މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ޤާއިމު ކުރެވުނު ފެނުގެ ނިޒާމު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު މެންދުރުފަހު އިފްތިތާޙު ކޮށްދެއްވައިފިއެވެ. ފެނުގެ ނިޒާމު އިފްތިތާޙު ކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ނިޒާމަކީ، އެންމެފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ބެހެއްޓިފައިވާ ފެން އުފައްދާ ނިޒާމެއް ކަމަށާއި، މިއީ، ރާއްޖޭގައި ބޯފެން އުފެއްދުމުގެ ނިޒާމުގެ މުސްތަޤްބަލު ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ޕްލާންޓް ހެދިފައިވާ ގޮތާއި މީގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްގެން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ޕްލާންޓްތައް ޤާއިމުކުރަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުވާފަރުގެ ހަތަރުހާހެއްހާ ރައްޔިތުންނަށް ފެނުގެ އަމާންކަން ލިބިގެންދިޔުމަކީ، ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަން ފުރިހަމަވެގެން ދިޔައީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުމާއެކީގައިކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ވަރަށް ގިނައިން ވާރޭވެހޭ ޤައުމެއް ކަމަށާއި، އެހެންވީމާ، ރާއްޖޭގައި ބޯފެނަށް ދަތިވެގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ، ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށަށް ބޯފެން ފޯރުކޮށްދޭންޖެހުން ކަމަށާއި، ބޮޑު ޚަރަދެއްކުރައްވައިގެން ސަރުކާރުން އެކަން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.