ޤައުމު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު، ޢާއިލާތަކުގެ ހަމަޖެހުމާއި، ރަށުގެ ހަމަޖެހުމާއި، ޤައުމުގެ ހަމަޖެހުމަށްވުރެ، އިސް އެހެން ކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އަނގޮޅިތީމަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މެދުގައި އޮންނަންވާ އެއްބާރުލުމާއި އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރަށުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައްވެސް ކުރިއަށް ގެންދަންވާނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ގުޅުން ދެމެހެއްޓެވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށް ކުރިއަށްދާންވީ ބާރުމިނުގައި ކުރިއަށްނުދަނީ، އާބާދީ ކުޑަވުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން، އާބާދީ ބޮޑެތި ރަށްރަށުގައި، އެތައް ފުރްޞަތުތަކެއް، ޚާއްޞަކޮށް ވިޔަފާރީގެ ފުރްޞަތުތައް ހުޅުވިގެންދާ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ރާއްޖޭގެ ޒުވާނުން މިއަދު ބޭނުންވާ ކަމަށާއި، ދުނިޔޭގެ އެހެން ތަންތަނެކޭވެސް އެއްގޮތަށް، ތަނަވަސް މުއްސަނދި ޤައުމަކަށް ރާއްޖެ ހަދަން ރާއްޖޭގެ ޒުވާނުންވެސް ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކަން އެގޮތަށް ކުރެވޭނީ، ފަތުރުވެރިކަމާ ގުޅިފައި ހުރި އެކިއެކި ޞިނާޢަތްތައް ރާއްޖެއަށް ގެނެސްގެން ކަމަށާއި، އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންގެ މުއްސަނދިކަންވެސް ރާއްޖެއަށް ގެނެސްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ފަތުރުވެރިކަމާ ގުޅިފައި ހުރި އެހެން ޞިނާޢަތްތައް ތަރައްޤީކުރަން އެބަޖެހޭ ކަމަށް ވިދާޅުވެ، މިގޮތުން ޘަޤާފީ ފަތުރުވެރިކަންފަދަ ކަންކަން ތަޢާރުފް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަނގޮޅިތީމަކީ އެމަސައްކަތް ކުރަންޖެހޭ އެއްރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ އަސާސީ ޚިދްމަތްތައް، ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.