ޤާނޫނުއަސާސީއަށް ބައެއް ބަދަލުގެންނަން އެބަޖެހޭ ކަމަށާއި އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ހެދޭ ޤާނޫނުތައް ހަދާއިރު، އަޅުގަނޑުމެންނަށް ހެޔޮވަރު ޤާނޫނުތަކެއް ހަދަން ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ވާދުއަށް ވަޑައިގެން، ވާދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެ ޤާނޫނުތަކަކީ އަޅުގަނޑުމެންގެ މާލީ ޙާލަތު ތަންދޭގޮތަށް، އާދަކާދަތައް ތަންދޭގޮތަށް އަދި އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި ކުރާ އުންމީދުތަކަށް ތަންދޭ ޤާނޫނުތަކަކަށްވާންޖެހޭނެއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން މަސައްކަތް ކުރަމުންދާއިރު، އެއްފަރާތަކުން ކުރާ މަސައްކަތަކުން އަނެއް ފަރާތަށް ވަރަށްބޮޑަށް އަސަރުކޮށް، އެދޭތެރޭގައި ހަމަނުޖެހުން އުފެދޭގޮތް ދިމާވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ކުރައްވަންޖެހޭ ކަންކަން ކުރައްވާއިރު، އެކަންކަން ނުކުރެވޭގޮތަށް އެހެން ބަޔަކު ކަންތައްތައް ކުރަން އުޅުމަކީ، އެއީ ވަކިމީހަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މުޅި ނިޒާމް ފުރިހަމަވާނީ ޤާނޫނުއަސާސީގައި އެ މަޤާމަކަށް ދެވިފައިވާ ބާރާއި އިޙްތިރާމާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ބާރުތައް، އެކިފަރާތްފަރާތަށް ދެވިފައިވަނީ، އެކިވަރަށް ކަމަށާއި، އެކަންކަން އެގޮތަށް ކުރުމަށް އެކިއެކި މުއައްސަސާތަކަށް އަޅުގަނޑުމެން ތަންދޭންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީއާ ގުޅޭގޮތުން މައްސަލައެއް އުފެދިއްޖެނަމަ، މައްސަލައިގައި ނިންމަންޖެހޭ އެންމެފަހުގެ ނިންމުން ނިންމަނީ، ސުޕްރީމް ކޯޓުން ކަމަށާއި، އެތަނުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށާއި، އެނިންމުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އެ ނިންމުން ގަބޫލުނުކޮށް، އެކަން ކުރަންވާނީ އެހެން ގޮތަކަށް ކަމަށް ބުނަމުން ގެންދާނަމަ، ޤާނޫނުއަސާސީ ހިންގަންވާ ގޮތަކަށް ނުހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ޞުލްޙަމަސަލަސްކަމާއި މަޞްލަޙަތު، މާ މުހިންމު ކަމަށާއި، އަޅުގަނޑުމެންގެ ޢިއްޒަތާއި އަމިއްލަ ނަފްސަށްވުރެވެސް އަޅުގަނޑުމެންގެ ޤައުމު މާ މުހިންމު ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، އެކިކަންކަމުގައި ދޫކުރަންޖެހޭނެ ކަމަށާއި، ރަށްރަށުގެ ފެންވަރުގައިވެސް މި އުޞޫލުން ކަންކަން ކުރަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ބޭނުން ސްޕީޑެއްގައި، އަވަސް ދުވެއްޔެއްގައި ތަރައްޤީގެ ކަންކަން މުޅިން ނުކުރެވުނު ކަމުގައިވީނަމަވެސް، ސިޔާސީ ބަދަލުތައް ޤައުމަށް އަންނަމުންދާއިރު، އެންމެ މުހިންމު ކަމަކީ، ޤައުމުގައި ހަމަޖެހުމާއި އަމަންއަމާންކަމާއި ސަލާމަތްކަން އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.