ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުވޭތުން އެހީތެރިވެދެއްވަން ތައްޔާރަށް ހުންނެވި ކަމުގައި ކުވޭތުގެ އަމީރު ޝައިޚް ޞަބާޙް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބާޔާން ގަނޑުވަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އުޚްވަތްތެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ކުވޭތުގެ އަމީރު ދެއްވި ރަސްމީ ޖާފަތެއް އޮތެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލްމުބާރަކް އަލްޙަމަދު އައްޞަބާހާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ފަހުދު އަލްރާޝިދާވެސް އިއްޔެ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ކުވޭތުގެ "ހައުސް އޮފް ނޭޝަނަލް ވަރކްސް" އަށް އިއްޔެ ޒިޔާރަތް ކުރެއްވިއެވެ.