بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެ ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

އަނގޮޅިތީމުގެ ލޮބުވެތި އަޚުންނާއި އުޚުތުން، އަދި މިރަށު ރަށު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ދުވާފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި އަޅުގަނޑާއެކީ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިރަށަށް އަޅުގަނޑަށް މިއާދެވުނީ، މިރަށަށް ނާންނަތާ ވަރަށްގިނަ ދުވަސްތަކެއްވެފައި. އަޅުގަނޑަށް ތިޔަބޭފުޅުން ހަނދާންކޮށްދެއްވި ގޮތުގައި، އަޅުގަނޑަށް އެންމެފަހުން މިރަށަށް އާދެވިފައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި. ދެން އޭގެފަހުން މިހާރު ވަރަށްގިނަދުވަސްވެއްޖެ. ވަރަށްގިނަ ކަންކަން މިހާރު މިހުރީ ބަދަލުވެސްވެފައި. އެހެންވީމާ، މިއަދު މިރަށަށް އައުމުން އަޅުގަނޑަށް ލިބުނީ ވަރަށްބޮޑު އުފަލެއް. ސަބަބަކީ، އަޅުގަނޑަށް މިރަށާ ދޭތެރޭގައި ތަންކޮޅެއް ބޮޑަށް ވިސްނާލައި، މިރަށަށް އަޅުގަނޑަށް އެހީތެރިވެދިނުމުގެ ކުޑަނަމަވެސް އުފަލެއް ލިބުނީތީ. އަޅުގަނޑުފަދަ މަޤާމެއްގައި ހުންނަ މީހަކަށް، އަޅުގަނޑަށް ހީވަނީ ލިބޭނެ އެންމެބޮޑު އުފަލަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދިޔުން. އެހެންވީމާ، ކިތަންމެ ކުޑަކޮށްނަމަވެސް، ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް، ތިޔަބޭފުޅުންނަށް ފުރިހަމަވެއްޖިއްޔާ އެއީ، އަޅުގަނޑަށް އޭގެ ސަބަބުން ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މިއަދު ވަރަށް ބޮޑަށް އުފާކުރަން. އަދި ތިޔަބޭފުޅުންނާ ބައްދަލުވީތީ ވަކިން ޚާއްޞަކޮށް އަޅުގަނޑު އުފާކުރަން.

ދެން އަޅުގަނޑު މިއަދު މިތާ އިންއިރުގައި މި ހިތަށްއަރަނީ، އަޅުގަނޑުމެންނަށް ހަމަ ޞިއްޙީ މަރްކަޒުވެސް ހަމަ ހެދޭނޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެތަން ހެދޭނެ. މާލަހެއްވެސްނުވާނެ. ދެން އަދި ބަނދަރުގައި ކުރަންހުރި މަސައްކަތްވެސް ހަމަ ކުރެވޭނެ އިރާދަކުރެއްވިއްޔާ. އެކަންވެސް ކުރެވޭނެ ހަމަ. އެކަންކަން ކުރެވޭނެ، އަޅުގަނޑުމެން އެކަން ކުރަން މަސައްކަތް ކުރީމަ. ދެން އަޅުގަނޑު މިހިރީ ތިޔަބޭފުޅުންނާއެކީ އެކަން ކުރަން ތައްޔާރަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށްދާނެ.

މިކަންކަން މިއީ ކުރަންޖެހޭ ކަންކަން. ވަރަށް މުހިންމު ކަންކަން. އެހެން ނަމަވެސް، އެއަށްވުރެ މާ މުހިންމު ކަމެއް އެބައޮވޭ. އަޅުގަނޑު މިރަށަށް އައިސް މިތާނގައި ހުއްޓިލިތަނާ އަޅުގަނޑު ހިތަށްއެރީ، މިތާހުރި ގަސްތައް ފެނިފައިވެސް މިއީ ހާދަ ރީތި ގަސްތަކެކޭ މިތާ މިހިރީ. އެހެން ނޫންތޯ. އާދަޔާ ޚިލާފަށް ރީތި ނިކަގަސްތަކެއް އެބަހުރި މިތާނގައި. މިރަށަކީ އާދަޔާ ޚިލާފު ތާރީޚެއް އޮތް ރަށެއް. މި ރާއްޖޭގެ ނެތްފަދަ ޚާއްޞަ ރަށެއް މިރަށަކީ. މިރަށުގެ ރައްޔިތުންނަކީ، އާދަޔާ ޚިލާފަށް މީހުންނަށް ހިތްހެޔޮ އަދި މެހްމާންދާރީ އަދާކުރާ ރައްޔިތެއް. ވީމާ، މިރަށުގައި އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައްތައް އަދި އަޅުގަނޑުމެން ހިތަށްވެސް ނުވަދޭ. މާބޮޑެތި ކަންތައްތައް މިރަށުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ އުންމީދު އަޅުގަނޑަށް ލިބިގެން ދިޔައީ މިރަށަށް އައުމުން. އަޅުގަނޑުމެން ވިސްނާލަމާ ހިންގަވާ. އަޅުގަނޑުމެންގެ ޚާއްޞަކޮށް، އާބާދީ ކުޑަ ރަށްރަށުގައި، އެރަށްރަށް ކުރިއަށްދާންވީވަރަށް ބާރުމިނެއްގައި ނުދެވިފައި މިއޮންނަނީވެސް އާބާދީވެސް ކުޑަކަމުން ހަމަ. އާބާދީ ބޮޑެތި ރަށްރަށުގައި ވިޔަފާރީގެ ކަންތައްވެސް ހިންގާލެވޭނެ. އެގޮތަށް ބަލާއިރުގައި، އަޅުގަނޑަށް ވިސްނުނީ ދަންނަވަންތޯ، އަޅުގަނޑުމެން ދިވެހިރާއްޖޭގައިވެސް މީހުންގެ ޢަދަދު މާ މަދޭ. މުޅި ދިވެހިރާއްޖޭގައިވެސް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މީހުން ގިނަކުރެވޭނެ ގޮތްތަކެއް ވިސްނަން. މީހުން ގިނަވީމާ ވިޔަފާރިވެސް ގިނަވާނެ. ކުރެވޭ ކަންތައްތައްވެސް ގިނަވާނެ. ލިބެން ހުންނަ ފުރްޞަތުތައްވެސް އިތުރުވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ތަންކޮޅެއް ބޮޑު ވިސްނުމަކުން. އަޅުގަނޑު ހިތަށްމިއަރަނީ، އަޅުގަނޑުމެން ނިކަން ވިސްނަމާ ހިންގަވާށޭ، މިރަށަށްވެސް ހަމަ އިތުރު މީހުން އަންނަގޮތަށް. މި ރާއްޖޭގެ އެކި ތަންތަނުންވެސް މީހުން މިރަށަށް އަންނަންވީ. މި ދުނިޔޭގެ އެކި ތަންތަނުންވެސް މިރަށަށް ހަމަ މީހުން އަންނަންވީ. އައިސް މިރަށުގައި ފުދޭވަރެއްގެ ޓައުނެއް، ނޫނީ ސިޓީއެއް ޤާއިމްކުރެވި، މިތާނގައިވެސް ހަމަ ބޮޑު ޝޮޕިންގ ސެންޓަރަކާ އެއްޗެހިވެސް ހެދި، ޔުނިވަރސިޓީގެ ބްރާންޗްތައްވެސް މިތާ ހެދި، ކީއްވެތޯ އެކަން ނުކުރެވެންވީ. އެ ވިސްނުން އަޅުގަނޑުމެން ގެންނަނިކޮށް، އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑު ހިތަށްމިއަރަނީ، ފަތުރުވެރިކަންވެސް ޖެހެޔޭ އެހެން ގޮތަކަށް އެބަ އަދި ފުޅާކޮށްލަން އަޅުގަނޑުމެން. ދެން މިއީކީ އަދި އަޅުގަނޑު މާބޮޑަށް ދައްކާފައި އޮތް ވާހަކައެއް ނޫން. މިއީ ހަމަ ކުރެވޭ ޚިޔާލެއް. އެހެން ނަމަވެސް، ޚިޔާލެއް އޮވެގެނޭ ޙަޤީޤަތަކަށް ހެދޭނީ.

އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ މި ނަލަ ރީތި ރަށްތަކުގައި، ހަމަ އަޅުގަނޑުމެންނާ އެކީގައި ދިރިއުޅެން ބޭނުންވާ ވަރަށް ބޮޑެތި މުއްސަނދިންވެސް އެބައުޅެއޭ ދުނިޔޭގެ ތަންތާނގައި. އަޅުގަނޑުމެން ހިނގާށޭ އެމީހުންނަށްވެސް ދަޢުވަތުދޭން. ހަމަ ރީތި ތަންތަން ހަދައިގެން އެމީހުންވެސް އުޅެން. އޭރުން ކިހިނެއްތޯ ވާނީ. އޭރުން އެމީހުންނަށްވެސް ބޭނުންވާ ޚިދްމަތްތަކާއި، ރަނގަޅު ފެންވަރުގެ މުދަލާއި، ރަނގަޅު ފެންވަރުގެ ޚިދްމަތާއި، ދަތުރުފަތުރުކުރުމާ، މިކަންކަންވެސް އަންނާނެ. އެހެންވީމާ، އަޅުގަނޑުގެ ހިތަށް މިއަރަނީ ހަމަ މިހާ ރީތި ރަށްތައް ހުރިއިރުގައި، މިތަންތަން ހިނގާށޭ، އަޅުގަނޑުމެން އެހެން މީހުންނާއެކީގައި، އަޅުގަނޑުމެން އެމީހުންނަށް މެހްމާންދާރީ އަދާކޮށްގެން، އެމީހުންވެސް ގެންނަ މުއްސަނދިކަމެއް ގެނެސްގެން އެމީހުންނާ އެކީގައިވެސް އަޅުގަނޑުމެން އުޅޭ ވިސްނުމެއް ގެންނަމާ. މިއަދު އަޅުގަނޑުމެންނަށް، އަޅުގަނޑަށް ގޮސް އަޅުގަނޑު އަތުގައި ފައިސާ ހުރިއްޔާ ޑުބާއީގައި ތަނެއް ގަނެލައިގެން އުޅެވިދާނެ. ބައެއް ޤައުމުތަކުގައި ތިންލައްކައެއްހާ ޑޮލަރަށް އެޕާޓްމަންޓެއް ގަތީމާ، އެތާނގައި ދިރިއުޅުމުގެ ހުއްދަ އެބަދޭ. ރެޒިޑެންޓް ޕަރމިޓް. އެހެންދާ މީހުންނަކީ އެއީ ވަރަށްގިނަ ޢަދަދެއްގެ ފައިސާ ހުންނަ މީހުން. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދިވެހިންގެ ބައެއް މީސްމީހުންވެސް މެލޭޝިޔާ ތަންތަނަށް ގޮސް، އެތަނުންވެސް އެބަ ތަންތަން ގަނެގެން އެބައުޅޭ. އަޅުގަނޑުމެންނަށް އެބަޖެހޭ، އެ ދޮރު ދުނިޔޭގެ އެހެން މީސްމީހުންނަށްވެސް ހުޅުވާލަން. އެހެން ހެދީމާ، އަޅުގަނޑަށް ހީވަނީ މިތަން ދިރިގެންދާނެހެން އިނގޭތޯ. ބައިވަރު ޚިދްމަތްތަކާއި އަދި އެ ޚިދްމަތްތަކަށް ބޭނުންވާ މީހުންނާއި، މުދަލާއި، ޙަރަކާތްތައް މިތާނގައި ހިނގައިގަންނާނެ. އެހެނެއް ނޫން، ދެން އެގޮތަށް، އެކަހަލަ ގޮތަކަށް އަޅުގަނޑުމެން ނުވިސްނާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ މިތިބި ގޮތަށް މަޑުމަޑުން ތިބެވިވެސްދާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އާ ވިސްނުންތަކެއް، އަޅުގަނޑުމެންގެ ޒުވާނުން މިއަދު އެބަ ބޭނުންވޭ، ބޮޑެތި ބަދަލުތައް. ޤައުމު ދުނިޔޭގެ އެހެން ތަންތަނެކޭ އެއްގޮތަށް ތަނަވަސް، މުއްސަނދި ތަނަކަށް ހަދާލަން ދިވެހިރާއްޖެވެސް. އެކަން އެގޮތަށް ކުރެވޭނީ، އަޅުގަނޑުމެންނަށް ފަތުރުވެރިކަމާ ގުޅިފައި ހުރި އެކިއެކި ޞިނާޢަތްތައް ރާއްޖެއަށް ގެނެސްގެން.

މިހާތަނަށް އަޅުގަނޑުމެން ފަތުރުވެރިކަމުގައި މިބޭނުންކުރާ މޮޑެލްއަކީ ހަމައެކަނި މީހުން، ހަފްތާއަކަށް، ދެހަފްތާއަށް އައިސް މިތާ އުޅެލާފައި ދަނީ. ހޮޓަލެއްގައި އުޅެލާފައި ދަނީ. މިހާރު އޭގެ ތަފާތު ވައްތަރު އެބަ ތަޢާރުފްވޭ. އެގޮތުން ތިޔަބޭފުޅުން އައްސަވާނެ، އުތުރުގެ ބައެއް އަތޮޅުތަކުގައި މިހާރު ލަގްޒަރީވިލާ އެޅުމުގެ މަޝްރޫޢުތައް އެބަ ހިނގާ. މިތަންތަނަކީ މިއީ ބޭރުގެ މީސްމީހުންނަށް ވިއްކާގޮތަށް ހަދާ ތަންތަން. އޭގެ ސަބަބުން އެމީހުން އެބަ އެހެން ތަންތާނގައި ގެވެސް އަޅައިދޭ. މިހާރު މިއޮތީ އޭގެ އެހެން ތަފާތު ވައްތަރެއް ފެށިފައި. މިގޮތަށް ހުރި ތަފާތު އެކިއެކި ކަންތައްތައް އެބަހުރި ކުރެވިދާނެ ކަންތައްތައް. ކުރާއިރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ، އަބަދުވެސް މި ރާއްޖެއަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ގޮތުގައި، އަޅުގަނޑުމެން ބަސްބުނާ، އަޅުގަނޑުމެން އެންމެފަހު ބަސްބުނާ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ގޮތުގައި މިތަން އަބަދުވެސް ދެމެހެއްޓުން. އެހެން ނަމަވެސް، މި ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމާއި، ރީތިކަމާ، މިކަންކަން އެހެން މީސްމީހުންނާވެސް އަޅުގަނޑުމެން ޙިއްޞާކޮށް، އެމީހުންނަށް އެވިއްކައިގެން އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބި، އަޅުގަނޑުމެންގެ ދިރިއުޅުންވެސް މިހާރަށްވުރެ ތަރައްޤީވެ ކުރިއަރައިގެން ދިޔުން.

މިގޮތަށް އަޅުގަނޑުމެން ވިސްނީމާ، އަޅުގަނޑުމެން ހަމަ މިކަހަލަ ރަށަކަށްވެސް ވިސްނިދާނެ. ރަށުގެ އާބާދީ ބޮޑުވެ، ރަށުގެ މަގުތައް ތަނަވަސްވެ، ވިޔަފާރިކުރާނެ ބޮޑެތި ފިހާރަތަކާ އެއްޗެހި އެޅި، ތަޢުލީމު ލިބޭނޭ ތަންތަން ހެދި، މިކަންކަންވުމަށް. އަދި މިތަނަށް އެ އަންނަ މީސްމީހުންވެސް ހަމަ ދަތުރުކުރަންވެސް ބޭނުންވާނެ. އެހެންވީމާ، ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރު ކުރުމުގެ ކަންތައްތައްވެސް ތަޢާރުފުވެގެންވެސްދާނެ. އެހެންވީމާ، އަޅުގަނޑުމެން މި ވިސްނުން އަޅުގަނޑަށް ކުއްލިއަކަށް އައުމުން، އަޅުގަނޑު ހިތަށް އަރައިފި، އަޅުގަނޑުމެންނަށް އަދި އެބައޮތޭ ހާދަހާ ބޮޑު ކަންތައްތަކެއް ކުރެވެން މި ރާއްޖޭގައި. ހާދަހާ ބޮޑު ދިރުމެއް މި ރާއްޖެއަށް ގެނެވެން. އަޅުގަނޑަށް ހީވަނީ މިކަމާ ދޭތެރޭގައިވެސް ތިޔަބޭފުޅުންވެސް ހަމަ ވިސްނަވާލެއްވުމަކީ ވަރަށް ރަނގަޅު ކަމެއްހެން. ދެން އަޅުގަނޑަށް ދޭތެރެ ދޭތެރެއިން މިހެން އުޅެލާފައި މިބުނަނީ އަވަހަށް ހިނގާށޭ ކުދިރަށްރަށުގެ މީހުން ބޮޑެތި ރަށްރަށަށް ގެންދަމާ. އެހެން ނަމަވެސް އެއީކީ އަދި ޙައްލެއް ނޫންކަންނޭނގެ އިނގޭތޯ. އަޅުގަނޑު ކައިރީ ކިތަންމެ ކުދި ރަށްރަށެއްގެ ރައްޔިތުން އެބަ ބުނޭ، އެހެން މީހުން ގެންނާށޭ މިތަނަށް. ގެނެސް ބައިތިއްބާށޭ މިތާނގައި. ބައިތިއްބާފައި އެހެން މީހުން މިތަނަށް ގެންނާށޭ. އަޅުގަނޑަށް ހީވަނީ އެހާ ގޯސް ޚިޔާލެއް ނޫންހެން އެއީ. އެހެން ނަމަވެސް، ރާއްޖޭގެ މީސްކޮޅުވެސް ވަރަށްމަދު. އެހެންވީމާ، ވިސްނަވަން ހިންގަވާ، މިއަށްވުރެ ރަނގަޅު ގޮތްގޮތަށް މިކަންކަން ކުރެވޭނެ ގޮތްގޮތް ހޯދަން.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މިރަށަކީ ވަރަށް ރަނގަޅު މުސްތަޤްބަލެއް އޮތް ރަށެއް. އަދި މުޅި ރ. އަތޮޅުގައި ފަތުރުވެރިކަން ފުޅާވެގެންދިޔުމާ އެކީގައި ވަރަށްބޮޑު ދިރުމެއް މިތަނަށް އަންނާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. ދެން ކުރިން އަޅުގަނޑުމެންނަށް މިރަށް، މިއަތޮޅު އެނގިފައި އޮންނަނީ މަސްވެރިކަމުގެ އަތޮޅެއްގެ ގޮތުގައި ޚާއްޞަކޮށް. އެއީ އަޅުގަނޑަށް އޭރުގައި ގިނައިން ދެވެމނީ ކަނދޮޅުދޫއަށް. އެހެންވީމާ، ހީވެފައި އޮންނަ އެއްޗެއްކަންނޭނގެ އެއީ. އެހެން ނަމަވެސް، މިއަތޮޅަކީ ވަރަށް ފަތުރުވެރިކަންވެސް ހަމަ ގަދައަށް ހަމަ ކުރެވިދާނެ އަތޮޅެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

އާދެ! ދެން އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން މި ހުވަފެންތައް ދެކެން އަދި ތިއްބަކަސް ކަމަކުނުދާނެ. އޭގެކުރިންވެސް ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. އެހެންވީމާ، އެގޮތުން، މިހާރު މިރަށުގައިވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންޖެހޭ އެއްކަމެއް ކަމަށް އަޅުގަނޑު ދެކެނީ، ރައްޔިތުންނަށް މިގޮތަށްހުރި އަސާސީ ކަންކަން ފުރިހަމަކުރުމުގެ އިތުރުން އަދި މިރަށުގެ އާޘާރީ ބައެއް ތަންތަން ޙިމާޔަތް ކުރުމާއި، މިރަށުގެ ތާރީޚާ ބެހޭގޮތުން އަދި އިތުރަށް ދިރާސާ ކުރުމާ، މިހެން ކުރަންޖެހޭ ކަންތައްތަކެއް މިރަށުގައި އެބަ ކުރަންޖެހޭ. އޭރުން އެހެން ރަށްރަށުގައި، އެހެން އަތޮޅުތަކުގައި އުޅޭ ދިވެހިންވެސް މިރަށަށް އަންނާނެ. އެތަންތަން ބެލުމަށްޓަކައި. އެތަންތަން ދަސްކުރުމަށްޓަކައި، އެނގުމަށްޓަކައި. އަދި ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންވެސް މިރަށަށް އަންނާނެ. އޭގެ ސަބަބުން ރަށަށް އިތުރު ދިރުމެއްވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މާގިނަދުވަހު މިކަމާ ވާހަކަ ދައްކާ ދައްކާ ނުތިބެ، މިރަށުގެ ތާރީޚީ ކަންކަމާ ދޭތެރޭގައި ކަންތައްތަކެއް ކޮށްލަން. ވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މިފަހަރު މާލެ ގޮސްފައި މިކަމާބެހޭ ސަރުކާރުގެ އިދާރާތަކުގައި އަޅުގަނޑު ދަންނަވާނަން، ޚާއްޞަ މަޝްރޫޢެއްގެ ދަށުން މިހެންހުރި ދެތިން ރަށެއް ބަލާފައި، ޚާއްޞަކޮށް، ރަސްގެތީމާއި އަނގޮޅިތީމާ، މިދެރަށްވެސް ހިމެނޭގޮތަށް. މުސްތަޤްބަލުގައި އަޅުގަނޑުމެން ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާ ހިސާބުތަކުގައި މިހެންހުރި ތަންތަން އަލުން ދިރާސާ ކުރައްވައި، މިތަންތަން ޙިމާޔަތްކޮށް، މިތަންތަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދަން.

ދިވެހިރާއްޖެއަށް މިހާތަނަށް އަންނަ ފަތުރުވެރިން މިއަންނަނީ މޫދަށްއެރިލަން. ނޫނީވިއްޔާ ބީޗުގައި ތިބެލަން. އެހެން ނަމަވެސް، ދުނިޔޭގެ އެހެން ތަންތާނގައި ފަތުރުވެރިން މިދަނީ ވަރަށް ތަފާތު ބޭނުންތަކުގައި. އޭގެތެރެއިން އެއްކަމެއް، މިދެންނެވި ގޮތަށް އެތަނެއްގެ އާޘާރީ ކަންކަން ދެނެގަތުމާއި، އެތަންތަން ބަލައިލުން. އެހެންވީމާ، ރާއްޖޭގައިވެސް އަޅުގަނޑުމެން މި ކިޔަނީ ޘަޤާފީ ފަތުރުވެރިކަމޭ. އެހެންވީމާ، އެ ޘަޤާފީ ފަތުރުވެރިކަންވެސް ރާއްޖޭގައި ދިރުވިދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެކަމަށްޓަކައި އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެގޮތުން، އެމަސައްކަތް ކުރަންޖެހޭ އެއްތަނެއް ކަމުގައި އަޅުގަނޑު ދެކެނީ އަނގޮޅިތީމު.
އާދެ! ކުރިން ދެންނެވިހެން، މިރަށުގައި މިހާރު ކުރަންހުރި ކަންކަމުގެ ތެރެއިން މިރަށުގައި ހެލްތް ސެންޓަރެއް ނެތްކަން އެއީ ވަރަށް ދެރަ ކަމެއް. އެހެންވީމާ، ހެލްތް ސެންޓަރު ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފަށާނަން. ދެން އެކަމުގައި ކުރިންވެސް ރަށުން ތިޔަބޭފުޅުންވެސްވަނީ މިނިސްޓަރާ ވާހަކަ ދައްކަވާފައި. ދެން މިއަދު އަޅުގަނޑު އަނެއްކާވެސް މިނިސްޓަރާ ވާހަކަ ދައްކާނަން، މިކަމާ ބެހޭގޮތުން ކޮންމެވެސް ޙައްލެއް މިކަމުގައި ފެނޭތޯ. އަވަސް ޙައްލެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނަން.

ދެން ނެރުގެ މައްސަލައަކީވެސް ތަންކޮޅެއް އުނދަގޫކޮށް އުޅޭ މައްސަލައެއް. އެއީ، ހަމައެކަނި ޑްރެޖަރެއް ގެނެސްގެން ކޮނެލެވޭކަހަލަ ގޮތަކަށް އޮތް ތަނެއް ނޫން. އެއީ، ހަމަ ކޮނެލެވޭކަހަލަ ތަނެއް ކަމަށްވާނަމަ، ކޮނެލަން ކުރެވޭ މަސައްކަތް ކުރިއަށް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޮށްލެވިދާނެ. އެކަމަށްޓަކައި އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެހެން ނަމަވެސް، ތިޔަ ވިދާޅުވިހެން ބޮޑު އައިނެއް، އެތަން އެބަޖެހޭ ނަގަން އައިނުގަނޑު. ހަމައެކަނި ޑްރެޖަރަކުން ނުވާނެ. އެކަމަށް ބޭނުންވަނީ ޚާއްޞަ މަސައްކަތްތަކެއް. އެހެންވީމާ، އެމަސައްކަތް ކުރާނެ ބަޔަކު ހޯދާފައި، އެކަމަށްދާނެ ޚަރަދެއްވެސް ހޯދައިގެން އެކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން. ދެން އޭގެކުރިން ވިދާޅުވި ވާހަކަ، ކްލަބްގެ ކަންތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަޖައްސައިދޭނަން.

އާދެ! ދެން އަޅުގަނޑު ހުރިހާ ރަށެއްގައިވެސް ދައްކާ ވާހަކައެއްވީމާ ތިޔަބޭފުޅުން އަރިހުގައިވެސް ދަންނަވާލަން ދެތިން ނުކުތާއެއް އެބައޮތް. ދެތިން ވާހަކައެއް އެބައޮތް. އެއްވާހަކައަކީ އެއީ އަޅުގަނޑުމެންގެ މިޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި، ރަށުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މިކުރާ މަސައްކަތް ކުރިއަށް ގެންދެވޭނީ، ތިޔަ ހުރިހާބޭފުޅުންގެވެސް އެއްބާރުލުން ލިބިގެން. އަދި ރަށުގައި ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން އެބަޖެހޭ، ހުރިހާ ބޭފުޅުންވެސް ވަރަށް އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދަމަހައްޓަން. އެކަމަށްޓަކައި މަސައްކަތް ކުރަން. ޚާއްޞަކޮށް، އަޅުގަނޑުމެން ޢާއިލާގެ ތެރޭގައި އެއްވެސްކަހަލަ ހިތްހަމަނުޖެހުންތަކެއް، ބައިބައިވުންތަކެއް އުޅޭކަމަށްވާނަމަ، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޢާއިލާގެ ހަމަޖެހުމާއި، ރަށުގެ ހަމަޖެހުމާއި، ޤައުމުގެ ހަމަޖެހުމާ، މިކަންކަމަށްވުރެ އިސް އެހެން ކަމެއް ނޯންނާނެ. އެކަންކަން ހަލާކުކުރާކަހަލަ، އެކަންކަން ހަލާކުވެގެންދާކަހަލަ ކަންކަމަކީ އެއީ، އެއްގޮތަކަށްވެސް ކުރަންވާނެ ކަންތައްތަކެއް ނޫން. އެހެންވީމާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން. ރަށުގެ އެކުވެރިކަމާއި، އެއްބާރުލުމާއި، އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ކަންކަން، ހަމަ މިރަށަށްވެސް ކުޑަރަށަކަށްވީތީ، ކުޑަ އިންޞާފު ނުލިބޭގޮތަށް، ހަމަހަމަކަމާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން، ސަރުކާރުން ތިޔަބޭފުޅުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި.

އާދެ! އަޅުގަނޑުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް، މިރަށަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ހަމަ ވަރަށް ރަނގަޅު ބޮޑެތި ބަދަލުތަކެއް އައިސްގެންދާނެކަން. އަޅުގަނޑަށް އެނގޭ، މިކަހަލަ ބައެއް ކުދިކުދި ރަށްރަށް އެބަހުރި ވަރަށްދިގު މުއްދަތަކަށް އަޅާނުލެވި. ކޮންމެވެސްވަރެއްގެ އިހުމާލެއް ކުރެވިފައި ހުރި ރަށްރަށް. އެހެންވީމާ، އެކަހަލަ ތަންތަނަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަން.

އާދެ! ކިޔަވާ ކުދިންވެސް މިތާ ތިބީމާ އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. އަދި ކުޑަ ވަގުތުކޮޅެއްވެސް އޮތުމާއެކީގައި. ތިޔަ ހުރިހާ ކުދިންވެސް އަޅުގަނޑު އުންމީދު ކުރަން، މިހެންހުރި ކަންކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް. މި ސްކޫލަށް އިތުރު ދެކްލާސްރޫމް އިތުރުވިޔަކަސް އަދި އެކަމެއް ފުރިހަމައެއް ނުވާނެ. ކްލާސްރޫމް ކިތަންމެ ގިނަވިޔަސް، ބެލެނިވެރިންނާއި ޓީޗަރުންނާއި ކިޔަވާ ކުދިންނާ، އެންމެން އެއްބައިވެގެން މަސައްކަތްތަކެއް ކުރީމާ ނަތީޖާ މި ނެރެވެނީ. އެހެންވީމާ، އެބަޖެހޭ އަޅުގަނޑުމެންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން. މިއަހަރު އޯ ލެވެލް އިމްތިޙާން ނަގަނީ ވަރަށްމަދު ކުދިންކޮޅެއް މިރަށުގައި. އަޅުގަނޑު އުންމީދުކުރަން، ހަމަ ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް އޯ ލެވެލް އިމްތިޙާނުން ފާސްވާނެ ކަމަށް. ދެން އަދި އޭ ލެވެލް މިހިސާބަށް އަންނަވަރެއް ނުވޭ. އެހެންނަމަވެސް، އޯ ލެވެލް އިމްތިޙާން ނަގާއިރުގައި، އެ ބައިވެރިވާ ހުރިހާ ކުދިންވެސް ރަނގަޅު ފެންވަރެއްގައި ފާސްވުމަށް މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިހާރު އެންމެ ހަތަރު ފަސްކުއްޖަކު އޯލެވެލް ނަގާއިރުގައި، ވިސްނަމާ، އަޅުގަނޑު އޯލެވެލް ނެގިއިރުގައި، ހަތަރު ފަސްކުދިން ރާއްޖޭގައި އޯލެވެލް ނަގަނީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ހިތަށް އެބަ އަރާ، މިއީ ހާދަހާ މުހިންމު ކުދިބަޔެކޭ މި ހަތަރު ފަސް ކުދީންނަކީ. ބައްލަވާ އަޅުގަނޑަށްވީގޮތް. ހަތަރު ފަސްކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނުނީމަ، އެހެންވީމާ، މިރަށުގައިވެސް ހަތަރު ފަސްކުދިންގެ ތެރޭގައި ހިމެނޭ ކުދިންނަކީ، އެއީ ވަރަށް މުހިންމު ބައެއް މިރަށަށް، އެހެން ނޫންތޯ. އެހެންވީމާ، އެކަމަށްޓަކައި ހަމަ ވަރަށްބޮޑު ހިތްވަރެއްކޮށްގެން މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް. ރަނގަޅު ނަތީޖާ ހޯއްދެވީމާ، ރަނގަޅު ފުރްޞަތުތައްވެސް އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. އެހެންވީމާ، ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި ހުރިހާ ކުދިން މަސައްކަތް ކުރާނެ ކަމަށް ވަރަށް ބޮޑަށް ހީކުރަން. ސްކޫލްގައި ކުރާ މަސައްކަތުގެ އިތުރުން، ގޭގައި ވަރަށްބޮޑު ހިތްވަރެއް އެބަލާންޖެހޭ. އެހެންވީމާ، ގޭގައި ފިލާވަޅު ދަސްކުރުމާއި، ގިނަ ވަގުތުތަކެއް، ޚާއްޞަކޮށް، މިއަހަރު އިމްތިޙާން ނަގާ ކުދިން ހޭދަކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި ޚާއްޞަ ސަމާލުކަމެއްދީގެން، ބެލެނިވެރިންވެސް އެކުދިންނަށް އެހީވެދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

މިފަދަ ކުދިކުދި ރަށްރަށުގައި ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ރަށުގެ ދިރުން ބިނާވެފައި އޮތީ މަދު ބައެއްގެ އަތްމަތީގައި. އެހެންވީމާ، މިހާތަނަށްވެސް އަޅުގަނޑުމެންގެ މި ރަށްރަށް މިގޮތަށް ދެމި މިއޮތީ، ރަށުގައި ތިބި މަދު ބަޔަކު ރަށަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދީގެން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އެކަން ކުރަން ތިބި ބަޔަކީ މިއަދު ސްކޫލް ނިންމާ ކުދިން. އެހެންވީމާ، އެކުދިންނަށް ވަރަށް ބޮޑަށް އަޅުގަނޑު ނަޞޭޙަތްތެރިވަން، މިކަމަށް ވަރަށް ބޮޑަށް ފަރުވާބަހައްޓައިގެން ހުރިހާ ކުދިންވެސް މަސައްކަތްކޮށްދިނުމަށް.

ދެން އަދިވެސް އެއްފަހަރު، އަޅުގަނޑުމެން މިރަށަށް މިއަދު އައީމަ، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އަބަދުގެވެސް އެދުމަކީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީވެސް އުފާފާގަތިކަމުގައި، ތަނަވަސް ދިރިއުޅުމެއް އުޅުއްވާ ބައެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. އަދި މިރަށަކީ އަބަދުވެސް އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގައި، ޞުލްޙަވެރިކަމާއެކީގައި ދެމިއޮންނަ ރަށެއް ކަމުގައި، ދެމިއޮންނަ މުޖުތަމަޢެއް ކަމުގައި މާތްﷲ މިންވަރުކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه