بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރ. އަތޮޅުގެ ޤުރްއާން މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުން، ރ.އަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޖަޢުފަރު ދާއޫދު، ދުވާފަރު ރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝުކުރީ، ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޒުބައިރު، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ބެލެނިވެރިންނާއި، އެކުދިންނަށް އިރުޝާދު ދެއްވި އެކިއެކި މުދައްރިސުންނާއި، އޮފިޝަލުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިފަދަ ފުރިހަމަ މުބާރާތެއް، މިހާ ފުޅާ ދާއިރާއެއްގައި ރާއްވަވައިގެން ހިންގަވައިދެއްވި ކަމަށްޓަކައި، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މިރަށުގެ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް، ދުވާފަރުގެ ކައުންސިލްގެ އެކިއެކި ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދެންނެވުން. އާދެ! ތިންސަތޭކައެއްހާ ކުދިންނާއި، އެކުދިންގެ ބެލެނިވެރިންނާއި އޮފިޝަލުން ގެނެސްގެން، މިވަރުގެ ބޮޑުކަމެއް ރާވައި ހިންގުމަކީ، އެއްގޮތަކަށްވެސް ކުޑަކަމެއް ނޫން. މިއިން ދޭހަވަނީ، ދުވާފަރުގެ ރައްޔިތުންނަކީ، ވަރަށް ދީލަތި އަދި ވަރަށް ކަމޭހިތާ ރައްޔިތެއްކަން. މިއިން ދޭހަވަނީ، އިސްލާމީ ކަންކަމުގައި، ދީނީ ކަންކަމުގައި މިރަށުގެ ރައްޔިތުންނަކީ ވަރަށް ލޯބިކުރާ، ވަރަށް އިޙްތިރާމްކުރާ، ޤަދަރުކުރާ ބައެއްކަން. އެކަމަށްޓަކައިވެސް އަޅުގަނޑު މިރަށުގެ ހުރިހާ ރައްޔިތުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، މި މުބާރާތުގެ އެކިއެކި ވަނަތައް ހޯއްދެވި އެކިއެކި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު ދެންނެވުން. ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަކީ، ވަރަށްބުރަ މަސައްކަތެއްކަން އަޅުގަނޑު ގަބޫލުކުރަން. އަދި މިކަމުގައި ވޭތުވެދިޔަ ތިންދުވަހު ރަށް ދޫކުރައްވައި، ތީގެތެރެއިން ގިނަ ބަޔަކު މިރަށަށް އައިސް، މިރަށުގައި ތިބެގެން މަސައްކަތް މިކުރީ. އެހެންވީމާ، އެކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެނިގެން މިދިޔައީ. ތިޔައިގެ ތެރެއިން ޚާއްޞަކޮށް، އެކިއެކި ވަނަވަނަ ހޯދި ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަޢުރީފްކޮށް، ތިޔަކުދިން ކުރިމަގުގައިވެސް ކީރިތި ޤުރްއާން ކިޔެވުމުގައި އަބަދުވެސް ފަރުވާތެރިކަމާއެކީގައި، ހިންމަތާއެކީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެ މަގަށް ތިޔަ ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން.

އާދެ! މި ކާމިޔާބު ނަތީޖާ މި ހޯދުނީ، މި ދަރިވަރުން ވަރަށްބޮޑު ހިންމަތެއް ކޮށްގެން. އަދި ހަމައެއާއެކީގައި، ދަރިވަރުންގެ ބެލެނިވެރިން ވަރަށްބޮޑު މަސައްކަތެއް ކުރައްވައިގެން. ހަމައެހެން، ޓީޗަރުންވެސް ވަރަށްބޮޑު މަސައްކަތެއް ކުރައްވައިގެން. މިކަހަލަ ރަނގަޅު ނަތީޖާ ނެރެވެނީ، ފަރުވާބަހައްޓައިގެން މަސައްކަތް ކުރީމާ. ސްކޫލުން ސްކޫލްގެ ކްލާސްރޫމްގައި ކުރެވޭ މަސައްކަތުގެ އިތުރުން، ބުރަ މަސައްކަތްތަކެއް ގޭގައިވެސް ކުރެވިގެން. މިއިން ދޭހަވަނީ، ބެލެނިވެރިން މިކަމުގައި ކަމޭހިތާ، އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނައިދިނުމަށްޓަކައި އިތުރު އެހީތެރިކަން ފޯރުކޮށްދިނީމާ، އޭގެ ނަތީޖާ ވަރަށް ރަނގަޅުވެގެންދާކަން. އަދި މިއިން މި ދޭހަވަނީ، އަޅުގަނޑުމެންގެ ދަރީންނަށް ހިތްވަރުދީ، އެކުދިން އެ ރަނގަޅުވަމުން އަންނައިރުގައި، ތަޢުރީފްކޮށް، އެކުދިންގެ ތެރެއިން އެކިއެކި ވަނަވަނަ ހޯދާ ކުދިންނަށް އިނާމުތަކާ އެއްޗެހި ދިނުމުން، ވަރަށް ރަނގަޅު ނަތީޖާ ދައްކާނެ. މިއިން އަޅުގަނޑުމެން އެބަޖެހޭ ޢިބްރަތް ޙާޞިލްކުރަން. އަޅުގަނޑުމެން ހުރިހާ ބެލެނިވެރިން ޚާއްޞަކޮށް އެބަޖެހޭ މިކަމުން އަޅުގަނޑުމެންނަށް މި ލިބުނު ފުރިހަމަ ނަތީޖާގެ މައްޗަށް ބިނާކޮށް، ކުދިންގެ ކިޔެވުމުގެ ކަންކަން މިހާރަށްވުރެވެސް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަން.

އާދެ! ޤުރްއާން މާއްދާއިން ވަރަށް ރަނގަޅަށް ނަތީޖާ ނުކުމެއްޖެ. އަދި އެހެނިހެން މާއްދާތަކުންވެސް އަޅުގަނޑުމެން އެބަޖެހޭ ބުރަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުގެ އުންމީދަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް ހުރިހާ މާއްދާތަކުންވެސް އަޅުގަނޑުމެންގެ ދަރީންނަށް މަތީ ވަނަތައް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. ހަމަ މި މުބާރާތަށް މަސައްކަތް ކުރެއްވި ގޮތަށް، އެހެނިހެން މާއްދާތަކުގައިވެސް ރަނގަޅު ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! މިއަދު ދުވާފަރަށް އަޅުގަނޑަށް މިއާދެވުނީ، މިއަތޮޅުގެ ބައެއް އެހެން ރަށްރަށަށް ކުރާ ދަތުރެއްގައި އެންމެފަހު މަންޒިލެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުގެ ދަތުރާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލާނަން. އަޅުގަނޑުގެ މިދަތުރުގައި، ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، އެރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހުރިނެތްގޮތް ވަނީ ބެލިފައި. އެގޮތުން، އަޅުގަނޑަށް ފާހަގަކުރެވެނީ، މިއަތޮޅުގެ ރައްޔިތުންނަކީ ހަމަ ހުރިހާ ރަށެއްގައިވެސް ވަރަށް މުރާލި، ވަރަށް ކަންކަމަށް ކަމޭހިތާ މަސައްކަތްތެރި ބައެއްކަން. ބައެއް ރަށްރަށުގައި އަޅުގަނޑުމެން ދޭންޖެހޭ ޚިދްމަތްތައް އެކަށީގެންވާ ފެންވަރަކަށް ނުދެވޭކަން އަޅުގަނޑު ފާހަގަކުރަން. އެހެން ނަމަވެސް، މިދަތުރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބައެއް ރަނގަޅު ކަންކަންވެސް އެބަ ކުރެވޭ.

އޭގެތެރެއިން އެއްކަމަކީ، މިއަދު ހެނދުނު މިވަނީ މިއަތޮޅުގެ ރީޖަނަލް ހޮސްޕިޓަލެއްގެ ބިންގާ އެޅިފައި. އާ ރީޖަނަލް ހޮސްޕިޓަލެއްގެ ބިންގާ މި އެޅުނީ، މިއަތޮޅުގައި އުނގޫފާރުގައި ހޮސްޕިޓަލެއް ޢިމާރާތް ކުރެވިގެން، ޚިދްމަތް ދެމުންދާތާ ތިރީހަކަށް އަހަރުވީފަހުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި އަލަށް އެޅޭ ހޮސްޕިޓަލްގެ ސަބަބުން މިހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ޞިއްޙީގޮތުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި ހަމައެއާއެކީގައި، ތިޔަބޭފުޅުންނަށް އެނގިވަވަޑައިގަންނަވާނޭ ފަދައިން، މިރަށާ ވަރަށް ކައިރީގައި، ރަށުގެ ގިނަ ރަށްތަކަކާ ކައިރީގައި، އުތުރުގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. ﷲ އިރާދަކުރެއްވިއްޔާ، އެމަސައްކަތް ވަރަށް ބާރުމިނެއްގައި ކުރިއަށްގޮސް، މާ ދުރުނޫން މުސްތަޤްބަލެއްގައި، މިއަތޮޅުގައި އެއަރޕޯޓެއް ޤާއިމް ކުރެވިގެންދާނެ.

އާދެ! ހަމަ ދެން އެއާއެކުގައި، އެއަރޕޯޓެއް އެޅުމުން، އަޅުގަނޑުމެންނަށް ދަތުރުފަތުރުކުރުން ފަސޭހަވުމުގެ އިތުރުން، މިއަތޮޅަށް ފަތުރުވެރިކަން ގެނައުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް މިހާރު ކުރަމުން. ﷲ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިއަތޮޅުގައި އިތުރު ރަށްރަށުގައި ފަތުރުވެރިކަމުގެ މަސައްކަތް ފެށިގެންދާނެ.

އާދެ! މިކަންކަން ކުރިއަށް ގެންދިޔުމުގައި، އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ދިނުން. އަޅުގަނޑުމެންގެ ސްކޫލްތަކުން ރަނގަޅު ނަތީޖާ ޙާޞިލްކޮށްގެން، ކިޔަވައިގެން ކުދިން ނުކުތުން. އަޅުގަނޑު އެހެންވީމާ، ޚާއްޞަކޮށް، މިރަށުގައި މިއަދު ވާހަކަ ދައްކާތީ، މިރަށުގެ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށްވެސް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވާލަން، މިރަށުގެ އޯ ލެވެލްގެ ނަތީޖާ މިއަހަރު، ކުރީ އަހަރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވުމަށް. މިއަހަރު ގާތްގަނޑަކަށް ހަތްދިހަވަރަކަށް ކުދިން އިމްތިޙާނުގައި އެބަ އިށީނދޭ. އެހެންވީމާ، އަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އޭ ލެވެލްގެ އިމްތިޙާން ކިޔެވުމުގެ ފުރްޞަތު، މިރަށުން ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެކަމުގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ވެވެންހުރި ހުރިހާ އެހީތަކެއް ވެދޭނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! މިވަގުތަކީ މާދިގުކޮށް ވާހަކަ ދެއްކޭކަހަލަ ވަގުތެއް ނޫން. ތިޔަބޭފުޅުން މިތާނގައި ތިއްބަވާތާ ވަރަށްގިނައިރުވެއްޖެ. އެހެން ނަމަވެސް، އަދިވެސް އެއްފަހަރު، ތިޔަ ކުރެއްވި މިންނެތް މަސައްކަތަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި މި މުބާރާތުން ހޮވާލެވިގެން، ޤައުމީ މުބާރާތަށްދާ ކުދިންނަކީ، ޤައުމީ ވަނަތަކެއްވެސް ޙާޞިލްކުރާނެ ކުދިންތަކެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތު ވަރުގަދަ ކުރައްވައި، އަޅުގަނޑުމެންނަކީ ދީނަށް ލޯބިކުރާ ބަޔަކު ކަމުގައި އަބަދުވެސް ލެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ، އުފާފާގަތިކަމާ އެކީގައި ދިރިއުޅޭ ބައެއް ކަމުގައި ލެއްވުން. މާތްﷲ ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه