بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދުވާފަރުގެ ލޮބުވެތި ރައްޔިތުން، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ އަދި ސީނިއަރ މުވައްޒަފުން. ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޒުބައިރު، ރ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޖަޢުފަރު ދާއޫދު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ ﷲ އިރާދަކުރެއްވިއްޔާ، ދެން މިރަށުގެ ރައްޔިތުންނަކަށް ނުޖެހޭނެ، ސާފު ބޯފެން ނުލިބިގެން އުޅޭކަށް. މިއަދު މިރަށުގައި އިފްތިތާޙްވެގެން މިދަނީ، ޒަމާނީ ފެންވަރަށް ހެދިފައިވާ ފެން އުފައްދާ ނިޒާމެއް. މި ނިޒާމަކީ މިއީ ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވި ފަދައިން، މިހާރުގެ އެންމެފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން، އެކިއެކި ހަކަތަ ގުޅުވައިގެން، އެކިފަރާތްފަރާތުން ލިބޭ ފެން އެއްކޮށްގެން، އިންޓަރގްރޭޓަޑް ޙައްލެއް ހޯދާ ޕްލާންޓެއް. މިއީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ބޯފެން އަދި ފެން އުފެއްދުމުގެ ނިޒާމްގެ މުސްތަޤްބަލަކީ. މި މޮޑެލަށް ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް ފެނުގެ ނިޒާމް ޤާއިމް ކުރުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި މިހާރު އަޅުގަނޑުމެންނަށް އެއީ އެކަން ކުރަންވާގޮތް މިތަނުން ފެނިގެން މިދަނީ. އެހެންވީމާ، މި ޕްލާންޓް ހެދިފައިވާގޮތަށް، މީގެ ތަޖްރިބާގެ މައްޗަށް ބިނާކޮށްގެން، އެހެނިހެން ރަށްރަށުގައިވެސް މިފަދަ ޕްލާންޓްތައް އެބަ ޤާއިމްކުރަންޖެހޭ.

އާދެ! މިރަށުގެ ހަތަރުހާހަށްވުރެ ގިނަ ރައްޔިތުންނަށް ފެނުގެ އަމާންކަން ފެނިގެން ދިޔުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭނެ ކަމެއް. މިކަން ފުރިހަމަވެގެން މިދިޔައީ، ވަރަށްގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުމާއެކީގައި. އެގޮތުން، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙަންމަދު ޒުބައިރުގެ މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރަން. އެމަނިކުފާނު ވަރަށްބުރަ މަސައްކަތެއް މިކަމުގައި ކުރެއްވި. އަލަށް ކަމެއް ފެށުމަކީ އެއީކީ ފަސޭހަ ކަމެއް ނޫން. ގިރާކުރަންޖެހޭ ކިތަންމެ އޮޅިތަކެއް ހުންނާނެ. ދެން އެކަމުގައި މިރަށުގައި މި ޕްލާންޓް ޤާއިމްކޮށްދެއްވުމަށްޓަކައި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން މިވަނީ ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވާފައިކަން އެބަ އެނގޭ. ފުރަތަމަ ކަމަކީ އެބޭފުޅުން މިކަން ކުރައްވަން ކުރިމަތިލެއްވީތީ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށް އެބަހުރި. އެހެން ނަމަވެސް، މިރަށަކީ އަލަށް އާބާދު ކުރެވުނު އާ ރަށަކަށްވެފައި، މިރަށުގައި ހުރިހާ ޚިދްމަތްތަކެއް ފުރިހަމަކުރެވޭތޯ ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާތީ. އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން މި ނިންމެވީ، މިރަށުގައި މި ޚިދްމަތް ފުރަތަމަ ޤާއިމް ކުރައްވަން. މި މޮޑެލް. އެހެންވީމާ، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރަށާއި އަދި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

މިކަމުގައި ތިޔަބޭފުޅުން ތިޔަގެންގުޅުއްވާ އުޞޫލުތައް މިއީ އަޅުގަނޑު ކޮންމެހެން ފާހަގަކުރަންޖެހޭ ކަންކަން. އަޅުގަނޑުމެންނަށް މި ހުރިހާ ދުވަހުވެސް އެނގޭ، ރާއްޖޭގައި ވާރޭވެހޭކަން. އެހެން ނަމަވެސް، ރާއްޖެއަށް ވެހޭ ވާރޭފެން ނަގައިގެން، އެ ފެން ބޭނުންކުރުމުގެ މަޝްރޫޢުތައް، މި ސްކޭލުގައި، މި ބޮޑުމިނުގައި ކުރާކަށް ރޭވިފައެއް ނެތް. ހައްތަހާވެސް ކޮންމެ މީހެއްގެވެސް ގެޔަށް ކަޅުހަންދީގެން، ނޫނީވިއްޔާ ކޮމިއުނިޓީ ފެންތާނގީއެއް ހަދައިގެން، ފެން ނަގައިގެން އެކަން ކުރާގޮތަށް އަޅުގަނޑުމެން ވިސްނަމުން އައިސްފައި އޮތީ. މިހާރު އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ދަށުން މުޅި ރަށަށް ބޭނުންވާ ފެނުގެ، އަޅުގަނޑަށް ކުށްހީއަކަށް ނުވާނަމަ، ވިދާޅުވީ 60 އިންސައްތަ ފެން، ވާރޭފެނުން ބޭނުންކުރެއްވުމަކީ އެއީ، މިކަން ކުރަންވާގޮތް. ދިވެހިރާއްޖެއަކީ ވަރަށް ގިނައިން ވާރޭވެހޭ ޤައުމެއް. އެހެންވީމާ، ދިވެހިރާއްޖޭގައި ބޯފެނަށް ދަތިވެގެން، ބޯފެނަށް ޖެހިގެން ނުވާނެ. އެހެން ނަމަވެސް، ޙަޤީޤަތަކީ ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް އަށްޑިހަވަރަކަށް، ފަސްދޮޅަހަކަށް ރަށަށް އަޅުގަނޑުމެންނަށް އެބަޖެހޭ އިމަރޖެންސީ ގޮތުން ފެން ފޯރުކޮށްދޭން. ވަރަށްބޮޑު ޚަރަދެއްގައި، އެކިމީސްމީހުންނާ ކޮންޓްރެކްޓް ކޮށްގެން، އެރަށްރަށަށް ފެން ފޯރުކޮށްދެމުން މިދަނީ. މިހާރުވެސް އެގޮތަށް ފެންދޭންޖެހޭ ރަށްރަށް އެބަހުރި. ނަމަވެސް، މިހާރުވެސް ހަމަ ކުޑަ މަސައްކަތަކުން ރަނގަޅު ކުރެވޭނެ ކަންކަންވެސް އެބަހުރި. އެކަންކަން ރަނގަޅު ކުރުމަށްޓަކައިވެސް އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން.

އެގޮތުން އަޅުގަނޑުމެން މިވޭތުވެދިޔަ ދެދުވަހެއްގެ ތެރޭގައި، މިއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކޮށްފީމު. އެތަނުން އެއްރަށަކުން އަޅުގަނޑު ކައިރީގައި ބުނީ، ތިމަންނަމެންނަށް ބޭނުންވާ ބޯފެން ތިމަންނަމެންނަށް ނެގޭނެއޭ އަދި އިތުރަށް 10 ކަޅުހަން ލިބެނިކޮށް. 10 ކަޅުހަން އެމީހުންނަށް ދޭކަށް އެއީ އެހާ ބޮޑު ކަމެއް ނޫން. އެހެން ނަމަވެސް، އެކަން ނުކުރެވި އޮތީމާ، ކޮންމެ އަހަރަކު މިޖެހެނީ، އެއަށްވުރެ މާބޮޑު ޚަރަދެއްކޮށްގެން، އެރަށަށް އިމަރޖެންސީ ފެން ފޯރުކޮށްދޭން. މިހެން ހުރި ކިތަންމެ ރަށެއް އެބަހުރި. އެރަށަކަށް އަޅުގަނޑުމެން ގޮސް، އެރަށެއްގެ ރައްޔިތުންނާ ވާހަކަ ދެއްކީމާ، އަޅުގަނޑުމެންނަށް އެނގޭނެ، އެރަށުގެ ފެނުގެ ކަންތައް ޙައްލުކޮށްދޭންވީގޮތް މިހާރުން މިހާރަށް. ދެން މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ވިސްނުމަކީ، މިކަހަލަ އިންޓަރގްރޭޓަޑް ސޮލިއުޝަނެއް ހުރިހާ ރަށަކަށްވެސް ހޯދައިދިނުން. ނަމަވެސް އެކަމަށްޓަކައި ދުވަސްކޮޅެއް ނަގާނެ. އަދި އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންގެންދާ އުޞޫލުތަކަށް ބަދަލުތަކެއްވެސް ގެންނަންޖެހޭނެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދު އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޔޫޓިލިޓީ ކުންފުނި. އެއީ ކީއްވެގެންތޯ؟ އެއީ ޔޫޓިލިޓީގެ ތެރޭގައި ފެންވެސް ހިމެނޭ. ހިމެނޭއިރުގައި، ރާއްޖޭގެ ދެބައިކުޅައެއްބައި މީހުންނަށް ފެން މިހާރު ފޯރުކޮށްދެނީ އެމް.ޑަބްލިޔޫ.އެސް.ސީ.އިން. ދެން އޮތީ ފާޚާނާގެ ނިޒާމުތައް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ކުންފުނިން ފާޚާނާގެ ނިޒާމުތައްވެސް އެބަ ހިންގަވާ. އަދި އަޅުގަނޑަށް ހީވެފައި އޮންނަނީ، މި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އެސް އަކުރަކީވެސް ސެނިޓޭޝަނަށް އޮތް އެއްޗެއް ކަމަށް. ދެން މިހާރު ކުޑަކޮށް ބަދަލުވެފައި އޮވެދާނެ. އެ އެސް ސެނިޓޭޝަނެއް ހެދިއްޖިއްޔާ، އަޅުގަނޑަށް ހީވަނީ ގިނަ ރަށްރަށުގައި ސެނިޓޭޝަން ކަންތައްވެސް ހަމަ މި ކުންފުނިންވެސް ހަމަ ހިންގިދާނެހެން. ދެން އަޅުގަނޑަށް ކުރިއަކުން ނޭނގޭ. އަޅުގަނޑު އެމް.ޑަބްލިޔޫ.އެސް.ސީ.އަށް ޒިޔާރަތްކޮށް، ކުޑަކޮށް މިބޭފުޅުން އަޅުގަނޑަށް ތަންތަން ދައްކާލީމާ، މީގެ ދުވަސްކޮޅެއް ކުރިން، ދެއަހަރެއްހާ ދުވަސް ކުރިންހެން އަޅުގަނޑު ހަނދާންވަނީ، އަޅުގަނޑަށް އެނގިގެންދިޔަ އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ ކަރަންޓްވެސް އުފައްދާ ބައެއްކަމަށް. އެހެންވީމާ، ފުދޭވަރެއްގެ ބޮޑު އިންޖީނުގެއެއް ހިންގަވާ ބޭފުޅުން އެމް.ޑަބްލިޔޫ.އެސް.ސީ އަކީ. މާލޭގައި ހަމަ. އެހެންވީމާ، މިބޭފުޅުންނަށް މިކަން ކުރެއްވޭނެކަން އެނގޭ އަޅުގަނޑަށް. މިއީވެސް ހަމަ ސަރުކާރުގެ ކުންފުންޏެއް. ސަރުކާރުގެ މެޖޯރިޓީ ޝެއަރ އޮންނަ ކުންފުންޏެއް މި ކުންފުންޏަކީވެސް. އެހެންވީމާ، އަޅުގަނޑުގެ އުންމީދު ވަރަށް ރަނގަޅު. އަޅުގަނޑު އެދެނީ، އެމް.ޑަބްލިޔޫ.އެސް.ސީ ވީހާވެސް ގިނަ ރަށްރަށެއްގައި މި މަސައްކަތް ކޮށްދެއްވުން. އަދި ސަރުކާރުގެ ތެރެއިން ގެންނަންޖެހޭ، އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން، މިކަން ކުރެވޭނެ މަގެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދާނަން.

އާދެ! މިއަދު ތިޔަ ހުޅުއްވައިދެއްވާ ފެން ޕްލާންޓް މިތާނގައި ހައްދަވައިދެއްވި ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވިކަން. އަދި މިރަށުގެ ރައްޔިތުންވެސް އެކަމުގައި އެހީތެރިވެދިންކަން. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު އެދެނީ، ރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންވެސް، މިބޭފުޅުން މިތާ މިކުރައްވާ މަސައްކަތަށް އެހީތެރިވެވަޑައިގެން ދެއްވުން. އަދި ހަމައެހެން، ފެން އިސްރާފުނުކޮށް، ހުރިހާ ރަށަކުންވެސް ފެނަކީ އެއީ އަގުހުރި އެއްޗެއްކަން ދެނެގެން، އެންމެން އެކީގައި މި ފެނާއި، ނަރުދަމާއާއި، ކަރަންޓާ، މިކަންކަމުގެ އިންތިޒާމުތައް ފުރިހަމަކުރައްވަމުން ގެންދެވުން. އޭރުން އިރާދަކުރެއްވިއްޔާ، ދުވާފަރުވާނެ އިނގޭތޯ، ރާއްޖޭގައި އޮތް ނަމޫނާ ރަށަކަށް.

އާދެ! އަޅުގަނޑު ވާހަކަ ދިގުކުރާކަށް ނެތިން. އެހެން ނަމަވެސް، އަޅުގަނޑުވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިއަދު ތިޔަބޭފުޅުން، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން މިރަށުގެ ސްކޫލަށް އެހާބޮޑު ހަދިޔާއެއް ދެއްވީތީ. އެއީ ކުންފުނީގެ ފަރާތުން ކުންފުނީގެ އިޖުތިމާޢީ ޚިދްމަތެއްގެ ގޮތުގައި، މިރަށުގެ ސްކޫލަށް 17 ކޮމްޕިއުޓަރ މިއަދު ހަދިޔާކޮށްދެއްވި ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު އެދެނީ، ދުވާފަރަށް އަދަށްވުރެ ފަހި މާދަމައެއް. ތިޔަބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه