އ.ދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއަރ ޕޮލިޓިކަލް އެފެއާޒް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު މިސްޓަރ ހިޓޯކީ ޑެންއަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އަމާން މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ނުވަތަ އެނޫންވެސް އެހެން މިނިވަން މުއައްސަސާއަކަށް ސަރުކާރުން އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް އ.ދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއަރ ޕޮލިޓިކަލް އެފެއާޒް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން ތަޢުރީފު ކުރެއްވިއެވެ. އަދި ހުރިހާ ޕާޓީތަކެއްގެ މެދުގައިވެސް އިޚްލާޞްތެރިކަމާއެކު މަޝްވަރާކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.