ފަލަސްޠީނުގެ މިނިސްޓަރ އޮފް ވަޤްފު އެންޑް ރިލިޖަސް އެފެއާޒް ޑޮކްޓަރ މަޙްމޫދު އަލް ޙައްބާޝް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމަކީ، ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްޠީނަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޑޮކްޓަރ މަޙްމޫދު އަލް ޙައްބާޝްގެ ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.