ކުވޭތާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ކުވޭތަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިދަތުރުފުޅާ ގުޅޭގޮތުން ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގައި ކުވޭތުގެ އަމީރާއި، ބޮޑުވަޒީރާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުވޭތު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، އެބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ކުވޭތު ފަންޑުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، އެ މަޝްރޫޢު މިހާރުވަނީ ކުވޭތުން ގަބޫލުކޮށްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުތަކުގެ އެންމެފަހުގެ ނިންމުންތައް، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ހުޅުމާލޭގައި މެޑިކަލް ސެންޓަރެއް ޤާއިމްކުރުމާއި، އަދި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީއާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ދެމަޝްރޫޢުގެ ތެރެއިން ސަރުކާރުން އެދިވަޑައިގަންނަވާ މަޝްރޫޢަކަށް ކުވޭތު ސަރުކާރުން އެހީތެރިކަން ފަހިކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުވޭތަކީ ރާއްޖެއަށް ތަޢުލީމީގޮތުންވެސް ވަރަށްގިނަ އެހީތައް ވެދީފައިވާ ޤައުމެއް ކަމަށާއި، ނަމަވެސް، މިހާރު ކުވޭތު ސަރުކާރުގެ އެހީގައި ކުވޭތުގައި ތަޢުލީމް ޙާޞިލްކުރާ ދިވެހި އެއްވެސް ދަރިވަރަކު ނެތް ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ކުވޭތުން އަނެއްކާވެސް ރާއްޖެއަށް ސްކޮލަރޝިޕް ލިބޭގޮތަށް މިހާރު އެބަ ހަމަޖެހޭ ކަމަށާއި، ބޮޑަށް އިސްކަން މިދެއްވަނީ، މަތީ ތަޢުލީމަށާއި، ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ކުވޭތުގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވި ކަމަށާއި، ދާދި އަވަހަށް މި ސްކޮލަރޝިޕްތައް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިން ކުވޭތުން ލިބެމުން އައީ އަހަރަކު 5 ސްކޮލަރޝިޕް ކަމަށްވިޔަސް، މިހާރު އެއަށްވުރެ ގިނަ ޢަދަދަކަށް ސްކޮލަރޝިޕް ލިބޭނެކަމުގެ އުންމީދު ލިބިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ކުވޭތުގެ ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްސް ރާއްޖެއަށް ގެނައުމަށް މީގެކުރިން މާބޮޑަށް މަސައްކަތް ކުރެވިފައި ނެތް ކަމަށާއި، ރާއްޖެއަށް ވީހާވެސް ގިނަ އިންވެސްޓްމަންޓް ގެނައުމަށް ކުވޭތުގެ ޗެމްބަރ އޮފް ކޮމާރސްއާ ބައްދަލުކުރައްވައި، ވާހަކަފުޅު ދެއްކެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕްރައިވެޓް ސެކްޓަރުން އިންވެސްޓް ކުރެވިދާނެ ހުށަހެޅުންތަކެއް ޗެމްބަރ އޮފް ކޮމާރސްއަށް ހުށަހެޅުމަށް އެބޭފުޅުން އެދިވަޑައިގެންނެވި ކަމަށާއި، އެހެންވީމާ، އެ އިންވެސްޓްމަންޓްތައް ހުށަހެޅީމާ، އެކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް، އެ ޗެމްބަރުގެ ތެރެއިން ހޯއްދަވައިދެއްވުމަށް އެއްބަސްވެވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ބައެއް ޢަރަބި ޤައުމުތަކާ އޮތް ގުޅުން މިދޭތެރެއިން އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި، އެހެން ނަމަވެސް، ޢަރަބި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، ކުރިއަށްވުރެ ބަދަހިކުރެއްވުމަށް މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މީގެކުރިންވެސް ރާއްޖެއަށް ކުވޭތުން ވަރަށް ބޮޑެތި އެހީތައް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ގުޅޭގޮތުންނާއި އަދި އެނޫން ބައެއް އެހެން ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބު ދެއްވިއެވެ.