ޞިއްޙީ ކަންކަން ރާވައި ހިންގުމުގައި، ޞިއްޙީ ދާއިރާގެ ފަންނީ މީހުންގެ ލަފާ މާބޮޑަށް ނުހޯދައި، ޞިއްޙީ ކަންކަން ރޭވުމުގެ ސަބަބުން މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އެ ދާއިރާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، ހޮސްޕިޓަލްތައް ހިންގުމާއި ތަފާތު އެކިއެކި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހިންގަންޖެހޭ ޕަބްލިކް ހެލްތް ކެއަރ ޕްރޮގްރާމްތައް ހިންގަންވާ ގޮތަށް ނުހިންގި ދިޔުމަކީ، ޞިއްޙީ ދާއިރާއަށް ދިމާވި ވަރަށް ބޮޑު ދެރައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޞިއްޙީ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށްޓަކައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި، ބުރަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަދިވެސް އެކަންކަމުން މުޅިން އަރައި ނުގަނެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ގޮތުން ޤައުމަށް އަންނަ އެކިއެކި ބަދަލުތަކުގެ ސަބަބުން، އެކިއެކި މުއައްސަސާތަކަށް ކުއްލިކުއްލިއަށް ބޮޑެތި ލޮޅުންތައް އަންނަ ކަމަށާއި، ފަސޭހައިން ފޫނުބެއްދޭ ކަހަލަ ގެއްލުންތަކެއް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޮސްޕިޓަލެއް ޢިމާރާތްކުރުމަކުން އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތެއް އަދި ނުލިބޭނެކަމުގައި ވިދާޅުވެ، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކުރަންޖެހޭ އެހެން ކަންކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ، ޞިއްޙީ ދާއިރާގެ މުވައްޒަފުންނާއި، އެހެން ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ފަރުދީ ފެންވަރެއްގައި ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި، އެކަންކަން ދެނެގަނެ ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް ހޯދޭނީ އެކަމަށް މަސައްކަތްތަކެއް ކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރ.އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ އާ ޢިމާރާތުގެ ބިންގާ މި އެޅެނީ، ވަރަށް ފޮނި އުންމީދަކާ އެކުގައި ކަމަށް ވިދާޅުވެ، އެކަމުން އުނގޫފާރު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވުމުގެ ކުރިން، އެ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވި، އުނގޫފާރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދަށް އިޝާރާތް ކުރައްވަމުން، އެ ސަރަޙައްދުގައި މެޑިކަލް ޓުއަރިޒަމް ތަރައްޤީކުރުމާމެދު ވިސްނުން ބެހެއްޓެވުމަށް އެރަށު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔުމުގެ އިތުރުން، ރަށަށްވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށާއި، އެކަމުގައި ސަރުކާރުން ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.