ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުވޭތުގެ މިނިސްޓަރ އޮފް ފިނޭންސް މުސްޠަފާ ޖާސިމް އަލް ޝަމާލީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބަޔާން ގަނޑުވަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި ތަރައްޤީގެ ޙާލަތު ހުރިގޮތުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ކުވޭތުގެ ފިނޭންސް މިނިސްޓަރަށް ދެއްވިއެވެ. މީގެއިތުރުން، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އިތުރުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ފިނޭންސް މިނިސްޓަރާ ޙިއްޞާ ކުރެއްވިއެވެ.

ކުވޭތުގެ ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް، ދިވެހި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ކުވޭތު ސަރުކާރު ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.