ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ ވިޔަފާރިއާއި އިޤްތިޞާދީ ބައެއް ފަރާތްތަކާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުވޭތުގެ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން ޢަލީ މުޙަންމަދު ތުންޔާން އަލް ޣާނިމާއި، އެ ޗެމްބަރުގެ މެންބަރުންނާއި، ކުވޭތު ފަންޑް ފޮރ އެރަބް ޑިވެލޮޕްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ހިޝާމް އިބްރާހިމް އަލް ވަޤްޔާނާއި، އޮލްޓަރނޭޓިވް އިންވެސްޓްމަންޓްސް އެޓް ދަ ޕަބްލިކް އޮތޯރިޓީ ފޮރ އިންވެސްޓްމަންޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ފާރޫޤް ޢަލީ ބަސްޠަޤީ ހިމެނިވަޑައިގަންނަވައެވެ.

ކުވޭތުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބަޔާން ގަނޑުވަރުގައި ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖޭގައި ސަރުކާރުން މިހާރު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިނގަމުންދާގޮތާ ބެހޭގޮތުން އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ދެއްވިއެވެ. އަދި އެ މަޝްރޫޢުތަކަށް އެފަރާތްތަކުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މި ފަރާތްތަކާ ޙިއްޞާ ކުރެއްވިއެވެ.