައިގެން ތިއްބަވަނީ. މިއަށް އެބަޖެހޭ އަޅުގަނޑުމެން ބަދަލެއްގެންނަން. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ، ވީހާވެސް އަވަހަކަށް މިއަތޮޅުގައިވެސް ފަތުރުވެރިކަމަށް ރަށްތަކެއް ކަނޑައަޅައި، އެ ރަށްތައް ބޭނުންކުރެވޭނެ ގޮތެއް ހަދަން. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކޮށްދޭނަން ތިޔަބޭފުޅުންނާއެކީގައި، މިއަތޮޅަށް ފަތުރުވެރިކަން ގެނެސްދެވޭތޯ.

ކޮންމެއަކަސް މިވާހަކަ މިހެން ދައްކާއިރުގައި، އަޅުގަނޑުމެން މިއަދު ހަނދާންކޮށްލަންޖެހޭ ކަމެއް އެބައޮވޭ. ދިވެހިރާއްޖޭގެ މިހާރު ގިނަ ރައްޔިތުން މި ދިރިއުޅެނީ ފަތުރުވެރިކަމާ ގުޅިގެން ހިނގާ އެކިއެކި ކަންކަމުގައި. އަޅުގަނޑުމެންގެ އެތަކެއްހާސް ޒުވާނުން މަސައްކަތް ކުރަމުން މިހާރު އެބަގެންދޭ ފަތުރުވެރިކަމުގެ ދާއިރާގައި، އެކިއެކި ރިޒޯޓުތަކުގައި. އަދި އެރިޒޯޓުތަކުން އަޅުގަނޑުމެން ނަގާ ޓެކްސް ބޭނުންކޮށްގެން، މިކުރަންޖެހޭ އެކިއެކި ޚަރަދުތައް އަޅުގަނޑުމެންނަށް މިކުރެވެނީ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މި ޚަރަދުކުރަނީ، މުވައްޒަފުންގެ މުސާރައަށާއި، ރައްޔިތުންނަށް ދޭންޖެހޭ އެކިއެކި ޢިނާޔަތްތައް ދިނުމަށް. އެގޮތުން ކުރާ ޚަރަދުތަކުގެ ތެރޭގައި، ކާބޯތަކެއްޗަށް ސަބްސިޑީ ދިނުމާއި، ކަރަންޓަށް ސަބްސިޑީ ދިނުމާއި، ޞިއްޙަތަށް ސަބްސިޑީ ދިނުމާ އާސަންދައިގެ ތެރެއިން، ތަޢުލީމަށް ސަބްސިޑީ ދިނުމާ، އޭގެތެރޭގައި ފޮތް ފަންސޫރާއި އަދި އިމްތިޙާންތަކުގެ ފީ ދެއްކުމާއި، ދުވަސްވީ ބޭފުޅުންނަށް ޢިނާޔަތް ދިނުމާ، މިހެން މިހެން މިހެން މިހެން ގޮސް އެބަހުރި، ވަރަށްގިނަ ޚަރަދުތައް، ދައުލަތުގެ ފަރާތުން ކުރަންޖެހޭ. ވީމާ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް، އަޅުގަނޑުމެން މިބޭނުންކުރަނީ، ރައްޔިތުންގެ ފަސޭހައަށްޓަކައި، ރައްޔިތުންނަށްޓަކައި. މި އާމްދަނީ ކުޑަވެގެންދިޔުމުން، އެންމެ ފުރަތަމަ އަސަރުކުރާނީ ނިކަމެތި ރައްޔިތުންނަށް. މި އާމްދަނީ ކެނޑިގެން ދިޔުމުން، އެންމެ ފުރަތަމަ މި އަސަރުކުރަނީ ނިކަމެތި މުސްކުޅިންނަށް، އެކަނިވެރި މައިންނަށް، ނުކުޅެދޭ މީހުންނަށް، ކަރަންޓުގެ ތެލަށް، ބޭސްކުރުމަށް، މިހެންހުރި ކަންކަމަށް.

އެހެން ނަމަވެސް ވިސްނާވަޑައިގަންނަވާ، އާމްދަނީ އެންމެ ބޮޑަށް ލިބޭ ކަމަކީ ފަތުރުވެރިކަމަށްވެފައި އޮއްވައި، ފަތުރުވެރިކަން ހުއްޓާލުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަގެންދޭ. މިއީ ކިހިނެއް ވިސްނާ ވިސްނުމެއް ކަމެއް، އަޅުގަނޑުގެ ސިކުނޑިއަށް ހަމަ އެއްގޮތަކަށްވެސް ނުވަދޭ. ވިސްނާވަޑައިގަންނަވާ، ދައުލަތުގެ ބަޖެޓަށް މިއަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައި މިއޮތީ، ގާތްގަނޑަކަށް ތޭރަވަރަކަށް ބިލިއަން ރުފިޔާ، އާމްދަނީގެ ގޮތުގައި. އޭގެތެރެއިން ގާތްގަނޑަކަށް 4.4 އެއީ ގާތްގަނޑަކަށް އޭގެ ތިންބައިކުޅަ އެއްބައި، ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި އެއީ. މި ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން. މިހެން މިކަން އޮއްވާ، ބަޔަކު ހަމަ އަޅުގަނޑުމެންގެ ތެރެއިން، އަޅުގަނޑުމެން ވަރަށް ލޯބިވާ ބަޔަކު، ހަމަ އަޅުގަނޑުމެންގެ ޢާއިލާގެތެރޭގައި އުޅޭ މީހުން ނިކުމެފައި، ހަމަ އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުން ނިކުމެ މި ބުނަނީ އޭ ޓުއަރިޒަމް ހުއްޓާލާށޭ، ފަތުރުވެރިކަން ހުއްޓާލާށޭ. އެއްގޮތަކަށްވެސް ރާއްޖެއަށް ފަތުރުވެރިން އަޔަދީގެންނުވާނެއޭ. މިއީ ކޮންކަހަލަ ވިސްނުމެއްތޯ. މިއިން އަސަރުކުރާނީ ކާކަށްތޯ. ހަމަގައިމުވެސް އަޅުގަނޑަކަށް އެއަކުން އަސަރެއް ނުކުރާނެ. މިއިން އަސަރުކުރާނީ ހަމަ ނިކަމެތި ރައްޔިތުންނަށް. އެކަމަކު ބައްލަވާ، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ، ރާއްޖެ ބަދުނާމުކޮށް، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަތުރުވެރިން އައުމަށް ހުރަސްއަޅަމުން. އެމީހުން ނައުމަށް ގޮވާލަމުންދަނީ. އެކަމަކުވެސް ހަމަ މިދެންނެވި ބޭފުޅުން، ހަމަ މިދެންނެވި ބޭފުޅާ އެބަ ވަޑައިގަންނަވާ، ތިޔަބޭފުޅުންގެ ކުރިފުޅުމައްޗަށް. ހަމަ އަޅުގަނޑު މިއަދު މިތަނުން ފުރައިގެންދާއިރަށް، އަނެއްކާ މާދަމާކަންނޭނގެ މިތަނަށް އެހެން ބޭފުޅަކު ވަޑައިގަންނަވާނީ. އެބޭފުޅަކު ވިދާޅުވަނީ ތިޔަބޭފުޅުންގެ އަރިހުގައި، ތިމަންނަވެސް ތިޔަބޭފުޅުންދެކެ ވަރަށް ލޯބިވެޔޭ. ތިމަންނަވެސް މިއުޅެނީ ތިޔަބޭފުޅުންނަށް ކަންތައްކޮށްދޭށޭ. އެކަމަކު އަނެއްކޮޅުން މިކުރައްވާ ކަމަކީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވާލުން. މި ދެކޮޅުޖެހޭނެ ގޮތެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ.

ބައްލަވާ މިހާރު، ރާއްޖެ ބަދުނާމުކޮށްފައި، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅިގެން ޕެޓިޝަނެއް ހަދަމުން ގެންދަނީ. ދެން ޕެޓިޝަނަކީ ކޯއްޗެއްކަން މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ބަޔަކު ކަމެއް ބޭނުންވީމާ، ނޫނީ ކަމެއް ކުރަން ބޭނުންނުވީމާ، މީހުންގެ ސޮއި ނަގަނީ އެހެން ނޫންތޯ. އެގޮތަށް ރާއްޖެއިން ބޭރުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ސޮއި ނަގަނީ. ދެމިލިއަނަށްވުރެ ގިނަ މީހުންގެ ސޮއި ނަގައިފި. ރާއްޖެ ނާންނާށޭ، ރާއްޖެއަކީ ކުޑަކުދިންނާ ދޭތެރޭގައި އިހާނެތިކޮށް ކަންތައްކުރާ ތަނެކޭ. އިންސާނީ ޙައްޤުތަކެއް ނެތް ތަނެކޭ. އެހެންވީމާ، އެއްގޮތަކަށްވެސް ރާއްޖެއަށް ފަތުރުވެރިން ނާންނާށޭ. މިހެން އެބަ ބުނޭ. ބުނާއިރުގައި އަޅުގަނޑު ހިތަށްއަރާ، މިކަން މިކުރާ މީހުންނަށް އެބަ އެނގޭބާވައޭ، މިމީހުން މިކުރަނީ ކޮންކަމެއްކަން. އަޅުގަނޑަށް ހަމަ ޔަޤީނުންވެސް އެނގޭ، ތިޔައިން އެއްވެސް ބޭފުޅަކު އެބާވަތުގެ ކަމެއް ނުކުރައްވާނެކަން. އެހެން ނަމަވެސް، އެކަން ކުރާ މީހުންނަށް ތާއީދުކޮށްގެން އުޅޭ ބަޔަކު ހަމަ މިރަށުގައިވެސް އުޅެފާނެ. އަދި ރާއްޖޭގެ ހަމަ ގިނަ ރަށްރަށުގައިވެސް އެބައުޅޭ. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ކަންކަމާ ދޭތެރޭގައި ތަންކޮޅެއް ފުންކޮށް، ފުން ނަޒަރަކުން ވިސްނާލަން. ވިސްނާލައި، އަޅުގަނޑުމެންގެ ކަންކަން ޙަޤީޤަތުގައިވެސް އިޞްލާޙު ކުރަން މަސައްކަތް ކުރަނީ ކޮންބައެއްތޯ، ކަންކަން އިޞްލާޙުވިޔަނުދޭން މަސައްކަތް ކުރަނީ ކޮންބައެއްތޯ، އަޅުގަނޑުމެން އަމިއްލައަށް އެބަ ދެނެގަންނަންޖެހޭ. އަދި ހެޔޮ ވިސްނުމުގައި އަޅުގަނޑުމެންނަށް ހެޔޮގޮތްތައް ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކަށް ތިޔަބޭފުޅުންގެވެސް ތާއީދު ދެއްވައި އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކަންކަމަށް ތާއީދުކުރާ މީސްމީހުންނަށްވެސް ހެޔޮ ނަޞޭޙަތް ދެއްވުން އެއީ، މިއަދު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް.

ކުރިއަށް އޮތް ދުވަސްތަކުގައި ތިޔަބޭފުޅުންގެ އަރިހަށް ވަރަށްގިނަ ބޭފުޅުން ވަޑައިގަންނަވާނެ. ތިމަންނަ މިވެނިކަމެއް ކޮށްދޭނަމޭ، އެވެނިކަމެއް ކޮށްދޭނަމޭ ވިދާޅުވާނެ. ވިދާޅުވާއިރުގައިވެސް އަޅުގަނޑުމެން ޖެހޭނެ ވިސްނަން، މިއީ ހަމަ ކުރެވޭވަރުގެ ކަންތައްބާވައޭ. އަޅުގަނޑަށް މިއަދު ތިޔަބޭފުޅުންނަށް ދެންނެވިދާނެ، މާދަމާ މިރަށުގައި ނަރުދަމާވެސް އަޅާނަމޭ. ތިޔަބޭފުޅުން ވަރަށް އުފާފުޅުވާނެ. އެކަމަކު އަޅުގަނޑަށް އެނގޭ، އެކަމެއް އަދި މިއަހަރަކު އަޅުގަނޑަކަށް ނުވާނެކަން. އެހެންވީމާ، އެވާހަކަ އަޅުގަނޑު ނުދެންނެވީ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ކަމެއްކަން އެއީ. ﷲ އިރާދަކުރެއްވިއްޔާ، އެކަންވެސްވާނެ. އަޅުގަނޑުމެންނަށް ޞުލްޙަވެރިކަމާއި، އަމާންކަމާއެކީގައި މި ޤައުމާއިގެން ކުރިއަށްދެވެންޖެހޭނެ. ﷲ އިރާދަކުރެއްވިއްޔާ، ހަމަ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، އެކަންވެސް ހަމަވާނެ.

އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކޮށް ދަންނަވަން، މިޤައުމުގެ ތެރޭގައިވެސް ހަމަ ތިބެދާނެ، ހެޔޮނުވިސްނޭތީ ނޫނީވިއްޔާ ހަމަ ލާނެތްކަމުން، ކަންކަމަށް ހުރަސްއަޅަން ބޭނުންވާ މީހުން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުވާން. އެކަންތައްވިޔަނުދީ މަސައްކަތް ކުރަން. ފަތުރުވެރިކަން ހުއްޓުވުމަށްޓަކައި މިދެންނެވިހެން، މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގައި ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ. އެހެން ނަމަވެސް، ދައުލަތުގެ ފަރާތުންވެސް ހަމަ މިދަނީ މަސައްކަތް ކުރަމުން، އެކަންކަން އެގޮތަށްވިޔަނުދިނުމަށްޓަކައި. އެހެންވީމާ، އެގޮތުން ފަތުރުވެރިކަމާބެހޭ އެކިއެކި މަޢުރަޒުތަކާއި، ފެއަރތަކަށް ސަރުކާރުގެ ފަރާތުން މީހުން ފޮނުވައި، އެތަންތާނގައި ރާއްޖޭގެ ރީތިކަމާއި، ރާއްޖޭގެ ރައްޔިތުންގެ ހިތްހެޔޮކަމާއި، މިތަނަކީ ކިހާ ރީތި ތަނެއްކަމާއި، އުފާވެރި ތަނެއްކަމާ، އޮޅުންފިލުވައިދީގެން ފަތުރުވެރިން ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު ﷲ އިރާދަކުރެއްވިއްޔާ، މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ. އަދި މިދިޔަ އަހަރު، އޭގެ ކުރީ އަހަރަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއައި. އަދި ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީވެސް ދަނީ އިރާދަކުރެއްވީތީ، ހަމަ ކޮންމެ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން.

އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް، ﷲ އިރާދަކުރެއްވިއްޔާ، ހަމަ މިއަތޮޅުގައިވެސް ދެން އެންމެ އަވަހަށް ފަތުރުވެރިކަން ފެތުރިގެންދާ އަތޮޅަކަށް މިއަތޮޅު ހިމެނިގެންދާނެ. އެގޮތުން، ދުނިޔޭގެ ވަރަށް ބޮޑެތި މުއްސަނދި އިސް ބޭފުޅުން، ޤައުމުތަކުގެ ވެރިން މިތަންތަނަށް އެބަ ވަޑައިގަންނަވާ. ވަޑައިގެން އެބަ ބައްލަވާ. ދާދިފަހުން މިއަތޮޅަށްވެސް ވަޑައިގެން ބައްލަވައިފި. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މާލަސްތަކެއްނުވެ އެ ނަޞީބުވެސް އަޅުގަނޑުމެންނަށް ލިބެމުންދާނެ ކަމަށް. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދަރިންނަށް، މާދުރަށް ނުގޮސް، ރަށާ ކައިރީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ.

އަޅުގަނޑު އެދެން ވަރަށް ބޮޑަށް، ތިޔަ ހުރިހާ ބޭފުޅުންވެސް، ތިޔަބޭފުޅުންގެ ޚާއްޞަކޮށް، ޢާއިލާގެ ތެރޭގައި ނަޞޭޙަތްތެރިވެވަޑައިގެން، އަޅުގަނޑުމެންގެ ދަރިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، އެކުދިންނަކީ އެއީ ޤައުމުދެކެ ލޯބިވާ، ޢާއިލާދެކެ ލޯބިވާ، ޞުލްޙަވެރި އެކުވެރި ބައެއް ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް. ޢާއިލާގެ ތެރޭގައި ދެބަސްވާ ވަގުތުވެސް އިތުރަށް ހަމަނުޖެހުން އުފެދުނަނުދީ، އެކުވެރިކަން ބަދަހިކުރެވޭތޯ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

މިތާ މިއަދު ވަޑައިގެން ތިޔަ ތިއްބެވީ، މިރަށުގެ ކަމުވޮށިވެގެންވާ އިސް ވަރަށްގިނަ ބޭފުޅުން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންކަން މިރަށް މިހާ ހިސާބަށްވެސް ޞުލްޙަވެރިކަމާއެކީ ގެންނެވީ. އެހެންވީމާ، މުސްތަޤްބަލުގައި ދެން އޮތް ތާނގައިވެސް މިރަށުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި އޮތީ، ތިޔަބޭފުޅުން މަސައްކަތް ކުރައްވައިގެން. ތިޔަބޭފުޅުންގެ ޢާއިލާގެ ތެރޭގައި، ތިޔަބޭފުޅުން ދޭދޭ ޢާއިލާގެ ތެރޭގައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން އިތުރުކުރައްވައިގެން. އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުތަކުގެ މަތީގައި ފުރިހަމައަށް ފައިތިލަ ސާބިތުކޮށްގެން ތިބި، ދިވެހި ޤައުމުދެކެ ލޯބިވާ ބައެއް ކަމުގައި އަޅުގަނޑުމެންވެގެން.

އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް، ކުދިން އެންމެ ތުއްތުއިރުއްސުރެ އެގޮތަށް ތަރުބިއްޔަތު ކޮށްދެއްވުމަކީ، އެއީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން މި ޤައުމު ދޫކޮށްލާނީ، އަޅުގަނޑުމެންގެ ދަރިންގެ އަތްމައްޗަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު ގެނެސްދިންގޮތަށް، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިންގެ އަތްމައްޗަށް މި ޤައުމު ދޫކޮށްފައި ދާން. އޭރު އަޅުގަނޑުމެން މި ދޫކޮށްލާ ރަށަކީވެސް، އަޅުގަނޑުމެންގެ ޤައުމަކީވެސް މިހާރަށްވުރެ ރަނގަޅު، މިހާރަށްވުރެ އެކުވެރި، ފާގަތި ތަނެއް ކަމުގައި އަޅުގަނޑުމެން އެބަ ހަދަންޖެހޭ. މި ޤައުމަކީ އަޅުގަނޑުމެންގެ އަމާނާތެއް. މި ޤައުމު މިއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދީފައިވާ އަމާނާތެއް. މި އަމާނާތް އަޅުގަނޑުމެންގެ ދަރިންނަށް ރައްދުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ޖެހޭނީ އެމަސައްކަތް ކުރުވަން.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުގެ ވާހަކަކޮޅު އަޑުއައްސަވާލައްވަން ވަޑައިގަތީތީ އަދި އަޅުގަނޑުމެންނަށް މިހާ ހޫނު މަރްޙަބާއެއް ތިޔަ ހުރިހާ ބޭފުޅުން ވިދާޅުވީތީ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، ފާގަތިކަމާއި އުފާވެރިކަމުގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________