ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، އެންމެ މުހިންމުކަމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމެއްދީ، ސްކޫލްތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްގެން، ކުދިން ނުކުތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ދުވާފަރަށް ވަޑައިގެން، އެ އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރު ސްކޫލުގައި މިއަދު މެންދުރު ބޭއްވުނު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުބާރާތުގެ އެކި ވަނަތައް ހާސިލުކުރި ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، އެކުދިން ކުރި ހިތްވަރަށް ތަޢުރީފު ކުރެއްވިއެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމުގައި، ކުރިމަގުގައި އަބަދުވެސް ފަރުވާތެރިކަމާއެކީގައި، ހިންމަތާއެކު މަސައްކަތް ކުރަމުން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ، ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ކާމިޔާބު ނަތީޖާ ހޯދައިދިނުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންނަށް ކޮށްދެއްވި ބުރަ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ނަތީޖާއިން ޢިބްރަތް ހާސިލުކޮށް، މި ނަތީޖާއަށް ބިނާކޮށްގެން ކުދިންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު އިތުރަށް ރަނގަޅު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މުބާރާތް މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްދެއްވީތީ، ދުވާފަރުގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މި މުބާރާތް ކުރިއަށް ގެންދެވުމަށް ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްތަކުން، ރަށުގެ ރައްޔިތުންނަކީ، ދީނީ ކަންކަމަށް ވަރަށް ލޯބިކުރައްވާ، ވަރަށް އިޙްތިރާމް ކުރައްވާ، ވަރަށް ޤަދަރުކުރައްވާ ބައެއްކަން ދޭހަވެގެން ހިނގައްޖެ ކަމުގައިވެސް ރަޢީސލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.