ސައިޕްރަސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މާރިއާ މިޝެލް، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސައިޕްރަސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސައިޕްރަސްއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ޞިއްޙީ ދާއިރާއިން މިގުޅުން އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސައިޕްރަސްއާއި ރާއްޖެއާ ދެޤައުމަކީވެސް ކުޑަ ދެޤައުމުކަމަށްވެފައި، ސިޔާސީ ގޮތުން ވަރަށް އެއްގޮތްކަންތައްތަކެއް ހުރި ދެޤައުމުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ތަރައްޤީ ކުރުމަށްޓަކައި ސައިޕްރަސް ސަރުކާރުގެ ތަޖުރިބާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. އަދި ސައިޕްރަސްގެ އާ ސަފީރުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.